އީމާން ކަމަށްފަހު، އެންމެ ބޮޑު ނިޢުމަތަކީ، ސިއްޙަތު ސަލާމަތުން ހުރުމާއި، އަމާންކަން ލިބިގެން ވުމެވެ. އަމާންކަމަކީ، ޙަޔާތުގެ އެންމެ މުހިއްމު އެއް ބަހާއެވެ. އެއާ ނުލައި، ކުރިއެރުމެއް ނުލިބޭނެއެވެ. އެއީ ހިތްތަކަށް ހަމަޖެހުމާއި، އުފާވެރިކަން ގެނެސްދޭ، އެންމެ ހެޔޮ ފަރުވާއެވެ. އަމާންވެށްޓެއްގައި ނަފުސުގެ ރައްކާތެރިކަން އޮންނާނެއެވެ. އަނބިދަރީންނައި، މުދަލުގެ މައްޗަށް ކަންބޮޑވާކަށް ނުޖެހޭނެއެވެ. އަބުރާއި، ޢިއްޒަތާ މެދު ބިރުގަންނާކަށް ނުޖެހޭނެއެވެ ޙައްގުތަކުން މަޙްރޫމްވެދާނެތީ، ފިކުރުކުރާކަށް ނުޖެހޭނެއެވެ. މި ފަދަ ފުރިހަމަ ސިފަތަކެއް އެކުލެވިގެންވާ ދިރިއުޅުމަށް މަގުދައްކާ ނިޒާމަކީ، ހަމައެކަނި އިސްލާމީ ނިޒާމެވެ.
އިސްލާމް ދީން، މުޖުތަމަޢުގެ ހުރިހާ އަފްރާދުން އަމާންކަން ހޯދައިދިނުމަށް، ނުހަނު ބޮޑު އިސްކަމެއް ދީފައި ވެއެވެ. މުސްލިމުން މަދީނާއަށް ހިޖުރަ ކުރުމަށް ފަހު، އެ ރަށުގައި، ކީރިތި ރަސޫލާ ﷺ އުފެއްދެވި ދައުލަތުގެ ބިންގާ އެޅުއްވީ، އަމާންކަމުގެ މަތީގައެވެ. އުފާވެރި، އަމާން ވެށްޓެއް އުފެއްދެވުމަށް، މުހާޖިރުންނާއި، އަންޞާރުންގެ މެދުގައި، އަޚުކުރެއްވިއެވެ. އޭގެ ސަބަބުން، އެ ދެބައިމީހުންގެ މެދުގައި، އެކުވެރިކަމާއި، ލޯތްބާއި، ކުލުނު އުފެދުނެވެ .މީގެ އިތުރަށް، އޭރު މަދީނާގައި ދިރިއުޅުނު ހުރިހާ ނަސްލެއްގެ މެދުގައި ޢަދުލުއިންޞާފާއި، އެކުވެރިކަމާއި، ޢަދުލުވެރިކަމާއި އަމާންކަން ޤާއިމު ކުރެއްވިއެވެ. އެކަމަށް ޓަކައި، މީޘާޤުލް މަދީނާ ގެ ނަމުގައި، ޢާއްމު ގާނޫނެއް އެކުލަވާލައްވައި، އެޤާނޫނު ތަންފީޛު ކުރެއްވިއެވެ. އިސްލާމް ދީނަކީ، އަމާންކަމާއި، އިންސާފާއި ހަމަހަމަކަމަށް ގޮވާލާ ދީނެކެވެ. މާތް ﷲ ގެ ޙަޟްރަތުގައި، އެކަކު އަނެކަކަށް ވުރެ މާތްވަނީ، ތަޤްވާވެރިކަމުންނެވެ. ހަމުގެ ކުލަޔާއި، ޙަސަބާއި ނަސަބާއި މުއްސަނދިކަމަކުން ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ﴾ މާނައީ: " އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަން ރަސްލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމު ތަކަށާއި ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން، އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރަފު ވުމަށްޓަކައެވެ. ހަމަކަށަވަރުން، މާތް ﷲ ގެ ޙަޟްރަތު ގައި، ތިޔަބައިމީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައި މީހުން ކުރެ، އެންމެ ތަޤްވާވެރި މީހާއެވެ."
އަމާންކަމެއް ނެތް މުޖުތަމަޢެއް، އެއްވެސް މައިދާނެއްގައި، ތަރައްޤީއެއް ނުވާނެއެވެ. ޖާނާއި މާލު ރައްކާތެރިއެއް ނުކުރެވޭނެއެވެ. އަބުރާއި، އިއްޒަތް ޙިމާޔަތެއް ނުކުރެވޭނެއެވެ. އެފަދަ ވެށްޓެއްގައި، ދިރިއުޅޭ ބަޔަކަށް ފުރިހަމަ ސިއްޙަތާއި، ތަނަވަސްކަމުގެ އުފަލެއް ވެސް ނުލިބޭނެ އެވެ. އަބަދުމެ ތިބެން ޖެހޭނީ، ކަންބޮޑުވުމާއި، ހާސްކަމުގެ ތެރޭގައެވެ. މިއާ ޚިލާފަށް، އަމާން ވެށްޓެއްގެ އަފްރާދުން، ޤާބިލްކަން ހުރި ދާއިރާތަކުގައި، ތަރައްޤީވާނެއެވެ. މޮޅެއް ދެރައެއްގެ ތަފާތެއް ނެތި، މުޅި މުޖުތަމަޢު ކުރިއަރާނެއެވެ. ދުނިޔެ އާއި އާޚިރަތުގެ ގޮވަތި އާރާސްތު ކުރުމަށް، ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި، އެކިއެކި ސިނާޢަތާއި، ފަންނާއި، ހުނަރުގެ ދާއިރާތައް ފުޅާވާނެއެވެ ބޮޑެތި ވިޔަފާރިތަކާއި، ކާރުޚާނާތައް އުފެދި، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު، ތަނަވަސްވާނެއެވެ.
(މަޢުލޫމާތު: ހުކުރު ޚުޠުބާ)
