ވާހަކަ: ޒީލަން (ފަހުބައި)

(29 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިމީހުން ބުނާގޮތެއް ނުހަދައިފިނަމަ އަލްހެނާ ރުޅިއަންނާނެއެވެ. އެހެންކަމުން އޭނާއަށްޖެހުނީ އެމީހުން ހެދިހާ ގޮތެއް ހަދަންދީގެން ހުންނާށެވެ. އެމީހުން ޒީލަން ހެދުންއެޅުވިއެވެ. މޭކަޕްކުރުވިއެވެ. ގަހަނާއެޅުވިއެވެ. އެހުރިހާކަމެއް ކުރުވިއިރުވެސް އޭނާގެ ސިފަ އަދިވެސް ނުފެނެއެވެ. ބޮލަށްވެސް ގޮތްތަކެއް ހެދިއެވެ. ހުރިހާ ކަމެއް ނިމުމުން ޒީލަން ލޯގަނޑު ކުރިމައްޗަށް ގެންދިޔައެވެ. އޭނާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އޭނާއެކޭ އަލަތުކައިވެންޏަށް ތައްޔާރުވެފައިވާ އަންހެންކުއްޖެކޭ ތަފާތެއްނެތެވެ.

”އަޅުގަނޑުމެން ދެންދަނީ. ޒީލަން ބަލާ އަލްހެނާ މޭމް އެބަދުރުވޭ.” އެމީހުންގެ ސާމާނުތައް ހިފައިގެން ކޮޓަރިން ނިކުތެވެ.

އިރުކޮޅަކުން މީހަކު ދޮރުހުޅުވާލާފައި އެތެރެއަށްވަނެވެ.

”އަލް. މީކޮންކަހަލަ ޕާޓީއެއް. އެންމެންވެސް ލާނީ މިކަހަލަ ވެޑިންޑުރެސްއެއްތަ؟” ލޯގަނޑާ ދިމާއަށް ބަލަންހުރި ޒީލަން ވާހަކަދެއްކިއެވެ.

”އެހެންވެސް ވެދާނެ.” ޒީލަންގެ އަތުގައި މަޑުމަޑުން ހިފާލައްވަމުން ފަޒީން ބުނުއްވިއެވެ.

ޒީލަންދިޔައީ ސިއްސައިގެންނެވެ. އޭނާ އަށް މިމަންޒަރު ގަބޫލެއް ނުކުރެވުނެވެ. މީގެ ދެދުވަސްކުރިން ނުހަނު ބަލިކޮށް އޮންނެވި ފަޒީނު މިހާރު އެހުރީ ގަދަވެއެވެ. އަނެއްކާ އޭނާގެ ކުރިމަތީގައެވެ. އަލްހެނާ ބުނެފައިވަނީ އޭނާވީ މާލޭގައިކަމަށެވެ.

”ފަޒީނު މިތާނގައިތޯ؟” ޒީލަން ގެ އަތް ފަޒީނުގެ އަތުތެރެއިން ނެގިއެވެ.

”އަހަރެން މިއައީ ޒީލަން ބަލާ. ޕާޓީ މިހާރު ފެށެނީ.” ކަޅުކުލައިގެ ކޯޓެއް ލައްވައިގެން ހުންނެވިއިރު އޭނާ ނުހަނު ފުރިހަމައެވެ. ޒީލަންއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނީ އެހެންވެއެވެ.

ފަޒީނު ޒީލަންގެ އެންމެ ގާތަށް އައެވެ. ޒީލަން ގެ ފުރިހަމަކަން ފެންނަނީ އެގޮތަށް ތައްޔާރުވެލީމައެވެ. އެހާ ރީތި އަންހެން ކުއްޖެއް އޭނާ މިހާތަނަށް ދެކެލައްވާފައެއް ނުވެއެވެ.

”އަހަރެންގެ ދޮންކަނބުލޮ މިއަދު ހާދަ ލޯތްބޭ.” ފަޒީން ޒީލަންގެ އަތުގައި ހިފާލެއްވިއެވެ.

ފަޒީނު މިގޮތަށް މުޚާޠަބު ކުރެއްވުމުން އޭނާ ނުހަނުލަދުގަތެވެ. އަދި އިސްޖަހާލެވުނެވެ. އޭނާއަށް ދުނިޔޭގެ ހުރިހާ ކަމެއް ހަނދާން ނެތުނު ކަހަލައެވެ. އެއީ އޭނާއަށް ނުހަނު އަސަރު ކުރުވި ބަސްކޮޅެކެވެ. މިހާތަނަށް މީހަކު ބުނެފައިނުވާ ފޮނި ބަސްކޮޅެއްވެސް މެއެވެ.

”ޒީލަން.  އަހަރެންނާ ކައިވެނި ކުރާނަންތަ؟” ފަޒީނު އޭނާގެ ކައިވެނި ޒީލަން އަށް ހުށައެޅުއްވިއެވެ. ޒީލަން ދިޔައީ ސިއްސައިގެންނެވެ. އަދި ފަޒީނުގެ އަތުތެރެއިން އަތްދަމައިގަތެވެ.

”ނޫން އަލް…..” އަލްހެނާ އަށް ދެރައެއްދެވޭނީ ކިހިނެއްހެއްޔެވެ؟

”އަހަރެންނަކަށް ދެއަނބިން ހުއްދައެއް ނުވާނެތަ؟” ފަޒީނު ވަނީ ހިނި އައިސްފައެވެ. އަދި ޒީލަންގެ އަތުގައި އަނެއްކާވެސް ހިފާލެއްވިއެވެ. އަލްހެނާއަށް ވަދެވުނީ އެވަގުތުއެވެ. ފަޒީން އަވަހަށް އަތް ދޫކޮށްލެއްވިއެވެ.

”އަލް އަލް އަހަރެން އެއްވެސް ކަމެއް ނުކުރަން. ފަޒީނު ފަޒީނު.” ޒީލަންއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ ވަނީ ކަންބޮޑުވެފައެވެ. މިފަހަރު އަލްހެނާ އޭނާއަށް މާފު ނުކުރާނެކަން އެނގޭތީއެވެ.

”ޒީލަން މިފަހަރު ކިހިނެއްވީ.” އަލްހެނާ ހުރީ ރުޅިއައިސްފައެވެ.

”އަހަރެން. ކުރިންވެސް ބުނިން އަލްމެންނާއެކު ނޫޅެވޭނޭ. އަހަރެން ދިޔަދޭށޭ.” އޭނާއަށް ރޮވެންފެށިއެވެ.

”އަލް ދެން މިލޯބި ދޫނި ދެރަނުކުރޭ. ހުރިހާ ވާހަކައެއް ކިޔައިދީ.” ފަޒީނު ޒީލަންގެ އަތުގައި ހިފާލިއެވެ.

”ޒީލަން. އަހަރެން އުޅެނީ ކައިވެނި ކޮށްގެންނެއްނޫން.” އަލްހެނާ ބުންޏެވެ.

”ކީކޭ.” ޒީލަން ހައިރާންވިއެވެ.

”އާން. ޝައީމު ގެނައި ފޮޓޯތައް ޒީލަންއަށްވެސް މިހާރު ފެނިފައިވާނީ. އޭނާ ފަޒީން ބްލެކްމެއިލްކުރީ. އެހެންވެ އަހަރެމެންވެސް ޕްލޭނެއް ހަދާލީ ދެއްތޯ.” އޭނާ ފަޒީނަށް ދޫކޮށްލިއެވެ.

“އެހެންވީއިރު ގާޒީގެނެސްގެން ކުރީ ކީއް.” ޒީލަން އަކަށް ގަބޫލެއް ނުކުރެވެއެވެ.

”އެއީ އަހަރެންގެ ރައްޓެއްސެއް. އޭނާއާއި މަޝްވަރާކޮށްފައި ހުރިހާކަމެއް ކުރީ. އެކަމަކު ހުރިހާކަމެއް ކާމިޔާބުވީ ޒީލަންގެ ސަބަބުން.” އޭނާ ޒީލަންގެ އަތަށް ފިތާލެއްވިއެވެ.

”އަޅުގަނޑު ކުރީ ކީއް.”

”ޝައީމު ބަންދު ކުރެވުނީ ޒީލަންގެ މަސައްކަތުން. އެކަމުގައި އަހަރެމެންގެ ފޮޓޯތައްވެސް މީހަކަށް ފެނުމުގެ ކުރީން އާޒިމާ އަލްހެނާއާއި ހަވާލުކޮށްފި.”

”އާޒިމާއަކީ އަހަރެން އެމައްސަލަ ބަލަން ހަވާލު ކުރި މީހާ.” މިހާރު ޒީލަން އަށް ގަބޫލު ކުރެވުނެވެ.

”ދެންތިހުރިހާ ވާހަކައެއްދައްކާނީ ފަހުން. މިހާރު ޕާޓީއަށް މީހުން އަތުވެއްޖެ.” އަލްހެނާ ނިކުންނަމުން ބުންޏެވެ.

”މީ ކޮން ޕާޓީއެއްތޯ؟” ޒީލަންއަށް ޔަގީންނުވާތީ އެހުނެވެ.

”ޒީ. މިއީ އަހަރުމެންގެ ކައިވެނި ޕާޓީ. ކުޑައިރުކޮޅަކުން ތިއީ އަހަރެންގެ އަނބިމީހާއަށްވާނެ. އޭނާ ޖީބުން އަލިމަސް ތަނޑިގަނޑެއް ނެންގެވިއެވެ. މިއީ އަހަރެން ޒީއަށް ބާތުޑޭގައި ދޭންއުޅުނު ހަދިޔާ. އެދުވަހު ގަބޫލު ނުކުރީ. ދެން މިއަދު އިންކާރު ނުކުރާތި. އޭނާ ޒީލަންގެ އަތް ނަންގަވާ ޒީލަންގެ ގެ އަތުގައި އަޅުއްވާދެއްވިއެވެ.

”މި ތަނޑިގަނޑުގެ ރީތިކަން މިފެނުނީ މިލޯބި އަތުގައި އަޅާލުމުން.” އޭނާ ޒީލަންގެ ނިތްކުރިއަށް ބޮސްދެއްވިއެވެ.

”އަވަހަށް ހިނގާ. މިހާރުވެސް މާލަސްވެއްޖެ.” އޭނާ އަތް ދިއްކޮށްލުމުން އެއަތުގައި ހިފައިގެން ދިޔައެވެ. އޭނާއަށް ވަނީ ބަޔާން ނުކުރެވޭފަދަ އުފަލެއް ލިބިފައެވެ. ކުއްލިއަކަށް މިއެނގުނު އެއްޗިހިތަކުން އޭނާގެ ހިތް އުފަލުން ބަންޑުންދަނީއެވެ. މިފަދަ ގޮތަކަށް އޭނާގެ ދިރިއުޅުން ބަދަލުވެދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ޕާޓީގެ އެންމެހާ މެހެމާނުންގެ ކަޅިހުއްޓިފައިވަނީ ފަޒީނުމެންނަށެވެ. ހުރިހާ އެންމެން ދައްކަމުން ދިޔައީ އެދެޖޯޑުގެ ފުރިހަމަ ކަމުގެ ވާހަކައެވެ. ޚުދު ވެޑިންޑުރެސްގައިވާ އެލޯބި އަންހެންކުއްޖާގެ ރީތިވާހަކައެވެ. ޢުމުރަށްވުރެ މާހަގު ކަމަށް ދައްކާ ފަޒީންގެ ސްމާޓް ވާހަކައެވެ. ޒީލަންގެ ވާތުގައި މާބޮނޑިއެއްވާއިރު ކަނާއަތުން ފަޒީންގެ އަތުގައި ހިފަހައްޓާލައިގެން އަންނަ އިރު ހީވަނީ ފަތްމިންޏެއްހެންނެވެ. އެދޮންމޫނު ވަނީ ނުހަނު ރީތިކޮށް މޭކަޕުކޮށްލާފައެވެ. އަދި ރީތި ދިގު ބުޅި އިސްތަށިގަނޑާއި ގުޅުވާލާފައެވެ.

ފަޒީންމެން ދުރުވެ ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒުދޮށުގައި އިށީންނެވުމާއެކު ކައިވެނީގެ ކަންތައް ފެށުނެވެ. ކައިވެނި ނިމުމާއެކު ވަރަށްގިނަމީހުން އެމީހުންނާ ސަލާމްކޮށް ތައުރީފު ކުރަމުން ދިޔައެވެ. އެހުރިހާ ވަގުތުވެސް ފަޒީނު ހުންނެވީ ޒީލަންގެ އަތުގައި ހިފަހައްޓާލައްވައިގެންނެވެ. އަތުން ދޫކޮށްލަން އުޅެފިނަމަ އެއަށްވުރެ ބާރަށް އަތަށް ފިތާލައްވައެވެ. ޒީލަން ލަދުންގޮސް ވިރެނީއެވެ. ޒީލަން ތުރުތުރު އަޅާހެން ވެސް ހީވެއެވެ. ދެފައި ވާގިދޫވާހެންވެސް ހީވެއެވެ. މިހުރިހާ އެންމެން އޭނާއާއި ސަލާންކޮށް ހެޔޮއެދުންތައް އިއްވަނީއެވެ. އޭނާއަށް މިއީ ނުހަނު އާ ކަންތައްތަކެވެ.

”ޒީލަން ތިހާވަރަށް ހާސްވަނީ ކީއްވެ. އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟” ތަންކޮޅެއް މީހުން މަދުވި ވަގުތު ފަޒީން ވާހަކަދެއްކެވިއެވެ.

”ނޫން. އަޅުގަނޑު ކުޑަކޮށް ބިރުގަންނަނީ.” އޭނާ  ތުރުތުރު އަޅާ ތުންފަތް ފެނިލެއްވުމުން ހަމްދަރުދީ ވެލެއްވިއެވެ.

”އ!ޯ ދޮންދޫނީ. އަހަރެން މިހުރީ މިލޯބި ދޫންޏަށްޓަކައެއްނު. ވަރަށް އަވަހަށް ޕާޓީ ނިމިދާނެ. އޭރުން ހުރިހާކަމެއްވެސް ރަނގަޅުވާނެ.” އޭނާ ޒީލަންގެ ލޮލަށް ބައްލަވަމުން ވާހަކަދެއްކެވިއެވެ. ޒީލަން އިސްޖަހާލީ އެ ތޫނު ނަޒަރަށް ބަލަން ލަދުންނެވެ. ފަޒީނު ޒީލަންގެ އަތަށް ބާރަށް ފިތާލެއްވީ ޒީލަން އިތުރަށް ލަދުގަންނަވާ ލުމަށްޓަކައެވެ.

”ކޮބާ ޒީލަން. އަހަރުމެންގެ ސަޕްރައިޒް ކިހިނެއް.” އަލްހެނާ ވާހަކަދެއްކީ ފަޒީނު ބައިވެރި ކުރަމުންނެވެ.

”އަދި އަލްއަށް އޮތް ސަޕްރައިޒް އޮތްގޮތެއް އެނގެނީ ކިހިނެއް. ދޯ ޒީލަން.” ފަޒީނު މިފަހަރު ދިމާ ކޮށްލެއްވީ އަލްހެނާއާއެވެ.

”މިހާރު އެއޮއް ޔޮޓު އައީ.” ފާލާމާއި ކައިރިކުރި ޔޮޓު އަލްހެނާ  އެމީހުންނަށް ދެއްކިއެވެ.

”އެއީ ކީއްކުރަން.”

”މޮޔަޔާ. އެއީ ތިޔަކަނބަލުން މިރޭ ތިއްބަވަންވީ ކޮޓަރި. ތިންދުވަސްވަންދެން ޔޮޓުގައި އުޅުއްވުމަށްފަހު ދެންއަންނަ ހަފުތާގައި މޮރިޝަސްއަށް ހަނީމޫނަށް. އެނގިއްޖެތަ؟” އަލްހެނާ ޒީލަންއަށް އޮޅުންފިލުވައިދިނެވެ.

”އެކަމަކު.”

”އަދިވެސް ތިއުޅެނީ ކުރީގެ ގޮތަށް. އަވަހަށް ތިމާބޮނޑި އެއްލާލާފައި ޔޮޓަށް އަރަންދޭ. ޒީލަން ބުނަން އުޅުނު ވާހަކަ ނުބުނެވެނީސް އަލްހެނާ ވާހަކަ ދެއްކިއެވެ.

”އަލްހެނާ. ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް އަވަހަށް ސަޕްރައިޒެއްލިބޭނެ.” ފަޒީނު ހުންނެވީ ހިނިތުންވެލައްވާފައެވެ.

ޒީލަން ފަޒީނުގެ ވާތުގައި ހިފަހައްޓައިގެން ފާލަން މަތިން ހިނގާފައި ދިޔައެވެ. މެހެމާނުން، އެދެމީހުން ޔޮޓަށް އަރާތަން ބަލަން ތިބީ ނުހަނު އުފަލުންނެވެ. ޔޮޓަށް އެރުމުގެ ކުރިން  އެމީހުންނާ ދިމާއަށް އެނބުރުނެވެ. އަދި ޒީލަންގެ މާބޮނޑި އެމީހުންނާ ދިމާއަށް އެއްލިއެވެ. އެވަގުތު އެންމެންެ އެހިފޭތޯ ފުންމައިގަތެވެ. އެހުރިހާ މީހުންގެ ތެރެއިންވެސް އެހިފުނީ ތަންކޮޅެއް ދުރުގައިހުރި ރީތި ފިރިހެނަކަށެވެ. އެމީހަކު އައިސް އަލްހެނާގެ ލޯމަތީ އަތް އެޅިއެވެ.

”އަފޫ.” އަލް ހަޅޭއްލަވައިގަތެވެ.

”އަލް އަހަރެން މިއައީ. އަލް އަބަދަށްޓަކައި އަހަރެންގެ މީހަކަށް ހަދަން. އެއްބަސްތަ؟”

”އަފޫ ބޭނުންވަރަށް ފައިސާ ޖަމާކުރެވުނީތަ؟”

”ދެން ތިވާހަކަ ނުދައްކާ. ފަޒީވަނީ އަހަރެންނަށް މި ރިސޯޓު ބަލަހައްޓަން ހަވާލު ކުރައްވާފައި. ދެން ފައިސާގެ ދަތިކަމެއްނެތް. އެމީހުން އަންނަހާ އަވަހަކަށް ކައިވެނި ކުރެވޭނެ. ހަމަ މިތަނުގައި.” އޭނާ އަލްހެނާ ގަޔާލާ ބޮނޑިކޮށްލިއެވެ.

މިމަންޒަރު ބަލަން ތިބި އެންމެން ހަޅޭއްލަވައިގަތެވެ. ޒީލަންވެސް އުފަލުން ހަޅޭއްލަވައިގަތެވެ. އަދި އަތުން ހަނާ އަޅާލިއެވެ. އެވަގުތު ފަޒީން  ޒީލަން އުފުލާލެއްވިއެވެ. އަދި އަތްދަނޑި މަތީގައި ބޭއްވެވިއެވެ. މިމަންޒަރު ފެނުމުން އެންމެން އަތްތިލަބަޑި ތަޅައިގަތެވެ. އެންމެންގެ ކުރިމަތީގައި ފަޒީން ޒީލަން އުރާލައްވައިގެން ޔޮޓަށް އެރުއްވިއެވެ. މީހުންގެ ތަހުނިޔާއާއި ހެޔޮއެދުމުން މުޅިތަން ގުގުމައިގެން ދިޔައެވެ. އެތައް ހިތާމައަކަށްފަހު ޒީލަންއަށް އުފާވެރި ދިރިއުޅުމެއް ފެށުނެވެ. އޭނާގެ އެންމެ ލޯބިވާ މީހާއާއެކުގައެވެ. އަދި ހުރިހާ ހުވަފެންތަކުގައި ހަގީގީ ކުލަޖެހުމާއި  އެކުގައެވެ.

(ނިމުނީ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *