31. ބުރަމަސައްކަތަށްފަހު ލިބޭ ކާމިޔާބު ކިހާ ފޮނިހެއްޔެވެ؟
ކާމިޔާބު މީހަކު ބުނާނެއެވެ.
އަހަރެން އުފަންވީ ފަގީރު ކަމުގެ ތެރެއަށެވެ. އަހަރެންގެ މަންމަ އަހަރެންނަށް ހިކި ކިސަޑުކޮޅެއް ދެވެން ނެތް ހާލުގައި ވަނިކޮށް އެމަންމަ ގާތު ރޮށިކޮޅެއް ހޯދަން އަހަރެން އަހާ ހިތިގޮތް ހަނދާން އެބަހުއްޓެވެ. އަހަރެން ލޯބިވާ ގެއާއި އާއިލާ ދޫކޮށްލާފައި އުމުރުން ދިހައަހަރުގައި މަސައްކަތަށް ނިކުތް ހަނދާންވެއެވެ. އަހަރެން ކިޔެވީ ކޮންމެ މަހަކު އަހަރެން ކުރި ބުރަ މަސައްކަތުން ލިބޭ ލާރިކޮޅެއްގެ އެހީގައެވެ. އެގާރަ އަހަރުގެ ބުރަމަސައްކަތުން ޕެއާ އޮފް އޮކްސްން (މަސައްކަތަށް ގެންގުޅޭ ޖަނަވާރު) އަދި ހަ ކަންބަޅި ގަނެވުނެވެ. މިތަކެތި އަހަރެން ގަތީ އައްޑިހަ ހަތަރު ޑޮލަރަށެވެ. އަހަރެންގެ އުފަލާ އަރާމަށްޓަކައި އެންމެ ލާރިއެއްވެސް ޚަރަދެއް ނުކުރަމެވެ. އެކަމަކު ފުރަތަމަ ދުވަހުންފެށިގެން އުމުރުން އެކާވީސް އަހަރުވާންދެން ކޮންމެދުވަހަކު އަހަރެން އެއް ޕެނީ ފަހަށް ރައްކާކުރަމެވެ. އަހަރެންގެ އަސްލު ވަރުބަލިވުމަކީ ކޮންމެދުވަހަކު މީހެއްގެ ގާތު ދިރިއުޅުމަށްޓަކައި އަހަރެންނަށް ކުރެވިދާނެ މަސައްކަތެއް ދޭތޯ ސަލާންޖެހި ދުވަސްތަކެވެ. އަހަރެން އެކާވީސް އަހަރަށް އެޅުނު އަހަރުގެ ފުރަތަމަ މަހު ޖަންގައްޔަށް ގޮސް ދުއްވާ އޮކްސް ބޭނުންކޮށްގެން ދުއްވުމަށްޓަކައި ގާޑިޔާގަނޑެއް ހެދީމެވެ. ކޮންމެދުވަހަކު ފަތިހުންފެށިގެން އިރުއޮއްސި އަނދިރިރިވާންދެން ކޮންމެ މަހަކު އެންމެ ހަޑޮލަރު ހޯދުމަށްޓަކައި ބުރަ މަސައްކަތް ކުރީމެވެ. އެ ކޮންމެ ޑޮލަރެއް އަހަންނަށް ފެންނަނީ ކަނުއަނދިރި ރެއެއްގައި ހަނދު ފެންނަހެންނެވެ.
މާޒީގައި ކުރެވިފައިވާ ކުށްތަކުން އިބުރަތް ހާސިލްކޮށް އެ ހަނދާނުން ފޮހެލާށެވެ.
32. ހާލަތަށް ހޭނި އެހާލަތުގައި ފައިތިލަ ސާބިތު ކުރާށެވެ.
އެއްދުވަހަކު ފައިހަލާކުވެ ގިނަދުވަސްވެ ފާރަށްވެފައިވާ މީހެއްގެ ގާތަށް ގޮސް އޭނާ ހިތްހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. އެއީ ބުއްދިވެރި އަދި ޢިލްމު ލިބިފައި ހުރި މީހެކެވެ. އަހަރެން ބުނީމެވެ. ﷲއަށް ހަމްދު ހުއްޓެވެ. މި އުންމަތުގެ މީހުން ކަންކަމުގައި އަވަސް އަރުވައިލައި ކަންކަން އަވަހަށް ވާން އެދުމަށްވުރެ ތިބާގެ އަރިހުން އެދެނީ ބުއްދިވެރި ޚިޔާލުތަކާއި ރަނގަޅު ނަސޭހަތެވެ.
އޭނާ ބުންޏެވެ. ﷲއަށް ހަމްދު ހުއްޓެވެ. އަހަރެންގެ ފައި ހަލާކުވެފައިވާތާ ޒަމާންތަކެއް ވެއްޖެއެވެ. އެކަމަކު މިއީ ތިމަންނައަށް ދީނުގައި ފައިތިލަ ސާބިތުކުރުމަށް ބާރުއަޅައިދޭ ވަސީލަތެކެވެ. އަދި ދީނުގެ ހެޔޮއަމަލުތައް ތިމަންނައަށް މާ ބޮޑު ހިތްފަސޭހަކަމެއް ދެއެވެ.
ބުއްދިވެރިން ބުނެއެވެ. ސިކުނޑީގެ ހަމަޖެހުން ލިބެނީ އެންމެ ހިތްދަތި އަދި ދަތި އުނދަގޫ ހާލަތަށްވެސް ރުހުމުންނެވެ. ސައިކޮލޮޖިކަލް ގޮތުން ބަލާއިރު ދަތިގޮތްތަކަށް ރުހުމުން ހަށިގަނޑުގައި ހުންނަ ހަކަތަ ބޭރުވެއެވެ. އޭގެ ބަދަލުގައި ހާލަތަށް ނުރުހުން ވެވުމުގެ ސަބަބުން އެތަށްހާސްބަޔަކު ރުޅިވެރިކަމުގެ ވަގުތުތައް ހޭދަކުރެއެވެ. އެއީ އެމީހުނަށް ހާލަތާއި ރުހުން އަދި ހިތި ހަގީގަތް ގަބޫލު ނުކުރެވޭތީއެވެ. އާ ހިތްވަރަކުން ފެށުމާއި އުންމީދުގެ ބަދަލުގައި އެމީހުން ރުޅިވެރިކަމާއި ޢަދާވަތްތެރިކަމުގައި ދުވަސްތައް ދުއްވާލައެވެ. އެމީހުން މާޒީގެ ހިތި ހަނގުރާމަތަކުގައި އުޅެމުންދާތީ ކަންބޮޑުވުމާއި މާޔޫސްކަން އެމީހުން ވަށާލައެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު މާޒީގެ ނާކާމިޔާބީތަކުން ހިތާމަކުރުމާއި އެ ހިތިހަނދާތަކުން ކަރުނަ އޮހޮރުން، ބަލިވުން ސާބިތުކޮށްދެނީ ﷲއަށް އީމާން ނުވާކަމެވެ. އޭރުން އެކަލާނގެ މީހަކަށް އެދުވަސްތައް ދިގުކުރައްވައެވެ.
