ވާހަކަ: ރުކާން – 2

( މިދިޔަ އާދީއްތަ ދުވަހުގެ ނޫހާއި ގުޅޭ)

މި ޚިޔާލުތަކުން ރުކާން ބިރުގަނެއެވެ. ދައްތަގެ ހަޔާތުން އޭނާއަށް ވަނީ ނަފުސާނީ ގޮތުން އެތައް އަސަރުތަކެއް ކޮށްފައެވެ. އޭގެ ނަތީޖާއަކީ އޭނާ ނާސިހާ ފިޔަވާ އެއްވެސް މީހަކަށް އިތުބާރު ނުކުރެވުމެވެ. އޭނާގެ ހަޔާތުގައި މަންމަ ފިޔަވާ އެންމެ މުހިންމު މީހަކީ ނާސިހާއެވެ. އެއީ ތުއްތުއިރުން ފަށައިގެންވެސް އެކަކު އަނެކަކަށްޓަކައި ދިރިހުންނަ ފަދައިން ރަހުމަތްތެރި ދެކުދިންނެވެ. މީގެ އިތުރުން އެއްވެސް މީހަކާ އޭނާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

 

ގޭގައި ވަރަށް ބުރަކޮށް މަސް ކައްކަމުން ދިޔަ ދުވަހެކެވެ. އެންމެންވެސް އަވަދިނެތި މަސައްކަތް ކުރަމުން ދަނީއެވެ. މިއުވާނާއި އެހެން ދެފިރިހެނަކު  މަސްތައް ކެނޑުމުގައި ހަރަކާތްތެރިވެއެވެ. މަސްކެނޑުމަކީ މިއުވާނަށް ނުހަނު އާކަމަކަށް ވިޔަސް އޭނާއަށް މަޖުބޫރު ވެފައިވަނީ އެމަސައްކަތް ކުރުމަށެވެ. އެހެންނޫނީ އޭނާއަކަށްވެސް ހަމަޖެހިލައިގެން ކާލާނެ ކާއެތިކޮޅެއް ނުލިބޭނެއެވެ.

ރުކާން އުޅުނީ މަސްކެއްކުމުގެ މަސައްކަތުގައެވެ. ކަނޑާފައި ހުރި ރޯ މަސްތައް ބާލިދީއަކަށް އަޅައިގެން ގެންދަނިކޮށް މިއުވާން އެއްލި ދޮން ބިހަކުން ރުކާންގެ ގައިގާ ޖެހުނެވެ.

"ސޮރީ." ރުކާން ބަލަންހުރިގޮތް ފެނުމުން މިއުވާން ޖެހިލުންވިއެވެ.

"ހުސްހަށިބައި ފިރިހެނަކު އެއްލާ ބިހަކުން އަންހެން ކުއްޖެއްގެ ގައިގާ ޖެހިއްޖެނަމަ ކައިރި މުސްތަގުބަލެއްގައި އޭނާގެ އަނތްބަކަށް ވާނެޔޯ." މަސްކަޑަންހުރި ރައޫފު މިއުވާނަށް ދިމާކޮށްލިއެވެ. އެއާއެކު ހުސޭނުވެސް ދިމާކޮށްލިއެވެ.

"އަސްލުވެސްތަ؟ އެހެންވިއްޔާ ދުނިޔެވެސް ލިބުނީ." މިއުވާނަށް މިވާހަކަ ވީ ބުއްދި ގަބޫލުނުކުރާ މަޖާ ކަމަކަށެވެ.

"ތިކަހަލަ ކުށްހީތައް ކޮށްގެން އަހަރެންނާ ދިމާކުރާނެ ކަމެއްނެތް." ރުކާން ލޯއަޅާލިއެވެ. ތުން ފިއްތާލިއެވެ. އޭނާ ގާތަށް މިކަމުން ވަރަށް ރުޅިއައެވެ.

"މީ ކުށްހީއަކަށް ނުވެއްޖެއްޔާޔޯ؟" މިއުވާނުވެސް މިހެންބުނެލީ ހިތުގައި އެއްވެސް އެއްޗެއް ނުލައެވެ. އެމީހުންގެ ސަކަރާތުގައި ބައިވެރިވެލުމުގެ ގޮތުންނެވެ.

"ދުވަހަކުވެސް މިކަން ހަގީގަތަކަށް ނުވާނެ. ޚާއްޞަކޮށް ކަލެޔާ." ރުކާން ޝަހާދަތް އިނގިލި މިއުވާންގެ މެއަށް ސީދާކޮށްލިއެވެ.

 

ރުކާން ރުޅިއައިސްގެން ބާލިދީ ހިފައިގެން ދިޔައެވެ. ދަމުންވެސް އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ފުރަތަމަ ދުވަހުވެސް މިއުވާން ފެނި އޭނާގެ ޝަޚުޞިއްޔަތު ރުކާނަށް ވަޒަން ކުރެވުނެވެ. އެދުވަހު މިއުވާނު އޭނާއަށް ބެލިގޮތުން އޭނާ މިއުވާން ދެކެ ފޫހިވެއެވެ. އުނަގަނޑާއި ހަމައަށް ބޯ ދިގުކޮށްފައިވުމާއި ކަންފަތް ފުރޭވަރަށް ހަރުކޮށްފައި ހުރި ކަންފަތުމުދިތަކުންނާއި ނުބާލާ ހުރި ތުނބުޅިން ރުކާނަށް ސިފަކުރެވެނީ އެއީ މިޒަމާނުގައި އުފެދިގެން އުޅޭ ޕާޓޭއެއްގެ ގޮތުގައެވެ. ދޫޓީޝާޓާއި ކިރިޔާ އުނަގަނޑުގައި ހަރުނުލާ ވަރުގެ ޖިންސް ލާފައި ހުންނައިރު މިއުވާނުގެ ހިކި ހަށިގަނޑުސިފަވަނީ މިއިން ދުވަހަކުވެސް ނުކައި ހުރި ބަލިމީހެއް ހެންނެވެ. ނިޔަފަތި ދިގުކޮށް އަތުގައި އަޅާފައިހުރި ރިހިކުލައިގެ ފުޅާ އަނގޮޓިތައް ފެނިފައިވެސް އެއީ އަޚުލާގު ރަނގަޅު ކުއްޖެއްކަމަކަށް އޭނާއަކަށް ސިފައެއް ނުކުރެވެއެވެ. އަބަދުވެސް ފިރިހެން ކުދިންދެކެ ރުޅިއަންނައިރު މިއުވާނާއި އޭނާއޭ ކިޔައިގެން މަޖަލަކަށް އެމީހުން އަޅުވާކިޔުމުން މިއުވާންދެކެ އޭނާ ރުޅިއަންނަނީ ދުވަހަކުވެސް މީހަކުދެކެ ރުޅި ނާންނަ މިންވަރަށެވެ.

 

"މިއުވާން. ދެން މިއޮތީ ކަލޭގެ ފުރުޞަތު. މީ ހަނގުރާމަ ފަށަންވީ ވަގުތު. ނިކަން ފިރިހެނެއްގެ ގޮތުގައި ހުރެ އެ ފޮނިކުއްޖާ ކުޑަކޮށްލަބަލަ." ދެވަނައަށް ހުރި ހުސޭނު ބުންޏެވެ.

"ތެދެއް. އެދިޔައީ ހަނގުރާމަ އިއުލާން ކޮށްފައި. ހުސޭނާ. މަށަށް ޔަގީން އޭނާއަކަށް ނުކެރޭނެ އެކުއްޖާ ކާމިޔާބު ކުރާކަށް." ރައޫފު ބުންޏެވެ.

"އެންމެ ރަނގަޅު. މަ މިނިވަންވުމުގެ ކުރިން އެކަން ކޮށްފިއްޔާ ކޯއްޗެއް ދޭނީ." ދެރަ ނުވާންވެގެން މިއުވާން ބުންޏެވެ.

" އަހަރެންގެ އެމަހުގެ މުސާރަ އޮތްގޮތަށް ކަލެއަށް ދޭނަން." ރައޫފުވެސް މި ބާޖުމެރުމުގައި ދުލެއް ނުދިނެވެ.

"ހަސަނާ. ކަލޭ ތިހުރީ ހެކިވެރިއަކަށްނު ދޯ. ދެން ރަނގަޅަށް މިކަން ދާގޮތް ބަލަން ހުންނައްޗޭ." މިއުވާނު ފޯރީގައި ބުންޏެވެ.

 

އެދުވަހުން ފެށިގެން މިއުވާނުގެ ވިސްނުމަކަށް އޮތީ މިނިވަންވުމުގެ ކުރިން ރުކާން ކާމިޔާބު ކުރުމެވެ. މިރަށުގައި އޭނާ ކިތަންމެ ފޫހިވި ނަމަވެސް މިހާރު ފޫހިކަމެއްނެތި މިކަމުގައި ހަރަކާތް ތެރިވާން ފަށައިފިއެވެ. ހުސްވަގުތު ފުރާލުމުގަޔާއި ދުވަސް ކުރުކޮށްލަންވެސް އޭނާއަށް މިކަން ފިސާރި ހިތްގައިމު ކަމަކަށް ވެއްޖެއެވެ. އެކިގޮތް ގޮތުން ރާވަމުން ދިޔައީ ރުކާން ހައްލާލެވޭނެ ގޮތެކެވެ.

ރުކާންގެ ހުރި ގޮތް ދޫނުކުރުމާއި މިއުވާނަށް ސަމާލުކަން ނުދިނުމަށް ކުރާ މަސައްކަތް ކިތަންމެހާވެސް ވަރުގަދައެވެ.  މިއުވާން އެއީ ޝައުގުން ފުރިގެން ވާކަމަކަށް ވެއްޖެއެވެ. މީހަކު މިއުވާނާއި ޖަދަލު ކުރުމަކީ އޭނާގެ މިޒާޖުގައި ކާމިޔާބަށް އެދެވޭ ކަމެކެވެ. އެކަހަލަ އާދައިގެ އަންހެން ކުއްޖަކާއި ޖަދަލުކޮށް އަމުދުން އޭނާ ބަލިވުމަކީ އޭނާއަށް ގަބޫލު ކުރެވޭ ވަރުކަމެއް ނޫނެވެ. އެހެންކަމުން ރުކާންގެ ކޮންމެ އަމަލެއް ކޮންމެ ހަރަކާތެއް ބެލުމުގެ ޝައުގުވެރިކަން އޭނާގެ ހުރެއެވެ. ރުކާން ފިރިހެން ކުއްޖަކާ ވާހަކަ ނުދެއްކުމުގެ އިތުރަށް ފިރިހެންކުދިން ރަކިކޮށްލާ ކޮށްލުން މިއުވާނަށް އަބަދުވެސް މަޖަލެވެ. އެފަދަ ކޮންމެ އަމަލަކުން އޭނާގެ ލޭ ކައްކުވާލައެވެ.

 

މިއުވާނު އުޅުނީ އެގޭ ފިހާރައިގާ ހުރި ފިޔާތަކެއް ނެރެގެން ސާފުކުރާށެވެ. އޭރު މާދުރުން ހަސަނުމެން އައިސް އޭނާއާއި އަރާ ހަމަކޮށްފިއެވެ. ދެހަފްތާ ވީއިރުވެސް  އޭނާގެ މަގުސަދަކަށްއޮތް ރުކާން ކާމިޔާބުކުރުމަށް އެއްވެސް ކަހަލަ އަލި މަގެއް ފެނިފައެއް ނުވެއެވެ. މިކަމާ ހަސަނާއި ރައޫފު މަލާމާތް ކުރާ ކޮންމެފަހަރަކު އޭނާ އަޒުމަށް އިތުރު ވަރުގަދަކަން ގެނެސްދެއެވެ. ޖޯޝްވަރުގަދަ ވެގެން ދެއެވެ.

"އެކަންތައް ދެން ހުއްޓާލަންވީނު. ތިޔަކަންތައް ވެދާނެ ކަހަލަ ފިރިހެނެއްގެ ސިފައެއް މިއުވާނުގެ ނެތެއްނު." ރައޫފު ދިމާކޮށްލިއެވެ.

"ނޫނޭ. ދެހަފްތާ އަދި ލަހެއް ނޫނޭ. ރައޫފުގެ މުސާރަ އަހަރެންނަށް ނުލިބޭނެ އެއްވެސް ގޮތެއް ދެނެއް ނޯންނާނެ."

"ތިކަންތައް ނުވެގެން ތިއުޅެނީ އަނެއްކާ އޭނާ ކުއްޖަކާއި ރައްޓެހިވެގެން އުޅޭތީ ކަންނޭނގެދޯ."

"ނޫނޭ. އޭނާގެ ގޮތް މަ ވަރަށް ރަނގަޅަށް ދަންނަން. އޭނާ ފިރިހެން ކުދިންދެކެ ވަރަށް ނަފުރަތު ކުރާނެ. މިއުވާން ތިކަން ކާމިޔާބު ނުކޮށްފިއްޔާ އަހަރެންނަށް ލިބޭ ތިންހާސް ރުފިޔާ މިއުވާނަށް ނުލިބިދާނެތީ ދެރައީ." ރައޫފު އަނގައަށް ގޮތެއް ހަދާލިއެވެ. ދެން ހިނިގަނޑެއް ޖަހާލިއެވެ.

"ކަލޭމެން ތިންހާސް ރުފިޔާއަށްޓަކައި އަންހެން ކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް އަހަންނަކަށް ނުފެނޭ. އަނެއްކާ އެކަހަލަ ނިކަމެތި ކުއްޖަކާ…" ހަސަނު ހިތުގައި ރުކާނާއި މެދު ރަހުމު އުފެދުނެވެ.

"އެހެންވިއްޔާ އަހަރެން ތިކަން ހުއްޓާލާފާނަން. އެހެންނޫނަސް އެކުއްޖާއަކީ މަށަށް އެއްގޮތަކަށްވެސް ކަމުދާ ކުއްޖެއް ނޫން." މިއުވާނު ބުންޏެވެ.

"އެއްކަލަ ނާޒުކު ހަސަނު. އެހާއަވަހަށް އަސަރުކުރީ. މީ ހަމައެކަނި މިއުވާނާއި މަށާއި ދެމެދުވީ ބާޖު މެރުމެއް. މީގައި ކާމިޔާބުވަނީ އަހަރެންކަން ޔަގީން ވާތީ ޖެހިލުން ވީދޯ." ރައޫފު ހިތުގައި އެއްވެސް އޯގާތެރިކަމުގެ އަސަރެއް ނެތެވެ.

"ނޫން. އޮޅިގެންވެސް މި ގޭމުގައި ރައޫފު މޮޅެއް ނުވާނެ." ގޮތްދޫނުކުރާ ރާގެއްގައި މިއުވާން ބުނެލިއެވެ.

 

ރުކާން އިނީ ބަދިގޭގައެވެ. ދުވާލުގެ ބުރަ މަސައްކަތް ނިންމާލައި ގެއަށް ދިއުމުގެ ކުރީން ބަތްކޮޅެއް ކާށެވެ. މިއަދު މެންދުރު މަސްގަތީމާ މަސްތައް ކައްކަން ޖެހުމުގެ ސަބަބުން އޭނާއަށް މެންދުރު ކާނެ ވަގުތެއް ނުލިބުނެވެ. އޭނާ އަވަސް ކުރުމަށްޓަކައި ނުހަފާ ދިރުވަމުން ދިޔައެވެ.

"ނާސިހާ އައީދޯ. މަށަށް އެނގޭ މާލެ ގެންދިޔަ އިރުވެސް ނުކިޔެވޭނެކަން." ހަސީނާ ވާހަކަ ދައްކަމުން ބަދިގެއަށް ވަނެވެ.

"ނާސިހާ އައީޔޭ." ރުކާން އަނގަޔަށް ލާންއިން ބަތް ސުވާ ހުއްޓުނެވެ.

"ހޫން. އޭނާ އައްޔާ ކަލެއަށް ކީއްތަ؟ އާން ދެން އޭނާޔާ ނުލާ އެއްކަމެއްވެސް ވާކަމަކަށް ނުވާނެ." ހަސީނާ މޫނު ހަދާލިއެވެ. ރުކާން ބަތްތަށި ކުނި ވަށިގަނޑަށް އަޅާލިއެވެ. އަދި ރަނގަޅަށް އަތްވެސް ނުދޮވެ ދުއްވައިގަތެވެ.

 

މިނިޓެއް ނުވަނީސް ރުކާން އިނީ ނާސިހާ ގާތުގައެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ. ނާސިހާ އިނީ ސައިބޯށެވެ.

"ކީއްވެ މާއަވަހަށް ތި އައީ." ރުކާނަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ.

"ރުކާންމެންނާއި ދުރުގައި އުޅޭނީ ކިހިނެއް." ނާސިހާ ރުކާންގެ ގައިގާ އޮޅުލައިގަތެވެ. ނާސިހާ ސައިބޮއި އަވަދިވެގެން ދިޔައީ ރުކާނާއެކު ބޭރުގައި ހުރި ހޮޅުއަށްޓަށެވެ. މިވީ ދުވަސްކޮޅުގައި އެދެމީހުންގެ މެދުގައި ދައްކާނެ އެތައް ވާހަކައެއް ހުއްޓެވެ. ނާސިހާ ކިޔަވަން އުޅުނު ގޮތުގެ ވާހަކައެވެ. ގޭތެރެއިންނާއި ރައްޓެހިންގެ ޚަބަރުތަކެވެ.

"ދެން ދޮގުނަހަދާ ބުނެބަލަ. ކީއްވެތަ ތިއައީ؟"

"ރުކާން. އަހަރެމެން ކަހަލަ ނިކަމެތި އަންހެން ކުދިންނަށް މާލޭގައި ނުކިޔެވޭނެ. ގެއަށް ދައްކަން ޖެހޭ ލާރި ދޭކަށް ނުލިބޭ. އެކަމަކު އެގޭ އިބުރާހިމްބެ ބުނީ އެއީ ކަމަކަށް ނުހަދާށޭ. ނަމަވެސް އޭނާގެ ނިޔަތަކީ އެހެން ކަމެއް."

"އެއީ ކޮންކަމެއް؟" ހަލުވި ކަމާއެކު ކުރިއަރަމުން އަންނަ ދުނިޔެއަށް ލޯ ނުހުޅުވޭ ރުކާން އެހިއެވެ.

"އަހަރެންނަކީ ކިތަންމެ ފަގީރު ނަމަވެސް އެފަދަ އަމަލެއް ކުރާނެ މީހެއް ނޫން. އަދި އެފަދަ ކަމެއް އެހެން ކުއްޖަކަށް ވާކަށް އެދޭ މީހެއްވެސް ނޫން. ކިޔަވާ ހިތްވިޔަސް ނުކިޔަވާ މިއައީ ހަމަ އެހެންވެ." ނާސިހާ ލޮލުން ކަރުނަ ފޮހެލިއެވެ.

"މަށަކަށް މާބޮޑަކަށް ނޭނގޭ ތި ކިޔާ އެއްޗެއް. ނާސިހާ މިހާރު ހާދަ މޮޅޭ."

"ރުކާނަކަށް އަދި ނޭނގޭނެ. އަހަރެން އެވާހަކަތައް ފަހުން ކިޔައިދޭނަން. އޭރުން ރުކާނަށްވެސް އެނގޭނެ." ނާސިހާ ވާހަކައިގެ މައުޟޫޢު ބަދަލު ކޮށްލިއެވެ.

 

ހުކުރު ދުވަހު ހެނދުނެވެ. ގޭގައި މާގިނަ މަސައްކަތްތަކެއް ނެތެވެ. މިއުވާން ރައޫފުމެންނާއެކު ހެނދުނު ސައިބޮއިގެން ޖޯލިފަތީގައި ތިބީ މަސައްކަތު ނިކުތުމުގެ ކުރީން ދުފާލާށެވެ. ނަމަވެސް ދުފާ ދަޅުގައި ދުފާސާމާނު ނެތުމުން ކޮންމެވެސް މީހެއްގެ އިންތިޒާރުގައި އެމީހުންތިއްބެވެ. ކުއްލިއަކަށް އެއްޗިހި ދޮވެގެން ހިއްކަން އަޅަން ހުރި ރުކާން ރައޫފަށް ފެނުނެވެ. މިއުވާން ލައްވާ މޮޅުރޭވުމެއް ރާވަން ރައޫފުގެ ހިތުގައި ޖެހިއްޖެއެވެ.

"މިއުވާން. ދޭބަލަ އެހަރަ ރުކާން ގާތު ބުނެގެން މިއަށް އެއްޗިހި އަޅައިގެން އަންނަން."  ދުފާފޮށީގައި އޮތް ކުޑަ ބިލެތްގަނޑަކަށް  ފޯއްއަޅާފައި އޭގެ ހުނގޫކޮޅަށް  ބިލެތްހުނި ޖަހާފައި މިއުވާން އަތަށް ދީފައި ބުންޏެވެ. އެއީ އެރަށުގައި ދެމިއޮންނަ މަޝްހޫރު އާދަކާދައެކެވެ. އެގޮތަށް އަންހެން ކުއްޖަކަށް ބިލެތްގަނޑެއް ދެވިއްޖެނަމަ އޭގެ މާނައަކީ އެ އަންހެން ކުއްޖާއާއި އިންނަން ބޭނުންކަން އަންގައިދިނުމުގެ ގޮތުން ދެވޭ މެސެޖެކެވެ. މިކަން އެރަށު އެންމެންނަށްވެސް އެނގެއެވެ. އަދި މިއީ މިހާރުވެސް އެރަށުގައި ކުރަމުން އަންނަކަމެކެވެ. ނަމަވެސް މިރަށަށް މުޅިން އާ މިއުވާނަށް މީގެ ޚަބަރު އެއްގޮތަކަށްވެސް އޮތީ ނޭނގިއެވެ.

"ކަލެއަށްވެސް ދެވިދާނެއެއްނު. މަށެއް އެއަންހެން ކުއްޖާ ގާތަކަށް ނުދާނަން. އެއީ ވަރަށް ފޮނި އަންހެނެއް. އެއީ ތިމާއަށް ތިމާފެނިފައި ހުންނަ ކުއްޖެއް." މިއުވާން ފޫހިގޮތަކަށް ބުނެލިއެވެ.

"އަހަރެން މިއޮތީ މާގިނައިން މިއަދު ކެވުނީމާ ލޮޑުވެފައި. ދެން ގޮސް އެއްޗެކޭ ނުބުނެ މީތި ދީބަލަ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ދުފާއެއްޗިހި ގެނެސް ދީފާނެ. ދުފާނުލާ އެއްވެސްތާކަށް މަށަކަށް ނުދެވޭނެ." ރައޫފު އާދޭހުގެ ރާގެއްގައި ބުންޏެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ރުކާން" ވާހަކައަކީ 2012 ވަނަ އަހަރުގެ ގައުމީ މުބާރާތުން ތިންވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *