އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގެ ސަލާމަތުގެ މަގު ދެއްކެވުމަށްޓަކައި، މާތް ﷲ އަހަރެމެންގެ ގާތަށް ފޮނުއްވި ރަސޫލާގެ ސީރަތުން ފިލާވަޅުތަކާއި، ދަރުސްތައް ވަނީ ޙާޞިލުކުރާން ޖެހިފައެވެ. އަހަރެމެންގެ ޙަޔާތުގައި ބަލަންޖެހޭ އެންމެ ފުރިހަމަ ނަމޫނާ އަކީ އެކަލޭގެފާނެވެ. އެކަލޭގެފާނަށް ކިޔަމަންގަތުމަށް މާތް ﷲ ވަނީ އަހަރެމެންނަށް އަމުރު ކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا ﴾ މާނައީ: "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."
ކީރިތި ރަސޫލާ ﷺ ގެ މުޅި ޙަޔާތްޕުޅަކީ، އަހަރެމެންނަށް ލިބިގެންވާ ލާމަސީލު ނަމޫނާއެކެވެ. އެކަލޭގެފާނުގެ މަތިވެރި ޝަޚްޞިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައި ވިޔަސް، އެއީ ލާމަސީލު ނަމޫނާއެކެވެ. ރަސޫލެއްގެ ގޮތުން ވިޔަސް، ޒަޢީމެއްގެ ގޮތުން ވިޔަސް، ބަފައިކަލެއްގެ ގޮތުން ވިޔަސް، ފިރިކަލެއްގެ ގޮތުން ވިޔަސް، އެދުރެއްގެ ގޮތުން ވިޔަސް،
އޯގާވެރިކަމާއި، މާފުކުރެއްވުމާއި، ދީލަތިފުޅު ކަމަށް ބެލިޔަސް އެއީ އިންސާނިއްޔަތަށް ލިބިގެންވާ އެންމެ މަތިވެރި ނަމޫނާއެވެ.
ﷲ ތަޢާލާ އެކަލާނގެ ރަސޫލާ ﷺ އާ މުޚާޠަބު ކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ. ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴾ މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ."
މާތް ﷲ އެކަލޭގެފާނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އެކަލޭގެފާނަށް އަދަބުއަޚްލާޤު އުނގަންނަވައި ދެއްވުން ވިއެވެ. ކައުއިތުރު ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
"ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ ތިމަން ކަލޭގެފާނު އަދަބުވެރި ކޮށްދެއްވިއެވެ. ފަހެ އެކަލާނގެ ތިމަން ކަލޭގެފާނުގެ އަދަބުވެރިކަން ރިވެތި ކުރެއްވިއެވެ." ރަސޫލު ﷲ ﷺ ގެ ޚުލްޤުފުޅާ ބެހޭގޮތުން އުއްމުލް މުއުމިނީން ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އާ ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ. "އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ކީރިތި ޤުރުއާނެވެ."
މުސްލިމް އަޚުންނޭވެ! ނަބިއްޔާ ﷺ އަކީ އަކީ މީސްތަކުންގެ ތެރޭގައި އުޅުއްވި ދިރިހުރި ޤުރްއާނެކެވެ. ކީރިތި ޤުރްއާނުގައި، ހެޔޮ ކަމަކަށް ގޮވައިލެވިއްޖެނަމަ އެކަލޭގެފާނު އެކަމެއް ކުރައްވައި، މީސްތަކުންނަށް އެކަމަށް އިރުޝާދު ދެއްވިއެވެ. ކީރިތި ޤުރްއާން އެކަމަކާ ދުރުހެލިވުމަށް ގޮވައިލި ކޮންމެ ނުބައި ކަމަކާ އެކަލޭގެފާނު ދުރުހެލިވެ ވަޑައިގެން، އެކަމަކާ ދުރުހެލިވުމަށް އުއްމަތަށް ނަސޭހަތް ދެއްވިއެވެ. ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ސިފަކޮށްދެއްވި ފަދައިން، ކީރިތި ރަސޫލާ ﷺ ގެ ޚުލްޤުފުޅު ވެފައިވަނީ، ކީރިތި ޤުރްއާނުގެ ޢަމަލީ ތަރުޖަމާއަކަށެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި، އެ ޤުރްއާން އޮތްފަދައެވެ. ކައުއިތުރު ރަސޫލާ ގެ ޚުލްޤުފުޅާ ބެހޭގޮތުން އެކަމަނާ ވިދާޅުވި ބަސްފުޅަކީ، ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި މީހަކަށް ވާން އެދޭ ކޮންމެ މުސްލިމަކަށް ދެއްވި މެސެޖެކެވެ. މި ބަސްފުޅުން އަހަރެމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަން ހާމަވެއެވެ. އެކަމަނާގެ މި ބަސްފުޅު އަހަރެމެންނަށް ގޮވައިލަނީ، އަހަރެމެންގެ ސުލޫކާއި އަޚްލާޤު، މި ތަރާދަށް ލައި ކިރައިލުމަށެވެ. އެއަށްފަހު މި ތަރާދުން ލިބުނު ބުރަދަނާ އެއްގޮތަށް އެހެން މީހުންނަށް ނަސޭހަތް ދިނުމަށެވެ.
ކީރިތި ރަސޫލާ ﷺ އަހަރެމެންނަށް އަންގަވަނީ، ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށެވެ. އެކަލޭގެފާނު އަންގަވަނީ ހިނިތުންވުމާއެކު އަނެކުންނާ ބައްދަލު ކުރުމަށެވެ. މިއީ ވަގުތަކަށް، މުދަލަކަށް، ތަނަކަށް ބޭނުންވާނެ ކަމެއްނޫނެވެ.
އަނެކާގެ ކުރިމަތީގައި ހިނިތުންވެލުމުން، ރަން އަކުރުން އޭނާގެ ހިތުގައި ލިޔެވިގެންދާ މެސެޖުގެ އަސަރު ވަރަށް ފުންވާނެއެވެ. ވަރަށް ދިގު މުއްދަތަކަށް އަސަރު ދެމިގެންދާނެތެވެ.
އޯގާވެރިކަމާއި، އިޙްސާންތެރިކަމާއި، މާފުކުރުމަކީ، އެ ސިފަތަކުން މީސްތަކުން ޒީނަތްތެރިވުމަށް ނަސޭހަތް ދޭ މީހާގެ ނަފުސުގައި އަށަގެންފައި ހުންނަން ޖެހޭނެ ސިފަތަކެކެވެ.
މީސްތަކުންގެ ހިތްތަކުގައި، ޒާހިދުކަމުގެ ބިންގާ ވަރަށް ކުޑަކުޑަ ކަމަކުން އަޅައިދެވިދާނެއެވެ. ވިޔަފާރިވެރިޔާ ކީރިތި ރަސޫލާ ﷺ ގެ މި ބަސްފުޅަށް ޢަމަލުކޮށްލުމުން ފުދޭނެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "ވިއްކުމުގައި ލުއިފަސޭހަކޮށް މުޢާމަލާތު ކުރާ މީހާއަށާއި، ގަތުމުގައި ލުއިފަސޭހަކޮށް މުޢާމަލާތު ކުރާ މީހާއަށާއި، ދަރަނި ދިނުމުގައި ލުއިފަސޭހަކޮށް މުޢާމަލާތު ކުރާ މީހާއަށާއި، ދަރަނި އަދާކުރުމުގައި ލުއިފަސޭހަކޮށް މުޢާމަލާތު ކުރާ މީހާއަށް މީހާއަށް ﷲ ރަޙްމަތް ލައްވާނެއެވެ." މި ބަސްފުޅުގައި ކައުއިތުރު ރަސޫލާ ﷺ މުސްލިމުންނަށް ގޮވައިލައްވަނީ، ވިޔަފާރީގެ މުޢާމަލާތުތަކުގައި، މަކަރާއި ޙީލަތް ނުހެދުމަށެވެ. އޮޅުވާލައި، އަގު ބޮޑުކޮށް މުދާ ނުވިއްކުމަށެވެ. މުހުތާދުވެރީންނަށް، ލުއި ގޮތުގައި ދަރަނި ދިނުމަށެވެ. ރިބާ ކެއުމާ ނުލައެވެ. މި ދަރަނި ހޯދުމުގައި ވެސް ލުއި ގޮތްތައް ބޭނުންކުރުމަށެވެ.
މަޢުލޫމާތު: ހުކުރު ޚުޠުބާ
