(މިދިޔަ އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
މިއުވާން ހިތްހަމަ ނުޖެހިހުރެގެން ނަމަވެސް މަޑުމަޑުން ގޮސް ރުކާންގާތު ހުއްޓުނެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ރައޫފު ދިން ބިލެތްގަނޑު ރުކާނަށް ދިއްކޮށްލިއެވެ. ހަމައެއާއެކު ރުކާންގެ އަތުގައި ހުރި ބާރުމިނުގައި މިއުވާންގެ މޫނުމަތީގައި ޖެހިއެވެ.
"ކަލޭ ކީކޭ ހީކޮށްގެން ކަމަށްތަ ތިއުޅެނީ. ފުރަތަމަ ދުވަހު މަށަށް ފާޑަކަށް ބެލީ. ދެން މީހުން ލައްވާ އަޅުވާ ކިޔަންފެށީ. މިހާރު މިހިސާބަށްވެސް ދިޔައީތަ؟" ރުކާން ހަޅޭއްލަވައިގަތެވެ. އޭނާ ދިޔައީ މިއުވާން ފެންނަ ހިސާބުގައިވެސް ނުހުރުމަށެވެ. މީހުން ބުނާގޮތުގައި ވިއްޔާ މިއުވާން މިރަށަށް އަރުވާ ލެވިފައި ވަނީ ހަ މަސްދުވަހަށެވެ. ވައްކަމެއްގެ މައްސަލައެއްގައި ފޮނުވާލާފައި ވާއިރު އޭނާއަކީ ޑްރަގްސް ބޭނުންކުރާ ކުއްޖެކޭވެސް އަޑު ފެތުރިފައިވެއެވެ. މިއީ ރަށްފުށުގައި ބޮޑުވެފައިވާ، ހޭލުންތެރިކަން ކުޑަ ރުކާނަށްވެސް ބިރުވެރި ކަމެކެވެ. މުޅި ރާއްޖޭގެ އެތައް ޒުވާނުންނެއް އެބިރުވެރި ވަބާގައި ޖެހެމުން ދާކަމެކެވެ. އެހެންކަމުން އޭނާ މިއުވާންދެކެ ޖެހިލުންވުމުގެ އިތުރުން ފޫހިވެއެވެ.
"އައްދެ. އެސޮރަށް ހާދަ ވަރެއް ތިކޮށްލީ." ނާސިހާއަށް ވަދެވުނީ ހަމަ އެވަގުތެވެ.
"ނޭނގެ. މަވަރަށް ފޫހިވާ މީހާގަނޑެއް އެއީ." ރުކާން އަނގައަށް ވައްތަރެއް ޖައްސާލިއެވެ.
"އެމީހާ ގޯސް ކަމެއް ކުރިތަނެއް ނުފެނޭ. ވަރަށް ތަދުވެގެން ކަންނޭނގެ އެދިޔައީ." ނާސިހާ ހެމުން ބުންޏެވެ. ރުކާން ވަރަށް ތަފުސީލާ އެކު ނާސިހާއަށް މިއުވާންގެ ވާހަކަ ކިޔައިދިނެވެ. އެދެމީހުންގެ މެދުގައި ނޭނގޭ އެއްވެސް ކަމެއް ނޯވެއެވެ. އެއީ އިޚްލާޞް ތެރިކަމާއި ގާތްކަމުގެ އިންތިހާއެވެ. އެރަހުމަތްތެރިކަމަކީ އެކަކު އަނެކަކަށް ޓަކައި ގުޅިފައިވާ ރައްޓެހި ކަމެކެވެ.
މިއުވާނު ލިބުނު ހައިރާންކަމުންނާއި ވީތަދުން ޖެހިތަނުގައި އަތްއަޅާލައިގެން ހުއްޓެވެ. އޭނާއަށް ބަލާލެވުނީ ރައޫފުމެން އޭނާއާއި ދިމާކޮށް ހޭއަޑަށެވެ.
"އެއީ ހާދަވަރެއްގެ ކުއްޖެކޭދޯ؟ މަ މިބުނީއެއްނު އެކުއްޖާއެއް ކަލެއަކަށް ހައްލައެއް ނުލެވޭނޭ." ރައޫފު އަދިވެސް ހެނީއެވެ. މިއުވާނަށް މިވީގޮތް އޮޅުން ފިލާވަރު މިވީ އަދިކިރިޔާއެވެ. އެމީހުން ބޭނުންވަނީ މިއުވާނު ރުކާން ކާމިޔާބު ކުރުމުގެ މަސައްކަތް ކުރިޔަ ނުދިނުމެވެ. އަދި އެމީހުން އެއްބަސް ވެވުނުގޮތަށް އެކަމުގައި ކޮންމެ މީހަކުވެސް ކާމިޔާބު ހޯދުމެވެ. މިއުވާނަށް މިކަން ވިސްނުމުން ކޮންމެ ގޮތަކުންވިޔަސް ރުކާން އޭނާގެ މީހަކަށް ހެދޭތޯ މަސައްކަތްފެށިއެވެ. ކޮންމެ ފަދަ ކަމެއްކޮށްގެންވެސް ކާމިޔާބު ކުރުމުގެ އަޒުމު އިތުރަށް ވަރުގަދަވާން ފެށިއެވެ.
އެހެންކަމުން އެގޮތް މިގޮތުން ރުކާން ކާމިޔާބު ކުރެވޭތޯ މަސައްކަތް ފަށައިފިއެވެ. އަދި ކޮންމެ ހާލެއްގައިވެސް އޭނާ ރުކާން ހާސިލް ކުރާނެއެވެ.
މެންދުރު ވެގެން އައިއިރު ރުކާން އަވަދިނެތި އުޅެނީ އެގޭ ކުދިން ސްކޫލަށް ގެންދިޔުމުގައެވެ. ގްރޭޑް ދޭއްގައި އުޅޭ ކުއްޖަކާއި އެކެއްގައި އުޅޭކުއްޖެއް ގޮވައިގެން އަނެއް އަވަށުގައި ހުރި ސްކޫލުދޮށަށް ރުކާން ދާން ނިކުތެވެ. މިއުވާން ބަލަންހުރީ ރުކާނާއި ބައްދަލުކުރުމުގެ ދަނޑިވަޅަކަށެވެ. ލިބޯމާގޭ ފަސްދީ ދިޔަތަނާ މިއުވާން ތިން އައިސް ކުރީމް ހިފައިގެން ރުކާންމެންނާއި ހަމަކޮށްފިއެވެ.
"ޔުނީފޯމަށް ނޭޅޭގޮތަށް ބޯލާއިނގޭ." މިއުވާން ދެ އައިސް ކުރީމް ހިފައިގެން އައިސް ދެކުދިންނަށް ދިނެވެ. ބާކީއޮތް އަނެއް އައިސް ކުރީމްގައި ހިފަހައްޓާލައިގެން ހުއްޓެވެ.
"ރުކާން ދައްތައަށް ނުދިނީ ކީއްވެ؟" ހަގަށްހުރި އަރީޝް ބުންޏެވެ.
"އެދައްތަވެސް އައިސް ކުރީމް ބޮއިތަ؟" މިއުވާން ރުކާނާއި ދިމާއަށް ބަލާލަމުން ބުންޏެވެ.
"އަރީޝް. މިވަގުތު އައިސްކުރީމް ބޮނިކޮށް ގަޑިޖެހޭނީ. ތި އެއްލާލާ." ރުކާން މިއުވާނާއި ދިމާއަށް ލޯއަޅައިގެން ހުރެ ބުންޏެވެ.
" މި ބޯލާފައި ދިޔަޔަސް ގަޑިއެއް ނުޖެހޭނެދޯ ބޭބޭ. ރުކާން ދައްތައަށް އައިސްކުރީމް ދީބަލަ. ބޭބެ އަތުގައި ތިހުރި ސްޓޯބަރީ ވައްތަރު ދައްތައަށް ވަރަށް މީރުވާނެ." އަރީޝް އަބަދުވެސް ރުކާން ދެކެ ލޯބިވެއެވެ. ކުޑަ ދުވަހުން ފެށިގެންވެސް އެކުދިންގެ ގިނަކަންތައް ބަލަނީ ރުކާން ކަމަށްވާތީ އެކުދިން ހުންނަނީ ރުކާނަށް އެއްބަޑުއެއްބަފާ ކުލުނު ޖެހިފައެވެ.
މިއުވާނު ފުރުސަތުގެ ބޭނުންހިފާ އައިސްކުރީމް ދިއްކޮށްލިއެވެ. ރުކާންވެސް ދެކޮޅުހަދަން ނުކެރިގެން އައިސް ކުރީމްގައި ހިފަން އަތް ދިއްކޮށްލިއެވެ. ނަމަވެސް އޭނާ އައިސްކުރީމްގައިހިފާ ގަސްދުގައި ދޫވީކަމަށްހަދައި ބިންމައްޗަށް ވައްޓާލަން އުޅުނެވެ. އެ އައިސްކުރީމް ވެއްޓެންދިޔަގޮތުން އޭގައިހުރި އައިސްކުރީމްތައް މިއުވާންގެ ގަޔަށް ބުރައިގެން ދިޔައެވެ.
"ދެން ފަހަރަކުން ލިބޭހަޑި ތިއަށްވުރެވެސް ބޮޑު ވެދާނެ." ރުކާން ދެކުދިންގެ ދަބަސް ހިފައިގެން ހިނގައިގަތެވެ.
"މީ ކަލޭ ގަސްތުގައި ހެދިގޮތެއް. ހާދަވަރަކަށޭ ބިރުގަންނަނީ." މިއުވާން ބާރަށް ބުންޏެވެ.
"ކިހިނެއް އެނގެނީ ކަލޭ ފަންޑިތަ ނުހަދާކަމެއްވެސް" ރުކާން ގަސްތުގައި މިއުވާން ދެރަކޮށްލަން ބުންޏެވެ.
މިއުވާން އިތުރުބަހެއްވެސް ނުބުނެ އެގޮތް ދޫނުކުރާ އަންހެން ކުއްޖާ ދާތަން ބަލަން ހުއްޓެވެ. އެއީ އޭނާއަށް ރީތި ކުއްޖެއް ނޫނެވެ. އަނދާފައިވާ މޫނާއި ގައިގައި ހެދުން ނުޖެހޭ ހިކި ހަށިގަނޑު އޭނާއަކަށް އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ. ލޯކައިރި ކަޅުވެފައި ވުމާއި ވަޅު ވަދެފައިވާ ކޯތާފަތުގައި މީހަކު ޝައުގުވެރި ވެދާނެފަދަ އަސަރެއް ނެތެވެ. ނަމަވެސް ދުވަސްތައް ހަލުވިކަމާއެކު ނިމެމުން ދެއެވެ. ރުކާން ކާމިޔާބުކުރުމުގެ ނަތީޖާއަކާހަމައަށް ނުދެވި ދާތީ އެކަމަށްދޭ ޝައުގުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކޮންމެފަދަ މޮޅު ރޭވުމެއް ރާވައިގެން ވިޔަސް އޭނާ އެކަން ކާމިޔާބު ކުރަން ޖެހޭ ހިސާބަށް ދުވަސްތައް ގާތްވަމުން އެބަދެއެވެ.
ރުކާންއާއި ނާސިހާ އިނީ ޖޯލިފަތި ކައިރީގައި ހުރި އައްޓެއްގައި ގުޅަމަސްގަނޑު ބައްދާށެވެ. މިހާރު ނާސިހާވެސް އެގޭގައި މަސައްކަތް ކުރަމުން ދަނީ ރުކާނާއި އެއްފަދައަކުންނެވެ. އޭރު ޖޯލިފަތީގައި ރައޫފާއިއެކު ހުސެންވެސް އިނެވެ. މިއުވާން އައިސް ޖޯލިފަތީގައި އިށީނެވެ. މިއީ ވަރަށް އަގުހުރި ވަގުތު ކޮޅަކަށް ވާނެކަން ޔަގީން ކުރަމުންނެވެ.
"އަހަނ މިއަދު ފިހާރަ ބަންދުވީތަ؟" މިއުވާން އައުމުން ރައޫފު ދިމާކޮށްލިއެވެ.
"ނޫނޭ. ފިނި ކޮށްލަން ނިކުމެލީ." މިއުވާން ދެރަނުވާން ވެގެން ބުންޏެވެ.
"މިއަދު އޭސީ ކޮށްފައި ހުރީ ޖޯލިފަތި ކައިރީގައިތަ ހުސޭނާ. އެހެންނޫނަސް މެންދުރު ނުވިހޫނެއް ހަވީރުވާން އުޅޭއިރު ވާން ފެށީމަ…" ރައޫފު އަދިވެސް ދިމާކުރުން ހުއްޓައެއް ނުލައެވެ.
"އާނ. ރުކާން ނުލިބެނީހެއް އެހިތަކަށް ފިނިކަމެއް ނުލިބޭނެ." ނާސިހާވެސް ހުރީ ރައޫފާއި އެއްކޮޅަށެވެ.
"ޗީ ދުވަހަކުވެސް މިއުވާނަކާ ނީންނާނަން." ރުކާން މަލާމާތް ކޮށްލިއެވެ.
"މަ ނީނދެފިއްޔާ ރުކާން ހުންނާނީ މީހަކާ ނީނދެ." މިއުވާންވެސް ދުލެއް ނުކުރެއެވެ.
"ސައުކަތުވެސް މިހުރީނު ދޯ މަށާ އިންނަން." އެހިސާބަށް އަރާ ހަމަވި އެރަށު ސައުކަތާއި ދިމާއަށް ރުކާން ބަލާލިއެވެ. އެއީ އެރަށުގެ ކޯޓުގައި މަސައްކަތް ކުރާ އުޅުންހުރި ޒުވާނެކެވެ. ރަށުގެ މީހުން ގަދަރު ކުރާ މީހެކެވެ. ރަށުގެ ގިނަމީހުން އޭނާއާއި ގާތްކަން ބާއްވަން ބޭނުންވެއެވެ. އެއްލޯ އަވަރުވެފައި ސިފަހުތުރު ނަމަވެސް ރަށުގެ ގިނަ މީހުން ބަލައިގަންނަ ފުދުންތެރި މީހެކެވެ.ނަމަވެސް މިހާތަނަށް އައިއިރު ރައްޓެހިވާނެ އަންހެން ކުއްޖެއް އޭނާއަކަށް ނުލިބެއެވެ.
"ރުކާނަށް ރަނގަޅިއްޔާ އަހަރެން މިހުރީ މިހާރުވެސް ތިކަން ކުރަން." ވަގުތުން ސައުކަތު ބުންޏެވެ. އެންމެން އެއްފަހަރާ ހީގަތެވެ. ނަމަވެސް ސައުކަތަށް މިއީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ރުކާނަކީ އޭނާއަށް ވަރަށް ކަމުދާ ކުއްޖެކެވެ. މިވީ ހުރިހާ ދުވަހުވެސް އެކަހަލަ ވާހަކައެއް ދައްކަންވެސް ނުކެރިހުރި މީހަކަށް ރުކާންގެ މި ސަކަރާތުން ވަރަށް އަސަރު ކުރުވައިފިއެވެ.
އިޝާނަމާދު ދަންވީފަހުން ރުކާން ދިޔައީ އަނެއް އަވަށުގައި އުޅޭ އޭނާގެ ދައްތަ ޒަލްފާ ގާތަށެވެ. މިރޭ ތަންކޮޅެއް ލަހުން ދެވޭތީ އޭނާ ހުރީ ކުޑަކޮށް ބިރުވެސް ގެންފައެވެ. ނަމަވެސް އެގޭ މަސައްކަތްތައް ނިންމާލައި ނަމާދުކޮށްލާ ހަދާލެވުނުއިރު އެހާލަސްވެފައި ހުރީތީ އޭނާ ދިޔައީ ވަރަށް އަވަހަށް އަންނާށެވެ.
"ތިހާ ރީތި ކުއްޖަކު ރޭގަނޑު އެކަނި ދާކަށް ނުވާނެ. އަހަރެން ގެންގޮސްދެން ދަންތަ؟" މިއުވާން ބުނެލިއެވެ.
ރުކާން ޖަދަލުކުރުމުގެ ބަދަލުގައި އަނގައިން ނުބުނެ ދިއުން މާރަނގަޅުވާނެހެން ހީވާތީ ދާން ހިނގައިގަތެވެ.
"އައްދޭ. އަހަރެން މިއުޅެނީ އެއްވެސް ގެއްލުމެއް ދޭކަށް ނޫނޭ. ހަމައެކަނި އެހީތެރިވާން."
"މީހަކު މީހަކަށް ކަމެއްކޮށްދޭނީ ކޮންމެވެސް ބޭނުމެއްއޮވެގެން."
"އާނ. އަހަރެން ރުކާނާއި ވާހަކަ ދައްކަން ވަރަށް ބޭނުން. ރުކާން ދެކޮޅު ހަދަނީ ކީއްވެތަ؟"
"އަހަރެންނާ ދުރުގައި އުޅޭ. ކަލޭ ވާހަކަ ނުދެއްކިޔަސް އަހަންނަކަށް ދައްޗެއް ނުވާނެ." ރުކާން ބާރަށް ހިނގާފައި ދިޔައެވެ.
"ކަމެއް ދިމާވެއްޖެއްޔާ އަންގާ ލައްޗޭ." މިއުވާން ރުކާނަށް އިވޭވަރަށް ބާރަށް ގޮވާލިއެވެ. ހީވާގޮތުގައި ރުކާން ރުޅި އައުމަކުން މިއުވާން ޖެހިލުމެއް ނުވެއެވެ. ރުކާން ރުޅި އައިވަރަކަށް އޭނާއަށް ލިބެނީ އިތުރު ހިތްވަރެކެވެ.
"މާލެއިން ކުދިން ހުސްވީތަ މަފަހަތުން އަންނަން. ނޭނގެ މިވައްތަރު ފިރިހެނުން މިއުޅޭގޮތެއް. ދަޅަދައްކާނެ. މޫދުގައި ހިނގާފާނެ. ތަރިތައް އެއްކުރާނެ. އުޑުން މާމުތްވެސް ބާލަފާނެ. ނޭނގެ މަށަކަށް. ހުސްފޮނިވާހަކަ ދެއްކުން. ވަރަށް ފޫހިވޭ." ދައްތަގެ ގެއަށް ވަދެވުނު އިރުވެސް ރުކާން ހިތާހިތުން މިއުވާނަށް ކުނޑިކިޔަމުން ދެއެވެ.
ދައްތައިނީ ދެވަނަ ދަރިފުޅަށް ވިހަން ބަޑުގައި ރިހިރިހިއެވެ. ދެންމެ ދެންމެވެސް ވިހެއުމުގެ ވޭންވަރު އަޅާފާނެ ފަދަ ގޮތަކަށެވެ. އޭރު ދޮޅުއަހަރުގެ އަޔާން ހުން އައިސްފައިވާތީ ރޯއަޑުއިވެއެވެ. ޒަލްފާއިނީ އުނދޯލީގައި އޭނާ ލޮއްސޭތޯއެވެ. ރުކާން ފެނުމާއެކު ޒަލްފާގެ ލޮލަށް ޖަމާ ވެފައިހުރި ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގެންފިއެވެ.
"އަނެއްކާ މިއުޅެނީ އެދުވަސްގަނޑާއި ލައިގަނެގެން. މަސައްކަތެއް ކުރާކަށް ނުދޭ. ފެންނުވަރާ މުޅި ރަށުގައި ހިނގަނީ. މިހާރު މީހުންނަށް ގޯނާ ކޮށްވެސް ހަދާ. މިއަދު ކައްކަން ހުރި ތެލިތައް ދަގަނޑު ގަނޑަކުން ތަޅާ ހަލާކު ކޮށްފި." އާދަނުގެ ސިކުނޑި ހަމަނުޖެހޭ މިންވަރު ދުވަހުން ދުވަހަށް އިތުރު ވަމުންދާތީ ޒަލްފާ ދެރަވެއެވެ.
"މިހުރީ މަންމަ ދިން ލާރިކޮޅެއް." އަޔާން އުރާލަމުން ދިހަރުފިޔާގެ ނޫޓު ތަކަކުން އޮތް ފަންސާސް ރުފިޔާ ދިއްކޮށްލިއެވެ. އަދި އެކުޑަ ކުއްޖާއަށް ބޭސްދީ މަސަލަސް ކުރިއެވެ. ގޭތެރޭގެ ބައެއް ކަންތަކުގައި އެހީތެރި ވެލުމަށްފަހު ރުކާން ނުވަގަޑި ބައިވީއިރު ގެއިން ނިކުތެވެ.
އުދަރެސް ބޯކުރަނީ ކަޅުވިލާތަކުންނެވެ. ނަލަވައިރޯޅިތަކުގެ ބާރު ގަދަވެ ވިއްސާރައިގެ އަސަރުތައް ފެންނަން ފަށައިފިއެވެ. ރުކާން އެކަނި ގެއަށްދާން ބިރުން ހުރެގެން ހިނގައިގަތެވެ.ކުއްލިއަކަށްވެސް ވެހިގެންފާނެތީ އޭނާ ހިނގޭހާ އެންމެ ބާރަކަށް ހިނގަމުން ދެއެވެ.
މިއުވާން ހުރީ ރުކާންގެ އިންތިޒާރުގައެވެ. ކޮންމެ ފަހަރަކު ރުކާންގެ ފަރާތުން ލިބޭ ދެރަ މިއުވާން ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން މޮޅު ރޭވުމެއް ސިނކުޑީގައި ރާވާލިއެވެ. ރުކާން ބިރުގަންނަވާލުމަކީ އޭނާއަށް ލިބޭނެ ވަރަށްބޮޑު ކާމިޔާބެއްކަމަށް އޭނާއަށް ވިސްނުނެވެ. އެހެންކަމުން ކަޅު ފޮތިގަނޑެއް އަޅާ މުޅިމީހާ ނޭނގޭ ވަރަށް ފޮރުވާލިއެވެ. އަދި ކުޑަކުޑަ ލޮލެއް ހުންނަ ދިއްލޭ އައިނެއް އޭނާއެޅިއެވެ. އެއީ ކުރީ ދުވަހަކު އެގޭ އަރީޝް ކުޅެން އުޅެނިކޮށް އޭނާ އަށް ލިބުނު އައިނެކެވެ. އެއީ ދިއްލޭ އައިނެއް ކަމުން އެ އަޅާފައި ހުންނައިރު ދުރަށް ހީވާނީ ރަތް ލޮލެއް ޖަހާފައި ހުންނަހެންނެވެ. ކުއްލިއަކަށް މީހަކަށް ފެނިއްޖެ ނަމަ ބިރުން ހަލާކުވާނެ ފަދަގޮތަކަށެވެ.
އޭނާ ރަނގަޅަށް ތައްޔާރުވެލިއެވެ. އެދިމާއަށް އަންނަމުންދާ ރުކާންގެ އިންތިޒާރުގައި އޭނާ ހަމަޖެހިލައިގެން ހުއްޓެވެ. އޭނާ ނިންމައިގެން ހުރީ ކުއްލިއަކަށް ރުކާން ކުރިމައްޗަށް އަރާ ރުކާން ބިރު ގަންނަވާލާށެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ރުކާން" ވާހަކައަކީ 2012 ވަނަ އަހަރުގެ ގައުމީ މުބާރާތުން ތިންވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
