ވާހަކަ: ތަގުދީރު (ފުރަތަމަބައި)

ވިލާރޮއްޖެއްވެސް ނެތްސާފު އުޑުގައި މަޑު އޮރެންޖު ކުލައިގެ އިރު މަޑުމަޑުން ރަތްކުލައަށް ބަދަލުވަމުން ދިޔައެވެ. މިނިޓުކޮޅެއް ތެރޭގައި ރަތްބޯޅައެއްހެން ފެންނަންހުރި އިރު އުދަރެހާ ނިވާވެ ސަނދުގެ ފުރިހަމަ ސަނދުވަރުގެ ރިހިއަލިން ޖައްވުގައި ރަސްކަންކުރަން ފަށައިފިއެވެ. މަތީގައި ހޯރައަޅަމުން ދިޔަ ދޫނިތައް އޭގެ ހާއްޔަށް ދަތުރުކޮށްފިއެވެ. ހިމުން ހުދު ދޮންވެލިގަނޑުގައި ހޮރުހަދައިގެން ތިބި ކިރުކަކުނިތައް ހޭލަމޭލަ ވަމުން ދިޔައެވެ.

ރާޅުޖަހާ ހިސާބާއި މާދުރުނޫން ސަރަހަހައްދެއްގައި ހުރި ކުނި ގޮޑެއްގައި ހޮވާކަމުންދިޔަ ކާޅުތައްވެސް އޭގެ ގޮވެއްޗަށް ހިނގައްޖެއެވެ. ދާވެގެން ތަތްތެޅިފައިވާ ހެދުމެއްގައި ހުރި ދެވަން ފުރައިގެން އަންހެނެއް ކުނިގޮނޑު ހާވަން ދިޔައެވެ. އޭނާގެ ގައިން ދުވާ ނުބައިވަހުން އެތާތިބި ކުޑަ ދެކުދިން ނޭފަތުގައި އަތްއެޅިއެވެ. ތަންކޮޅެއް ދުރުން އައި ލާނެއްފުރައިގެ ދެ ފިރިހެން ކުދިން އެ އަންހެންމީހާ ދިމާއަށް "އޭ ބޮޑު މޮޔަ" އޭ ބުނެ ހެމުން ގާބުރިއެއް އެއްލިއެވެ. އެ ގާބުރި އެ މީހާގެ ބޮލުގައި ޖެހުމާއެކު ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. ދުރުގައި ޅަދަރިން ގޮވައިގެން ތިބި އަންހެންވެރީން އޭނާއަށް އެހީތެރި ވުމުގެ ބަދަލުގައި އެމީހުންގެ ދަރީން ގޮވައިގެން ގެއަށް ދިއުމަށް އަވަސްވެގަތެވެ. އެއްވެސްމީހަކު އެ އަންހެން މީހާއަށް އެހީތެރިވާކަށް ނާދެއެވެ. އެކަކަށްވެސް އޭނާ ނުފެން ނަފަދައެވެ. ހާމުންޑިއެއްހެން ބޮލުގެ އިސްތަށިގަނޑު ހާވާލާފައިވާ އެމީހާގެ މޫނުމަތީން މާޔޫސްކަމާއި ހިތާމައިގެ އަސަރެއް ނުފެނެވެ. އަދި ލޭ އަންނަމުންދާ ބޮލުގައި އަތް އަޅައިގެން ހުރެ މޫދާ ދިމާއަށް ދިޔައެވެ. ހިމޭން ރޭގަނޑަކަށް ދުނިޔެ މަރުޙަބާ ކިޔަމުން ދިޔައިރު އެ އަންހެންމީހާއަށް ދުނިޔެއަށް މި ދައްކަމުންދާ ކުލަތަކެއް ނޭނގޭ ކަހަލައެވެ.

އައްސޭރިފަށުގައި އެލުވާފައި އިން އުނދޯއްޔެއްގައި މިހުރިހާ މަންޒަރެއް ބަލަން ޝާން އިނީ ހިތާމައިގެ ގިނިން އަނދަމުންދާ އޭނާގެ ހިތަށް މި ރީތި މަންޒަރުން އުފަލެއް ލިބޭތޯއެވެ. ނަމަވެސް އެ އަންހެން މީހާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ އުދާސްތައް އިތުރުވެގެން ދެއެވެ.

"އެހާ ދުވަސްކޮށްފައި ވިޔަސް ޝާނުގެ ދޮންބެ ވާހަކަ އަހަރެންނަށް ލިޔަން ހުއްދަދިނީތީ ވަރަށް އުފާކުރަން. އެއީ މިރަށުގެ ގިނަބަޔަކު އުފާވާނޭ ކަމެއްކަން ޔަޤީން." އަނެއް އުނދޯލީގައި އިން ޝާނާ ބުންޏެވެ. ޝާނާއަކީ ލިޔުންތެރިއެކެވެ. މީހުންނަށް ދިމާވެފައިވާ އާދަޔާ ޚިލާފް ވާހަކަ ލިޔުމަކީ އޭނާ ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން އަންނަ މަސައްކަތެކެވެ.

"އަހަރެންގެ ލޮލުގެ ކުރިމަތީގައި އަހަރެން އެންމެ ލޯބިވާ ދޮންބެގެ ހަޔާތުގެ ސަފްޙާތައް ކިޔައިދެވޭތޯ ބަލާނަން. އަހަރެން މިވާހަކަ މި ކިޔައިދެނީ ދޮންބެ އަހަރެންނަށް މިވާހަކަ ކިޔައިދިން ގޮތަށް." ޝާނު ދޮންބެގެ ވާހަކަ ފެށިއެވެ.

————————————————————————————

އަހަރެންގެ ބޮލުގައި ރިއްސާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މައިންބަފައިން އެކަން މާބޮޑު ކަމަކަށް ހަދާފާނެތީ އަހަރެން އެވާހަކަ ސިއްރުކޮށްގެން އުޅުނީމެވެ. އަހަރެންގެ މައިންބަފައިންނަކީ ތަނަވަސް އާއިލާއަކުން އައިސްފައިވާ މުއްސަނދިބައެކެވެ. ދިރިއުޅުމަކީ އަހަރެންނަށް ނުހަނު ގިނަ ނިޢުމަތްތަކެއް ލިބިފައިވާ އުފާވެރި ދިރިއުޅުމެކެވެ.  އަހަރެންނަކީ ސްކޫލުގައި ވަރަށް ހަރުދަނާ އަދި ކަންކަމަށް އިސްނަގާ ސުކޫލުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އުޅޭ ކުއްޖަކީމެވެ.  ސްކޫލްގެ މަޤާމަކަށް ކުރިމަތި ލައިފިނަމަ ވޯޓަކުން ހޮވޭނީ އަހަރެންނެވެ. ކުދިންގެ ސަޕޯޓް އަހަރެންނަށް ވަރަށް ބޮޑަށް އޮވެއެވެ. މުދައްރިސުންގެ ލޯތްބާއި ބެލެނިވެރިންގެ ތައުރީފް އަހަންނަށް އިންތިހާއަށް ލިބިފައިވެއެވެ. ފަސްވަގުތަށް މިސްކިތަށް އަރާތީ ރަށުގެ މުސްކުޅިން އަހަރެންދެކެ ވަރަށް ލޯބިވެއެވެ.

ރިފާއަކީ މުޅި އަތޮޅުގައި ވެސް ރީތިކަމަށް މަޝްހޫރު ރާނީއެކެވެ. ކަޅު ކަޅިރަވައާއި ބޮޑު ދެލޮލުގެ އިތުރުން ދިގު އިސްތަށިގަނޑަކީ ކޮންމެމީހަކުވެސް ދައްކާ ވާހަކައެކެވެ. ލޫޅާފަތި ހަށިގަނޑާއި އޮޅަލި ކުލައަކީ އޭނާގެ ޚާއްސަ ރީތިކަމެވެ. އޭނާގެ ރަހްމަތްތެރިކަން ހުރިހާ ކުދިންވެސް ބޭނުންވެއެވެ. ރަށުގެ ގަދަރުވެރި މުއްސަނދި އާއިލާއެއްގެ ހުރި އެންމެ ހަގު ކުއްޖާ ކަމަށްވާތީ އޭނާއަށް ބޭނުންވާ ކޮންމެ އެއްޗެއް ލިބިފައިވެއެވެ. އަހަރެމެންގެ ގެ ހުންނަނީ ރިފާމެންގެޔާއި ނުހަނު ކައިރީގައި ކަމުން ސްކޫލަށް ދަނީ އެއްކޮންނެވެ. އަދި އިތުރު ހަރަކާތްތަކަށްވެސް ގޮސް އުޅެނީވެސް އެކުގައެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ބަނަ ދުވަހެކެވެ. ދަންވަރު ވެހެންފެށި ވާރޭ ހަވީރުވީއިރުވެސް ހުއްޓާނުލައެވެ. މޫސުމުގެ ފިނިކަމުން ހަށިގަނޑަށް ލިބިފައިވަނީ ލޮޑުކަމެވެ. މުޅިގައިގާ ރަޖާގަނޑު އަޅާލައިގެން ނިދަން އޮތީމެވެ. ނިދާނިދާވެސް ނިދި ފިލާގޮތެއް ނުވިއެވެ. އާދަޔާ ޚިލާފު ކަންނެތްކަމަކާއި ވަރުބަލި ކަމަކުން ނިދަމުން ދިޔައީމެވެ. ކޮޓަރީގައި ވަނީ ފަނޑު އަނދިރިކަމެކެވެ. ވާރޭގެ ހިތްގައިމު އަޑުން ކޮޓަރީގައި ވަނީ އާދަޔާ ޚިލާފް އަރާމުކަމެކެވެ. ފާރުގައި ހުރި ކުޑަ ޖާލީގަނޑުން ދުވަހަކުވެސް ނުދެކޭ ވަރުގެ ބޮޑު ނަންނުގައްޗެއް ފައިބަނީއެވެ. ދިހުންކުލަ އަރާ އެބޮޑު ނަންނުގަތި އަނގަ ހުޅުވާފައި އަންނައިރު ހީވަނީ  ބޮޑު ހަރުފައެއް އަންނަހެންނެވެ. އޭތީގެ ނުރައްކަލުން ސަލާމަތްވެވޭތޯ ދުއްވައިގަންނަން އުޅުނީމެވެ. އަޑުނެތްކޮޅަށް މަންމައަށް ގޮވަމުން ދިޔައީމެވެ. ނަމަވެސް އޭތީގެ ބޮޑުއަނގަ ކުރިއަށްވުރެވެސް ބޮޑަށް ހުޅުވާލާ  ކުއްލިއަކަށް އަހަރެންގެ ފައިގައި ހިފައިފިއެވެ.

"މަންމާ" އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ.

"ސާބަސް، މަންމައަށް އެހާ ބާރަށް ނުގޮވާ." ފައިގައި ހިފައިގެން އަހަރެންނަށް ގޮވަމުން ދިޔަ ރިފާ ބުންޏެވެ.

"ހާދަ ބިރުވެރި ހުވަފެނެކޭ ފެނުނީ"

"ދުވާލު އެހާގިނައިން ނިދަންޏާ ތިކަހަލަ ވަސްވާސްދޭ ހުވަފެން ފެންނާނެ. ހިނގާބަލަ ހިނގާލަންދާން." ރިފާ އެދުނެވެ.

"މި ވާރޭ ތެރޭގަ؟" އަހަރެން ދާހިތެއް ނުވިއެވެ.

"ދެން ހިނގާބަލަ. ވާރެޔާ ތެމުނީމަ ވަރަށް މަޖާވާނެ. ސަޕްރައިޒެއްވެސް އެބައޮތް. ދެން އަވަސްކުރޭ." ރިފާ އާދޭސް ކުރަމުން ދިޔައެވެ.

އަހަރެން ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަދާ ތައްޔާރުވެލީމެވެ. ދެން ރިފާއާއެކު ހިނގާލަން ނިކުތީމެވެ. އޭރުވެސް ވާރޭގެ ކަނި ޖަހައެވެ. މަގުތަކުން އެންމެ މީހެއްވެސް ނުފެނެއެވެ. ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ރިފާ އަހަރެންގެ އަތުގައި ހިފާ ދުއްވައިގަތެވެ. އަޑުގެ ނެތްތަނަށް ހެމުން ހަޅޭއްލަވަމުންނެވެ. އަހަރެންނަށްވެސް ރިފާގެ މި މަޖާ މިޒާޖު ވަރަށް ކަމުދިޔައެވެ. އޭނާއާއެކު ދުވަމުން އަތިރިމައްޗަށް ނިކުތްއިރު އާދަޔާ ޚިލާފު އުފަލެއް ލިބިފައިވެއެވެ. ކުއްލިއަކަށް ރިފާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އުޑުތިލަމަތިން ވެއްޓިފައި އޮތް ރިފާގެ ގައިމައްޗައް އަހަރެން ވެއްޓުނެވެ. ކުއްލިއަކަށް ރިފާ އަހަރެންގެ ކަރުގައި ދެއަތުން ހިފާލިއެވެ.

"އަހަރެން ބުނި ސަޕްރައިޒަކީ… އައި ލަވް ޔޫ" ރިފާމަޑުމަޑުން ބުނެލިއެވެ.

"މީހަކަށް ފެނިދާނެ"  އަހަރެންނަށް ތެދުވަން އުޅުނީމެވެ.

ރިފާ އަހަރެންގެ ގައިގާ ބާރަށް ހިފަހައްޓާލިއެވެ. އަހަރެންނަށް ހީވީ ވަރުގަދަ ތޫފާނެއްގެ އޮއިވަރު ހަށިގަނޑުގައި ހިނގައިގެންހެންނެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތިކިތަކުން ރިފާގެ ރީތި މޫނުން އަހަރެންނަށް އާދަޔާ ޚިލާފް އަސަރެއް ކުރުވިއެވެ. އަހަރެން އަވަސް އަވަހަށް ތެދުވެ ގެއާދިމާއަށް ހިނގައިގަތީމެވެ. އަހަރެންގެ ޢަމަލުތަކާއިމެދު އެއްވެސް މީހަކު ސުވާލު އުފައްދަފާނެތީ އަހަރެން ކަންބޮޑުވެއެވެ.

އޭގެ ފަހުން ރިފާ މާގިނައިން އަހަރެންގެ ގެއަށް އާދެއެވެ. އަހަރެން މާބޮޑަކަށް އަޅައެއް ނުލަމެވެ. ރިފާ ތަކުރާރުކޮށް އަހަރެންދެކެ ވަރަށް ލޯބިވާކަމަށް ބުނަމުން ދިޔައެވެ. އަހަރެން ނުލިބިއްޖެ ނަމަ ދުވަހަކުވެސް މީހަކާ ނީންނާނަމޭ ބުނެއެވެ. އެކިގޮތްގޮތުން އަހަރެންގެ ގާތްކަން ހޯދަން މަސައްކަތް ކުރާކަން އެނގެއެވެ. އަހަރެން މަޖަލަކަށް ހަދާފައި އެކަން އެގޮތަށް ނުވާނެކަމަށް ބުނަމެވެ.

އެއްދުވަހު ރިފާ ދިން ދައުވަތު ކާޑެއް މަންމަ ދިއްކޮށްލިއެވެ. އޭގައި ވަރަށްބޮޑަށް ރިފާ އާދޭސްކޮށް ފައިވަނީ  އޭނާގެ ޕާޓީއަށް ދިއުމަށެވެ.  އެއީ އޭނާގެ ސަތާރަވަނަ އުފަންދުވަސް ފާހަގަ ކުރާ ޕާޓީކަމަށްވުމުން ކުލާސްކުދިންވެސް ދާނެތީއެވެ. ހީކުރި ގޮތާއި ޚިލާފަށް ކުލާސް އެއްވެސް ކުއްޖެއް ނުދެއެވެ. ދައުވަތު ލިބުނީ ހަމައެކަނި އަހަންނަށެވެ.

"ޝާމް ކީއްވެތަ އަހަރެން މިވަރަށް އާދޭސްކުރާއިރުވެސް އެއްބަސްނުވަނީ. އަހަރެންނަށް އެނގޭ ޝާމް އަހަރެންދެކެ ލޯބިވާކަން" ރިފާ ބުންޏެވެ. އޭނާގެ މޫނުމަތީގައި ވަނީ ހިތާމައިގެ އަސަރެވެ.

"އަދި އަހަރެމެން ސްކޫލްވެސް ނުނިމެއެއްނު." އަހަރެން ބަހަނާއެއް ދެއްކޭތޯ ބެލީމެވެ.

"ބަލާބަލަ އެހެންކުދިންވެސް އުޅޭގޮތް، އެމީހުންވެސް ސްކޫލް ނުނިމެޔޭ." ރިފާގެ ލޮލުން ކަރުނަ އައެވެ. އެވަގުތު އަހަރެންނަށް ބުނެދޭން ނޭނގޭކަހަލަ އަސަރެއްކުރިއެވެ. ރިފާ ރޯތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުވިއެވެ.

"ކުޑަކުއްޖެއްހެން ނުރޮއިބަލަ. ތި ރީތި ލޯ ހަޑިވެދާނެ" އަހަރެން ރިފާގެ ލޯތްބަށް އެއްބަސްވީމެވެ.  އެރޭ ރަސްމީ ގޮތުން މިގުޅުމަށް ލޯބިވެރިންގެ ނަން ދިނީމެވެ.

"އަން. މީ އަހަރެންގެ ހަނދާނެއް ކަމަށް ބަލާ. އަހަރެންގެ ފުރަތަމަ ހަދިޔާ ޤަބޫލު ކުރޭ" ރިފާ އަހަރެންނަށް ޕާރުސަލެއް ދިނެވެ.

"އުފަންދުވަހުގެ ހަދިޔާ މި ލިބުނީ އުފަންދުވަސް ފާހަގަކުރާ މީހާއަކަށް ނޫން. ލާރިއެއް ލިބުނީމަ ހަދިޔާއެއް ދޭނަން" އަހަރެން ބުނީމެވެ.

"ދެން ކަނޑާލަބަލަ" ރިފާ ބުންޏެވެ.

އަހަރެން އެ ޕާރުސަލް ކަނޑާލީމެވެ. މީރުވަސް ދުވާ ސެންޓު ފުޅިއަކާއި ބިއްލޫރިން ހަދާފައިއިން ދެ ދޫނި ހިމެނޭ ވަރަށް ރީތި އެއްޗެކެވެ. ރިފާ ކަހަލަ ރީތި މަޝްހޫރު ކުއްޖެއް ލިބުމަކީ އަހަރެންނަށް ލިބުނު ފަޚުރަކާއި ނަސީބެއްކަމަށް ދެކުނީމެވެ. އެރޭ އަހަރެމެން ދެމީހުން ވަރަށް ގިނަވަގުތު ހޭދަކުރީމެވެ. ހީނ ސަކަރާތްޖަހާ ހެދީމެވެ. އެކަކު އަނެކަކެއްގެ ޚިޔާލުތަކާއި އެކިއެކި ކަންކަމުގައި ހުރި ވިސްނުންތައް ދެނަގަތުމަށް ލިބުނު ރަނުގެ ފުރުސަތަކަށްވިއެވެ.

ފެށުނު ހަފްތާ ސްކޫލުގެ ގޯތިތެރެ ހޭލަމޭލެފައިވަނީ އަހަރީ ދުވަހުގެތައްޔާރީ ތަކަށެވެ. އެއްބަޔަކު ސްޓޭޖް ތައްޔާރު ކުރަމުންދިޔައިރު އަނެއްބަޔަކު ހޯލް ރީތި ކުރަނީއެވެ. އެކިކުދިންނަށް އެކި މަސައްކަތްތައް ވަނީ ބަހާލާފައެވެ. އަހަންނަކީ ސްކޫލްގެ ކެޕްޓަން ކަމުން ހުރިހާމަސައްކަތެއް ބެލެހެއްޓުމުގެ ޒިންމާގެ އިތުރުން ކިޔެވުމުގައިވެސް ވަރަށް ވަގުތު ހޭދަކުރަމުން ދަމެވެ.

މިރޭ އޮންނަ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ތައްޔާރު ކުރުމުގައި އަހަރެން އަވަދިނެތި އުޅުނީމެވެ. އަހަރެން އުޅެނީ ގްރޭޑް ބާރައިގައި ކަމުންނާއި ސްކޫލް ކެޕްޓަނަށް ވުމުން އަހަރެންނަށްވެސް ހުރިހާ ޒިންމާއެއް ހަވާލު ކުރެވިފައި އޮތުމުން އެއްވެސް ކަމެއް ނުވެ ފެއިލްވާކަށް ބޭނުމެއް ނޫނެވެ. ހަފްތާ ފެށުނުއިރު އަހަރެން ބޮލުގައި ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. އެއީ ތަންކޮޅެއް ބުރަކޮށް އުޅޭ ހަފްތާއަކަށް ވާތީ ކަމަށް ނިންމާ އަހަރެން އެއްވެސް މީހެއް ގާތު އެވާހަކައެއް ނުބުނެ ޕެނަޑޯލް ކައިގެން މަސައްކަތުގައި އުޅެމުން ދިޔައީމެވެ.

އަހަރެންގެ ކޮންމެ ކަމެއްގައި ރިފާ ސްކޫލުގަޔާއި ގޭގައި އަހަންނަށް އެހީވަމުން ދިޔައެވެ. ރިފާގެ އޯގާތެރިކަމާއި އެހީތެރިކަން އަހަރެންގެ ބޮލުގެ ރިހުމުގެ އިހުސާސް ކަނޑުވާލައެވެ. އެކުގައި ގިނަވަގުތު ހޭދަކުރަމުން ދިޔަވަރަކަށް ދެމީހުންގެ ވަރަށްގިނަ ކަންކަން އެކަކު އަނެކަކަށް ދަސްވަމުން ދިޔައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *