ޒީލަން (11)

(11 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ލޯންޗުގެ ފަހަތު ބައިގައި ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއްފަދަ ބައިގައި އިންނެވި ފަޒީނު ބޭރަށް ނިކުންނެވީ ފާޚާނާއަށެވެ. ފާހާނާއިން ނިކުންނެވުމަށްފަހު ކުޑަކޮށް ލޯންޗު ތެރެއަށް ބައްލަވާލެއްވިއެވެ. އެވަގުތު ވަރަށް ހާލު ދެރަވެފައިވާ ޒީލަން އޭނާ އަށް ފެނިލެއްވުމުން އަވަހަށް އެދިމާއަށް ދުރުވެވުނެވެ. އެނިކަމެތި ކުއްޖާ ގާތަށް ދުރުވެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާއަށް ޒީލަންގެ ގާތަށް ހުއްޓެވުނެވެ. ޒީލަން ފަޒީނަށް ބަލާލިއެވެ.

”ޒީލަން” ފަޒީން ޒީލަންއަށް ގޮވާލެއްވިއެވެ.

”އަޅު… އަޅުގަނޑު. ” ޒީލަން އަށް ބުނެވުނީ އެހިސާބަށެވެ. ކުރިންވެސް ފެންކަޅިވަފައިވާ ދެލޮލުން ކަރުނަ ފައިބައިގަތީ އޭނާގެ އެންމެލޯބިވާ މީހާ ފެނުމުންނެވެ. އެކަނިވެރިކަމާއި ބިރުވެރި ވަގުތުގައި އެހީތެރި ވާނޭކަމުގެ އުންމީދުގައެވެ. އެނުދަންނަ ފަތުރުވެރިންގާތު އޭނާވަނީ ނުހަނު ބީރައްޓެހި ވެފައެވެ. ހޮޑުލެވުމާއި ބޯއެބުރުމުގެ ސަބަބުން އޭނާއަށް ވަނީ އާދަޔާ ޚިލާފު ވަރުބަލިކަމެއް ލިބިފައެވެ.

”އަހަރެންނާއެކު އާދޭ” އޭނާ ޒީލަންގެ އަތުގައިހިފާ ނެންގެވިއެވެ. އަދި އޭނާ ކުރިން އިންނެވި ތަނަށް ގެންދެވިއެވެ. ފަޒީންވަނީ ޒީލަންއާމެދުވަރަށް ހަމްދަރުދީވެ ލައްވާފައެވެ.

”މިތާނގައި އޮށޯވެލާ.” ދިގުސޯފާއެއް ދައްކަމުން ފަޒީން ބުނުއްވިއެވެ.

ޒީލަން އޮށޯންނަން އުޅުނެވެ. ނަމަވެސް ކަނޑުގެ ގަދަރާޅާއި އޭނާގެ ވަރުބަލިކަން އެކަމަށް ހުރަސް އެޅިއެވެ. އޮށޯންނަން އުޅުނު ވަގުތު އަރިއަޅާލިއެވެ. ފަޒީނަށް ކުއްލިއަކަށް ޒީލަންގެ ގައިގާ ހިފަހައްޓާލެވުނެވެ. ޒީލަންގައިގައި ވަރުނެތުމުގެ ސަބަބުން ފަޒީން ޒީލަން ބޭއްވުމުގައި އެހީތެރިވެދިނެވެ. އެވަގުތު ޒީލަން ފަޒީނުގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާ އެއަތުން ދޫކުރާކަށް ބޭނުމެއްނޫނެވެ. އަބަދަށްޓަކައި އެއަތުގެ ހިމާޔަތް ތެރިކަން އޭނާ ބޭނުމެވެ. ނަމަވެސް ފަޒީނު ދެކެލެއްވީ އެއީ ހާލަތުގެ ނާޒުކުކަމުން ވީކަމެއް ކަމުގައެވެ. ޒީލަން އަރިއަޅާލުމުން ސަލާމަތްވުމަށް ދިއްކޮށްލި ވަގުތީ އަތެއްކަމުގައެވެ. ޒީލަން ނޫން އެހެން މީހެއްނަމަވެސް އެވަގުތު އޭނާ އެހީތެރިވެދިނީހެވެ.

ޒީލަންއަކީ އޭނާ ކިތަންމެ ލޯބިވީ ކުއްޖެއްނަމަވެސް އޭނާ ދެން ޒީލަންއަކާ އެނިޔަތަކުން ނުބައްލަވާނެއެވެ. ސަބަބަކީ ޒީލަން އޭނާދެކެ ލޯބިނުވާކަން ރޭގައި އެނގިލެއްވީމައެވެ. ރޭގެ ހާދިސާއިން އޭނާ ވަނީ ނުހަނު ލަދުގެންފައެވެ. އަދި އަމިއްލަ ނަފުސަށް އިތުބާރު ގެއްލިފައެވެ.

ޒީލަން ނިދެންދެން ފަޒީނުގެ އަތުގައި ހިފަހައްޓައިގެން އޮތެވެ. ޒީލަން އުއްމީދުކުރީ އޭނާގެ މިޢަމަލުން ފަޒީނު މާފުކުރައްވާނޭ ކަމުގައެވެ. އަދި އޭނާ ލޯބިވާކަން ހާމަކޮށްދެވޭނޭ ކަމުގައެވެ. ނަމަވެސް ޒީލަން ނިދުމުން މަޑުމަޑުން ޒީލަންގެ އަތުތެރޭން ފަޒީނު އަތް ނެންގެވިއެވެ. އަދި އޭސީގެ ސަބަބުން ފިނިވެފައިވާ ޒީލަން ގެ ހަށިގަނޑުގައި ރަޖާގަނޑެއް އެޅުއްވިއެވެ. ދެން އެރީތި މޫނަށް އެޅިފައިވާ އިސްތަށިތައް ރަގަޅު ކޮށްލެއްވިއެވެ. ފަޒީނު އަވަސް އަވަހަށް ޒީލަންއާއި ދުރަށް ޖެހިލެއްވިއެވެ. އަދި އޭނާގެ ގޮނޑީގައި އިށީންނެވިއެވެ. އޭނާއަށް މިހާރު ޒީލަން ފެނުމުން އުނދަގޫ ވެލައްވައެވެ. އޭނާގެ ލޯބި ނާކާމިޔާބު ވެއްޖެކަމުގެ އިހުސާސް ކުރެއްވެއެވެ. އެހެންކަމުން އޭނާ ޒީލަން މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރައްވައެވެ.

މާލެއަށް ދުރުވިފަހުން ފަޒީން ގޭގައި އުޅުއްވުމުގެ ބަދަލުގައި ގިނަވަގުތު އުޅުއްވީ އޮފީހުގައެވެ. ގެއަށް ދުރުވުމަށް ފަހުވެސް އުޅުއްވަނީ ކޮޓަރީގައެވެ. ޒީލަންއަށް ފަޒީނުގެ ގާތުން މާފަށް އެދެން ބޭނުންވި ނަމަވެސް ދިމާނުވުމުން  ބައްދަލުވާނޭ އިރަކަށް އިންތިޒާރު ކުރަމުން ގެންދިޔައެވެ.

”ޒީލަން. ފަޒީނު އެއްވެސް އިރަކު މިހާރު ގެއިން ކޭންނުބައްލަވާ. އަބަދުވެސް ބޭރުގައި އުޅުއްވަނީ. އަނެއްކާ ކަމެއް ގޯސްވީބާ.” ފަހީމާ ގިނަދުވަސްތަކެއް އެގޭގައި ހޭދަކުރުމުން ފަޒީނާމެދު ދަރިއެއްދެކެވާ ލޯބިވެއެވެ.

”ނޭނގެ. އަހަރެން މިދެދުވަހު ފަޒީނު ނުވެސްދެކެން. އަހަރެންގެ ސަބަބުން ފަޒީނަށް ވަރަށް ހިތްދަތިކަން ލިބި ލެއްވީހެން ހީވަނީ.” ޒީލަން އަވަހަށް ހުއްޓާލިއެވެ. އޭނާއަށް މިބުނެވުނު އެއްޗަކަށް ވިސްނާލެވުނީ މާފަހުންނެވެ.

”އެއީކީއްވެ؟”

އެވަގުތު ފަޒީނު އޮފީހަށް ދުރުވުމަށްޓަކައި ނިކުންނަވަނީއެވެ. އެހެންކަމުން ޖަވާބެއް ނުދީ މިފަހަރު ސަލާމަތްވިއެވެ. ފަޒީނު ޒީލަންއާއި ދިމާއަށް ބައްލަވާވެސް ނުލައްވައެވެ. ފައިލުން ކޮންމެވެސް ގަނޑެއް ނެންގެވުމަށްފަހު ފަހީމާއަށް ދިއްކޮށްލެއްވިއެވެ.

”މީގައިވާގޮތަށް ހުކުރުދުވަހަށް ތައްޔާރު ކޮށްދީ.” އިތުރު އެއްޗެއް ނުބުނުއްވާ އޭނާ ދުރުވެއްޖެއެވެ.

ފަހީމާގެ އިތުރުން ޒީލަން ވެސް މިކަމާ ހައިރާންވިއެވެ. އެއީ ފަޒީނުގެ ރައްޓެއްސަކަށް ކެއުމަށް ދަޢުވަތު ދީފައިވާތީއެއްނޫނެވެ. ފަހަކަށް އައިސް ގޭގެ ހުރިހާކަމެއް ފަޒީން ވަނީ ޒީލަންއާއި ހަވާލު ކުރައްވާފައެވެ. ނަމަވެސް އަނެއްކާވެސް އެދުވަހުގެ ހުރިހާ ޒިންމާއެއް ފަހީމާއާއި ހަވާލު ކުރެއްވީމައެވެ. ލޯންޗުގައި ފަޒީނު އޭނާ އަށް އޯގާވެރިވެލެއްވިގޮތުން ޒީލަން ހީކުރީ ފަޒީން އޭނާއަށް މާފުކުރެއްވީ ކަމަށެވެ. ނަމަވެސް މިހާރު އޭނާ އުޅުއްވާގޮތުން ފަޒީން ޒީލަން އާމެދު ނަފުރަތު ވީކަން ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ.

”މާ ބިޒީ ވަގުތެއްގައި ދޯމިއާދެވުނީ.” ފަޒީނުގެ ބަޔަށް ވަންނަމުން ޝައީމު ބުނެލިއެވެ. އޮފީހުގައި އޭރު ފަޒީނު އުޅުއްވަނީ ވަރަށް ބުރަކޮށެވެ.

”ޝައީމަށް މިތަނަށް އާދެވުނީ ކިހިނެއް.” އޭނާ ފެނިލެއްވުމުން ހައިރާން ވިއެވެ.

”އެހެންމީހުންވެސް އަންނަގޮތަށް. އޮފީހުން އަހަރެން ނެރެލި ދޮރުން.” އޭނާ ހުރީ ވަރަށް ހަމަޖެހިލާފައެވެ.

”ކަމެއް އޮތިއްޔާ ބުނޭ. އަހަރެންނަކަށް ކަލޭއާއި ވާހަކަދައްކާކަށް ވަގުތެއްނެތް.” ފަޒީނު ބައްލަވާވެސް ނުލައްވާ ފޫހި ރާގަކަށް ބުނުއްވިއެވެ.

”އަހަރެން މިއައީ ވަރަށް އަގުހުރި ހަދިޔާއެއް ހިފައިގެން.” އޭނާ ގޮނޑީގައި އިށީނެވެ.

”ޝައީމަށް އަހަރެންނަށް ދެވޭނީ ކޮންކަހަލަ ހަދިޔާއެއް.” އޭނާ އެއްވެސް ޝައުގުވެރިކަމެއްނެތި މަސައްކަތުގައި އުޅުއްވިއެވެ.

”ނޫނޭ. އެއީވަރަށް އަގުހުރި އެއްޗެއް. މިފަދަ ރަނގަޅު ހަދިޔާއެއް ދުވަހަކުވެސް ފަޒީނަކަށް ނުލިބޭނެ.” އޭނާގެ ވާހަކަ ދެއްކުމުގައި ބޮޑާކަމާއި ފޮނިކަން ހުއްޓެވެ.

”ޝައީމު އަހަރެންނަށް ހަދިޔާ ދިނުމުގައި ތިހާ ކެތްތެރިކަމެއްނެތްނަމަ ތިވާނީ ހަމަގައިމުވެސް ކަލޭގެ އަމިއްލަ އެދުމުން ފޯވެފައިވާކަމަކަށް. އަހަރެން ތިކަހަލަ މީހުން ގެ އަތުން އެއްވެސް އެއްޗެއް ބޭނުމެއްނޫން.”

”މިހަދިޔާ ފަޒީނު ބޭނުން ނޫނަސް މިބޭނުންވާނެ ކިތަންމެ މީހަކު އުޅޭނެ. އަހަރެންނަށް މީތި އެތައް ހާހަކަށް ވިއްކާވެސް ލެވިދާނެ. މިއަދު ތަފާތު ނޫސްތަކާއި ވެބްސައިޓުތަކުން މިއެއްޗިހި ނުހަނު އަގުބޮޑުވާނެ.” އޭނާ ފޮޓޯތަކެއް ޖީބުން ނަގާ ބަލާލިއެވެ. ފަހަރަކު ފޮޓޯއެއް ބަލާފައި ޖީބަށް ލިއެވެ.

”ތިއީ ކޮންއެއްޗެއް؟” ފަޒީނު ކުޑަކޮށް ހާސްވިއެވެ. އެއީ ކޮންމެ ފޮޓޯތަކަކަށްވިޔަސް ބޭނުންވިއެވެ.

”މިއީ ފޮޓޯތަކެއްނު. ފަޒީނުގެ ލޯބިވެރިޔާ ޒީލަންއާއެކު.” އޭނާ ހޭންފެށިއެވެ. ފަޒީނު އަތުލެއްވޭތޯ އަތް ދިއްކޮށްލިއެވެ.

”އުހުނ. މީވަރަށް އަގުބޮޑު އެއްޗެއް. މިދައްކާލެވޭނީވެސް ފަންސާސް ހާސް ދެނިކޮށް. ފަޒީނަކަށް މީ މާބޮޑު އެއްޗަކަށް ނުވާނެ މިފޮޓޯތަކާއަޅާ ބަލާއިރު. އަން މިއޮތީ ޗެކުފޮތް.” މޭޒުމަތީގައިއޮތް ޗެކުފޮތެއް ފަޒީންއާއި ދިމާއަށް އެއްލިއެވެ.

އޭނާގެ ފޮޓޯތަކެއް އެހެންމީހެއްގެ އަތުގައި ހުރުމަކީ އޭނާއަށް ރުހެވޭނެ ކަމެއްނޫނެވެ. އަދި އޭނާ އެންމެލޯބިވާ ޒީލަންއާއެކު ނެގިފައިވާ ފޮޓޯތަކަކަށްވުމަކީ ޒީލަން ވެސް ރުހޭނޭ ކަމެއް ނޫނެވެ. އެހެންވުމުން އަވަހަށް ފަންސާސް ހާސްރުފިޔާގެ ޗެކުގައި ސޮއިކޮށްލައްވާފައި ޝައީމަށް ދެއްވިއެވެ.

ފަޒީން ހައިރާންކަމާއިއެކު ފޮޓޯތައް ބެއްލެވިއެވެ. އޭގައިވަނީ ޒީލަންއާއިއެކު އޭނާ ހޭދަކުރެއްވި އާދަޔާ ޚިލާފު ވަގުތުކޮޅެވެ. ދެމީހުން ރެސްޓޯރެންޓުގައި ކޭވަގުތު ނަގާފަހުރި އަދި އަތިރިމަތީގައި ހިނގާފައި ދަނިކޮށް ނަގާފައި ހުރި ފޮޓޯތަކެކެވެ. އެރޭގެ ހުރިހާ ހާދިސާއެއް ފޮޓޯތަކެއްގެ ސިފައިގާ ވަނީ އޭނާގެ ކުރިމަތީގައެވެ. އެއީ ހަޔާތުގައިވެސް އޭނާއަށް އަންހެން ކުއްޖެއްގެ ފަރާތުން އުފަލަކާއި އަދި ހިތާމައެއްވެސް ލިބިލެއްވިރެއެވެ. ޒީލަން އެރޭ އޭނާދެކެ ނަފުރަތު ކުރަންދިމާވި ސަބަބު ހިނގާދިޔަ މަންޒަރުތަކެވެ. މި ފޮޓޯތައް އެއްވެސް މީހަކަށްފެނިއްޖެނަމަ ބޭޒާރުވާނެއެވެ. އޭނާ އެއޮއް ހުރިހާދުވަހު ރައްކާތެރިކޮށްގެން އުޅުނު އަބުރާއި ޢިއްޒަތް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިދާނެ ފޮޓޯތަކެކެވެ. އޭރުން އޭނާގެ ވިޔަފާރިއަށްވެސް ހުތުރުވާނެއެވެ. މީހުންމަލާމާތް ކުރާނެއެވެ. އަނެއްކާ ޒީލަންވެސް އައިސްފައިވާ ރުޅި އިތުރަށް ގަދަވާނީއެވެ. ޒީލަންގެ ނަފުރަތަކީ ޒީލަން ނުލިބުނު ނަމަވެސް އޭނާއަށް ކެތްކުރެއްވޭވަރު ކަމަކަށް ނުވާނެއެވެ.

”މިއީ ތިބޭފުޅުން ރިސޯޓުގައި އުޅުއްވިގޮތް. މިހުރިހާމަންޒަރެއްވެސް އަހަރެން ނުހަނު ގާތުން ބެލިން. ފަޒީނު ހީކުރަނީ ޒީލަންއަށް ތިހާ ހެޔޮވެގެން ތިއުޅުމުން އޭނާ ކަލޭގެ މިލްކަކަށް ހެދޭނެ ކަމަށްތަ؟ އަދި ޒީލަންއާއި ތިހާރަނގަޅަށް ކަންތައް ކޮށްދޭއިރު ކަލޭ އޭނައާއި ހިތާވާކަން އަހަރެންނަށް ނޭނގޭނެ ކަމަށްތަ؟ އަހަރެންގެ ހުރިހާދުވަހެއް މިދަނީ ޒީލަންއަށް ފާރަލަމުން. އަދި އަހަރެން ބަދުނާމުކޮށް އޮފީހުންކަނޑާލި ފަޒީނަށް ނުހަނު ގާތުންބަލަމުން.” ޝައީމު ހުރީ ރުޅިއައިސްފައެވެ.

”ޝައީމު ބޭނުންވަނީ ކިހާވަރެއް. އަހަރެން ކަލޭ ބުނިވަރަކަށް ފައިސާ ދީފާނަން. އަހަރެންނަށް ތި ފޮޓޯތައްދީ.” ކިތަންމެ ބޮޑުއަގެއްދެއްވާފައިނަމަވެސް އޭނާ އެފޮޓޯތައް ބޭނުންވެއެވެ.

”އެއްލައްކަ ރުފިޔާ. ޝައީމު ގޮނޑިންތެދުވެ ފަޒީނާއި މޫނުކައިރިކޮށްލިއެވެ.” އަދި ޒީލަން ތިގެއިން ފޮނުވާލާ. އޭނާއާއި މީގެފަހުން އެއްވެސް ގުޅުމެއް ބާއްވައިގެންނުވާނެ.” އޭނާ ވަނީ ރުޅިއައިސްފައެވެ. އެއްވެސް އަދަބުވެރި ކަމެއްވެސް ނެތެވެ.

”އެއީ ކިހިނެއްވާނެކަމެއް. އޭނާ އަހަރެންގާތު އުޅޭތީ ކަލެއަށް ވަނީ ކީއް؟ އަނެއްކާ އޭނާގެ އެއްވެސް ކުށެއް މިކަމަކު ނެތް؟” ޒީލަންއާއި ނުލާ އޭނާއަށް އުޅުއްވުމަކީ ދަތިކަމެކެވެ. އެހެންކަމުން ޒީލަން އެގެއިން ފޮނުވާލަން ރުހެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

”އާން އެއީ ވަރަށް އުނދަގޫކަމެއް. ސަބަބަކީ އެއީ ފަޒީންގެ ލޯބިވެރިޔާ. އެކަމަކުބުނަން އަހަންނަށް ހީވަނީ ފަޒީނު މިކަމުގައި ވަރަށްއާ މީހެއްހެން. ޒީލަންއަށް އެހާ އެހީތެރިވެ ދެއްވީމާވެސް  އޭނާ ފަޒީނަށް ކެހިދިނީ. އޭނާ ފަޒީންދެކެ ލޯބިވާނަމަ ދުވެ ފިލާނެތަ؟ އޭނާ ހުރިހާ ފިރިހެނުންނަށްވެސް ހަދަނީ އެހެން. ނިކަން ގާތްކޮށް ލޯބިވާކަމަށް ހެދިގެންއުޅެފައި ލަނޑު ދީފާނެ.” އޭނާ މަލާމާތް ކުރިއެވެ. އޭނާ ދޭތެރެ ޖެއްސޭތޯ އުޅުނެވެ.

”ޒީލަން އަހަރެން ދެކެ ލޯބިނުވިއަސް އޭނާ އަހަރެންގެ ގެއަކުން ނުނެރެވޭނެ.” އޭނާއަށް ޒީލަން ފޮނުވާލަން އެއްބަސް ވެވޭނީ ކިހިނެއްހެއްޔެވެ؟

”އެހެންވީއިރު މިފެންނާނީ އިންޓަނެޓުންނާއި ނޫސްތަކުން. އޭރުން މުޅިރާއްޖޭގައި ދައްކާނީ މަޝްހޫރު ވިޔަފާރިވެރިޔާ ގޭގައި ގެންގުޅޭކުއްޖާއާ މެދުގައި އޮތް ލޯބީގެ ވާހަކަ. ނޫންނަމަ ފަޒީނު ޒީލަންއާއި ބަދުއަޚުލާގީ އަމަލު ހިންގާވާހަކަވެސް އިވިދާނެ. ލިޔާމީހުން ބޭނުންވާ ގޮތަކަށް ވާހަކަ ޖަހާލީމާ ނޫސް ވިކޭނީ ކިހިނެއް؟” ޝައީމް ބޭރަށް ނިކުތެވެ.

”ޝައީމު.” ފަޒީން ގޮވާލެއްވިއަޑުވެސް އިވޭކަމަށްނަހަދާ އޭނާ ހިނގައްޖެއެވެ. މިކަމާ ފަޒީން ވަރަށް ހާސްވެއްޖެއެވެ. އޭނާ އަވަހަށް ކޮންމެވެސް ހައްލެއް ހޯއްދަވަން ޖެހެއެވެ. އަވަސް އަވަހަށް ޒީލަންގެ އޮފީހަށް ގުޅިއެވެ.

”އައްސަލާމް ޢަލައިކުމް . ޒީލަންއާއި ގުޅިދާނެތޯ؟”

”ޒީލަން މިއަދު ވަރަށް އަވަހަށް ގެއަށް ހިނގައްޖެ. ކުޑަކޮށްބަލިވެ އުޅެނީ.’

”’ތީ އަލްހެނާތަ؟”

”އާދެ؟”

”މީ ފަޒީނު. އަލްހެނާ ވަގުތުކޮޅެއް ދެވެންޏާ ވަރަށް އަވަހަށް މި އޮފީހަށް އައިސްބަލަ.”

”ކިހިނެއްވީތޯ؟”

”އަހަރެން ހުރިހާވާހަކައެއް ކިޔައިދޭނަން. އިހަށް މިކޮޅަށް ޖައްސާލަދީބަލަ” އޭނާ ފޯނު ބޭއްވިއެވެ.

”ފަނަރަ މިނިޓުވެސް ނުވަނީސް އަލްހެނާ ހުރީ ފަޒީންގެ އޮފީހުގައެވެ.

”ކިހިނެއްތޯވީ؟” އޭނާ ސޯފާގައި އިށީނެވެ.

”އަލްހެނާއަކީ ޒީލަންގެ ބެސްޓު ފުރެންޑެއްނުދޯ. އެހެންކަމުން އެއްވެސް ވާހަކައެއް ސިއްރުކުރާކަށް ނެތިން. މިއަދު ޝައީމުއައި. އޭނާއަތުގައި އަހަރުމެން ދެމީހުން ރިސޯޓުގައި އުޅުނުއިރު ހިނގިހާދިސާއެއްގެ ފޮޓޯތައް އެބަހުރި. އޭނާ އެ ލީކު ކޮށްލައިފިނަމަ ދެމީހުންނަށްވެސް ވަރަށް ގެއްލުންވާނެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް އަލްހެނާގެ އެހީތެރިކަން ބޭނުން. މިވާހަކަ އެއްވެސް މީހެއްގާތު ނުދައްކާތި. ޚާއްޞަކޮށް ޒީލަންގާތު.” އޭނާ ހުންނެވީ ވަރަށް ސީރިއަސްވެފައެވެ.

”އާދެ! އަޅުގަނޑު ކީއްތޯ ކޮށްދެންވީ؟”

”ކުރަންވީކަންތައް އަހަރެން ބަރާބަރަށް އަންގާނަން. އަހަރެން ބުނާގޮތަށް ހެދޭތޯ ބަލާދޭތި”

އޭނާ ވަނީ ވަރަށް ކަން ބޮޑުވެފައެވެ. ޒީލަންއަށް މިކަންއަންގާނެ ގޮތެއް ނުވިސްނުނެވެ. އެހެންހައްދަވައިފިނަމަ ޒީލަންއަށް ޖެހޭނީ ކޮންހާލެއްކަމެއް ނޭނގެއެވެ. އެ ހާދިސާއިން ފެށިގެން އޭނާއަދި ޒިލަންއެއް ނުދެކެއެވެ. އެނގޭހާވެސް އެއްޗަކީ ޒީލަން މިހާރު އޭނާއަށް ނަފުރަތު ކުރާނެ ކަމެވެ. އޭނާ ދެކެ އިންތިހާއަށް ފޫހިވާނޭ ކަމެވެ. ޒީލަންގެ ނަފުރަތަކީ އޭނާއަށް ކެތްކުރެވޭނޭ ކަމެއް ނޫނެވެ. އޭނާ ޒީލަންދެކެ އިންތިހާއަށް ލޯބިވެއެވެ. ޒީލަންއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ބޭނުމެވެ. ކުރިއަށް އޮތް ދުވަސްތަކަކީ އޭނާއަށް ވަރަށް މުހިންމު ދުވަސް ތަކެކެވެ. ވަކިގޮތެއް ނުނިންމައިފިނަމަ އޭނާގެ އިއްޒަތާއި އަބުރު ގެއްލޭނެއެވެ. އެއާއިއެކު ޒީލަންވެސް ބަދުނާމުވާނެއެވެ. އޭނާ އެންމެ ލޯބިވާ ކުއްޖާ އެއްވެސް ކުށެއްނެތި ގެއިން ބޭރުކޮށްލައިފިނަމަ އޭނާގެ މުޅި ދިރިއުޅުން ގެއްލުނީއެވެ. ޒީލަންއަކީ އޭނާގެ ދިރިއުޅުމުގެ އުންމީދެވެ. ދިރިހުރުމުގެ އުފަލެވެ. ޒީލަންއަށް ދެރަގޮތެއް ވެއްޖެނަމަ އޭނާ ވަރަށް ދެރަވާނެއެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *