ސެލޫނަކަށް ނުގޮސް ގޭގައި ހުރެގެން ވެސް ފޭޝަލް މަސާޖެއް ކޮށްލެވޭނެ ފަސޭހަގޮތެއްކިޔައިދެން ހެއްޔެވެ؟
މިއީ ހަމަކޮންމެދުވަހަކުވެސް ކުރެވިދާނެ މަސާޖެކެވެ. މި މަސާޖް ކުރަން ފެށުމުގެ ކުރިން މޫނުގައި މޭކަޕް ހާކާފައިވާނަމަ އެ ސާފު ކުރުމަށްފަހު މޫނު ގައި މޮއިސްޗަރައިޒިން ކްރީމެއް ހާކާށެވެ.
އެއަށްފަހު މަސާޖް ކުރަން ބޭނުން ކުރާ ތެޔޮ ނުވަތަ މޮއިސްޗަރައިޒިން ލޯޝަން އަތަށް އެޅުމަށްފަހު ދެ އަތުގައި އުނގުޅާލާށެވެ. އަދި ކަރުގަޔާއި މޫނުގައި ދިގަށްވާ ގޮތަށް ހާކާށެވެ. މިގޮތަށް ހާކާއިރު ހާކާނީ މޫނުގެ ތިރިން ފެށިގެން މައްޗަށެވެ. ދެން ލޯ ކައިރީ ވަރަށް މަޑުމަޑުން ވަށްކޮށް ހާކާށެވެ. ލޯ ކައިރި ހަމަކީ އެންމެ ނާޒުކު ހަންކަމުން ލޯ ކައިރި މަސާޖް ކުރަން ބޭނުން ކުރާނީ ކަށި އިނގިއްޔެވެ.
ކަރުން މައްޗަށްވާ ގޮތަށް މަޑުމަޑުން ފަހަރަކު އަތަކުން މަސާޖް ކުރާށެވެ. މިގޮތަށް މުޅި ކަރު މަސާޖު ކުރާށެވެ. ވާތު ކަންފަތް ކައިރިން ފަށައިގެން ކަނާތު ކަންފަތް ކައިރި އާއި ހަމައަށެވެ. ދެ އަތުގެވެސް ޝަހާދަތް އިނގިލި އަދި މެދު އިނގިލި ބޭނުން ކޮށްގެން، ދަތްދޮޅިން ކަންފަތާ ދިމާއަށް ވާ ގޮތަށް ގެންދާށެވެ.
ދެން ހުރިހާ އިނގިލިތައް އެއްކޮށްލުމަށްފަހު ދެ އަތުން ނޭފަތުގެ މަތީ ކައިރިން ދެ އަރި މައްޗަށް ފިތާލާށެވެ. ދެތިން ސިކުންތު މި ގޮތަށް ފިތާލައިގެން ހުރުމަށްފަހު ދޫކޮށްލާށެވެ. އަދި އަނެއްކާވެސް ހަމަ އެގޮތަށް ފިތާލާށެވެ.
އެއަށްފަހު މަޑު މަޑުން ދެ އަތް މޫނުގެ ދެ ފަރާތަށް، ކޮލާ ވީކޮޅަށް ގެންދާށެވެ. ނިންމާނީ ކަންފަތް ކައިރިއަށެވެ. ކުޑަވާ އިނގިލިން ކަންފަތް ކައިރީ ހުންނަ ޕްރެޝަރ ޕޮއިންޓަށް ފިތާލާށެވެ. މިހެން ވެސް ދެތިން ސިކުންތު ފިތާލައިގެން ހުންނަންވާނެއެވެ.
ލޯ މަރާލުމަށްފަހު ދެއަތް އެއްކޮށް މޫނުމަތީގައިގައި ބާއްވާލާށެވެ. އަދި ސިކުންތެއް ވަންދެން ޕްރެޝަރ ވާނެހެން ފިތާލުމަށްފަހު ބާރު ދޫކޮށްލާށެވެ.
އެންމެ ފަހު ކަމަކަށް ކަނާތުން ވާތު ކަރަށް ވާންވާ ގޮތަށް މަޑުމަޑުން މަސާޖް ކޮށްލާށެވެ. އަދި ހަމަ މިހެން ވާތުން ކަނާތު ކަރުގައި މަސާޖް ކޮށްލާށެވެ.
މި މަސާޖަކީ ހަންގަނޑު އޮމާންކޮށް އުޖާލާ ކޮށްދިނުމަށް އެހީވެދޭނެ މަސާޖެކެވެ.
