ބެލެނިވެރިންނާއި ފުރާވަރުގެ ކުއްޖާއާއި ދެމެދު ރަނގަޅު ގުޅުމެއް އޮތަސް ނުވަތަ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، އެމީހުންދެކެ ލޯބިވެ ތާއީދުކުރާކަން ދައްކާލުމާއި، ދަތި ވަގުތުތަކުގައި އެހީތެރިވެދެވޭނެ ކަމާއި، އެމީހުންނަށްޓަކައި އަބަދުވެސް ތިމާ ހުންނަކަން ދައްކާލުމަކީ މުހިންމު ކަމެކެވެ.
މިއީ ތިމާގެ ފުރާވަރުގެ ކުއްޖާއާއި ވާހަކަ ދައްކާއިރު ހަނދާނުގައި ބަހައްޓަންވީ ކަންކަމެވެ.
-
އެމީހުންގެ އިޙްސާސްތައް ހިއްސާކުރުމަށް ހިތްވަރު ދިނުން
ފުރާވަރަށް އެޅުމާއިއެކު ކުދިންނާއި ގުޅިގެން އުޅެވޭނެ ގޮތްތައް ހޯދާށެވެ. އެމީހުންގެ ދުވަސް ދިޔައީ ކިހިނެއްތޯއާއި އެމީހުން ކުރަމުން އައި ކަންތައްތަކާއި ގުޅޭގޮތުން ސުވާލުކޮށްލާށެވެ. ރޭގަނޑުގެ ކެއުން ތައްޔާރު ކުރުން ފަދަ ކަމެއްގައި ބައިވެރިވުމަށް ދައުވަތު ދިނުމުން ނުވަތަ އެކުގައި ބޭރަށް ނިކުމެލުން ކަހަލަ ކަމެއްގެ ތެރެއިންނެވެ. އެހެންކަމުން އެ ވަގުތު ބޭނުންކޮށްގެން އެމީހުންގެ ދުވަހާ ބެހޭ ގޮތުން ވާހަކަ ދައްކާލެވޭނެއެވެ.
ކޮންމެ ގޮތެއް ވިޔަސް އެމީހުންނަށްޓަކައި ތިބާ ހުރިކަން ހަނދާންކޮށްދީ، އެމީހުންނަށް އިހުސާސް ކުރެވޭ ގޮތާއި އެމީހުން ވިސްނާ ގޮތް އަޑުއަހަން ބޭނުންވާކަން ހަނދާންކޮށްދޭށެވެ. ހިތްވަރު ދިނުމުގެ ބަސްތަކުން އެމީހުންގެ އިހުސާސްތައް ތިބާއާ ހިއްސާ ކުރުމަށް ފަސޭހަ ކަމުގެ އިހުސާސް ކުރެވޭނެ އެވެ.
ފުރާވަރުގެ ކުއްޖާ ކުރާ ކަންތައްތައް ތިމާއަށް ކަމުނުދާކަން ފާހަގަ ކުރުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު ވެސް އެމީހުން ރަނގަޅަށް ކުރަމުންދާ ކަމެއް ފާހަގަކޮށް ތައުރީފު ކުރަން މަސައްކަތް ކުރާށެވެ އަބަދުވެސް ޕޮޒިޓިވް ޑިސިޕްލިން އާއި އޭގެ ފައިދާތަކާ ބެހޭ ގޮތުން މައިންބަފައިން އިތުރަށް ދިރާސާކޮށް އެއާއި ގުޅޭ ލިޔުންތައް ކިޔަންވާނެއެވެ.
-
އެމީހުންނަށް ތާއީދު ކުރުމަށް ވަގުތު ހޭދަކުރުން
ދުވަހުން ދުވަހަށް ހާސިލްކުރެވޭނެ ލަނޑުދަނޑިތައް ގާއިމްކުރުމުގައި ކުދިންނާއި އެކުގައި މަސައްކަތްކުރާށެވެ. ސްކޫލް މަސައްކަތުގެ އިތުރުން ގޭތެރޭގެ މަސައްކަތްތަކުގައި ކުރެވިދާނެ ކަންކަމުގައި ކުދިން ބައިވެރިކުރުވާށެވެ. އެކުދިންނަށް ރަނގަޅު ކަންކަން ކުރުމުގައި ރަނގަޅު ތާވަލެއް ކަނޑައަޅާށެވެ.
ފުރާވަރުގެ އަނެއް މާނައަކީ މިނިވަންކަމެވެ. ވީމާ ފުރާވަރަށް އެޅުމުން ކުދިންނަށް އަމިއްލައަށް އުޅެން އެކަށީގެންވާ ވަގުތާއި ޖާގަ ދިނުމަށް މަސައްކަތް ކުރާށެވެ. ޖާގަ ވަރަށް މުހިއްމު ކަމެކެވެ.
ފުރާވަރުގެ ކުއްޖާއަށް މާޔޫސްކަން އިހުސާސް ކުރެވިއްޖެނަމަ، މައްސަލަތަކަށް ބައެއް ހައްލުތައް ހޯދުމަށް އެމީހުންނާއެކު މަސައްކަތް ކުރާށެވެ. ކަންކަމާއި ތިމާ ހަވާލުނުވެ އެކުދިންނަށް ކަންކަމުގައި ޢަމލުކުރަންވީ ގޮތް ކިޔައިދޭން މަސައްކަތް ކުރާށެވެ.
-
އެކުގައި ކޯޅުންތަކުގެ ތެރެއިން މަސައްކަތް ކުރުން
ފުރާވަރުގެ ކުއްޖާގެ ވިސްނުން އަޑުއަހައި މަޑުމައިތިރިކަމާއެކު ކޯޅުންތައް ހައްލުކުރަން މަސައްކަތް ކުރާށެވެ. ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިއްމު ކަމަކީ އެންމެން ވެސް ސްޓްރެސް ވާކަމެވެ. ދުވަހަކުވެސް ރުޅިއައިސްގެން މައްސަލައަކާ މަޝްވަރާ ނުކުރާށެވެ. ކަމަކާއި މާބޮޑަށް އުނދަގޫވާނަމަ ފަހުން އެކަމާ ބެހޭގޮތުން ފުރާވަރުގެ ކުދިންނާއި ވާހަކަ ދައްކާލެވޭނެއެވެ.
މައިންބަފައިންނަކީ ވެރިމީހާކަން އެކުދިންނަށް ވިސްނައިދޭން ނޫޅޭށެވެ. ކުދިން ކުރަންޖެހޭނީ މައިންބަފައިން ބުނާހާގޮތަކަށް ނޫންކަން މިއަދު ކުދިންނަށް އަންނަނީ ވިސްނެމުންނެވެ. އެހެންކަމުން ބާރުވެރިކަން ދައްކާފަދަ ކުރިމަތިލުންތަކުން ދުރުހެލިވާށެވެ. މިއަދުގެ ކުދިންގެ ސިކުނޑި ތަކުގައިވަނީ ކޮންމެ މީހަކީވެސް އަމިއްލަ ނަސްފުސެއް ކަމުގެ އިހުސާސެކެވެ. އެހެންކަމުން ފުރާވަރުގެ ކުދިން ކޮންޓްރޯލް ކުރެވެން އުނދަގޫވެދާނެ އެވެ. މިވަގުތު ކިތަންމެ އުނދަގޫ ވިޔަސް، ބިރުވެރި ވަގުތެއްގައި ކޮންޓްރޯލް ސާބިތުކޮށްދިނުމަށް އެމީހުންގެ އެދުމަށްޓަކައި ކުޑަކޮށް ދޫދޭށެވެ. އަދި ފަހުން ވިސްނައިދޭނީއެވެ.
ފުރާވަރުގެ ކުއްޖާއާ މެދު ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާށެވެ:
ތިބާއަށް ވެސް އިތުރު ސްޓްރެސްއެއް ކުރިމަތިވަމުންދާކަން އެމީހުންނަށް އަންގާލެވިދާނެ އެވެ. އަމިއްލަ އުނދަގޫ އިހުސާސްތަކާ ކުރިމަތިލާ ގޮތް ދައްކާލުމުން އެމީހުންގެ އިހުސާސްތައް އޯކޭކަން އެނގޭނެ އެވެ. ކޯޅުން އުފެދިއްޖެނަމަ، ތިމާއާއި ތިމާގެ ފުރާވަރުގެ ކުއްޖާއަށް އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މިކަންކަމާއި ބެހޭގޮތުން ފުރާވަރުގެ ކުއްޖާ އާއި މަޝްވަރާ ކުރެވިދާނެއެވެ.
-
އަމިއްލަ ނަފްސަށް އަޅާލުން
ބެލެހެއްޓުންތެރިން މުއާމަލާތް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި އަމިއްލަ ނަފްސަށް އަޅާލުމާއި އެހީތެރިކަންވެސް ބޭނުންވެއެވެ. އަމިއްލަ ނަފްސަށް އަޅާލުން ދައްކާލުމަކީ ވެސް ފުރާވަރުގެ ކުއްޖާއަށް އެ އެއީ މުހިއްމު ކަމެއްކަން ދަސްވެ އެގޮތަށް ދިރިއުޅުމަށް މަގުފަހި ކުރުވާކަމެކެވެ.
ތިމާއަށް އުނދަގޫވާ ކަމުގެ އިހުސާސް ކުރެވޭނަމަ އެހެން މީހުންގެ އެހީތެރިކަމަށް އެދުމަށް މަޑުނުކުރާށެވެ. މިގޮތަށް އިހުސާސް ކުރުމަކީ އާދައިގެ ކަމެކެވެ. އާއިލާގެ މީހަކު ނުވަތަ ވާހަކަ ދެއްކޭނެ މީހަކު ހޯދާށެވެ.
އަމިއްލަ ގުޅުންތަކަށް ވަގުތު ހޯދާށެވެ. އިހުސާސްތަކާއި ތަޖުރިބާތައް ހިއްސާކުރެވޭނެ މަދު ބަޔަކު ހޯދަން މަސައްކަތް ކުރާށެވެ. ކޮންމެ ދުވަހަކުވެސް އެމީހުންނާއެކު ވަގުތުކޮޅެއް ކަނޑައަޅައި، ތިމާއަށް އިހުސާސް ކުރެވޭ ގޮތްތައް ހިއްސާކޮށް ވާހަކަ ދައްކާށެވެ.
ސްޓްރެސްއާ ކުރިމަތިލާން އަދި މެނޭޖްކުރުމަށް އެހީތެރިވެދޭ ކަންތައްތައް ކުރުމަށް ދުވަހު ވަގުތު ހޭދަކުރާށެވެ. ދުވަހަކީ ބިޒީ ދުވަހެއް ކަމުގައި ވިޔަސް ނުވަތަ ލަސް ދުވަހެއް ކަމުގައި ވިޔަސް، އަމިއްލަނަފުސު ބަލަހައްޓަން ވަގުތު ހޯދުމަކީ ތިމާގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ. ތިމާއަށް ކަމުދާ ކަންތައްތައް ކުރުމުން އަދި ކުޑަ ޗުއްޓީއެއް ލިބުމަކީ ހަކަތަ ލިބޭ ކަމުގެ އިހުސާސް ކުރެވޭނެ ކަމެކެވެ.
ކަސްރަތު ކުރުމާއި، ރައްޓެހިންނާ ވާހަކަ ދެއްކުމާއި، ކަމެއް ކުރުމުގެ ކުރިން ޕްލޭން ކުރުމާއި، ކަންކަން ޝެޑިއުލްކޮށް އެގޮތަށް ބެލެހެއްޓުމާއި، ޝުކުރުވެރިވާ ނުވަތަ ފަޚުރުވެރިވާ ކަންކަމާމެދު ވިސްނާލުމަކީ އަމިއްލަ ނަފުސަށް އަޅާލުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.
