(1 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޝައީމުގެ ވާހަކަ ބުނުމުން އޭނާގެ ލޭ ހޫނުވެގެން ދިޔައެވެ. އޭނާގެ ނުބައިކަން ހުރީ ހަމައެކަނި ޒީލަންއަކަށް ނޫނެވެ. އެތައް އަންހެންކުއްޖަކާއި އޭނާ ދަނީ ޖެއްސުން ކުރަމުންނެވެ. އެތައް ކުދިންގެ އިއްފަތްތެރި ކަމަށް އަރަމުންނެވެ. އެއީ ނުބައި ފިރިހެނެކެވެ. އޭނާއަށް ރަނގަޅު އަދަބެއް ނުދެވިއްޖެނަމަ ދެންގެއްލުންވާނީ ކޮންބަޔަކަށް ކަމެއްވެސް ނޭނގެއެވެ. އޭނާގެ އޯގާތެރިކަމާއި ހެޔޮކަމުގެ ދަލުގައި އަންހެންކުދިން ޖައްސާ އޭގެ ގޯސް ފައިދާ ނަގަނީއެވެ.
ޒީލަން ވަގުތުން އޭނާގެ ވަރަށްޚާއްޞަ ޕޮލިހަކަށް ގުޅިއެވެ. އަދި އެކަންތައް ބަލާ ދިނުމަށް އެދުނެވެ.
”ނިޝާ ހާސްނުވޭ. ހުރިހާކަމެއް ރަނގަޅުވާނެ. އަހަރެން މިއުޅެނީ މާދަންފުރަން. އިތުރަށް ކިޔެވުމަށްޓަކައި. އެކަމަކު ތިކަންތައް ރަނގަޅު މީހަކާ ހަވާލު ކުރާނަން.”
ޒީލަން ނިޝާގެ ފޯނު ނަންބަރު ހޯދިއެވެ. އަދި ބަންދުކޮށްފައިވާ އެސިޓީއުރަ ދަބަހަށް ލުމަށްފަހު އެކަންތައް އާޒިމާއާއި ހަވާލު ކުރިއެވެ.
އަދި ހަމަ އެދުވަހު ޝައީމު ގެ މައްސަލަ ކޯޓަށް ހުށައެޅުނެވެ. އަދި އަންހެންކުއްޖަކާއެކު ބަދުއަޚުލާގީ ޢަމަލެއް ހިންގި މައްސަލައަކާއި އަންހެންކުދިން ބްލެކްމެއިލުކޮށް ފައިސާ ހޯދުމުގެ ކުށުގައި ތަހުގީގު ކުރުމަށްޓަކައި ޝައީމު ބަންދު ކުރެވުނެވެ.
ފަޒީން އިންނެވީ ލައިބްރަރީގައެވެ. ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރައްވާށެވެ. ނަމަވެސް މިވީ ހަފްތާއެއްހާ ދުވަހުގެތެރޭގައި ޒީލަން ފެނިނުލެއްވުމުން ދެރަވެފައެވެ. އޭނާ ޒީލަންއާއި ދުރުވާން މަސައްކަތް ކުރެއްވި ނަމަވެސް އެޚިޔާލުތަކަކުން ދުރަކަށް ނުދެވުނެވެ. އެދަންވަރު ޒީލަން ނިކުމެގެން ދިޔަވަގުތުވީ ފަޒީނުގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތި ވަގުތު ކަމުގައެވެ.
”ޒީލަންއާއި ދިމާވި. ކައިވެންޏަށް މަރުހަބާކީ.” އަލްހެނާ ލައިބުރަރީއަށް ވަންނަމުން ވާހަކަދެއްކިއެވެ.
”އޭނާއަށް ކިހިނެއް އެނގުނީ ކައިވެނި ވީކަމެއް.” އޭނާ އަވަސް އަވަހަށް އެއްސެވިއެވެ.
”ނޭނގެ. ފަހަރެއްގައި ޝައީމު ބުނެފާނެއްނު. ޝައީމުއަށް އެނގެއެއްނު. ޒީލަން މާދަން ފުރާ. އޭނާ ދަނީ ފަސްއަހަރުގެ މުއްދަތަށް. އޭނާ ވަރަށް ހަމަނުޖެހޭ ވާހަކަދެއްކި. ބުނީ ފަހަރެއްގައި ރާއްޖެ ނުވެސް އަންނާނަމޯ. އޭނާގެ އެއްވެސް މީހެއްނެތޯ މިހާރު. ވަރަށްދެރަވެފައި ހުރީ. ކައިވެނި ކުރުމުގެ ކުރިން ނޭންގީމަާވަރަށް ދެރަވެފައި ހުރީ. އަޅުގަނޑުވެސް ފަހުންވަރަށް ދެރަވި އޭނާއަށް އަންގާ ނުލެވުނީމަ.” އަލްހެނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.
”އަޅުގަނޑަށް ހީވަނީ ޒީލަން ފަޒީނުދެކެ ލޯބިވާހެން.”
”ނޫން. ޒީލަން އަހަރެން ދެކެ ލޯތްބެއްނުވޭ. ޒީލަން އަކީ ރަނގަޅު ކުއްޖެއްވީމާ އަހަރެން ކޮށްދިން ރަނގަޅު ކަންތައްތަކަށް އޭނާ ޝުކުރުވެރިވަނީ. އޭނާ މިހާރު ހުންނާނީ އަހަރެން ދެކެ ފޫހިވެސްވެފައި. އޭނާހީކުރާނީ އަހަރެން އޭނާއަށް އެހީތެރިވީ ޒީލަން ބޭނުންވާތީކަމަށް. އަދި އަހަރެން ބޭނުންވީމަ ގެއިންވެސް ނެރެލީކަމަށް.”
“އަޅުގަނޑު އޭނާ ގާތު އެހިން ފަޒީނުދެކެ ލޯބިވޭތޯ. ވަރަށް ގިނަފަހަރު އެހުމުން ބުނީ ލޯބި ނުވާކަމަށް.” އަލް ތެދު ހާމަ ކުރިއެވެ.
”އަޅާނުލާ. އެއީ ވަރަށް ޅަކުއްޖެއް. އޭނާއަށް ރަނގަޅު ކުރިމަގެއް ލިބިދާނެ. އެހާ ހިތްވަރުގަދަ އެކަނިވެރި ކުއްޖެއް އަހަރެން ހަޔާތަކުންވެސް ނުދެކެން. އެއީ އާދަޔާ ޚިލާފު އަންހެންކުއްޖެއް.” ފަޒީނު މަސައްކަތް ހުއްޓާ ލެއްވުމަށްފަހު ކޮޓަރިއަށް ދުރުވިއެވެ.
ފަޒީނުވަނީ ވަރަށްބޮޑަށް ފިކުރުބޮޑުވެފައެވެ. ޒީލަން މާދަމާ ފުރައިފިނަމަ އޭނާއަށް ޒީލަން ގެއްލޭނެއެވެ. ފަސްއަހަރަކީ މަދު ދުވަސްކޮޅެއްނޫނެވެ. ޒީލަން އެގޭގައި އުޅުނު ދުވަސްކޮޅަކީ އުފާވެރި މަޖާ ދުވަސްތަކެކެވެ. ނަމަވެސް މިއަދުވަނީ މުޅި މަންޒަރު ބަދަލުވެއެވެ. އަލްހެނާއަކީ ޒީލަންގެ ބެސްޓް ފުރެންޑެވެ. އެހެންކަމުން އަލްހެނާ ފެންނަ ކޮންމެ ފަހަރަކު ޒީލަންގެ ހަނދާންތައް އާވެއެވެ. ފަޒީނު ވިސްނުން އެހެންދިމާއަކަށް ނުދިޔައެވެ. އާވާރާއެއްފަދައިން ކޮޓަރީގައި ހިނގަންފަށައިފިއެވެ. އެންމެފަހުން ބޭރަށްނިކުންނަވާ ސައިކަލަށްއަރާ ވަރަށްބާރަށް ދުއްވާލިއެވެ. އެއް އޮފީހެއްގައި އުޅޭ ނައީމަކީ އޭނާގެ ހިތާމަވެރި ކޮންމެވަގުތެއްގައި ވިސްނައިދޭ ރަނގަޅު ރަހުމަތްތެރިއެކެވެ. އޭނާއާއި ޚިޔާލު ބަދަލު ކޮށްލައިފިނަމަ ވަރަށް ހިތްހަމަޖެހުން ލިބެއެވެ. އެހެންކަމުން ސައިކަލުގެ އެންމެ ހަލުވި ދުވެލީގައި ދުއްވަމުން ދުރުވީ ނައީމުއާއި ވާހަކަދައްކާލާ ކޮންމެވެސް ހައްލެއް ހޯދުމަށެވެ. ބޮޑުތަކުރުފާނުމަގުން ބާރަށް ދުއްވާފައި ދިޔައިރު އެމަގުގެ އަނެއްކޮޅުން ރޭސްޖަހަމުންއައި ދެސައިކަލު ފަޒީނަށް ފެނިލެއްވިއެވެ. ދެމީހުންނަށްވެސް ދެކޮޅުންއައި ސައިކަލު ފެނުނީ ކުޑަވަގުތުކޮޅަކަށްވެފައި އޮއްވައެވެ. ކުއްލިއަކަށް ބުރެކި ނުޖެއްސުމުން އެސައިކަލުން ނައްޓާލަން އުޅެނިކޮށް ކުރިމަތިންއައި ސައިކަލު ފަޒީނުގެ ސައިކަލުގައި ޖެހި ވިއްސައިގެން ދިޔައެވެ. ހަމައެއާއެކު ފަޒީނު ވިއްސައިގެންގޮސް އެއްފަރާތެއްގައި ހުރި ހިލަވެލި ބަސްތާތަކެއްގެ މައްޗަށް ޖެހުނެވެ. ފާރުގައި ބޯޖެހުމުގެ ސަބަބުން ހޯސްލާފައި ލޭއަންނަންފެށިއެވެ. އަނެއްސައިކަލުގައި އިންކުއްޖާ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައެވެ.
ފަޒީނު ހޮސްޕިޓަލަށް ގެންދިއުމާއެކު އަލްހެނާއަށް ހޮސްޕިޓަލުން ގުޅިއެވެ. އެމެޖެންސީކޮށް އޮޕްރޭޝަނެއް ކުރެވުނެވެ. ފަޒީނުގެ ބޮލުން މާގިނައިން ލޭއައުމުގެ ސަބަބުން ލޭއަޅަން ޖެހުނެވެ. ތިންގަޑިއިރުގެ އޮޕްރެޝަނަކަށްފަހު ފަޒީނު ޕްރައިވެޓް ރޫމަށް ބަދަލުކުރެވުނެވެ. އަލްހެނާއާއި ފަހީމާ ކެތްތެރިކަމެއްނެތި ބޭރުގައި ފަޒީނު ދުށުމުގެ އިންތިޒާރީގައި ތިއްބެވެ. ފަހެއް ޖެހުމާއިއެކު ފަޒީނު ފުރަތަމަ ފަހަރަށް ލޯހުޅުވާލެއްވިއެވެ. ނަމަވެސް ޑޮކްޓަރު ނިދާ އިންޖެކްޝަނެއް ޖެހުމުން އަނެއްކާވެސް ފަޒީނަށް ނިދިކުރެއްވުނީއެވެ.
ހެނދުނު ހަތެއްގެ ފްލައިޓުން ޒީލަން ފުރަން ހަމަޖެހިފައި އޮތުމުން އޭނާ އަވަސްއަވަހަށް ތައްޔާރުވެލިއެވެ. ފަސްގަޑިބައިގައި އެއާޕޯޓުގައި ހުންނަންޖެހޭތީ ފަހެއްޖެހިއިރު އޭނާ ޓެކްސީއެއްގައި ފެރީޓާމިނަލަށް ދިޔައެވެ. އޭނާ ދާންޖެހޭތީ އާދަޔާ ޚިލާފު ގޮތްތަކެއް އިހުސާސް ކުރެވުނެވެ. ފުރަތަމަފަހަރަށް އުޅެބޮޑުވި ގައުމު ދޫކޮށް ދާންޖެހުމުން ދެރަވެސް ވެއެވެ. އޭނާގެ ކުރު ހަޔާތުގައި ތަފާތު ތަޖުރިބާތަކެއް ލިބިފައިވީނަމަވެސް ބޭރުގައުމަކަށް ދާންޖެހުމުން ޖެހިލުންވާގޮތް ވެއެވެ. ނަމަވެސް ކުރިއަށް ދިއުމަށްޓަކައި އޭނާ އުންމީދުކުރި ވަރަށްވުރެ އަވަހަށް މިފުރުސަތު ލިބުމުން ކޮޅެއްނެތްހާ އުފާވެސް ކުރެއެވެ. އޭނާ އެންމެ އުފާވީ ފުރުމުގެ ކުރިން ޝައީމަށް ސަޒާ ލިބުމަށް އެހީތެރި ވެވުނީތީއެވެ. ޝައީމުފަދަ ނުބައި އިންސާނުންނަށް ހައްގު އަދަބު ލިބުމަށް އޭނާއަށް މަސައްކަތް ކުރެވުނީތީ ހިތްހަމަޖެހެއެވެ. އެއީ އެތައް އަންހެން ކުދިންނަކަށް ލަނޑު ދީފައިވާ އަނިޔާވެރި ކެހިވެރިއެކެވެ.
ޒީލަން ފަޒީންގެގެއިން ނިކުތުމަށްފަހު ފަޒީނެއް ނުދެކެއެވެ. އޭނާއާއި ބައްދަލުކުރަން ބޭނުންނަމަވެސް ދިމާނުވުމުން އިންތިހާއަށް ދެރަވެއެވެ. މިހާރު އޭނާއަށް ގަބޫލުކުރެވުނީ ހަގީގަތުގައިވެސް ފަޒީނު އަލްހެނާދެކެ ލޯބިވާނެކަމެވެ. އެދެމީހުން އުފާވެރި ދިރިއުޅުމެއް ވޭތިކުރާނެކަމެވެ. ޒީލަން ފަޒީނުގެ ލޯތްބަށް ފުރަގަސް ދިނުމުން ފަޒީނު އޭނާދެކެ ފޫހިވާނޭކަމެވެ. އެއީ ޒީލަންއަށް ހެދުނު ކިހާބޮޑު ގޯހެއް ހެއްޔެވެ. ތިމާއަށްވުރެ ބޮޑަށް ލޯބިވާ ފަޒީނު އާއި ދުރުގައިވުމީ ކިހާ ވޭންދެނިވި ކަމެއްހެއްޔެވެ؟ ނަމަވެސް މިއަދު އެނަސީބުވަނީ އެހެންމީހަކަށް ލިބިފައެވެ. އެވެސް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށެވެ.
ކުއްލިއަކަށް ޒީލަންގެ ފޯނު ރިންގްވާންފެށިއެވެ. ފޯނަށް ބަލާލިއިރު އެއީ ގަބޫލުވެސް ކުރަންދަތި ނަމްބަރެކެވެ. މިވަގުތަކީ އަލްހެނާ ދުވަހަކުވެސް ގުޅި ވަގުތެއްނޫނެވެ. އަދި މިހާރު އޭނާ ގުޅާންވީވެސް ކީއްވެހެއްޔެވެ؟ އޭނާވާނީ ފަޒީނާއެކު ނުހަނު ފޮނި ނިންޖެއްގައެއްނޫންހެއްޔެވެ؟
”ހަލޯ.”
”ޒީލަން ފަޒީނުގެހާލު ވަރަށްދެރަ. ރޭގެ އެކްސިޑެންޓެއްގައި ބޮލަށް ވަރަށް ގެއްލުންވެފައިވަނީ. އަހަރެންމިހުރީ އޭޑީކޭ ހޮސްޕިޓަލުގައި. އަވަހަށް އާދޭ.” އަލްހެނާ ވަނީ ވަރަށް ހާސްވެފައެވެ. އެދެމީހުން މެދުގައި ކުންޏެއް ޖެހުނަސް އެއީ އެންމެގާތް ދެރަހުމަތް ތެރިންނެވެ. ކޮންމެ މީހަކަށް ކަމެއް ޖެހުނަސް އަޅާލަން ތިބީ އެދެމީހުން އެކަންޏެވެ.
”ޒީލަންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އޭނާއަށް ފަޒީނުއާއި އަލްހެނާއާއިމެދު މިވިސްނުނީ ކިހާ ގޯސްކޮށް ހެއްޔެވެ؟ އޭނާއަށް ބޭއިޚްތިޔާރުގައި ރޮއިގަނެވުނެވެ.
”އަވަހަށް އޭޑީކޭއަށް ގޮސްދީ.” އޭނާ ޑްރައިވަރާއި ވާހަކަދެއްކިއެވެ.
ޒީލަން ކަންބޮޑުވީވަރުން ހަދަންވީގޮތް އޮޅިއްޖެއެވެ. މިހަރު އުޅެނީ ޗެކިން ފެށިގެންނެވެ. އޭނާއަށް އެއާޕޯޓަށް ނުދެވިއްޖެނަމަ މިއަދަކު ނުފުރޭނެއެވެ. އެހެންވެއްޖެނަމަ ދެންފުރޭނެ ދުވަހެއްވެސް ނޭނގެއެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަޒީނު މަރާ ހަނގުރާމަ ކުރައްވަނީއެވެ. އެއީ އޭނާ މިދުނިޔޭގައިވާ އެންމެ ލޯބިވާ މީހާއެވެ. އޭނާއަށް ހުރިހާގޮތަކުން އެހީތެރިވެދެއްވި މާތް އިންސާނާއެވެ. ފަޒީނު އެހާލުގައި އޮއްވާ އޭނާ ފުރައިގެން ދިއުމަކީ އޭނާއަށް ކުރެވޭނެ މާފު ނުލިބޭނެ ކުށެކެވެ. އޭނާއަށް ކޯހަށްވުރެ ފަޒީނުގެ ފުރާނަ މުހިންމެވެ. ފަޒީނަކީ މިހާރު އެހެންމީހެއްގެ ހައްގެއްނަމަވެސް އޭނާގެ ލޯބި އެއީ ސާފު ތެދުވެރި ލޯތްބެކެވެ. ފަޒީނު އެހާލުގައިވުމަކީ އޭނާއަށް ކެތްކުރެވޭނޭ ކަމެއްނޫނެވެ.
”އަލް އަހަރެންމިހުރީ އޭޑިކޭ ކައިރީގައި. ބޭރަށް ނިކުމެދީބަލަ.” އޭނާ ފޯނުން އަލްހެނާއަށްގުޅިއެވެ
އަލްހެނާ ފެނުމުން އޭނާ ކާރުން ފޭބިއެވެ.
”އަލް ކިހިނެއް ދިމާވި އެކްސިޑެންޓެއް. ފަޒީނު މިހާރު ކިހިނެއް. ޑޮކްޓަރު ކީކޭ ބުނުއްވީ.” އޭނާ ހުރިހާ ސުވާލެއް އެއްފަހަރާ ކުރިއެވެ.
”ޒީލަން އެތެރެއަށް ހިނގާ. ހުރިހާވާހަކައެއްދެއްކޭނީ އޭރުން.”
”ނޫން އަލް އަހަރެން ފުރަން ގޮސްހުއްޓާ ގުޅީ. އަހަރެންމިއައީ ފުލެޓުވެސް ދޫކޮށްލާފައި. ފޮށިވެސް މިހިރީ ކާރުގައި. ” ހަދާނެ ގޮތް ހުސްވެފައިހުރުމުގެ ސަބަބުން އޭނާ ވަނީ ހާސްވެފައެވެ.
”ޒީލަން ޒެނިތަށް ދާންވީނު.” އަލްހެނާއަށް ފެންނަގޮތެއް ބުންޏެވެ.
”ނޫން އަލް. އަހަރެން އެގެއަށް ދާނީ ކިހިނެއް؟”
”ޒީލަން ބޮޑާނަހާކާ. އަވަހަށް އެތެރެއަށްހިނގާ އޭނާ ވަރަށްސީރިއަސް.” ” ތިފޮށި ޒެނިތަށް ގެންގޮސްދީ. އެތާ ބޭރަށްމީހަކު ނިކުމެ ހުންނާނެ.” އަލްހެނާ ޑުރައިވަރާއި ވާހަކަދެއްކިއެވެ.
”އަދިއޭނާ ގެއާގުޅާ.” ގާޑުމީހާގާތު އެފޮށި ގެއަށްލާން ބުންޏެވެ.
ޒީލަން ބަސްއަހާ ކުޑަކުއްޖެއްފަދައިން އަލްހެނާއާއެކު ހޮސްޕިޓަލް ތެރޭގައި ހިނގާފައި ދިޔައެވެ. ފަޒީން އޮންނެވި ކޮޓަރިއަށް ދިޔައިރު އޭނާގެ ހިތް ބާރުބާރަށް ތެޅެއެވެ. ހިތުގެއަޑިން ދުއާކުރަމުންދިޔައީ ފަޒީނަށް އަވަސް ޝިފާއަކަށެވެ. އެކޮޓަރިއަށް ވަދެވުމާއިއެކު އޭނާގެ ނަޒަރު ހުއްޓުނީ އެނދުގައި އޮންނެވި ފަޒީނަށެވެ. އިސްތަށިކޮޅުގައި ހުދުފޮތިގަނޑަކުން ބަނދެފައިވާއިރު ކަކުލުގައިވެސް ބެންޑޭޖް އޮޅާފައިއޮތެވެ. އަތުގައިވެސް ބޭސްއަޅާފައި ވެއެވެ. އެމޫނުމަތީގައި ގަދަވޭނަށް ކެތްކުރައްވާން ދަތިވެފައިވެއެވެ. އެރީތި ތުންފަތްވަނީ ހިކިފައެވެ.
ޒީލަންއަށް އެމަންޒަރުބަލާކަށް ކެތެއްނުކުރެވުނެވެ. އެދެލޮލުންކަރުނަތައް އޮހިގެންފިއެވެ. ނަމަވެސް އަލްހެނާއަށް ފެނުމުގެ ކުރިން ކަރުނަތައް ފޮހެލާ ބޭރަށް ނިކުތެވެ. އަދި ހިތްހަމަޖެހެންދެން ރޮއިލިއެވެ.
”ޒީލަން ކީއްވެ ނިކުތީ.” އަލްހެނާ އޭނާގެ ފުރަގަހުން ގޮވާލިއެވެ.
”ދެންބޭރުގައި މަޑުކޮށްލީ.” އޭނާ ކަރުނަތައް ފޮހެލާ އަލްހެނާ ފަރާތަށް އެބުރުނެވެ.
”ޒީލަން ކިހިނެއްވަނީ. ލޯ ތިހުރީ ހާދަ ރަތްކޮންނޭ. ރޮނީތަ؟”
”ނޫން އަލް އަހަރެން ރޯންވީ ކީއްވެ”
”ތުންފަތްވެސް ތުރުތުރު އަޅަނީއެއްނު. ފަޒީނު އެހާލުގައި އޮތީމާ ޒީލަން ދެރަވަނީއެއްނު. އަދިވެސް ބުނޭ ތިމަންނަ ލޯތްބެއްނުވެއޭ ފަޒީންދެކެ. އަހަރެންނަށް އޮޅުވާނުލާ ޒީލަން.” އޭނާ ކުޑަކޮށް ހިތްހަމަނުޖެހޭގޮތްވިއެވެ.
”އަލް އެއްޗެކޭ ހީނުކުރޭ. އަހަރެން ތިހީކުރާ ލޯތްބެއްނުވޭ. އަހަރެން ވަރަށް ގިނަދުވަހު ފަޒީނު އާއެކު މަސައްކަތް ކުރިން. މިއަދު އޭނާ އެހާލުގައިވުމުން އަހަރެންދެރަވީ.” އޭނާ އޮޅުވާލިއެވެ.
”ދެންވެސް ހިނގާ. ޑޮކްޓަރު ދުރުވެއްޖެ.” އޭނާ ޒީލަންގެ އަތުގައިހިފާ ހިނގައިގަތެވެ.
އަލްހެނާ އެތެރެއަށް ވަންނަމަވެސް ޒީލަންބޭރުގައި މަޑުކޮށްލީއެވެ. އޭނާ މިހާރު ފަޒީނަށް ފެންނަން ޖެހިލުންވެއެވެ. އޭނާ އެގެއިން ނިކުތްފަހުން ފަޒީނެއް ނުދެކެއެވެ. އެރޭ ފަޒީނުވަނީ އޭނާދެކެ ވަރަށްބޮޑަށް ނުރުހިފައިކަން އެނގެއެވެ.
”އޭނާއަށް މާބޮޑު ގެއްލުމެއްނުވޭ. ބޮލުން މާގިނައިން ލޭއައީމާ އެހާ ސީރިއަސްވީ. މިހާރު ދެންއެއްވެސް ބިރެއްނެތް. ދެދުވަހެއްގެތެރޭގައި ޑިސްޗާޖު ކުރެވޭނެ.” ޑޮކްޓަރު ބުނުއްވިއެވެ.
”އަޅުގަނޑު ބޭނުމީ ގެއަށް ބަދަލުވާން.” ފަޒީނު މަޑު އަޑަކުން ވާހަކަދެއްކެވިއެވެ.
”އެއްވެސް ގޯހެއްނެތްނަމަ ގެއަށް ބަދަލު ކުރުމުގެ ހުއްދަ ދެއްވާންވީނޫންތޯ. ފަޒީނުގެ ފެމެލީ ޑޮކްޓަރު ދުވާލަކު ދެފަހަރު ބައްލަވާނެ.” އަލްހެނާ ވެސް ބޭނުންވަނީ ފަޒީނު ގެއަށް ބަދަލު ކުރާށެވެ. އެއީ ފަޒީނު ބޭނުންވެ ލައްވާގޮތްނަމަ އޭނާވެސް އެދޭގޮތެވެ.
(ނުނިމޭ)
