ވާހަކަ: ތަގުދީރު (5 ވަނަބައި)

"ޝާމު ތިއުޅެނީ ނުހާގާތު ނުބުނެތަ؟ ތިހާބޮޑު އޮޅުވާލުމެއް އޮޅުވާލާކަށް ނުވާނެއެއްނު." ރިފާ ފޫހި ފާޑަކަށް ބުންޏެވެ. އެވަގުތު އެމްބިއުލެންސް އަތުވެއްޖެއެވެ. ހާސްކަމާއި ކަންބޮޑުވުމާއެކު އަހަރެމެން ވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ހޮސްޕިޓަލުން އާއިލާ މީހުންނާއި ބައްދަލުވިއެވެ. އެމީހުންނާއި ނުހާ ހަވާލު ކުރުމުފަށްފަހު ނުހާއަށް ވީގޮތެއް ބެލުމަށް ދުރުގައި ހުރީމެވެ. ޑޮކްޓަރު ބުނުއްވީ ނުހާގެ ކިޑްނީ ފެއިލް ވީކަމަށެވެ. އާއިލާގެ ފަރާތުން އެނގުނުގޮތުގައި ނުހާގެ އެއްކިޑްނީ ވަނީ ކުރިންވެސް ފެއިލް ވެފައެވެ. ދެވަނަ ކިޑްނީއަށްވެސް މާގިނަ ދުވަހެއް ނުވާނެކަމަށް ބުނެފައިވެއެވެ. ވީހާވެސް އަވަހަކަށް ކިޑްނީއެއް ނުލައްވައި ފިއްޔާ ފުރާނަޔަށް ނުރައްކާވާނެކަމަށް ޑޮކްޓަރު ބުނުއްވިއެވެ. އާއިލާގެ މީހުން ނުހާއަށް ކިޑްނީއެއް ލިބޭތޯ އަތް ފުނާއަޅަމުން ދިޔައެވެ. ފައިސާ ހުރެގެން ކަމެއް ވާނެނަމަ ނުހާއަށް ކިޑްނީއެއް ލިބެންވާނެއެވެ.

"ޝާމް. ނުހާއަކީވެސް އުންމީދެއް ނެތް ކުއްޖެއް. އެއީ އަހަރެންގެ ވަރަށް ގާތްކުއްޖެއް. އޭނާއަށް ޝާމްގެ ސަބަބުން ދެރަގޮތެއް ވެއްޖެނަމަ އަހަރެން ކަލޭ ދުލެއް ނުކުރާނަން. އަހަރެން މިދަނީ އެމީހުންގެ މަންމަގެ ގާތު ޝާމްގެ ވާހަކަ ބުނަން." ރިފާގެ ބޮޑާކަމާއި ކިބުރުވެރިކަން މީން ދުވަހަކު ނުފެންނަ ވަރަށް އޭނާގެ ކިބައިން ފެންނަމުން ދިޔައެވެ.

ޑޮކްޓަރުގެ ހިތާމަވެރި ބަސްތަކާއި ރިފާގެ ވިހަ ބަސްތަކުން އަހަރެންގެ ހިތް ހީވީ ކަތި ލެވުނުހެންނެވެ. ނުހާގެ އުފާވެރިކަމާއި ޚިޔާލެއް ފިކުރެއް ނެތް ދިރިއުޅުމުން އަހަރެންނަށް ދިރިއުޅުމުގެ ކިހާ އުފަލެއް ގެނެސްދިން ހެއްޔެވެ؟ ދިރިއުޅުމުގައި އުންމީދުގެ ހުޅުކޮޅެއް ރޯވީ ނުހާގެ ސަބަބުންނެވެ. ކުރީރެއަކު ނުހާ ވާހަކަދައްކަމުން ބުނި ފުރިހަމަ ސިއްހަތެއްގެ މުހިންމު ވާހަކަޔަކީ އެވާހަކަކަން އަހަރެންނަށް އެނގުނެވެ. އަހަރެން ވަރަށް ބޮޑަށް ދެރަވިއެވެ. މަޑުމަޑުން ނިކުމެގެން ގެއަށް ދިޔައީމެވެ.

ގޭގައި އަހަންނަށް ހަމަޖެހުމެއް ނުލިބުނެވެ. ނުހާގެ ހަނދާންތަކުން އަހަރެންގެ ހިތް ރޮއްވަނީއެވެ. އޭނާގެއަދާތަކުން އަހަރެންގެ މޭ ތޮރުފަނީއެވެ. އަހަރެންގެ ގައިން އެއްބައި މަދުވާހެން ހީވާންފެށިއެވެ. އަނެއްކޮޅުން ރިފާގެ ޖެއްސުންކުރުމާއި އޭނާގެ އުނދަގޫތަކުން އަހަންނަށް ހަމަ ނިދިވެސް ލިބެނީކީ ނޫނެވެ. އޭނާ އަހަރެންގެ މަރުބަލީގެ ވާހަކަ ދައްކައިފިނަމަ ދެންވާކީ ކިހިނެއްބާވައެވެ؟ އެންމެންފަދައިން ނުހާވެސް އަހަރެން ދޫކޮށްލާފައި ހިނގައިދާނެކަމުގެ ބިރުން އަހަރެން ހާސް ވަމުން ދިޔައެވެ.

