ޢީދުގެ ހިކުމަތަކީ އެއްބައިވަންތަކަމެވެ.

ޢީދުގެ ދުވަހުގެ ފަހަތުގައިވާ ޙިކުމަތާއި އީދުގެ ސަބަބުން މުސްލިމުންނަށް ފައިދާހުރި ސިއްރުތަކެއް ވެއެވެ. އިސްލާމްދީން މުސްލިމުންނަށް ޢީދު ފާހަގަކުރާނެ ގޮތް ދަސްކޮށްދީފައިވެއެވެ. ޢީދު ދުވަސްތަކުގައި މުސްލިމުން ފަތިހު ތެދުވެ ހިނައިގަނެ އެންމެ ރަނގަޅު ހެދުން އަޅައެވެ. ފަތިސްނަމާދު އަދާކުރުމަށްފަހު އަތުގައި އޮތް އެންމެ ރީތި ހެދުންއަޅާ އީދުނަމާދަށް ދެއެވެ. ޢީދު ދުވަސްތަކުގައި ރޯދަ ހިފުން ހުއްދަ ނުވިޔަސް މުސްލިމުންގެ  އުފާފާޅުކުރުމުގެ ބޮޑު ބަޔަކީ ހަމައެކަނި ކެއުން ބުއިމެއް ނޫންކަން ޢީދުގެ ހަރަކާތްތަކުން ދޭހަކޮށްދެއެވެ. އެއީ މުސްލިމުން އެއްތަނަކަށް އެއްކޮށްގެން الله ގެ ނިޢުމަތްތައް ހަނދުމަކޮށް އެކަލާނގެ ޝަރަފާއި މަތިވެރިކަން ފާހަގަކުރާ ނަމާދެކެވެ. އިސްލާމްދީނުގައި އީދުތަކާއި އެ ޢީދުތައް ފާހަގަކުރުމަކީ ވަކި މާނައަކާއި ރޫޙެއް އެކުލެވިގެންވާ ކަމެކެވެ. އެއީ އެހެން ގައުމުތަކާއި ސަގާފަތްތަކުގައި ބާއްވާ އުފާފާޅުކުރުމާ މުޅިން ތަފާތު ކަންކަމެވެ.

އެހެން ޤައުމުތަކަށް ބަންދު ދުވަހަކީ ދުނިޔޭގެ އުފާތަކުގައި ޣަރަޤުވުމަށް، ނުވަތަ ހުއްދަނޫން ޢަމަލުތަކުގައި އެންމެ ފުރިހަމައަށް ބައިވެރިވުމަށް ލިބޭ ފުރުޞަތެކެވެ. ނަމަވެސް މުސްލިމް ގައުމުތަކުގައި އޮންނަނީ އެގޮތެއް ނޫނެވެ. މުސްލިމުންނަށް ޢީދަކީ ހެޔޮކަންތައްތައް އިތުރުކުރުމަށް ލިބޭ މުނާސަބަތެކެވެ. ކޮންމެ ޢީދަކީ މުހިންމު އަޅުކަމެއް ނިމުމުން الله އަށް ކިޔަމަންވެ އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުގައި ދެމިހުރުމަށް އަޒުމް ކަނޑައެޅުމެވެ. އިންތިހާއަށް އުފަލެއް ނުވަތަ ހިތާމަވެރި ވަގުތުތަކުގައި މުސްލިމަކު އޭނާގެ ވެރިރަސްކަލާނގެ މަތިވެރިކަމާއި، ބާރުގަދަކަމާއި، ޝަރަފާއި، ފާރަވެރިކަމުގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލައެވެ.

މުސްލިމެއްގެ ޢަމަލުތައް އަބަދުވެސް ކޮންޓްރޯލް ކުރެވެނީ ޒިކުރުކުރުމާއި ހޭލުންތެރިކަމުންނެވެ. މިގޮތުން ޢީދަކީ އިސްލާމީ އަޅުކަމުގެ މަސްއޫލިއްޔަތުތަކުން ޗުއްޓީއެއް ނަގައި، އަދި ވަގުތާއި ފައިސާ ބޭކާރު ކުރުމަށް ލިބޭ މުނާސަބަތެއް ނޫނެވެ. އެއީ "މަޖާ ކުރުމަށްޓަކައި މަޖާ" ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އާޚިރަތްދުވަހުގައިވެސް ފައިދާއެއް ލިބޭ ގޮތަށް ކޮންޓްރޯލްކޮށް އަމާޒުކޮށްގެން އުފާކުރާ އުފާކުރުމެކެވެ. ޢީދަކީ އެހެން މުސްލިމުންގެ ހިތްތަކަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދީ، ފަޤީރުންނާއި ނިކަމެތިންނަށް އެހީތެރިވެދީ، ވަރުގަދަ އިސްލާމީ އަޚްލާޤަށް ބާރުއަޅާ ކުޅިވަރުތަކުގައި ބައިވެރިވެގެން ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ލިބޭ ފުރުޞަތެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *