(10 މެއި 2022 ނޫހާއިގުޅޭ)
23. ﷲގެ މަގަކީ އެންމެ ފުރިހަމަ މަގެވެ.
އުފަލަކީ ކޮބައިހެއްޔެވެ؟ އުފަލަކީ މުދަލާ ފައިސާއާއި ނަސަބުގެ މޮޅުކަންހެއްޔެވެ؟ އޭގައި ތަފާތު ޖަވާބުތައް އެބަހުއްޓެވެ. އެކަމަކު ތިރީގައި މިވާ މީހާގެ އުފަލަކީ ކޮބައިތޯ ބަލައިލަމާ ހެއްޔެވެ؟
ފިރިމީހާ އަނބިމީހާއަށް ޒުވާބު ކުރަމުން ބުންޏެވެ. އަހަރެން ކަލޭގެ ދިރިއުޅުން ހިތްދަތިކަމުން ފުރާލާނަމެވެ. އަންހެން މީހާ މަޑުމޮޅިކަމާއެކު ބުންޏެވެ. ކަލެއަކަށް އެހެނެއް ނުހެދޭނެއެވެ. ފިރިހެންމީހާ އެއީ ކީއްވެތޯ އެހިއެވެ.
އުފަލަކީ ރުފިޔާކަމުގައި ވެއްޖެނަމަ އަދި ގަހަނާކަމުގައި ވެއްޖެނަމަ ކަލޭ އަހަރެންނަށް ދީފައި އަތުލެވިދާނެއެވެ. އެކަމަކު އަހަރެންގެ އުފަލަކީ ކަލޭގެ އެއްވެސް ބާރެއް އޭގައި ނެތް އަދި އެހެންމީހަކުވެސް އޭގައި ކޮންޓުރޯލެއްނެތް އެއްޗެކެވެ. އަހަރެންނަށް އަހަރެން އުފާވެރިކަން އެނގިއްޖެއެވެ. އެ ފެށިގެން އަންނަނީ އަހަރެންގެ ހިތުންނެވެ. އަދި އެކަކަށްވެސް އެއަށް ބާރެއް ނުފޯރުވޭނެއެވެ. އެއީ މާތްﷲއަށް އަހަރެން އޮންނަ އީމާން ތެރިކަމެވެ.
މިއީ އަސްލު އުފާވެރިކަމެވެ. އީމާންކަމުގެ އުފާވެރިކަމެވެ. އެއްވެސް މީހަކަށް މިއުފަލެއް ނުލިބޭނެއެވެ. ﷲއަށްޓަކައި އޭނާގެ ހިތާއި ނަފުސާއި ސިކުނޑި ގުޅިފައިވާ މީހާ ފިޔަވައެވެ. އަސްލުޙަޤީޤީ އުފާ ލިބޭ މީހާއަކީ ﷲއަށް އަޅުކަންކޮށް އެކަލާނގެއަށް ކިޔަމަންވާ އެކަލާނގެ އަށް ބަރޯސާވާމީހާއަށް ލިބޭ އެއްޗެކެވެ.
އަސްލުޙަޤީޤީ އުފާވެރިކަން ހޯދުމަކީ ﷲގެ ދީން އުނގެނުމެވެ. ރަސޫލާ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި ފޮނުއްވި ދީނެވެ. އެއްވެސް މީހަކަށް މި ދީންފެނިއްޖެނަމަ އޭނާ ޖިފުޓިގަނޑެއްގައި ނުވަތަ މަގުގެ އެއްފަރާތުގައި ނިދަންޖެހުނަސް ފަރުވާލެއް ނޯންނާނެއެވެ. އެމީހަކަށް ދުނިޔޭގެ ހުރިހައި އުފަލެއް ލިބޭނެއެވެ. އެކަމަކު މިއާ ޚިލާފު ވާ މީހާ މުޅި ދިރިއުޅުން ނިމިގެން ދާނީ ގަދައަޅައިހޯދި މުއްސަނދިކަން ނިމުމާއި އަދި ނަފުސް ގެއްލުމާއި މީހުންގެ މަލާމާތް ރައްދުވުމުގައެވެ.
ދިރިއުޅުމަށްޓަކައި ރުފިޔާ ބޭނުންވެއެވެ. އޭގެ މާނައަކީ ރުފިޔާއަށްޓަކައި ދިރިއުޅުން ޤުރުބާން ކުރުމެއް ނޫނެވެ.
24. ހުރިހައި ކަމެއް ދަތިވެގެން ދާވަގުތު ﷲއަށް ރުޖޫޢަވާށެވެ.
އިބުނުއަލް ޖަވާޒީ ބުނެފައިވެއެވެ. ކޮންމެވެސް ކަމެއްގެ ސަބަބުން ތިމަންނައަށް ވަރަށް ބޮޑަށް ހިތާމަޔާއި ގޮތްހުސްވުން ލިބިގެން ދިޔައެވެ. ތިމަންނަ އެކިގޮތްގޮތަށް ވިސްނައިގެން އެތަކެއް މަސައްކަތެއްކޮށްގެންވެސް މި ހާލަތު ބަދަލެއް ނުކުރެވުނެވެ. ދެން ތިމަންނާއަށް ޤުރުއާންގެ މި އާޔަތް ފެނުނެވެ.
…. وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا (ޠަލާޤް ސޫރަތުގެ 2ވަނަ އާޔަތް ) ……… އަދި ﷲއަށް ތަޤުވާވެރިވާ މީހާ ދަންނާށެވެ. އެކަލާނގެ އޭނާއަށް ނިކުންނާނޭ މަގެއް ދައްކަވާނެތެވެ.
ތިމަންނައަށް ފާހަގަ ކުރެވުނީ ﷲއަށް ތަޤުވާވެރިވުމަކީ ހުރިހައި ހިތާމަޔާއި ހިތްދަތިކަމެއްގެ ނިމުންކަމުގައެވެ. ވީހާވެސް އަވަހަކަށް އެކަލާނގެއަށް ތަޤްވާވެ އެކަލާނގެ އެންގެވި މަގު ޚިޔާރުކުރުމުން ތިމަންނައަށް މަގުފެނިއްޖެއެވެ.
ބުއްދިވެރިންނަށް ބުނެލަންއޮތީ ތަޤުވާވެރިވުމަކީ ހުރިހައިކަމެއް ރަނގަޅުވެގެންދާނެ މަގެއް ކަމުގައެވެ. ހިތާމަވެރި ކަންކަން ދިމާވަނީ ކުރެވޭ ކުދިފާފަޔާއި ބޮޑެތި ފާފަތަކުގެ ސަބަބުންނެވެ. މާޔޫސްވުމާއި ގޮތްހުސްވުމާއި ހިތްނުތަނަވަސްވުން ލިބެނީ ތިބާކުރާ ފާފަތަކުން ލިބެމުންދާ ޖަޒާއެއްގެ ގޮތުންނެވެ. މިސާލަކަށް ނަމާދު އެޅުމުންނާއި މީހުންގެ ނެތިމޮށުމުގެ ވާހަކަ ދެއްކުމުންނާއި ނޫނީ ހަރާމް ކަންކަން ކުރެވުމުންނެވެ. އެއްވެސްމީހަކު ﷲގެ ޤާނޫނާއި ޚިލާފުވާނަމަ އެމީހަކަށް އެކުރި ކަމުގެ ޖަޒާ ދުނިޔެ މަތީގައިވެސް ދެއްވޭނެތެވެ. އުފާވެރިކަން ހޯދަން މަސައްކަތްކުރާމީހާ އެންމެ އޯގާވެރި އެންމެ ދީލަތިވަންތަ ރަސްކަލާނގެ ފަރާތުން ނޭދެނީ ކީއްވެހެއްޔެވެ؟
ތިބާ އަޒުމު ބަލިކޮށްލާފަދަ އަދި އުންމީދު ގެއްލޭފަދަ ޚިޔާލުތަކާއި ދުރަށްދާށެވެ. ތިބާ ކާމިޔާބު ލިބުމަށް ގަދައަޅައިމަސައްކަތް ކުރާށެވެ.
(ނުނިމޭ)
