ވާހަކަ: ލީޝަން (ފުރަތަމަބައި)

އެ ދެކުދިންވެސް ތިބީ ބާވެ، ހަސްނެތިފައިވާ މުންޑެއްގެ ދެކޮޅުގައި ހިފައިގެން މޫދުތެރެއަށް ޖަހައިގެން ލަވަމުންދާ މަސްތައް މުންޑުގެ ގޮނިތެރެއަށް ވަދޭތޯ އަވަދިނެތި މަސައްކަތް ކޮށްކޮށެވެ. އޭރު ރާޅު ޖަހާ ފަށުގައި ބުރިކޮށްލާފައިވާ ފުޅިބުރިއެއް ހިފައިގެން ހުރި ޅަވަރެއްގެ ފިރިހެން ކުއްޖަކު އަނެއް އަތުން އޭނާގެ ފަޓުލޫނު ލޮނުގައި ޖެހިދާނެތީ ހިއްލައިގެން ހުއްޓެވެ.

"ތަންކޮޅެއް މަޑުން އާދެގާ، ކަލޭ މާބާރަށް އަންނާތީ ހުރިހާ މަސްތަކެއް ބޭރަށް ދަނިއްޔޭ" މޫދުގައި ކައްޓަފުޅި ހިފަން ތިބި ދެކުދިންގެ ތެރެއިން ބޮޑަށް ހުރި ފިރިހެން ކުއްޖާ ބުންޏެވެ.

ޝައުގުވެރިކަމާއެކު މަސްހިފަންތިބި މިކުދިންގެ ތެރެއިން ކުއްލިއަކަށް އެތަނުން އެއްކުއްޖަކު މުންޑު ދޫކޮށްލާފައި ދުއްވައިގަތީ އޮޑިހަރުގެ ކައިރިން ދެބައި އުމުރުގެ ފިރިހެނަކު އެދިމާއަށް އަންނަތަން ފެނުނީމައެވެ. ބާލަން ތައްޔާރު ކުރަމުންދާ އޮޑި ކައިރީގައި އޮތް ރިތެއް ހިފައިގެން އެމީހާ މޫދާ ދިމާއަށް އަންނަނީއެވެ.

"މުހަންމަދާ، ކަލޭގެ ބައްޕަ އެބައާދޭ." ބާކީތިބި ކުދިންވެސް ދުއްވައިގަންނަމުން ތަންކޮޅެއް ބޭރުގައި މޫދަށް އެރެ ތިބި ކުދިންނަށް ގޮވާލިއެވެ.

ފީނާލާފާ މައްޗަށް އެރިއިރު ބަރިބަރިއަށް އޮޔާ ދެމެމުންދާ ކަރުގޮހޮރުތަކުގެ ތެރެއިން މުހަންމަދު ބޯ ހިއްލާލިއެވެ. އޭރުވެސް  ރޭގެ މަސްތައް ކަރު އަޅައިގެން އުކާލާފައިވާ ކަރުގޮހޮރުތައް ކުނިވެ ފުފިގެން އޮޔާ ދަތުރު ކުރަމުން ދެއެވެ. އަޑީގައި ފީނާލާ މައްޗަށް އެރިއިރު ބޮލުގައި އޮތް ކަރު ގޮހޮރުގަނޑު ނައްޓާލަންވެސް ނޭނގި މުހަންމަދު އޭނާގެ ބައްޕައާ ދިމާއަށް ބަލާލެވުނީ ބިރުވެރިކަމާއި ޖެހިލުން ވުމާއެކުއެވެ.

"ހަމަ މިހާރު އެއްގަމަށް އަރާ. މިހާރު އެހަރަ ބާރަޖަހަނީ. ހުކުރު ވަގުތު ޖެހޭކަމެއްވެސް ނޭނގޭދޯ."  އޭނާގެ އަތުގައި އޮތް ރިތުން މޫދުގައި ބާރަށް ޖެހުމުން އޭގެ އަޑުފަށްގަނޑު މާދުރަށް ދިޔައެވެ. މިކަމާ މޫދުގައި ތިބި ހުރިހާ ކުދިންވެސް ބިރުން އެއްގަމަށް އެރިއެވެ. އެކުއްޖަކަށް ދެވޭ އެންމެ އަވަހަކަށެވެ.

"މާދަން ފުރަންޖެހޭ ކަމެއް ދަރިފުޅު ހަނދާނެއް ނެތްތަ؟ މުހަންމަދުގެ މަންމަ އޯގާތެރިކަމާއެކު އަހައިލިއެވެ.

މުހަންމަދު ކިޔަމަންތެރިކަމާއެކީ ބޯޖަހާލިއެވެ. މާލެ ދާންޖެހޭތީ އޭނާހުރީ އުފާވެފައެވެ. ކިޔަވައިގެން މޮޅުމީހަކަށް ވުމަކީ އޭނާގެ އުންމީދެވެ.

މި ފޮނި އުންމީދު ހަގީގަތަކަށް ހެދުމަށްޓަކައި ޖެހިގެންއައި ދުވަހު މަސައްކަތް ފެށުނެވެ. ދެބައި އުމުރަށް ގޮސްފައިވާ އޭނާގެ މަންމަ މުހަންމަދުގެ  އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ. އެއީ އިރުވައިގެ ހޫނުގަދަ ދުވަހެކެވެ. އަތިރިއަށް ނިކުތުމުން ދޭތެރެދޭތެރެއިން ޖެހިލާ ފިނިވައިރޯޅިން ހިތްފުރިދާހާ ހަމަޖެހިލުމެއް ގެނުވައެވެ. އޭރު އަތިރިމައްޗަށް  އެއްވެފައިވާ އެންމެންނަކީވެސް އެމީހަކާ ގުޅުންހުރި ކޮންމެވެސް މީހަކު މާލެ ފުރާތީ އައިސްތިބި ބައެކެވެ. މުހަންމަދު ގޮޅިޖެހި ގަމީހަކާ ތަނބިކައްޓާ ހަމައަށް އަރާ އާދައިގެ ވަރަށްވުރެ ކުރު ފަޓުލޫނެއް ލައިގެން ހުރިއިރު  އޭނާއަށްވުރެ ހަގު ދެއަންހެން ކުދިންނާއި ފިރިހެން ކުއްޖެއް ހުއްޓެވެ. އެކުދިންވެސްވަނީ އޭނާ ލާފައިވާ ހެދުމަށް ވުރެ ދެރަ ހެދުމެއް ލާފައެވެ.

"ދޮންބެ ގޮސްފާ އަޅުގަނޑަށް ފަތިސް ހަނދުވަރު ވާހަކަ ފޮނުވަދެއްޗޭ."  އެތަނުން ބޮޑަށް ހުރި އަންހެން ކުއްޖާ ބުންޏެވެ.

"ޝިޔާރާ. ދޮންބެ އެދަނީ ކިޔަވާށޭ. ދޮންބެގާތު އެއްޗިއްސަށް ކިޔާކަށް ނުވާނެއެއްނު. ދޮންބެއަށް ލާރިލިބޭނީ ކިހިނެއް؟" ސުވޭދާ އަބަދުވެސް ދަރިންނަށް ވިސްނައިދެއެވެ.

މަހަށްގޮސްގެން އެކުދިންގެ ބައްޕަ އަދުނާނު ހޯދާ މަދުފައިސާކޮޅުން އޭނާ ދެކޮޅުޖައްސަނީ އޭނާގެ ގިނަކަންތަކެއް ގުރުބާން ކުރަމުންނެވެ. ކުދިންނަށްވެސް އޭނާ ވިސްނައިދެނީ މާ ބޭނުން ނޫން އެއްޗިއްސަށް ނޫނީ ނޭދުމަށެވެ. އެހެންކަމުން އެ އާދައިގެ މިނިވަން ދިރިއުޅުމެއް އުޅެން އެކުދިންނަށްވަނީ އާދަވެފައެވެ. ގަދައަޅާ ކިޔަވަން ކުރާމަސައްކަތާއި މަދަރުސާގައި ހޯދާ ކާމިޔާބީއަކީ އެދެމަފިރިންގެ ނަމޫނާ ތަރުބިއްޔަތެވެ. ލިބޭމިންވަރަށް ޝުކުރުކުރުމާއި ހަތަރުބެއިންގެ މެދުގައިވާ ލޯތްބާއި ގުޅުމަކީ މަކުނުދޫ އެންމެން ދަންނަ ކަމެކެވެ.

"މުހަންމަދާ ދަރިފުޅާ! ދެން ބައްތެއްޔަށް އަރަން ހިނގާ."

ވަށައިގެން ކުނަލެއް އޮޅާލައިގެން ބަނދެފައިވާ ތަންމަތި ބޮނޑިއެއް ކިހިލީ ޖަހައިގެން ހުރި އަދުނާނު  މުހަންމަދު ޔައީނާ މުޚާތަބުކުރަނީ އެނަމުންނެވެ.

"ކޮއްކޯ!  ކުޅުދުއްފުއްޓަށް ދެވުނީމާ ފޯނުކުރައްޗޭ."

އޭނާއާ އެކު ގުރޭޑް ހަތެއް ނިންމާފައިވާ އޭނާގެ ހަގު ފިރިހެން ކޮއްކޮ ޔައީޝް މާދަމާ ފުރަނީއެވެ. ދެމީހުން ދެތަންވާން ޖެހުނީއެވެ. އެކުގައިނިދާ އެކުގައި ކުޅެހެދި ދެބެންގެވެސް މަގުސަދަކީ ރަށުން ލިބެންނެތް ތައުލީމު ހޯދުމެވެ. ރަށުގެ އެއުމުރުގެ ކުދިންނާ ޚިލާފަށެވެ. އެ މީހުންނާއެކު ކިޔެވި ކުދިން މިހާރު އުޅެނީ ރިސޯޓުތަކުގައެވެ. އަނެއްބަޔަކު މަސްވެރިކަމުގައެވެ.

"ދަތުރުމަތީގައި ބަނޑުހައިވެއްޖެއްޔާ މި ފޭރުކާލާ އިނގޭ. މީ ދޮންތަމެންގޭ ގަހުން ގެނައި އެއްޗެއް." ފެންކަޅިވެފައިހުރި 7 އަހަރުގެ އަނޫޝާ ފޭރު ދިއްކޮށްލިއެވެ

"ދޮންބެ އަނޫގެ ތަށީގައި ސައިބޯތީ ދެން ރުޅިއަންނާކަށް ނުޖެހޭނެ." ސަމާސާއަކަށް މިހެން ބުނިނަމަވެސް އޭނާ ފެންކަޅިވިއެވެ. ކަރުބެދޭގޮތްވިއެވެ.

އޭނާ އަބަދުވެސް އަނޫ ރުޅިއަރުވައެވެ. ނަމަވެސް މިއަދު އޭނާގެ ހިތުގައި ޖެހުނެވެ. ފުރަތަމަ ފަހަރަށް ލޯބިވާ އާއިލާއާއި ވަކިވާން ޖެހޭކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް މަންމައާއި ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ އަޒުމް އޭނާ ކެތްތެރިވުމަށް އިސްކަން ދިނީއެވެ. ސަލާމް ގަލާމް ކުރުމަށްފަހު އޭނާ ބޮއްކުރައަށް އެރިއެވެ. ނުވަމީހުން އެރުމުން ކިރިޔާ ފެންމަތިގައި އޮތް ބޮއްކުރާ ދާންޖެހުނީ ބައްތެލި ވަށާލާ މާދުރުންނެވެ. ކުރިމަތީގައި އޮތް މޫދުވިނަގަނޑަށް އަރާ ބޮއްކުރާ ބީހިދާނެތީއެވެ. ރިތް ހިފައިގެން ކަނބަންހުރި މީހާ ވަރުބަލިވަންދެން ކަނބައިގެން ބައްތެއްޔަށް ދެވިއްޖެއެވެ.

ނިޔާމަ ދަތުރަކަށް "އުޖާލާ" ބައްތެލި ދަތުރުފަށައިފިއެވެ. ޔައީނަށް ބައްތެލީގެ ކަމަރާ މަތީގާ ރަށާ ދިމާއަށް ބަލަން ހުރެވުނެވެ. އޭނާގެ އެންމެ ލޯބިވާ އާއިލާ މާޔޫސްކަމާއެކު އޭނާއަށް އަލްވަދާއު ކިޔަމުންދެއެވެ. ތަންކޮޅެއް ދުރުގައި ހުރި ހިރުނދުގަހެއްގައި އެލުވާފައިހުރި އުނދޯލީގައި އިން ރީމާ އޭނާއަށް ހަނާއަޅާލިއެވެ. އަދި ބައްތެއްޔާ އެއްވަރަށް ދުވަމުން "ރޮނގުވަރު" މަގާހަމައަށް އޭނާ ދިޔައެވެ. އެއީ މިއަހަރު ނިމެން އުޅުނުއިރު އޭނާއަށް ލިބުނު ރަހުމަތްތެރިއެކެވެ. ރަހުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއް އެދެމެދުގައި ވާކަން އެދެމީހުން ގަބޫލުކުރެއެވެ.

އޭނާއަށް މިމަންޒަރުތަކުން ނުހަނު އަސަރު ކުރުވިއެވެ. ލޯބިވާ މީހުންނާއި އުފަންރަށް ދޫކޮށް ދާންޖެހުމަކީ ކިހާވަރެއްގެ ވޭނެއްކަން އޭނާއަށް ފުރަތަމަ ފަހަރަށް އިހުސާސް ކޮށްލެވުނެވެ. އޭނާއަށް ހިތްވަރު ކުރަން ދަތިވީ އުތުރު ފަރާތު ނެރުން ނިކުންނަން ދިޔައިރު ފެނުނު ރިހިކުލައިގެ ކޮރަކަލި ބައިގަނޑެއް ފުންމަމުންދާތަން ފެނުމުންނެވެ. އެއީ އޭނާގެ ރައްޓެހިކުދިންނާއެކު ދޮށިހިފައިގެންގޮސް ކޮރަކަލި ބާނާ އުޅޭ ކޮރަކަލިގަނޑެވެ. އޭނާ ހިތުގައި ޖެހުނީ ދޮންމަދު ބިންނަންދާ ކަނަމަދު ގަސްތަކާއި ގޮޅާހޮވަންދާ "ރަށްބުރި" ފިނޮޅު ފަހަނަ އަޅާ ދިއުމުންނެވެ. ހޯރައާއި މާކަނާ ހިފަންދާ ހުދު ކުލައިގެ ހިމުން ދޮންވެލި ގަނޑުގެ ހިމަ ތުނޑި ގެއްލުމުންނެވެ. ކޮންމެ ބަންދު ދުވަހަކު މޫދަށް އެރޭ އަޑި ފެންނަ ބިއްލޫރި ކަހަލަ މޫދު ފަސްދީ އޮބާލުމުންނެވެ. އެއީ އޭނާގެ ކޮއްކޮ ޔައީޝް އާއެކު އިރު އޮއްސެންދެން ޚިޔާލެއް ފިކުރެއްނެތި އުޅޭ ގުދްރަތީ މުއްސަނދިކަމުން ދިރުން ގެނުވާ އުފާވެރި މާހައުލެވެ. މި ހިތްގައިމު މާހައުލާއި އުފަން ރަށާއި ލޯބިވާ މީހުން ދޫކޮށްދާން ޖެހުމުން މިހާހިތި އަސަރެއް ކުރާނެ ކަމެއް އޭނާ ކުރިއަކުން ނުދަނެއެވެ. ނަމަވެސް އެއެއްޗެއްގެ މުހިންމުކަން އިހުސާސްކުރެވެނީ އެއެއްޗެއް ބީވީމާކަން އޭނާއަށް ގަބޫލުކުރެވުނެވެ.

ނިދިފައި އޮތް ޔައީނަށް ހޭލެވުނީ އޭނާގެ ބައްޕަ ގޮވާލުމުންނެވެ. އޭރުވެސް ތާސް ކުޅޭމީހުން ތާސްކުޅެނީއެވެ. އެއްބަޔަކު ކާއްޓާއި މަހާއި ބޯކިބާ ކަމުން ދެއެވެ. އޭނާވެސް ބައްޕަގެ އެދުމުގެ މަތީން އެއިން ބޯކިބާ ކޮޅެއް ކާލިއެވެ. ބައްޕަގެ ވާހަކައިން މާލެ ދެވޭކަށް މާގިނައިރުތަކެއް ނެތްކަން އެނގުނެވެ. އަށާރަ ގަޑިއިރު ދުއްވާފައި ދިޔަފަހުން އެދެބަފައިންނަށް މާލެ ފޭބޭވަރުވިއެވެ.

ދުއްވާއެއްޗިހީގެ ގިނަކަމާއި މަގުތަކުގެ ހަލަބޮލިކަމުން އަލަށް މާލެއައި ޔައީނު ބޮލަށް އުނދަގޫވިއެވެ. ނަމަވެސް ޒަމާނާ ގުޅޭގޮތަށް ތައްޔާރު ކުރެވިފައިވާ ފިހާރަތަކާއި އިމާރާތްތަކާއި އަންހެންކުދިންގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލު ހައިރާން ކަމާއެކީ އޭނާ ބަލަމުންދިޔައެވެ. ކާރު މަޑުކޮށްލުމާއެކީ ގެނައި އެއްޗެހި ބާލައި ހަދައިގެން ގޭތެރެއަށް ވަނެވެ. އޭނާ ހައިރާންކަން އިތުރުވީ މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާ ރީތި ބޮޑު ގޯތިތެރެ ފެނިފައެވެ. ޕާކުކޮށްލެވިފައިވާ ކަޅުކުލައިގެ ކާރާއި ގޯތިތެރޭގައި ބެހެއްޓިފައިވާ ރީތިގޮނޑިތަކާއި ހުދު އުނދޯލީގެ ފުރިހަމަކަމުންނެވެ. ބައްޕަގެ ފަހަތުން މަޑުހިނގުމެއްގައި އޭނާ ކުރިއަށް ދިޔައެވެ.

"އައްސަލާމް ޢަލައިކުމް" އެއްވެސް މީހެއްގެ ހިލަމެއްނުވާ ސިޓިންރޫމަށް ވަންނަން ނުކެރިހުރެ އޭނާގެ ބައްޕަ ގޮވާލިއެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް ޚަބަރެއް ނުވުމުން ގޯތިތެރޭގައި ހުރި ވަށް މޭޒެއްގައި އެދެބަފައިން އިށީނެވެ. އެގޮތުގައި ދެ ގަޑިއިރު ވެއްޖެއެވެ. މީހެއްގެ ހިލަމެއް ނުވެއެވެ. ޔައީނަށް ފުރަތަމަ ފަހަރު މި ދިމާވި ހާދިސާއިންވެސް މާލެ މަތީން ފޫހި ވެއްޖެއެވެ. ބައްޕަ ފުރުމުގެ ކުރިންވެސް ފޯނުކޮށްފައި މިއަދު ހެދުނު އާދެވޭނެ ވާހަކަ ބުނެފައިވާކަން އޭނާއަށް އެނގެއެވެ. އެހެންވީއިރު މިހާ ފަރުވާކުޑަ މަރުހަބާއެއް އޭނާއަށް ލިބުނީތީ އެގެއާއި މެދު ފޫހިވިއެވެ.

"ހިނގާ ބައްތެއްޔަށްދާން." އެންމެފަހުން ނީނދެވިގެން ޔައީނު ބުންޏެވެ.

"މީހަކު ނޫޅެނީ ކަންނޭނގެދޯ. އެކަމަކު މީހުން ނޫޅެންޏާ ގެ ތަޅު ނުލައެއް ނުހުންނާނެއެއްނު." ބައްޕަ ތަންމަތިބޮނޑި ކިހިލި ޖަހާލަމުންހުރެ ބުންޏެވެ. ޔައީނުހުރީ ފޮށި ހިފައިގެންނެވެ. ބައްޕަގެ ކިހިލީގައި ތަންމަތިބޮނޑި ވާއިރު އަނެއް ކިހިލީގައި ވަނީ ޑަބިޔަލެކެވެ. އެދެމީހުން މަޑު ހިނގުމެއްގައި ބައްތެއްޔަށް ދާން ދިޔައެވެ. ނަމަވެސް ކުއްލިއަކަށް ހުއްޓެވުނީ ސައިކަލެއް މަޑުކޮށްލާ އެއިން ފޭބިމީހަކު އަދުނާނުގެ ނަމުން ގޮވާލުމުންނެވެ. އެއީ ރަހީމުއެވެ. އޭނާގެ ދަރިފުޅު ބަހައްޓަން ގެނައި ގޭގެ ވެރިމީހާއެވެ.

"އަވަހަށް ހިނގާ." އޭނާ ކާރެއް ހުއްޓުވިއެވެ. އަދި އޭނާ އަދުނާނާ ސަލާން ކުރަމުން ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެން ލައްކަ އިރުވަންދެން ގޯތިތެރޭގައި މަޑުކުރިން. މީހެއްގެ ހިލަމެއް ނުވުމުން ދެން މިދަނީ ބައްތެއްޔަށް ދާންކަމަށް." އަދުނާނު އެގެއަށް ދާޚިޔާލެއް ނުކުރިއެވެ.

"ތިވާނީ ރާމިޒާ ފާޚާނާގައި ވީކަމަށް. އަހަރެންނާއެކު ހިނގާ." ރަހީމު އަދުނާނުގެ އަތުގައި ހިފާ ކާރުގައި ބޭންދިއެވެ. ގެއާހަމައަށް ދެވުމުން ޔައީނު ރަހީމާ ހަވާލުކޮށްފައި ކޮންމެވެސް މީހެއްގެ ސިޓީއެއް މީހަކާ ހަވާލުކުރަންވެފައި އޮތީމާ އަދުނާނު ދިޔައީއެވެ. ޔައީނު ގޭތެރެއަށް ވަނެވެ. އެއީ ރީތި ސިޓިންރޫމެކެވެ. މުއްސަނދިކަމާއި ފާޑުވެރިކަން ދައްކައިދޭ ތަނަވަސް ތަނެކެވެ. އަގު ބޮޑު ފަރުނީޗަރުތަކާއި ބޮޑު މަސްފެންގަނޑެކެވެ.

"އޭރުވެސް ބުނީމެއްނު؟ ފިރިހެންކުދިން މިގެއަށް ނުގެންނާށޭ. އަބަދުވެސް މިކިޔަނީ ބޭރު މީހަކު ގެންނާށޭ. މިހާރު އެއުޅޭ ޒީނާވެސް އެއުޅެނީ ބޭނުންގޮތަކަށް." އަންހެނެއްގެ ބަރު އަޑުއިވޭ ދިމާއަށް ޔައީނަށް ހާސްވެގެން ބަލާލެވުނެވެ.

އޭރު ޒުވާން އަންހެނެއް ޓީވީ ރިމޯޓެއް ހިފައިގެން ހުރެ ރަހީމާއި ދިމާއަށް އަންނަނީއެވެ.  އެމީހާ ހުރީ ކުރުކުރު ސޯޓަކާއި ކިރިޔާ ހަށިގަނޑު ނިވާވާވަރުގެ ރަތް ޓޮޕެއް ލައިގެންނެވެ. ބުމަ ބާލާފައި ހިމަކޮށް އަނދުން އަޅާފައިވާ މިއަންހެންމީހާ ބޮލުގައި ހުރީ މުށިކުލަ ޖައްސާފައެވެ. އަރާފައިވާ ފައިވާނުގެ ފުންނާބު އުސްވެފައި ކައްޓެއްހާ ހިމަކަމުން އެ އަންހެންމީހާއަށް ހިނގޭލެއް ފަރިތަކަމުން އޭނާ ހުރީ ހައިރާންވެސް ވެފައެވެ. އޭރުވެސް އެމީހާގެ ގޮވެލި ފައްޗަކަށް ހުއްޓުމެއް ނާދެއެވެ. ނަމަވެސް ރަހީމު އެއަންހެންމީހާ ކިޔާއެއްޗަކަށް ނުބަލައެވެ. އޭނާ ޔައީނާއެކު ފޮށި ހިފައިގެން ގޮސް ކޮޓަރިއަކަށް ވަނެވެ. އެއީ ގެއާއި ވަކިން ހުންނަ ދެކޮޓަރިއެވެ. އެތަނުން ވާތް ފަރާތަށް ހުރި ކޮޓަރީގައި ޔައީނުގެ އެއްޗިހިތައް ބެހެއްޓިއެވެ.

"އެއީ އަހަރެންގެ އަންހެނުން. އޭނާ ކިޔާއެއްޗަކާއި ހިތްބަރުނުކުރާތި. ދައްތަ ބޭނުންވަނީ މިގެއަށް ބޭރު ނޯކަރުން ގެންނަން. އެކަމަކު ޔައީނަކަށް މިގޭގައި މަނާއެއްވެސް ކަމެއް ނުހުންނާނެ." އޭނާ ޔައީނަށް އޯގާތެރި ވިއެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *