ޒީލަން (16)

(15 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަޒީނު މިގޮތަށް އަމަލުކުރެއްވުމުން ޒީލަން ހީކުރީ ފަޒީނު ހިތްހަމަ ޖެހިނުލެއްވީކަމަށެވެ. ޒީލަން އަކަށް އިތުރަށް އަހާކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.

”ފަޒީނު އަޅުގަނޑާއި ވާހަކަނުދައްކަވަނީ ކޮންކަމެއް ވެގެންކަން ވިދާޅުވެދެއްވިނަމަ އަޅުގަނޑަށްވެސް އެނގޭނީ. ފަޒީނު ހިތްހަމަޖެހިނުލައްވަނީ އެހާދިޘާގައި އަޅުގަނޑު އެގޮތަށް ޢަމަލު ކުރެވުން ކަމުގައިވަނީނަމަ ވަރަށްބޮޑަށް މާފަށް އެދެން. އަޅުގަނޑު ކުރިންވެސް މާފަށް އެދެންވަރަށް މަސައްކަތްކުރިން. ނަމަވެސް އެފަދަ ފުރުސަތެއް ފަޒީނު އަޅުގަނޑަކަށް ނުދެއްވި. އެއްވެސް ސަބަބެއްވެސް ނުބުނުއްވާ ގެއިން ނިކުންނަން އެންގެވީ.”

ޒީލަން ފެންކަޅިވިއެވެ. އޭނާއަށް އިހުސާސްކުރެވުނީ އެހެން މީހުންނެކޭ އެއްގޮތަށް ފަޒީނުވެސް އޭނާ ބޭކާރު ކޮށްލެއްވީކަމެވެ. ޒީލަންއަށް ރޮވެންފެށުމުން އަވަހަށް ބޭރަށްނިކުތެވެ. އޭނާ ރޯތަން ފަޒީނަށް ފެނުމުގެ ކުރިންނެވެ.

ޒީލަން ކޮޓަރިއަށްގޮސް އެއްޗިހިތައް ބަންދުކުރުމަށްފަހު އެގެއިން ނިކުތީއެވެ. އެއްވެސް މީހަކަށް ނޭނގިއެވެ.

އޭނާ ހޮޓަލަށްގޮސް ހަމަޖެހިލުމާއެކު އޭނާއަށް ކަންތައް ކުރެވުނު ގޯސްގޮތް ހިތަށްވަދެ މާބޮޑަށް ދެރަވެއްޖެއެވެ. އޭނާ ފަޒީނާ އެގޮތަށް ވާހަކަ ދެއްކިގެން ނުވާނެއެވެ. އޭނާވަނީ ނުހަނު ބަލިހާލުގައެވެ. ޒީލަންގެ މިޢަމަލުން ފަޒީނަށް ވަރަށް އަސަރު ކުރާނެއެވެ. އެހެންކަމުން ޒީލަން ވަރަށް ދެރަވެއްޖެއެވެ. ހިތްވަރު ކޮށްލައިގެން މިހުރިހާ ހިތާމައިން ސަލާމަތްވާން މަސައްކަތް ފެށިއެވެ.

ޒީލަން ކޯހުގެކަންތައް ހަމަޖެއްސުމަށްޓަކައި މިނިސްޓްރީގައި ވަރަށްބުރަކޮށް އުޅުމަށްފަހު ގެއަށްއާދެވުނީ ދޭއްޖެހިފަހުންނެވެ. އިރުކޮޅެއްނުވެ އަލް ގުޅިއެވެ.

”ޒީލަން ނުވެސްބުނެ އެއްޗިހި ހިފައިގެން ދިޔައީ ކޮންތާކަށް؟”

”އަހަރެންމިހުރީ ހޮޓަލެއްގައި. ފުރަންވަންދެން ހުންނާނީ މިތާނގައި.”

”ތިއީ ކިހިނެއްވާނެކަމެއް. މިގެއަށްއާދޭ.”

”އަލް އަހަރެންނަށް މިގޮތްމާރަނގަޅު.”

”ޒީލަން ތިއުޅެނީ ކިހިނެއް؟ ފުރަންވަންދެން މިގެއަށް ނައިސް ތިޔަ ހޮޓަލުގާ ހުރެއްޖެނަމަ އަހަރެންގެ އެއްވެސް ގުޅުމެއް ދެންނޯންނާނެ.”

”އަލް ތިހެންނުބުނޭ. އަހަރެންގެ ހުރި އެންމެ ގާތް ރަހުމަތްތެރިއަކީތީ.”

”އެހެންގަބޫލުކުރާނަމަ ތިހުރިތަނެއް ބުނޭ އަހަރެންމިދަނީބަލާ.”

އެންމެފަހުން އަލްހެނާ ކުރުނުކޮށްގެން އޭނާއަށްޖެހުނީ އެގެއަށްދާށެވެ. ނަމަވެސް އަލްހެނާއަށް ޒީލަން ފަޒީނުދެކެ ލޯބިވާކަން އެނގިއްޖެނަމަ ވާނީކިހިނެއްބާވައެވެ؟ ރަހުމަތްތެރިޔާއަށްޓަކައި ފިރިމީހާ ގުރުބާން ކުރާނީ ބާވައެވެ. އެހެންވެއްޖެނަމަ އެއީ އަލްއަށް ލިބޭކިހާ ބޮޑު ދެރައެއްހެއްޔެވެ؟

އެހެންދުވަސްތަކަށްވުރެ މިއަދު ފަޒީނުގެ ހާލަތު ރަނގަޅެވެ. ބޮލުގައިވާ ބޭސްގަނޑު ނައްޓާލި ނަމަވެސް ކަކުލުގައި ހުރިޒަޚަމް އަދިރަނގަޅެއް ނުވެއެވެ. ރޭގަނޑުގެ ކޭން ބެއްލެވުމަށްފަހު ކޮޓަރީގައި އޮންނެވީ އެހެންދުވަސް ތަކަށްވުރެ އުފާވެރި މޫޑެއްގައެވެ. އެތައްދުވަހެއްކޮށްފައި ރޭގައި ޒީލަން ފެނިލެއްވުމުން ވަރަށް އުފާވެރި އިހުސާސެއް ކުރެވުނެވެ. އަދި ރޭގައި ޒީލަން ދެއްކިވާހަކައާއި އޭނާކުރިއަސަރުން ޒީލަން އޭނާދެކެ ލޯބިވާކަން ޔަގީންވެލެއްވިއެވެ.

”އަޅުގަނޑު މިއުޅެނީ ބޭރަށްގޮސްލަން. ފަޒީނު އެއްވެސްކަމެއް ބޭނުންވެލައްވާތޯ.” އަލްހެނާ ފަޒީނުގާތު އިށީންނަމުން ބުންޏެވެ.

”ނޫން.” ” ޒީލަންއަކީ ހާދަ ބޭބިޝްކުއްޖެކޭ. ރޭގައި އޭނާ އަންގާވެސްނުލާ ހޮޓަލަކަށް ބަދަލުވެއްޖެ.”

”ކީއްވެ؟” ފަޒީނު ސުވާލު ކުރެއްވިނަމަވެސް އެއީރޭގެ ހާދިޘާގެ ފަހުންވީ ކަމެއްކަން އޭނާއަށް އެނގިލެއްވިއެވެ.

”ނޭނގެ. އެކަމަކު އަޅުގަނޑު އޭނާ މިގެއަށްގެނެސްފިން. ވަރަށްބާރުންގެނެވުނީ.”

”އަލްހެނާ އެހާރަނގަޅީ ކީއްވެ؟”

”އަޅުގަނޑު ރަނގަޅުތޯ. އެއީ އަޅުގަނޑުގެ އެންމެގާތް ރަހުމަތްތެރިޔާ. އޭނާއަށް މިއަދު އެހީތެރިވާންޖެހޭނީ އަޅުގަނޑެއްނޫންތޯ؟ ދެންއަރާމުކޮށްލައްވާ. އަޅުގަނޑުއަންނާނީ ތަންކޮޅެއްލަހުން.” އަލްހެނާ ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ނިކުތެވެ. ޒީލަން ކޮޓަރީގައި އޮތީ ވާހަކަފޮތެއް ކިޔާށެވެ.

”ޒީލަން އަހަރެން މިދަނީބޭރަށް. ފަހީމައްތަވެސް މިރޭވީ ގެއަށްގޮސް. އަހަރެން އަންނަންދެން ފަޒީނު ގާތުގައި އިދެދީބަލަ އިނގޭ.” އަލް ވާހަކަދެއްކީ ޒީލަން އާއެވެ.

”އެކަމަކު އަލް އަހަރެންނަކަށް ނުކެރޭނެ.”

”ސާބަސް ޒީލަން. އޭނާ ޒީލަން ކަޔެއްނުލާނޭ. އެންމެ ރަނގަޅޭ ހުރިހާވަގުތަކު ނީނަސް ދިހަގަޑިބައިގައި ބޭސްދޭންދާނީ އިނގޭ.”

”އެންމެރަނގަޅު. ޒީލަން ފަޒީނު ގާތަށް ދާކަށް ބޭނުމެއްނޫނެވެ. ފަޒީނު ކުރިމައްޗަށް އަރަން އޭނާ ޖެހިލުންވެއެވެ. ފަޒީނު އޭނާ ދެކެ ފޫހިވެއެވެ. އޭނާ ޒީލަން ފެނިލެއްވުމުން ނުރުހުންވާނެއެވެ. ފަޒީނުގެ ކުރިމައްޗަށް އެރުމަކީ ބޮޑުކަމަކަށް އޭނާއަށްވެއެވެ. އަނެއްކާ އަލްހެނާއަށް އެދެމީހުންދެމެދުގައިވާ ކަންތައްތައް އެނގޭނަމަ އެގޮތަކަށް ފަޒީނުގެ ގާތަކަށް ނުފޮނުވާނެއެވެ.

ދިހަގަޑިބައިވުމުން ޒީލަން ފަޒީނުކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އޭނާގެ ހިތް ވިންދުޖަހަނީ މާބަރަށްހެންވެސް މިރޭ ހީވެއެވެ.

”ވަދޭ.” ފަޒީނު އެތެރޭން ޖަވާބުދެއްވިއެވެ. އަޑުއިވުމުންވެސް ޒީލަންގެ ހުރިހާ ހިއްސުތަކަށް ގޮތްވާހެން ހީވިއެވެ. އޭނާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން އެތެރެއަށްވަނެވެ. ކަޅުކުލައިގެ ޓޮޕަކާއި ކަޅު ޖީންސެއްލައިގެންހުރި ޒީލަންގެ ބުޅިއިސްތަށިގަނޑުވަނީ ރީތިކޮށް ގަތާލާފައެވެ. ދެއަތްދެއަތަށް ލައިގެން މަޑުމަޑުން އަންނަޒީލަން ފެނިލެއްވުމުން ފަޒީނަށް ޒީލަންގެ މައުސޫމުކަމާއި ސާދާކަމުން ހިތަށް ދިރުމެއް ގެނުވިއެވެ.

”ކިހިނެއްތޯ މިހާރު؟” ޒީލަން އަދަބުވެރިކަމާއެކު ނަންގަތެވެ. އެއީހަމަ އެންމެ ފުރަތަމަދުވަހު ފައިލެއް ހިފައިގެން ވަޒީފާއަށް އައިއިރުވެސް  ޒީލަންގެހުރި އަދަބުވެރިކަމާއި މަޑުމޮޅިވެރިކަމެވެ.

”ރަނގަޅު.” ފަޒީނަކަށް އިތުރުއެއްޗެއް ނުބުނުއްވެވުނެވެ. އަދި މާބޮޑަށް އަޅާލެއްވިދާނެހެން ހީވެލައްވާތީ ޒީލަންއަށް އަޅާވެސް ނުލައްވާ އިންނެވިއެވެ.

”އަޅުގަނޑުމިއައީ ބޭސް ބައްލަވާ ވަގުތު ޖެހުމުން.” ޒީލަންވަށައިގެން ހޯދާލިއެވެ. ދެން ރެކްމަތީހުރި ބޭސްތަކާ ދިމާއަށްދިޔައެވެ. ބޭސްތައްހުރީ އެގާރަޖަހާއިރު ދޭގޮތަށެވެ. ވީއިރު އަލްހެނާ ދިހަގަޑިބަޔޭބުނީ ކީއްވެބާއެވެ؟ އޭނާއަށް ފަހަރުގައި އޮޅުނީކަމަށް ވެދާނެއެވެ.

އެގާރަޖަހަން އަދި ބައިގަޑިއިރު އެބައޮތެވެ. އެހެންކަމުން އެނދު ކައިރީގައި ހުރި ސޯފާގައި އޭނާ އިށީނދެލިއެވެ. އެދިހަމިނިޓުވެސް އޭނާއަށް ވީވަރަށް ގިނަވަގުތަކަށެވެ. އޭނާއަށް ފަޒީނު އޮންނެވިދިމާއަށް ބަލާލަންވެސް ނުކެރުނެވެ. ކުރީރޭ ފަޒީނާ ވާހަކަ ދެއްކުނު ގޮތުންނާއި ފަޒީނު އަޅާ ނުލެއްވުމުން އޭނާވަނީ ވަރަށް ލަދުގެންފައެވެ. އުޅެވޭ ނޫޅެވޭ ގޮތެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އޭނާ މޭޒުމަތީ އޮތްގަލަމެއް ނެގިއެވެ. އަދި އަތުގައި ލިޔަން ފެށިއެވެ. އެހުރިހާވަގުތެއް ވީއިރުވެސް އެކަކުވެސް ވާހަކައެއް ނުދައްކައެވެ. މުޅިތަނަށްވެފައިވަނީ މަރުގެ ހަމަހިމޭންކަމެވެ. އެގާރަޖެހުމުން ޒީލަން ފެންތަށްޓަކާއި ދެބޭސްގުޅައެއް ހިފައިގެން ފަޒީނުގެ ގާތަށްއައެވެ.

”ބޭސް ބައްލަވަން ވީނޫންތޯ؟” ޒީލަން މަޑުމަޑުން ނަންގަތެވެ.

ފަޒީނު ތެދުވަން އުޅުއްވަނިކޮށް ކަކުލުގައިވާ ޒަޚަމްގަނޑު އެކީ ރަނގަޅުނުވާތީ ކުޑަކޮށް އުނދަގޫވިއެވެ. ނަމަވެސް ތެދުވެވޭތޯ ކުރެއްވި މަސައްކަތްވީ ނާކާމިޔާބީއެވެ. އެވަގުތު ޒީލަންގެ ކަނާއަތް ފަޒީނުގެ ބުރަކަށި ދަށަށްލާ އެކަމުގައި އެހީތެރިވިއެވެ. އެވަގުތުކޮޅުވީ ދެމީހުންގެ ހިތުގައި އާދަޔާޚިލާފު އަސަރުތަކެއް ހިނގައިގަތް ވަގުތުކޮޅަކަށެވެ. ފަޒީނު ރަނގަޅަށް ހަމަޖެހިލެވުމުން ޒީލަން ބޭސް ދިނެވެ. އަދިތަށިތައް ބަހައްޓާފައި ފަޒީނުގާތަށްއައެވެ.

”އަޅުގަނޑުދެންދަނީ. ބޭނުންވެލައްވާ އިތުރުކަމެއްއެބައޮތްތޯ.” ޒީލަން އިސްޖަހާލައިގެން ހުރެ ވާހަކަދެއްކިއެވެ.

ފަޒީނުއެއްވެސް އެއްޗެއް ނުބުނުއްވުމުން ޒީލަން ދާންހިނގައިގަތެވެ. ފަޒީނުއަށް އޭނާ އައުމުން އުނދަގޫވަނީ ކަމަށް ހީކުރެވުނެވެ. ޒީލަންއަށް ދޮރާހަމައަށް ދެވުނުތަނާ ފަޒީނު ތެދުވެންނެވުމަށްޓަކައި އުޅުއްވިއެވެ. ނަމަވެސް ކަކުލަށް އަނިޔާވެފައިވުމުން އަމިއްލައަށް އުޅެން އުނދަގޫވިއެވެ. އޭނާ ތެދުވަން އުޅުއްވަނިކޮށް އަރިއަޅާލިއެވެ. ޒީލަންއަށް މިމަންޒަރު ފެނުމުން ބޭއިޚުތިޔާރުގައި ފަޒީނުގެ ގާތަށް ދުއްވައިގަނެވުނެވެ. ޒީލަން ފަޒީންގެ ކޮނޑުގައިހިފަހައްޓާލާ ތެދުވުމަށް އެހީތެރިވެދިނެވެ. ފަޒީނު ރަނގަޅަށް ކޮޅަށް ތެދުވުމުން ޒީލަން ދިއުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ފަޒީން ޒީލަންގެ އަތުގައި ހިފަހައްޓަވާލައްވައި އޭނާގެ ގާތަށް ގެންނެވިއެވެ. އެދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭވަރަށް ޒީލަން ގާތްކޮށްލެއްވިއެވެ. ފަޒީނުގެ ވާތުން ޒީލަންގެ އުނަގަޑުގައި ހިފަހައްޓާލައްވާ ކަނާއަތުން ޒީލަންގެ ވާއަތުގައި ހިފަހައްޓަވާ ލެއްވިއެވެ. އެއަތްމައްޗަށް ހިއްލަވާލައްވާ ބައްލަވާލެއްވިއެވެ.

”އައި ލަވް.” އެއަތުގައި ލިޔެފައިވާއެއްޗެއް ކިޔުއްވިއެވެ. ފަޒީނަށްވަނީ ކުރިންވެސް  ޒީލަންގެ އަތުގައި ލިޔުނު އެއްޗެއް ފެނިލައްވާފައެވެ.

ޒީލަން ވަނީވަރަށް ލަދުގަނެފައެވެ. ފަޒީނުގެ ކުރިމަތީގައި ހުރުމަކީ އޭނާއަށް ކުޅަދާނަކަމެއް ނޫނެވެ. އޭނާ ލަދުން ހުރެވެނީކީ ނޫނެވެ. ވިރިގެންފައިބާ އުށްގަޑެއްހެން އޭނާ ވިރެނީހެން ވެސް ހީވެއެވެ.

”ޒީލަން އައިލަވް ….. އައިލަވް ކާކު؟” ފަޒީނު ޒީލަންގެ ސީދާސާފު ލޮލަށް ބައްލަވާ ސުވާލު ކުރައްވަނީއެވެ.

ޒީލަން އިސްޖަހާލިއެވެ. އޭނާގެ ލޮލާއި ފަޒީނު ބެއްލެވުމުން ފައިދަށުން ބިންގަޑު ދެމިގަންނަ ހެންވެސް ހީވެއެވެ. އޭނާއަށް ގިނަވަގުތު ފަޒީނުގާތުގައި ހުރެވުމަކީ ވެވޭނެކަމެއްނޫނެވެ. އޭނާ އިސްޖަހާލިއެވެ. އަދި އެއަތް ފޮޅުވާލެވޭތޯ އުޅުނެވެ.

”ޒީލަން.” އޭނާ ގޮވާލެއްވުމުގައިވަނީ ޖަޒުބާތެވެ. އެއަޑަކީ ޒީލަންއަށް އެތައްއަސަރެއް ކުރުވާ އަޑެކެވެ.

”އިހަށް ބުނެދީބަލަ. އައިލަވް ކާކު؟”

”ފަޒީނު އޮޅުންފިލުވަން ބޭނުންވެލައްވަނީ ކީއްވެތޯ. މިހާރުތިއީ މީހެއްގެ ފިރިއެއްނޫންތޯ؟” އޭނާ އަތް ފޮޅުވާލަން އުޅުނެވެ. ނަމަވެސް ފަޒީންވަނީ އެއަށްވުރެ ގަދައަށް ސަމާލުވެލައްވާފައެވެ. މާބޮޑަށް ގަދަހަދައިފިނަމަ ފަޒީނަށް އަނިޔާއެއްވެދާނެތީ ގަދަހަދާކަށް ނުކެރުނެވެ. އޭނާވަނީ ވަރަށް ބަލިވެފައެވެ. ޒީލަން ފޮޅުވާލަން އުޅުމުން ފަޒީނަށް ލިބިލެއްވީ އިތުރު ހިތްވަރެކެވެ. އޭނާ ޒީލަން ކުރިއަށްވުރެބޮޑަށް ގަޔާ ކައިރި ކޮށްލެއްވިއެވެ.

”ނޫން ޒީލަން ދެން ބުނެދީބަލަ. ޒީލަންގެ އަތުގައި ޖަހާފައިއެވަނީ ކާކުދެކެ ލޯބިވާ ވާހަކައެއް؟” އޭނާގެ އަތުން ޒީލަންގެ ބޮލުގައި ފިރުމާލެއްވިއެވެ.

”އެއީ… އެއީ…” ޒީލަންގެ މޫނު ލަދުން ރަތްވެއްޖެއެވެ. ފަޒީނުގެ މޭގައި ބޯއަޅާލުމަށް ހިތްއެދި ގޮވަން ފަށައިފިއެވެ. އޭނާގެ ސެންޓްވަހުން ޒީލަން ގެ ހިއްސުތަކުގެ ހަރަކާތް ހުއްޓުނެވެ.

ފަޒީނުގެ ދެއަތުން ޒީލަން އެންމެ ގާތަށް ގެނައެވެ. ދެމީހުންގެ ހޫނު ނޭވާތައް އަނެކެއްގެ މޫނަށް އެޅެމުން ދިޔައެވެ. ޒީލަންގެ ލޯމެރެމުން ދިޔައެވެ.

”އަހަރެންގެ ލޯބި ދޫނި. އަވަހަށް ބުނެދީބަލަ އެއީ ކާކުތަ؟” ފަޒީނު އެލޯބި އަންހެންކުއްޖާ ގަޔާލާ ފިއްތާލެއްވިއެވެ. ޒީލަންވެސް އޭނާގެ ދެއަތުން ފަޒީނުގައިގާ ހިފަހައްޓާލިއެވެ.

”އައި ލަވް ފަޒީން. އަޅުގަނޑު ފަޒީންދެކެ ވަރަށް ލޯބިވޭ.” އޭނާ ފަޒީނުގެ މޭގައި ބޯ ޖައްސާލިއެވެ. އަދި އެފިރިހެންވަންތަ ހަށިގަނޑުގައި ބޮނޑިވެލިއެވެ.

”ފަޒީނު އެކްސިޑެންޓްވި ވާހަކަ އިވުމުން އަޅުގަނޑަށްހީވީ ފުރާނަ ދިޔަހެން. މިދުނިޔޭގައިވެސް އަޅުގަނޑު އެންމެ ލޯބިވާމީހަކީ ތީ. އަޅުގަނޑުވަރަށް ލޯބިވޭ.” ފަޒީނަށް މިބަސްތައް ހީވީ އޭނާގެ ކަންފަތަށް ވިރުވާފައި އެޅިމޮޅުޝާއިރެއްގެ ޅެމެއްހެންނެވެ. އޭނާ ޒީލަންގެ މިހެންބުނާއަޑު އެއްސެވުމަށްޓަކައި އެތައް ދިގު އިންތިޒާރީއެއް ކުރެއްވިއެވެ. އޭނާވަނީ މިލޯބި އަންހެންކުއްޖާދެކެ ނުހަނު ލޯބިވެފައެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *