ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޢަރަފާތްދުވަހެވެ.

އަހުރެމެން ވޭތުކުރަމުން މި ދަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. މިއީހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެކެވެ. މިއީ ތަގުވާވެރިވުމުގެ ދުވަސްތަކެވެ. ކުރެވިފައިވާ ފާފަތަކުން ތައުބާވުމުގެ ދުވަސްތަކެކެވެ.
ހެޔޮ ޢަމަލު ކުރުން ގިނަކުރަންވީ ދުވަސްތަކެވެ. އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމުގެ ދުވަސް ތަކެކެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.  "ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެ ވެސް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަމުގެ ގޮތުން އިތުރުވެގެން ވެއެވެ. ނަމަވެސް ރޭތަކުގެ ތެރެއިން، ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކަށް ވުރެ މާތްވެގެންވެއެވެ."

ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް، ނުވަތަ ޢަރަފާތް ދުވަހެވެ. އެ ދުވަހު ޢާރަފާތުގެ ބިމަށް ޖަމާވެފައިތިބޭ ޙައްޖުވެރިންގެ ފާފަތައް މާތް ﷲ ފުއްސަވައި ދެއްވައެވެ. އެއީ ފާފަ ފުއްސެވުމާއި ޢަފޫ ކުރެއްވުމުގެ ދުވަހެވެ. ނަރަކައިންދިންނަވައި މުއްތިކުރެއްވުމުގެ ދުވަހެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. "ޢަރަފާތް ދުވަހަށްވުރެ، ގިނައިން ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަހެއް ނުވެއެވެ."

ޙައްޖު ދުވަހަކީ، ޙައްޖުމަހުގެ ނުވަ ވަނަ ދުވަހެވެ. އެދުވަހަކީ މާތް ﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން، އެކަލާނގެ އިލާހުވަންތަކަމަށް ޢަހުދު ކަށަވަރުހިތްޕެވި ދުވަހެވެ. މިކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ ۛ شَهِدْنَا ۛ أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَٰذَا غَافِلِينَ ‎, ‏ أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّن بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ ﴾ މާނައީ: ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރި ރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ ޤިޔާމަތް ދުވަހުން ތިޔަބައިމީހުން ބުނާނެ ކަމަށްޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ޝަރީކުކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، ބާޠިލު ގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކު ކުރައްވަނީތޯއެވެ؟"
މާތް ﷲ ގެ އޯގާވަންތަކަމާއި، ތަނަވަސް ރަޙުމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް ޢަރަފާތް ދުވަހުގެ ޘަވާބުން މަޙުރޫމެއް ނުވެއެވެ. ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތް ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެން ވެއެވެ. އަދި މާތް ﷲ ހަނދުމަކޮށް، ދުޢާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރަން މޮޅު އިތުރުވެގެންވެއެވެ. އަރަފާތް ދުވަހު ރޯދަ ހިފުމަކީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް  އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުން ސާބިތުވެއެވެ.

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *