ހަނދާންކޮށްލުމެއް

ހުރިހާ ކަމެއް އަނދިރިވެފައިވާހެން ހީވާ ފަހަރުވެސް އާދެއެވެ. ތިބާގެ ޙާލަތު ރަނގަޅެއް ނުވެ، ތިބާ ކަނޑެއްގައި  ޣަރަޤުވަނީ ހެންވެސް ހީވެއެވެ. އެހެންމީހުން ބުނާހެން ކޮންމެކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭ ބުނާކަށް ނެތީމެވެ. ކޮންމެ ކަމެއް ގޯސްވުމުންވެސް އެންމެން ބުނަނީ މިހެންނެވެ. އެކަމަކު ބައެއް ފަހަރު ހާލަތު އެހާގޯހެވެ. ތިމާގެ ހާލަތު ހިތާމައިން ހައްދުފަހަނަޅާފައިވާ ކަމުން ރަނގަޅަށް ވިސްނާށޭ ބުނިކަމުގައިވިޔަސް ގިނަފަހަރު އެހެނެއް ނުވެއެވެ.  މި ފިކުރުތައް ތެރެއިން ސަލާމަތް ވާގޮތެއްވެސް ނުވެއެވެ.

ނަމަވެސް އަޅުގަނޑުމެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، މިކަންކަމާ ނުގުޅުވާ ވާކަށެއް ނެތެވެ.  އަދި ދެން މި ފިކުރުތައް ޖެހޭނީ ހިތުގައި އުފައްދާށެވެ. އެއީ الله ޙަޤީޤަތުގައިވެސް ވަނީ ތިމަންނާއާއި އެކުގައިކަން ސިކުނޑިއަށް ވިސްނައިދިނުމެވެ. ޝައިޠާނާ ކޮންމެ މީހަކަށްވެސް ހަމަލާދޭނީ އެމީހަކު އެންމެ ނާޒުކު ވަގުތުގައެވެ. އެހެންކަމުން ތިބާއަކީ ޙަޤީޤަތުގައި ﷲއަށްޓަކައި މުހިއްމު މީހެއްތޯ ޝައްކުކުރަން ފަށައެވެ. އަހަރެން ގޯސްކަމެއް ނުކުރަމެވެ. ނުވަތަ އަހަންނަށް މިކަން ދިމާވީ ކީއްވެހެއްޔެވެ؟ އަހަރެންގެ މިހިތާމަ ތަކަކަށް ނިމުމެއް ނައެވެ. ﷲ އަހަންނަކަށް އޯގާވެރިވެ ވޮޑިއެއް ނުގަންނަވައެވެ. ހަގީގަތުގައި މިއީ ޝައިތާނާ އިންސާނާގެ ހިތުގައި އަޅުވާ މަޅިއެކެވެ.

ތިބާ ތިބާގެ ދިރިހުރުމަށް ބަލާލާށެވެ. އަމިއްލަ ނަފުސާއި މެދު ވިސްނާލާށެވެ. ތިބާގެ ހަށިގަނޑު ކޮންޓްރޯލް ކުރަނީ ކަމަށް ހީވިޔަސް ހަގީގަތުގައި އެކަން ހިނގަނީ ކިހިނެއްހެއްޔެވެ؟ އެކަމަކު ހިތް ތަޅުވަނީ ކާކު ހެއްޔެވެ؟ ފުއްޕާމޭ މަސައްކަތް ކުރުވަނީ ކާކު ހެއްޔެވެ؟ ސިކުނޑި މަސައްކަތް ކުރުވަނީ ކާކު ހެއްޔެވެ؟ އަމިއްލަ ނަފްސުގެ ތެރޭގައިވާ އުނދަގޫ އެތައް ނިޒާމުތަކެއްގެ ހިނގުން ދަމަހައްޓަނީ ކާކު ހެއްޔެވެ؟ އަދި މިހުރިހާ ކަމެއް އެއްފަހަރާ ކޯޑިނޭޓް ކުރަނީ ކާކު ހެއްޔެވެ؟

އެއީ ތިބާގެ ޙަޔާތުގެ ކޮންމެ ސިކުންތަކަށް ތިބާއަށް ކާނާ ދެއްވަމުން ގެންދަވާ ހަމައެކަނި ތިބާ ހެއްދެވި ރައްބު، الله ސުބުހާނަހޫ ވަތަޢާލާއެވެ. އެއީ ތިބާގެ ޚާލިޤެވެ. މާތް ﷲ ތިބާ ދޫކޮށްލައިފި ކަމަށް ބުނުމުގެ ހިތްވަރު އަދިވެސް ތިބާއަށް އޮންނާނެ ހެއްޔެވެ؟ މި ބިމުގައިވާ ހުރިހާ ޚަލްޤުތަކުން ތިބާ ދޫކޮށްލެވޭނެއެވެ. އެންމެ ފަހުން ތިބާ ލޯބިވާ އެންމެންވެސް ތިބާ ދޫކޮށްލާނެއެވެ. މި ދުނިޔެ ފަރުމާކޮށްފައިވަނީ އެގޮތަށް ނަމަވެސް ތިބާ ދޫކޮށްނުލައެވެ. ތިބާގެ ވެރިރަސްކަލާންގެ ތިބާ ދޫކޮށެއް ނުލައްވާނެއެވެ. ތިބާ ލަމުންގެންދާ ކޮންމެ ނޭވާއަކަށް އެކަލާނގެ ތިބާއާއެކު ވެއެވެ. ދުވަހަކުވެސް އެންމެ ހިނދުކޮޅަކަށްވެސް މި މުޅި ފުޅާ ދުނިޔޭގައި ތިބާ އެކަނި އުޅޭ ކަމަކަށް ނުވިސްނާށެވެ. އުޑުތަކާއި ބިމާއި އެދެމެދުގައިވާ ހުރިހާ ކަމެއްގެ ހިންގަވާ އިލާހު ތިބާގެ ހަށިގަނޑުގެ އެތެރޭގައިވާ މުޅި ނިޒާމު ކޮންޓުރޯލު ކުރައްވައެވެ.

سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ

މާނައީ: "އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާންދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟"

 

ނޯޓް: މިއީ، ލިޔުންތެރިޔާ ތަބާން ޤައްޔޫމް ގެ ލިޔުމަކުން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *