ބޮލުން އިސްތަށިފޭބުމަކީ ވަރަށްގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ވަރަށް ޅައުމުރުގައިވެސް ބައެއްމީހުން މިކަމުގެ ސަބަބުން މާޔޫސްވާތަން ފެނެއެވެ. ނަމަވެސް އެކަށީގެންވާ ފަރުވާދެވޭނަމަ މިކަންކަން ހައްލު ކުރެވިދާނެއެވެ. ފިރިހެނުންނަށް މި މައްސަލަ އަންހެނުންނަށްވުރެ ބޮޑަށް ދިމާވެއެވެ.
ޢާއްމުގޮތެއްގައި ބޮލުން އިސްތަށިފައިބާ ސަބަބުތަކުގެ ތެރޭގައި
- ޖެނެޓިކްސް
- ކެންސަރު
- ތައިރޮއިޑް
- ބޭނުންކުރާ ބޭހެއްގެ ސަބަބުން
- ހަށިގަނޑަށް ބޭނުންވާ ނިއުޓިރިއެންޓްސް މަދުވުމުން
- ހޯމޯންސްގެ ސަބަބުން
ބޮލުން އިސްތަށިފޭބުން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން
މަސާޖު ކުރުން
އިސްތަށީގެ ބުޑު ބޮލުގެ ހަންގަނޑު ހިމެނޭގޮތުން ރަނގަޅަށް މަސާޖުކުރާށެވެ. ރަނގަޅު ޕުރެޝަރެއް ދެވޭގޮތަށް އިސްތަށިގަނޑާއި ގުޅޭ ތެލެއް ބޭނުންކޮށްގެން އިނގިލިތަކުގެ ކުރިން ރަނގަޅަށް މަސާޖު ކުރާށެވެ. މިހެން ހެދުމުން ހަންގަނޑުގެ އެތެރޭގައި ހުންނަ އިސްތަށިތަކުގެ ބުޑުގައި ހުންނަ ސެލްތައް އުފެދޭ ގޮތްވެއެވެ. އާ އިސްތަށި ފެޅުމާއި ލޭގެ ދައުރުވުން އިތުރުވުމާއި ބޮލުގެ ހަންގަނޑުގައި ބެދިފައި ހުންނަ ހުރުން ރަނގަޅުކޮށްދެއެވެ. ކޮންމެދުވަހަކުވެސް ފަނަރަ ވަރަކަށް މިނިޓްގެ މަސާޖެއް ބޮލަށް ދޭންވާނެއެވެ.
އޮލެވެރާ
އިސްތަށިފައިބާ ނަމަ އޮލެވެރާ ޖެލް އުނގުޅާށެވެ. އޮލެވެރާ ގަހުން ޖެލް ނަގައިގެން ނުވަތަ އޮލެވެރާ ހިމެނޭ ޝޭންޕޫއާއި ކޮންޑިޝަނަރ ބޭނުން ކުރާށެވެ. މިގެ ސަބަބުން ހަންގަނޑުގައި ބެދިފައި ހުރުން ސަލާމަތްކޮށްދީ ހަންފޮޅުމުން ރައްކާތެރިކޮށްދީ އިސްތަށިގަނޑު މަޑުކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.
ކާށިތެޔޮ
ގިނަޢަދަދަކަށް ފެޓީ އެސިޑް ހުންނަ ކާށިތެޔޮ ބޭނުންކުރުމުން ބޮލުގެ ހަންގަނޑުގެ ތެރެއަށް ތެޔޮވަދެއެވެ. އިސްތަށި މަދުވުމާއި ހަށިގަނޑުން ޕްރޮޓީންސް ދަށްވުމާއި އިސްތަށިފޭބުން ސަލާމަތް ކޮށްދެއެވެ. ބޯ ދޮވުމުގެ ކުރިން ނުވަތަ ބޯ ދޮވުމުގެ ފަހުންވެސް ކާށިތެޔޮ ބޭނުން ކުރެވިދާނެއެވެ. ނިދުމުގެ ކުރިން ކާށިތެޔޮ އުގުޅުމަށްފަހު އަނެއްދުވަހު ބޯ ދޮވެލާށެވެ. އިސްތަށިގަނޑު ޑްރައިވާނަމަ މިކަން ތަޖުރިބާ ކޮށްލުން ރަނގަޅެވެ.
ފިޝްއޮއިލް
އޮމެގާ ފެޓީ އެސިޑް ހިމެނޭ މަހުގެ ތެޔޮ ބޭނުންކުރުމުން އިސްތަށިފެޅުން ވަރުގަދަ ކޮށްދެއެވެ. އޮމެގާ ފެޓީ އެސިޑްގެ ސަޕްލިމަންޓް ކެއުމުން އިސްތަށީގެ ބާރު ގަދަވެ އިސްތަށިފޭބުން ހުއްޓުވައެވެ. ޖުމްލަ ގޮތެއްގައި މުޅި ހަށިގަނޑަށް ފިޝް އޮއިލް އިން އެހީތެރިވެދެއެވެ.
ލުނބޯ ޖޫސް
ލުނބޯ ހުތް ނުވަތަ ލުނބޯ ހިމެނޭ ތެލެއް ބޭނުންކުރުމުން އިސްތަށިގަނޑުގެ ބުޑު ރަނގަޅުވެ އިސްތަށި ފުރިހަމައަށް އުފެދުމަށް ފުރުސަތު ލިބެއެވެ. ފަނަރަ މިނިޓް ވާންދެން ލުނބޯ ހުތުން ބޯ މަސާޖުކުރުމުން ބޮލުގެ ހަނގަޑުގެ ތެރެއަށް ވަދެ އިސްތަށި ވަރުގަދަކޮށްދެއެވެ.
