އެކިކަހަލަ އާންމު ހަރަކާތްތަކުގައި އަދި ބޮޑެތި ގްރޫޕްތަކެއްގެ ގޮތުގައި ތިބުމުން އަޅުގަނޑުމެންނަށް ހަމަޖެހުން ލިބެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އިންސާނާގެ ސިކުނޑި ވަކިން ޚާއްޞަކޮށް އިޖުތިމާޢީ މުޢާމަލާތްތަކަށް ތާއީދު ކުރުމަށް ސިކުނޑި ތަރައްގީ ވެގެން ދާތީއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގްރޫޕަކަށް ނިސްބަތްވުމަކީ ދުޅަހެޔޮކަން ރަނގަޅުވެ ދިރިއުޅުމާމެދު ހިތްހަމަޖެހުން އިތުރުވެގެންދާނެ ކަމެކެވެ.
ނަމަވެސް ހިތާމައަކީ ގިނަ މީހުންނަކީ އެކަނިވެރި ނުވަތަ އިޖުތިމާޢީ ގޮތުން އެކަހެރިވެފައިވާ ބައެކެވެ. ނިއުރޯލޮޖީގައި ޝާއިއުކުރި ދިރާސާއިން ދައްކާ ގޮތުގައި އިޖުތިމާޢީ އެކަހެރިވުމަކީ ސިކުނޑީގެ އޮނިގަނޑާއި ވިސްނުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް ހަނދާންނެތޭ ބަލިތައް ޖެހުމުގެ ނުރައްކާ ވެސް އިތުރުވާކަމެކެވެ.
އިޖުތިމާޢީ އެކަހެރިކަމުން ސިކުނޑިއަށް އަސަރުކުރާ ގޮތް އިތުރަށް ގާތުން ބެލުމަށް ކުރެވުނު ދިރާސާއެއްގައި އިނގިރޭސިވިލާތުގެ 500،000 މީހުންގެ ތަފާސްހިސާބު ތަހުގީގުކުރެވުނެވެ. އެއީ އުމުރުން 57 އަހަރުގެ މީހުންނެވެ. މި ދިރާސާގައި ބަލާފައިވަނީ އިޖުތިމާޢީ ގޮތުން އެކަހެރިވެފައިވާ މީހުންގެ ގޮތުގައި އުޅޭ މީހުންނާއި، އެކަނި ދިރިއުޅޭ މީހުންނާއި، މަހަކު މަދުމަދުން އިޖުތިމާޢީ ކަންކަމުގައި އުޅޭމީހުންނާއި އަދި ހަފްތާއަކު މަދުމަދުން އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވާމީހުންގެ މެދުގައެވެ.
އެ ދިރާސާގައި ގާތްގަނޑަކަށް 32،000 މީހުންގެ އެމްއާރުއައި ތަފާސް ހިސާބުވެސް ހިމަނާފައިވެއެވެ. މިކަމުން ދައްކާ ގޮތުގައި އިޖުތިމާޢީ ގޮތުން އެކަހެރިވެފައިވާ މީހުންގެ ވިސްނުން ދަށްވުމާއި، ހަނދާނާއި އަދި ކަންކަމުގައި އޭނާ ޢަމަލުކުރާގޮތް ހިމެނޭ ގޮތަށް މަސައްކަތް ކުރުމަށް އެހީތެރިވާ ސިކުނޑީގެ ގިނަ ހިސާބުތަކުގައި ހުންނަ ގްރޭ މެޓަރ ދަށެވެ. ގްރޭ މެޓަރ މާއްދާއަކީ ސިކުނޑީގައި ހުންނަ މައުލޫމާތު ޕްރޮސެސް ކުރުމަށް ޚިދުމަތް ކުރާ އެއްޗެކެވެ. މި މާއްދާ އުފެދިފައި ހުންނަގޮތުން ހިއްސުތަކުގެ ގުނަވަންތަކުގައި އުފެދޭ ސިގްނަލްތައް ޕްރޮސެސް ކުރެއެވެ. އަދި ނާރުތަކުގެ ނިޒާމުގައި ހުންނަ ނާރު ސެލްތައް މެދުވެރިކޮށް ވަކި ޖަވާބެއް އުފެދެއެވެ.
މީގެ އިތުރުން އެކަހެރިކޮށް އުޅޭމީހުންގެ ސިކުނޑީގެ ގްރޭ މެޓަރގެ ވޮލިއުމްތަކުގެ ދަށްވުމާއި އަލްޒައިމާ ބަލީގައި ހިމެނޭ ވަކި ޖެނެޓިކް ޕްރޮސެސްތަކާ ގުޅުމެއް ވާކަމަށްވެސް ފެނިފައިވެއެވެ.
އޭގެ 12 އަހަރު ފަހުން ބައިވެރިންނާ އެކު އިތުރަށް ދިރާސާ ކުރިއަށް ގެންދިޔަ އެވެ. މިކަމުން އެނގުނު ގޮތުގައި އިޖުތިމާޢީ ގޮތުން އެކަހެރިވެފައި ތިބި ނަމަވެސް އެކަނިވެރި ނޫން މީހުންނަށް ހަނދާންނެތޭ ބަލިތައް ޖެހުމުގެ ނުރައްކާ %26 އިތުރުވެފައިވެއެވެ.
އަނެއް ކަމަކީ މުޖުތަމަޢު ތެރޭގައި އުޅޭއިރު ސިކުނޑީގެ ބޮޑުބައެއް ބޭނުން ކުރެވޭކަމެވެ. އެކަހެރިކޮށް އުޅޭމީހުންގެ ސިކުނޑި ފުޅާކޮށް ބޭނުންކުރާނެ ފުރުސަތު ކުޑައެވެ. ސިކުނޑީގެ ވަކި ސަރަހައްދުތަކެއް ބޭނުން ނުކޮށްފިނަމަ އެ ސަރަހައްދުތަކުގެ ބައެއް މަސައްކަތްތައް ގެއްލިގެން ދިއުމެވެ. ޓެކްސީ ޑްރައިވަރުންނާ އެކު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަގުތަކާއި އެޑްރެސްތައް ހިތުދަސްކުރިވަރަކަށް ސިކުނޑީގެ ދަސްވުމުގެ ބާރު އިތުރުވެގެންދެއެވެ. މިސާލަކަށް އިޖުތިމާޢީ މަޝްވަރާތަކުގައި ގަވާއިދުން ނުހިމެނޭނަމަ، އަޅުގަނޑުމެންގެ ބަހާއި، ސަމާލުކަމާއި ހަނދާން ގަދަވާ ފަދަ އެހެންކަންކަން ބޭނުންކުރުން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން މަސައްކަތް ކުރުމުގެ ޤާބިލުކަމަށް އަސަރު ފޯރާފާނެއެވެ. އަދި ހަނދާނާއި ސަމާލުކަން ދިނުމަށް މުޖުތަމަޢު ތެރޭގައި އުޅުން ވަރަށް މުހިންމެވެ.
މުޖުތަމަޢު ތެރޭގައި އުޅުމުން މުސްކުޅިވުމާއި މީހާގެ ސީރިއަސްކަން ރަނގަޅުކޮށްދޭ ކަމަށް ދައްކާފައިވެއެވެ. އަދި ޑިމެންޝިއާ، ސްކިޒޯފްރެނިއާ އަދި ޑިޕްރެޝަންގެ ގޮތްތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަލިތަކުން ނުވަތަ ނަފްސާނީ ސިއްހަތުގެ ބަލިތަކުން ރައްކާތެރިކޮށްދޭނެއެވެ.