ނުހާ ގެއަށް ދޫކޮށްލި ޚަބަރު އަހަރެންނަށް އިވުނެވެ. ވަރަށް ހިތްވަރު ކޮށްފައި އަހަރެން ނުހާމެންގެއަށް ދިޔައީމެވެ. ދޮރުގައި ޓަކިޖަހާލުމުން ދޮރުހުޅުވީ ނުހާގެ ރައްޓެއްސެކެވެ. އަހަރެން ދިއުމުން ނުހާ ގާތު ތިބި ރައްޓެހިން ނިކުތެވެ.

"ނުހާ ތީ ވަރަށް ގޯސްކުއްޖެއް. ކީއްތަވާނީ އެއްފަހަރު ނަމަވެސް އަހަރެން ގާތު ބުނެލި ނަމަ." އަހަރެން ބުނީމެވެ.

"ކީއްކުރަން. އަހަރެން މަރުވާން އުޅެނިއްޔޭ ބުނަން ވަރަށް ފޫހިވޭ. އެއީ އަހަރެން އަޑުއަހާ ހިތް ވާކަހަލަ ވާހަކައެއް ނޫން. ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެ. އެހެންކަމުން ހިތްހަމަޖައްސައިގެން އުޅުމެއްނު ރަނގަޅީ. އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން ޝާމަށް އަހަރެންގެ ބަލި އެނގުމުން އަހަރެން ދޫކޮށްލާފަ ދާކަށް." އޭނާއަށް ރޮވެންފެށިއެވެ. އޭނާ ނުރޯން އުޅޭކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އައެވެ.

"އޭތް. ނުރޮއި ހުއްޓާލާ. އަހަރެން ދުވަހަކުވެސް ނުހާދޫކޮށެއް ނުލާނަން."  އަހަރެން އޭނާ ގަޔާ ކައިރި ކޮށްލީމެވެ. އޭނާގެ ދެލޯ ފޮހެދިނީމެވެ. ނަމަވެސް އަހަރެން މަރާދެކޮޅަށް ހަނގުރާމަ ކުރަމުންދާކަން އޭނާއަށް އަންގާކަށް ބޭނުމެއް ނުވިއެވެ. އަހަރެންނަށްވެސް އެވަގުތު ރޮވުނެވެ.

ދުވާލުގެ ވަގުތު ތަކުގައިވެސް ނުހާޔާއެކު އެގޭގައި އަހަރެން ވަގުތު ހޭދަކުރަމުން ދިޔައީމެވެ. ކޮންމެ ދުވަހަކު ނުހާ ޑަޔަލިލިސް ހަދާއިރު އަހަރެން ދުރުގައި ބަލަން ހުންނަމެވެ. އަހަރެންގެ ބަލީގެ އެއްވެސް ކަމެއް އޭނާއަކަށް އަދިވެސް ނޭނގެއެވެ. އޭގެފަހުން ރިފާއެއްވެސް ނުދެކެމެވެ. އޭނާ ރަށަށް ދިޔައީ ކަމަށްވެދާނެއެވެ.

ދުވަހަކަށްފަހު ދުވަހެއް އަހަރެމެންގެ ގުޅުން ވަރަށްބޮޑަށް ގާތްވަމުން ދިޔައެވެ. އެކަކު އަނެކަކާ ނުލާ ނޫޅެވޭ ވަރުވިއެވެ. ކެވެނީވެސް އެކުގައެވެ. ނިދެނީވެސް ވާހަކަދައްކަން ތިއްބައެވެ. އަހަރެންގެ ހަޔާތަށް މުޅިން އާ އުފާވެރި ދުވަސްތަކެއް ލިބެމުން ދިޔައެވެ.

ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް އަހަރެމެން ތިބީ ހަމަ ރާޅުގަނޑު ސަރަހައްދުގައެވެ. އަހަރެން ނުހާގެ މޫނަށް ވަރަށް ގާތުން ބަލާލީމެވެ. އެލޯބި މޫނު މިހާރު ވަނީ ފާޑަކަށް ދުޅަވެފައެވެ. ކޮންމެ ދުވަހަކު ލޭބަދަލުކުރާތީ އަނދާފައެވެ. ގައިގާ ފާޑެއްގެ ލައްތަކެއް ޖަހާފައެވެ. އަހަރެން ބަލާލި ގޮތުން ނުހާއަށް ވަރަށް އަސަރުކުރިއެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ކުރިމަތީގައި އޭނާ ހިތްއެދޭ ވަރަށް ރޯން ފެށިއެވެ. އަހަރެންގެ ގައިގާ ލައްވެލައިގެން ވަރަށް ގިނައިރު ރުއެވެ. އަހަރެންނަށް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ ހެއްވާލެވޭތޯ ބެލީމެވެ. އެކަން ކާމިޔާބުވެސް ވިއެވެ.

އަހަރެމެން ދެމީހުން އެކުގައި ވަރަށް ސަކަރާތް ޖެހީމެވެ. ހަޅޭއްލަވާ ދުވެ ހެދީމެވެ. ކުއްލިއަކަށް ނުހާ ބަނޑުގައި އަތްއަޅާ ތިރިވަމުން ދިޔައެވެ. އެމަޖެންސީކޮށް ނުހާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އައިސީޔޫގައި އެޑްމިޓް ކުރަންޖެހުނެވެ. އަހަރެންގެ ހިތް ކުދިކުދިވަމުން ދިޔަހެން ހީވިއެވެ. ހިތްދަތިކަމުން ހިތް ހަލާކުވަމުން ދިޔައެވެ. ނުހާ ކަހަލަ ލޯބި ލޯބި ކުއްޖަކަށް އެފަދަ ބޮޑު ބައްޔެއް ޖެހުނީތީ އަހަރެންނަށްވެސް ރޮވެމުން ދިޔައެވެ. އެހާ ރީއްޗަށް ކުޅެން އުޅުނު ކުއްޖަކަށް އެއީ އެއްވެސް އިންސާފެއް ނޫނެވެ. އެމަންޒަރު ބަލަން ކެތް ނުކުރެވިގެން އަހަރެން ގެއަށް ދިޔައީމެވެ. ފެންވަރައިގެން ނަމާދު ކުރަން ފެށީމެވެ. އަހަރެންނަށް ނަމާދުގައި ކުރެވުނީ ކިތައް ރަކުއަތް ކަމެއްވެސް ނޭނގެއެވެ. ކޮންމެ ނަމާދެއް ފަހުގައި ކުރެވޭ ދުޢާގައި ނުހާއާއި އަހަންނަށް ޝިފާދެއްވާތޯ އާދޭސް ދަންނަވަމުން ދިޔައީމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކުއްތަން ވެވުނުލެއް ބޮޑުކަމުން އަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތައް ކޯތާފަތުން ފައިބައިގެން ލައިގެން ހުރި ގަމީސް ތެންމަމުން ދިޔައެވެ. މުސައްލަ މަތީގައި އަހަރެންނަށް އިނދެވުނީ ކިހާއިރެއް ކަމެއް ނޭނގެއެވެ. އަހަންނަށް އެގޮތުގައި އިންދާ ނިދި ޖެހުނު ކަންވެސް އެނގުނީ އަހަންނަށް ފޯނެއް އައުމުންނެވެ. ނުހާއަށް މިހާރު ވާހަކަ ދެއްކޭވަރު ވެއްޖެކަމަށް ބުނުމުން އަހަރެން އަވަސް އަވަހަށް ހޮސް ޕިޓަލަށް ދިޔައީމެވެ.

ދަންވަރުގެ ވަގުތުކަމުން ހޮސްޕިޓަލުގައި މީހުން ވަރަށް މަދެވެ. ނުހާ ވަނީ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވިފައެވެ. ނުހާގެ މައިންބަފައިންނާއި ހެޔޮއެދޭ އެންމެން ތިބީ އަހަރެންގެ އިންތިޒާރުގައި ކަހަލައެވެ. އެންމެން ދަނީ ކުށްވެރިއަކަށް ބަލަމުން ދާހެން އަހަރެންގެ މޫނަށް ބަލަމުންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އިހުސާސް ވަމުން ދިޔައެވެ. އަނެއްކާ ނުހާއަށް ގޮތެއް ވީބާވައެވެ؟ ނޫނީ އަހަރެންގެ މަރުބަލީގެ ޚަބަރު ރިފާ އެމީހުންނަށް ދިނީބާވައެވެ؟ ވާންއުޅޭ ގޮތެއް ނޭނގޭތީ އަހަރެން ހުރީ އިންތިހާއަށް ހާސްވެފައެވެ.

"އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާތި؟ ކަލޭ ހީކުރީ ކަލޭގެ ހުރިހާކަމެއް ސިއްރުކޮށްގެން ނުހާޔާއެކީ އުޅެވޭނެ ކަމަށްތަ؟ ކަމެއްވީމާ ދޯ އަހަރެންވެސް ކަލޭއާއި ވަކިވީ. ކަލޭގެ ބަލީގެ ވާހަކަ އަހަރެން އެންމެންނަށް ކިޔައިދީފިން." ރިފާ ހަޅޭއްލަވައިގަތުމުން އަހަރެންގެ ބޮލުގައި މީހަކު އެއްޗަކުން ޖެހިފަދައެވެ.

"ރިފާ ރަށަކަށް ނުދަންތަ؟" އަހަރެންނަށް ބުނެވުނީ އެންމެ ޖުމްލައެކެވެ.

"އަހަރެން ނުހާ ރަނގަޅުވީމަ ދާނީ." ރިފާ އަޑުގައިވަނީ ކިބުރުވެރިކަމެވެ.

ނުހާ ބަލިވެފައި އޮއްވާ އެޚަބަރު އަނެއްކާ ނުހާއަށް ނުދޭށޭ ބުނެ އަހަރެން އާދޭސް ކުރީމެވެ. އޭނާ ބަލިވެފައި އޮއްވާ އަހަރެންގެ ބަލީގެ ވާހަކަ ބުނެފިނަމަ އިތުރަށް ގޯސްވެދާނެތީ އަހަރެން ކަންބޮޑުވިއެވެ. ނުހާގެ ބައްޔަށް އިތުރު ބޮޅެއް އެޅުމަކީ އަހަރެންނަށް ޤަބޫލު ކުރެވޭނޭ ކަމެއްނޫނެވެ. އެނބުރި ދާން ނިކުންނަމުން ހިތްވަރުކޮށްފައި ރިފާގާތުގައި މަޑުކޮށްލީމެވެ.

"ނުހާއަށް ދެރަގޮތެއް ނަހަދާނަން ކަމަށް އަހަރެން ވަޢުދުވަން. އެއީ ނުހާއަށް ރަނގަޅުގޮތްކަމަށް ވާނަމަ އަހަރެން އަބަދަށްޓަކައި ނުހާއަށް ނުފެންނަ ހިސާބުގައި ވެސް ހުރެދާނަން. އޭނާއަކީ އަހަރެން މަރުގެ ތުންފަތްމަތީގައި މަރަށް އިންތިޒާރު ކުރަމުން ދަނިކޮށް ދިރިއުޅުމުގެ ކުލަތަކެއް ވާކަން ދަސްކޮށްދިން ކުއްޖާ. އެއީ ހިތާމައިގެ ސާލު އޮޅާލައިގެން އޮއްވާ ހިނިތުންވާން ދަސްކޮށްދިން ލޯބި ލޯބި ކުއްޖާ. އެއީ ރިފާކަހަލަ ފިނޑިއެއް ނޫން. އެއީ ރިފާކަހަލަ މަރަށް ބިރުން ފިލަން ދުވާ އަމިއްލަ އެދުމުން ފޯވެފައިވާ ކުއްޖެއް ނޫން. އަހަރެން މިހާތަނަށްވެސް ދުނިޔޭގައި މި ހުރެވެނީ އެ ހިތްވަރުގަދަ ކުއްޖާގެ ހިތްވަރާއި ނުގުޑާ ޢަޒުމުގެ ހަރުދަނާކަމުން ހިތްވަރު ހޯދައިގެން. ނުހާގެ މަންމާ. އަހަރެން އެންމެ ފަހަރަކު ނުހާއާއި ބައްދަލު ކޮށްލަން ފުރުސަތެއް ދީ. އޭރުން އަހަރެން ހިނގައިދާނަން. އަބަދުގެ އަބަދަށް ނުހާ ނުފެންނަ ހިސާބަށް ރަށަށް ހިނގައިދާނަން. އޭރުން ދެތިންމަހެއްގެ ތެރޭގައި އަހަރެން މަރުވެދާނެ. ނުހާއަށް އަދި ތި އާއިލާއަށްވެސް ނޭނގި އަހަރެންގެ ހަށިގަނޑު ފަސްއަޅާ ފޮރުވާލެވިދާނެ. އެކަމަކު ވަދާޢުގެ ސަލާމް ކޮށްލުމުގެ ފުރުސަތު އަހަންނަށް ދީ."

އަހަންނަށް ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. އަޑުބެދިގެން ވާހަކަ ނުދެއްކުނު ވަގުތު ކޮޅެއްވެސް ދިޔައެވެ. އަހަރެންގެ މޭ ހީވަނީ ފިސްފިސްވަމުން ދާހެންނެވެ. އެވަގުތު ނުހާ މަންމަ އައެވެ. މަންމަ އެދުމުގެ މަތީން ނުހާގެ ގާތަށް އަހަރެން ދިޔައީމެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *