ލުކާކޫ އިންޓަމިލާނަށް ވިއްކާލަނީ

ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ ފޯވާޑް ރޮމެލޫ ލުކާކޫ އިންޓަމިލާނަށް ދާން ތައްޔާރު ވެފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ. ލުކާކޫ ވިއްކާލުމާ ގުޅޭ މަޝްވަރާތައް ޗެލްސީ އާއި އިންޓަ މިލާންއާ ދެމެދު ކުރިއަށްދާ ކަމަށްވެއެވެ.

ލުކަކޫގެ ކުރިމަގާ މެދުގައި ޗެލްސީގެ ވެރިޔާ އާއި ޗެލްސީގެ ކޯޗާ ދެމެދު މަޝްވަރާތައް ބާއްވާފައިވެއެވެ. އަދި އެންމެ ފަހުން ޗެލްސީ އާއި ލުކާކޫ ވެސް ނިންމާފައި ވަނީ އިންޓަ މިލާނުން 97.5 މިލިއަން ޕައުންޑަށް ގެނައި ލުކަކޫ ވިއްކާލުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ބޭނުން ވަނީ ލުކަކޫ ވިއްކާލައިގެން ލޯން ފީއެއްގެ ގޮތުގައި 20 މިލިއަން ޕައުންޑް ހޯދާށެވެ. އެހެން ނޫނީ ހަފްތާއަކު ލުކަކޫ މުސާރައިގެ 300،000 ޕައުންޑް ހޯދާށެވެ.

އެކަމަކު މިލާނުން ލޯން ފީގެ ގޮތުގައި ދޭން ބޭނުން ވަނީ ހަތް މިލިއަން ޕައުންޑެވެ. މި އަގަށް އަދި އެއްބަސްވެފައި ނުވާތީ ލުކަކޫގެ މުސާރަ ކުޑަ ކުރަން ޖެހިދާނެއެވެ.

ޗެލްސީގެ ރެކޯޑް ޓްރާންސްފާ އަގަކަށް ގެނައި ލުކާކޫ 10 އަހަރު ފަހުން އެނބުރި ޗެލްސީ އަށް ގޮސް ފުރަތަމަ ސީޒަން ނިންމާލީ 15 ގޯލާ އެކު ކުލަބަށް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. ނަމަވެސް ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީވެ އޭނާ ގިނަ ވަގުތު ހޭދަކުރީ ބެންޗުގަ އެވެ.

ލުކާކޫ ވެސް އެނބުރި އިންޓަ އަށް ދާން ބޭނުންވާކަން ހާމަ ކޮށްފައި ވާއިރު ދެ ކުލަބު މެދުގައި މަޝްވަރާތައް ވެސް ކުރިއަށް ދެއެވެ. އިންޓާ މިލާނުން ލޯން ފީ އަށް ހަ މިލިއަން ޕައުންޑް ފުރަތަމަ ހުށަހެޅި ނަމަވެސް މިހާރު އެ އަގު 8.5 މިލިއަން ޕައުންޑަށް މައްޗަށް ޖައްސާލާފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *