ހެޔޮދުޢާއާއިއެކު ވަކިވަމެވެ.

އަހަރެން ކަލާދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އަހަރެމެން ދެމީހުންގެ ދިރިއުޅުމުގެ ޞަފްޙާ ލައްޕާލީއެވެ.

ކަލާއަށް މާފުކޮށްފީމެވެ. ކަލާ އަހަންނަށް ދިން ހުރިހާ ހިތްދަތިކަމަކާއި ރިހުމަކަށްވެސް މާފުކޮށްފީމެވެ.

ކަލާއަކީ އަހަރެންގެ ފަޑިޔާރެއް ނޫނެވެ. ނަފްރަތާއި ބަދަލު ހިފުމުގެ ކަރުހިއްކުމަށް ދެން އަހަރެންގެ ހިތަކަށް ވިހައެއް ނުދެވޭނެއެވެ.

އެއްދުވަހަކުން ކަލާގެ ގޯސް ޢަމަލުތަކުގެ ނަތީޖާ ވިސްނި ކަލާގެ ރޭވުންތަކުން އަނިޔާދެވުނު ކަމަށްޓަކައި ހިތާމަކުރާނެއެވެ.

މިއަދު އަހަރެން ކަލާއަށް ރަޙުމްކުރަމެވެ. ސަބަބަކީ ކަލާއަށް ދުވަހަކުވެސް ހަގީގީ ލޯބީގެ މާނަ ވިސްނިފައި ނެތީމާކަމަށް ދެކޭތީއެވެ. ފަހަރެއްގައި ކަލާ އެކަން ބައެއް ގޮތްގޮތުން ތަޖުރިބާ ކުރެވިދާނެއެވެ. އަހަރެންވީ ސާފުލޯތްބާއި ނުލައި ކަލާއަކަށް ނޫޅެވޭނެއެވެ.

އަހަރެން ކަންތައް ކުރީ ރަނގަޅަށެވެ. އަހަރެންގެ ނަފުސުުގެ އަގު އަހަރެން ވަޒަންކުރަމެވެ. އަހަރެންގެ އަމިއްލަ ނަފުސުގެ އަގު ވަޒަންކޮށް ހިންދެމިލުމަށްޓަކައި މި ގައިދުން އަހަރެން މިނިވަންވީއެވެ. ކޮންމެ މީހަކުވެސް އޭނާގެ މިނިވަންކަމަށްޓަކައި ހުޅުވަންޖެހޭ ދޮރު ހުޅުވީއެވެ.

ކަލާއަކަށް ދެން އަހަރެން ނުހުއްޓުވޭނެއެވެ. ފާރައެއް ނުލެވޭނެއެވެ. ޖާސޫސެއް ނުކުރެވޭނެއެވެ. ބަދުނާމެއްވެސް ނުކުރެވޭނެއެވެ. އަގުވައްޓައެއް ނުލެވޭނެއެވެ. އަހަރެންގެ މިނިވަންކަމުގެ ފިޔަގަނޑު ކޮށައެއްވެސް ނުލެވޭނެއެވެ. އަހަރެންގެ ހަޔާތުން އާބާބެއް ހުޅުވުމަށްޓަކައި އިޚްތިޔާރު ކުރުމަށް ކޮށަންޖެހޭ މަގު ކޮށީއެވެ.

ކަލާ ދުވަހަކުވެސް އަހަންނަށް އަނިޔާއެއް ނުދެމޭ ބުނެފާނެއެވެ. ދުވަހަކުވެސް ނުޖަހަމޭ ބުނެފާނެއެވެ. ތެދެކެވެ. ކަލާގެ ބާރުގަދަ ދެ އަތުން އަހަރެންގެ ގަޔަކު ނުޖަހައެވެ. ނަމަވެސް ކަލާގެ ވިހަބަސްތަކުން އަނިޔާދެމުންދިޔައީ އަހަރެންގެ ޒަމީރަށެވެ.

އަހަރެން މި ދިރިއުޅުމުން ނިކުތުމުން ކުރިން ދުވަހަކުވެސް އިހުސާސް ނުކުރެވޭ މިނިވަންކަމުގެ އިހުސާސެއް ކުރެވި ލޯބީގެ އާ ފުރުސަތުތަކަށް އަހަރެންގެ ނަފްސު ހުޅުވިގެން ދިޔައެވެ. އަހަރެން ކަލާގެ އަގުވަޒަންކުރާވަރަށް އަހަރެންގެ އަގުވަޒަންކުރާ މީހަކާ އަދި ބައްދަލުވާނެކަން އަހަންނަށް އެނގެއެވެ.

ހިތާމައިން އަހަރެން ކުދިކުދިވިޔަސް މިއަދު އަހަރެން މިވަނީ އަމިއްލަ ނަފުސަށް ހިތްވަރުދީފައެވެ. އަހަރެން އަބަދުވެސް ތެދުވާނަމެވެ. އެކަން އޮޅުވާނުލާށެވެ. އަހަރެންނަށް އަހަރެންގެ ނަފުސުގެ މުހިއްމުކަމެއް ނުއޮޅެއެވެ. އެކަމާ ކަލާ ޝައްކުވެސް ނުކުރާށެވެ.

އެކުގައި ހޭދަވީ ދުވަސްތަކަށް ޝުކުރިއްޔާއެވެ. އަހަރެން އެއްވެސް ހިތާމައެއް ނުކުރަމެވެ. އަހަރެމެން މި ހިއްސާކުރާ ވަކިވުމަކީ އިބުރަތެކެވެ. މި އަލްވަދާޢު ކިޔަނީ ދަސްކުރަންޖެހޭ ކިތަންމެ އެއްޗެއް ދަސްވެގެން ދިޔައީމައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *