މަކުނުދޫގެ ފޯރިގަދަ ބައިބޮނޑި

ހދ. މަކުނުދޫއަކީ އަބަދުވެސް ތަފާތު ރަށެކެވެ. އެމީހުންގެ މެހުމާންދާރީގެ ފުރިހަމަ ކަމަކީ މަޝްހޫރު ވާހަކައެކެވެ. އެމީހުންގެ އާދަކާދައާއި އުޅުމާއި ގުޅުމުގެ ވައްޓަފާޅިއަކީވެސް ހަމަ އެހާމެ ތަފާތުތައް ފާހަގަކުރެވޭ ކަންކަމެވެ.

ފަހަރުގައި އެއީ ރާއްޖޭގެ އެންމެ ހުޅަނގުގައި ވަކިންއޮންނަ އެކަހެރި ރަށަކަށްވާތީ ކަމަށްވެސް ވެދާނެއެވެ. މުޅި ރަށުގައި ތިބެނީ ދައްތަ ބޭބެއެވެ. އެންމެން އުޅެނީ އެއް އާއިލާއެއް ހެންނެވެ.

ބޮޑުޢީދު ފާހަގަކުރުމުގެ ގޮތުން އެމީހުން ކުރާ ވަރަށް ތަފާތު ކަމެއް އޮވެއެވެ. އެއީ ބައިބޮނޑި އެޅުމެވެ. ބައި ބޮނޑީގެ ސަގާފަތަކީ އެމީހުންގެ މެދުގައި ވަރަށް ފޯރިގައި ކުރަމުންދާ ފާޑެއްގެ ކުޅިވަރެއްނަމަވެސް އެއީ ކޮންޒަމާނެއްގައި ފެށުނު ކަމެއްކަމަށް ބުނެދޭކަށް އެ ރަށު މީހުންނަކަށްވެސް ނޭނގެއެވެ. މިކަން ފެށިފައިވަނީ މާކުރީގައެވެ. ހަނދާނަށްވެސް ނާންނަ ޒަމާނެއްގައި ކަމަށް އެރަށުމީހުން ބުނެއުޅެއެވެ. އެމީހުންގެ އެންމެ ދުރު ހަނދާނުގައިވެސް ކޮންމެ އަަހަރަކު ހައްޖުދުވަހު މި ކުޅިވަރު އެރަށުގައި އޮވެއެވެ.

" ބައިބޮނޑިއަކީ ބައިބަޔަށް އަޅަމުންދާ ފޮނި އެއްޗެއް. މި ބޮނޑި އަޅަމުންދާނީ ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އެކިއެކި ބައިބައި ނުވަތަ ގުރޫޕް ގުރޫޕަށް." ސުވައިދާ އާދަމް ފާހަގަކުރިއެވެ.

 

ބައިބޮނޑި އެޅުމަށްޓަކައި ބޭނުންވާތަކެތި ހޯދުމަށް އަންހެންވެރީން ހައްޖުވިލޭރޭ ރޭގަނޑު ނިކުންނާނެއެވެ. މިއީ ފިރިހެންވެރިންނާއި ނުހަނު ސިއްރުން ކުރާކަމެކެވެ. އެމީހުން ބޮނޑިއަށް ބޭނުންވާ ހަކުރު، ހަނޑޫ، ކާށި، ފޮނިތޮށި އަދި ކާފޫރުތޮޅި ގުރޫޕްގެ އެންމެންގެ މެދުގައި ބަހާލައިގެން ކޮންމެ ގެއަކުން ތަކެތި ނަގައެވެ. މިވަގުތު އެމީހުން ބޮޑިއަށް ބޭނުންވާތަކެތި އެއްކުރާކަން ފިރިހެނުންނަށް އެނގުމުން ބޮނޑި އަޅާނިމެންދެން ފާރަލަމުން ގެންދެއެވެ.

ހައްޖުވިލޭރޭ ހަނޑޫ ފޯކުރުމަށް ފެނުލާ، ފަތިސްވުމުން އަނެއްކާވެސް އަންހެންވެރިން ނިކުމެ ހަނޑޫދޮވެ އެއަށް ކާށިގާނާ އޭގެ ހުނި ހަނޑޫތެރެއަށް އެޅުމަށްފަހު ފުނޑާ ދާއިން ފުނޑާ ހިމުންކުރެއެވެ. ދެން ކާރޫފުތޮޅިިއާއި ފޮނިތޮށިއަޅާ އަނެއްކާވެސް ފުނޑާ ހިމުންކުރެއެވެ. ދެން ރާނބާފަތުފެނާއި، ހަކުރާއި ފުނޑާފައިހުރި ހަނޑޫ އެއްކޮށް ރަނގަޅަށް ގިރުވައެވެ. އެއަށްފަހު ގިރުވާފައިހުރި ތަކެތި ބޮޑެތި ތާސްތަކަށްއަޅައި ދަރުއުނދުނުގައި ހިލަން ފަށައެވެ. އޭރު ހުންނާނީ މެންދުރުވާން ގާތްވެފައެވެ. މި ހުރިހާވަގުތުވެސް ފިރިހެންވެރިން ސިއްރުސިއްރުން އަންހެންވެރިންގެ މަސައްކަތް ބަލަމުން ގެންދާނެއެވެ. އުމުރުން ދުވަސްވީ އަންހެނުން ތުއްތުކުދިން ގޮވައިގެން އެ ސަރަހައްދުގައި އުޅޭނެއެވެ.

އުމުރުން ދުވަސްވީ ފިރިހެނުން ލަވަކިޔުމާއި ބެރުޖެހުންފަދަ ކަންކަންކޮށް ފޯރި ދެމުންދާނެއެވެ. ބޮނޑި ހިލާ ނިމުމުން ތެލިތަކަށް އުނިފަތްއަޅާ އޭގެ މައްޗަށް ހިލާފައިވާ ފުށްގަނޑު ބޯކިބަލެއްހެން އަތުރާ އޭގެ މަތިޖަހާ މައްޗަށް އަލިފާންއަޅާ ފިހާނެއެވެ. ފިހެ ނިމުމުން އަންހެންވެރިން އެ ބޮޑި ފޮރުވާނެއެވެ. ދެން އޮންނާނީ ފިރިހެނުން އެ ބޮނޑި ހޯދުމެވެ. ބޮޑި ހޯދުމަށްފަހު ބޮނޑި ނަގާ އެ ބޮޑިއަށްވާ އަގު އެ ބޮޑީގެ ވެރިފަރާތާއި ހަވާލުކުރާނެއެވެ. އޭރުން ފިރިހެނުން މޮޅުވީއެވެ. ނަމަވެސް ތަކުބީރު ނިމޭދުވަހަށް ފިރިހެނުންނަށް ބޮނޑި ނުފެނުނުނަމަ އަންހެނުން ބޮނޑި ފޮރުވަން ލާފައިވާ ތަނުންނަގާ ބޮނޑި ފަޅާ އެންމެންނަށް ބަހާނެއެވެ. އޭރުން އަންހެނުން މޮޅުވީއެވެ.

"ބޮޑިއަޅަމުން ދިޔަގޭ ފިރިހެންކުއްޖެއް ހަމަ ވަރަށް ބަލިވީކަމަށް ހެދިގެން ގޭގައި އޮތީ. ފަތްޖެހެނދު ކައިރީގައި މޫނުބަލާ ލޯގަނޑެއް ބަހައްޓައިގެން ބަދިގޭގައި ބޮނޑި ފިހެވެމުންދާ މަންޒަރު ބަލަމުންދިޔައީ. ބޮނޑީގެ ހުރިހާ ޚަބަރެއް އޭނާ ދިޔައީ އަހަރެމެންނަށް ދެމުން. އޭރު ޖެހިގެން ހުރިގޭ ރުއްގަހުގައި ފިރިހެންވެރިން ފާރަޔަށް ބޭތިއްބިން. ބޮނޑިފިހެ ފޮރުވާންދެން އެގޮތުގައި އަހަރެމެން ތިބިން. ބޮނޑި ފިހެ ރަނގަޅަށް ފޮރުވުމުން އަހަރެމެން އެ ބޮނޑި ސިއްރުން ނެގިން. އެއަށްވާ އަގު އަހަރެމެން އެގޭ ބަދިގޭގައި ބެހެއްޓިން. މިއީ ވަރަށް މަޖާ އަދި އެކުވެރިކަން ބަދަހިކޮށްދޭ ކުޅިވަރެއް." ކުރީގައި ބޮނޑިއަޅަމުން އައިގޮތުގެ ތަޖުރިބާ ހިއްސާކުރަމުން ޢަބްދުލްޣަނީއާދަމް 67 (އ) ބުނުއްވިއެވެ.

މިހާރު ސޯޝަލް މީޑިޔާގެ ދައުރު ވަނީ މި ކުޅިވަރުގެ ތެރެއަށް ވަދެފައެވެ. ބޮނޑީގެހަރަކާތްތައް ފެށުމާއިއެކު ރަށުގެ ގިނަކުދިން ދިޔައީ އޭގެ ވާހަކަތައް މީޑިޔާގައި ހިއްސާކުރަމުންނެވެ. ރަށަށް ނާދެވިތިބި ރަށުކުދީން ދިޔައީ މި ހަރަކާތްތަކަށް ތަރުހީބުދެމުންނެވެ. މީޑިޔާގައި ބޮނޑި ހިލާ ގޭގެ ލިސްޓްވެސް ދަނީ ދައުރު ކުރަމުންނެވެ.

ބައިބޮނޑީގެ ކުޅިވަރަކީ މިރަށުގައި ކުރާ ތަފާތު ކަމެކެވެ. މަކުނުދޫއަކީ ހަމަ ތަފާތު ރަށެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *