ކީރިތި ރަސޫލާ ﷺ ގެ އިއްޒަތާއި ކަރާމަތަށް އުނިކަން ގެނައުމަށްޓަކައި، އަދާވާތްތެރި ބާރުތަކުން، އަބަދުވެސް މަސައްކަތް ކުރޭ.

ދުނިޔޭގެ ތާރީޚު ލިޔުއްވާ ބޭބޭކަލުން ފާހަގަކުރައްވާ ގޮތުގައި، އިންސާނުން އަޚްލާޤީ ގޮތުންނާއި، ދީނީގޮތުން، އެންމެ ދަށުދަރަޖަ އަކަށް ވެއްޓިފައިވީ ދުވަސްވަރަކީ، މީލާދީ ގޮތުން ފަސްސަތޭކައިގެ އަހަރުތަކެވެ. އެދުވަސްވަރުގެ މުޖުތަމަޢު ތަކުގައި، އަރައިނުގަންނަ ފާފައެއް ނެތެވެ. ނުކުރާ ހަޑިމުޑުދާރު ޢަމަލެއް ނެތެވެ. އަޅުކަންކުރުން ހައްގުވެގެންވާ އިލާހުގެ ޙަޤީޤީ މަޢުރިފާވެރިކަން ވަނީ ގެއްލި އުވިގޮސްފައެވެ. އަޅުކަންކުރަނީ، އަމިއްލަ އަތްތަކުން ކޮށާމަށައިގެން އަމިއްލައަށް އުފައްދާ ބުދުތަކަށެވެ.ގަސްގަހާ ގެއްސާއި، ކޯރުކޯރަށާއި އަލިފާނަށެވެ.

މިފަދަ ދަށުދަރަޖައަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، ނަރަކައިގެ މިފުން އަނދަވަޅުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށްޓަކައި، މާތް ﷲ ފޮނުއްވި މާތް ރަސޫލު ބޭކަލަކީ، މާތް ނަބިއްޔާ محمد ﷺ އެވެ. އެކަލޭގެފާނު ފޮނުއްވީ ޢާލަމް ތަކަށް ރަޙްމަތެއްގެ ގޮތުގައެވެ. ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައެވެ. މާތް ﷲ ވަހީކުރައްވާފައި ވެއެވެ. ﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ‎﴾ މާނައީ: "އަދި އާލަތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ . އެކަލޭގެފާނު އިސްލާމީ އުއްމަތަށް ލޯބިކުރައްވައި، ރަޙުމް ކުރައްވާވަރު ބަޔާންކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ‎﴾‏ މާނައީ: " ހަމަ ތިޔަބައިމީހުންގެ ތެރެއިން ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމް ހުރި ބޭކަލެކެވެ."

މުސްލިމުންގެ މާތް ނަބިއްޔާ،  محمد ﷺ ގެ އިއްޒަތާއި ކަރާމަތަށް އުނިކަން ގެނައުމަށްޓަކައި، އަދާވާތްތެރި ބާރުތަކުން، އަބަދުވެސް މަސައްކަތް ކުރެއެވެ. މިއަދު ވެސް އެކަން އެބަ ކުރިޔަށް ގެންދެއެވެ. އެއީ މިޒަމާނުގައި ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބަސް ވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަ ޚިލާފު ނުހަނު ދަށުދަޒަޖައިގެ ޢަމަލެކެވެ. ޙަޤީޤަތަށް ލޯބިކުރާ ކޮންމެ އިންސާނަކު، މި ފަދަ ނުބައި
ޢަމަލުތައް ކުށްވެރިކުރާނެއެވެ. ބައެއް ފަހަރު  محمد ﷺ ގެ މަތިވެރި ޝަޚްޞިއްޔަތަށް ނިސްބަތްކޮށްގެން މުސްލިމުންގެ މި ދިވެހި ފަސްގަނޑުގައި ވެސް، އެކި ފާޑުގެ ވާހަކަތައް ޝާއިޢު ކުރާތީ ފެނެއެވެ. ޝައްކެއްނެތް ގޮތުގައި، އެފަދަ ދޮގު ލިޔުންތައް އުފައްދައި އާއްމު ކުރާ މީހުންނަކީ، ޢަޤީދާ ފަސާދަވެފައިވާ ބައެކެވެ. އެ މީހުންގެ ބޭނުމަކީ، މުޅި ދުނިޔެއަށް ފެތުރިފައިވާ ﷲ ގެ ދީން މީސްތަކުންނަށް އޮޅުވައިލުމެވެ. މީސްތަކުން އިސްލާމް ދީނަށް ނަފްރަތު ކުރުވައި، އެ ދީނާ ދުރުކުރުވުމެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އިސްލާމް ދީން ނުހަނު ބާރަށް ފެތުރެމުން އަންނާތީ ގަންނަ ބިރެއްގެ ސަބަބުން ހިންގާ ފިނޑި ޢަމަލުތަކެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿ يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ ‎, هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ ‎﴾‏  މާނައީ: "އެއުރެން އެދެނީ، ﷲގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނުކަމުގައި ވިޔަސް ﷲ، އެލާނގެ ނޫރުފުޅު ފުރިހަމަކުރައްވާ ހުއްޓެވެ. އަކަލާނގެއީ، ތެދުމަގާއި ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ﷺ ފޮނުއްވި ރަސްކަލާނގެއެވެ.  އެއީ އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނުކަމުގައި ވިޔަސްމެއެވެ."

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *