ވާހަކަ: ލީޝަން – 2

(ބުދަދުވަހުގެ ނޫހާއިގުޅޭ)

ރަހީމަކީ ރަނގަޅު މީހެކެވެ. ކުރިން ސިފައިންގޭގައި މަސައްކަތް ކުރި ހަރުދަނާ މީހެކެވެ. ނަމަވެސް މިހާރު އަމިއްލަ ވިޔަފާރި ބަލަހައްޓަމުން ގެންދާ މުއްސަންޖެކެވެ. އޭނާ މުއްސަނދި ވުމުގައި ޔައީނު ބައްޕަގެ އެހީތެރިކަން ލިބުނު މިންވަރު އޭނާ ހަނދާނެއް ނުނެތެއެވެ. ލޯނެއް ނަގައިގެން ފެށި ވިޔަފާރީގައި އޭނާގެ ގޯތި ބޭންކަށް ނުގޮސް ސަލާމަތްވީ އަދުނާނުގެ އޯގާތެރި ކަމުންނެވެ. އޭރު އަދުނާނުވެސް މަސައްކަތް ކުރަމުންދިޔައީ އޭނާއާއިއެކު ސިފައިން ގޭގައެވެ. ނަމަވެސް އަދުނާނަށް ގާތްގާތުން ދަރިން ލިބުމުން އާއިލާއަށް އެހީތެރިވުމުގެ ގޮތުން ރަށަށް ބަދަލުވެ މަސްވެރިކަމުގައި ބައިވެރިވީއެވެ. އެއީ އޭނާގެ އާއިލާ އެންމެންގެވެސް މައިގަނޑުމަސައްކަތް ކަމަށްވާތީ އެކަމުގައި އޭނާ ނުހަނު ކުޅަދާނަ ވިއެވެ.  ނަތީޖާއެއްގެގޮތުން މަސްވެރިކަމަކީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި ވީއެވެ. މަހަށް ނުގޮސްފިނަމަ އެދުވަހެއް އޭނާ ފޫހި ކޮށްލާވަރަށް އޭނާވަނީ މަސްވެރިކަމަށް ދެވިހިފާފައެވެ.

ރަހީމަށް އަދުނާނުވީ އޯގާތެރިކަމަށްޓަކައި އަދުނާނުގެ އެދުމަށް ދެކޮޅުހެދުމަކީ އޭނާއަށް ކުރެވޭނޭކަމެއް ނޫނެވެ. އޭނާ އަދުނާނަށް އެހީތެރިވާން ވީދުވަހު އޭނާއަށް ވެވޭ އެންމެ ރަނގަޅަކަށް އޯގާތެރި ވާނެއެވެ. އޭނާގެ ނުފޫޒުގަދަ އަންހެނުން ރާމިޒާއާއި ދެކޮޅަށްވެސް މިކަން ކުރާނެއެވެ.

ޔައީން އޭނާގެ ފޮށިވަށި އަލަމާރިއަށްލާ ހަމަޖެހިލިއެވެ. އެއީ ކުޑަކުޑަ ކޮޓަރިއެކެވެ. ތަރުފާލު އަޅާފައިވާ މި ކޮޓަރީގައި ކުޑައެނދަކާއި އަލަމާރިއެއް ބެހެއްޓުމަށްފަހު ހިނގާލާނެ ތަންކޮޅެއްވެސް ނެތެވެ. ލޮނުފެނުން ފެންވަރާލާ އަވަދިވެގެން ހައިކަން ފިލުވޭނެ ގޮތެއް އޮތްތޯ  ދިޔައެވެ. ގޭތެރެއަށް ވަންނަން ދަނިކޮށް ހަމަ އޭނާ ވަރުގެ އަންހެން ކުއްޖެއް ފެނުނެވެ. އެއީ ހިމަތޮޅި ދޮން ކުއްޖެކެވެ.  ބާވެފައިވާ ކަޅުކުލައިގެ ޕާކިސްތާނު ހެދުމެއްލައިގެން ހުރި އާދައިގެ ކުއްޖެކެވެ.

"އެއްޗެއް ކައިފިންތަ؟" އެކުއްޖާ ވަރަށް ގާތްކޮށް ވާހަކަދެއްކިއެވެ.

"ނޫން" ޔައީނު ހަމައެކަނި ބުނެލީ މިވަރަށެވެ.

"އަހަންނަކީ ޒީނާ. ބ. ކުޑަރިކިލު ކުއްޖެއް. އަހަރެން މިގެއަށްއައީ މިދިޔަ އަހަރު." ޒީނާ އަމިއްލައަށް ތައާރަފުވެލިއެވެ.

"އަހަންނަށް ކިޔަނީ މުހަންމަދު ޔައީން."

"ޔައީން ކޮން ސުކޫލަކަށްތަ ވަންނަނީ. އަހަރެން މިއުޅެނީ އެމް އީ އެސްގައި. ގްރޭޑް އަށެއްގައި."  ޒީނާ ކާންހަދަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ޔައީނަށް މި ބީރަށްޓެހި މާހައުލުން ޒީނާގެ ރަހުމަތްތެރިކަމުން ވަރަށް ހިތްހަމަޖެހުނެވެ. ދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އުފެދެމުން އެގުޅުން ގާތް ވަމުންދެއެވެ. ހިތްދަތިވާ އެތައް އަޑުތަކަކާއި އެތައް ކަމަކަށް ފަހުވެސް މަޑުމަޑުން ގޭގެ ކަންތައްތަކަށް ހޭނެމުން ދެއެވެ.

"ތި ސޯފާގައި ނުއިށީންނާތި، މީ ލީންގެ ސޯފާ. ކޮންމެ މީހެއްގެ ސޯފާއަކަށް ވިޔަސް މިތާނގައި އިށީނދެ ނަހަދާތި." ޓީވީ ހުޅުވާލަމުން ރާމިޒާ ބުންޏެވެ.

"ތި ސޯފާ ފޮހެލާފައިދޭ. ތި ބާގަމީސްތައް މިހާރު ބަދަލު ކުރާކަށް ނުވޭތަ. މަންމަމެންނަށް ލާރިއެއް ފޮނުވާކަށް ނުލިބޭދޯ. ވީހާވެސް އަވަހަކަށް ތި އެއްޗިހި ބަދަލުކުރޭ. އެހެންނޫނީ މިގެއަށް އަންނަ މީހުން މަށަށްވެސް މަލާމާތް ކުރާނެއެއްނު."

ރާމިޒާގެ ބޮޑާ ބަސްތަކުން ޔައީނުގެ ނިކަމެތި ކަމާމެދު ފުރަތަމަ ފަހަރަށް ޝަކުވާ ކުރެވުނެވެ. އެއީ މިގޭގެ އާދައެވެ. އެމީހުން އިށީންނަ ގޮނޑިއަކު އޭނާއަކަށް ނީނދެވޭނެއެވެ. އެމީހުން ކާތައްޓެއް ކެއުމަކަށް ބޭނުމެއް ނުކުރެވެއެވެ. އެމީހުންނާއި އެއްމޭޒެއްގައި ކައިބޮއެއް ނެހެދެއެވެ. އެއީ މުއްސަނދިންނެވެ. ޔައީނަކީ އާދައިގެ ނިކަމެއްޗެކެވެ. ރާއްޖެތެރޭގެ ފަގީރެކެވެ. އޭނާގެ ލޮލުން ފޭބިކަރުނަ ޒީނާއަށް ފެނިދާނެތީ ސިއްރުކުރަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ.

"އަޅާނުލާ. އާދޭ މަށާއެކު." ޒީނާ އަބަދުވެސް ޔައީނަށް އޯގާތެރިވެއެވެ.

ޒީނާ މަޑުމަޑުން ހިނގާފައި ދިޔައީ އެދެމީހުންގެވެސް ކޮޓަރި ހުންނަ ދިމާ ބޭރަށެވެ. ކޮޓަރީގެ ކުރިމަތީގައި ހިލައިން ހަދާފައި ހުރި ދިގު ގޮނޑިއެއްގައި ޒީނާ އިށީނުމުން ޔައީނުވެސް އިށީނެވެ.

"ދެން ފަހަރަކުން އަންނަ އެއްޗަކުން އަހަރެން ރަށަށް ދާންވީ ކަންނޭނގެ." ފެންކަޅިވެފައި އިން ޔައީނު މާލެމަތީން ފޫހިވެއްޖެއެވެ.

"ހާދަ އަވަހަކަށް ގޮތެއް ތި ނިންމީ. ނުކިޔަވާ ރަށަށް ދިޔައީމަ ކީކޭ މަންމަމެން ބުނާނީ. އެހާ ހާލުގައިވެސް ޔައީނަށް ކިޔަވައިދެވޭތޯ އެއުޅެނީ ހާދަ ފޮނި އުންމީދެއް އޮވެގެންނޭ. މީހުންވެސް ކިހާ މަލާމާތް ކުރާނެ. ބުނާނެ ތާކު ކިޔަވަން ބެހެއްޓީމާވެސް ކިޔަވާކަށް ނުކެރުނޭ." ޒީނާ ބެލީ ޔައީނަށް ވިސްނައިދެވޭތޯއެވެ.

"އެކަމަކު އެއީ ހާދަ ގޯސް އަންހެނެކޭ."

"އަހަރެންނަށްވެސް ވަރަށް މަލާމާތްކުރާނެ. އަހަރެން ލާހެދުންތައް ބާވީމާ. ޒަމާނާނުގުޅޭތީ. ރާއްޖެތެރޭ ކުއްޖަކަށްވާތީ. އަދި ލީޝަން ހުރިއިރު ދެމީހުން ވެގެން ހީނހީނފާ މަލާމާތް ކުރާނެ. ނަމަވެސް ކިޔެވުން މުހިންމުވީމާ ޝުކުރު ކޮށްލައިގެން ހުންނަނީ."

"ތި ލީޝަން އަކީ ކާކުތަ؟"

"އެއީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު. މިހާރުވީ އޭނާގެ މާމަގާތަށް ލަންކާއަށް ގޮސް. ދެން ވަރަށް އަވަހަށް އަތުވެދާނެ. މާބޮޑަށް އަޅާލާނޭ ކަމެއްނެތް.  ހިތްވަރު ކޮށްލައިގެން ކިޔެވޭތޯބަލާ." ޒީނާ ހިތްވަރުދިނީ ދައްތައަކު ދަރިއަކަށް ނަސޭހަތްތެރި ވާގޮތަށެވެ.

ޒީނާއާއި ޔައީންގެ މައްސަލަ ތަކަކީވެސް ނުހަނު އެއްގޮތް މައްސަލަ ތަކެކެވެ. ޒީނާ ގޭގެ ހުރިހާ މަސައްކަތެއްކުރެއެވެ. ކެއްކުމާއި ދޮވެ އިސްތިރިކުރުމެވެ. ގޭ މީހުން ބޭނުމެއްޖެހިދާނެ ކަންކަމަށް ސަމާލުވެ ހުރުމެވެ. ރާމިޒާ އޮފީހަށްދާ ހެދުމާއި ހަވީރަށް ލާހެދުމާއި އެއާއިގުޅޭ އެހެނިހެން ތަކެތި ވަގުތުން ވަގުތަށް ތައްޔާރު ކުރުމެވެ. ރާމިޒާގެ ރައްޓެހިންނަށް ފޮނުވާ ކާނާތައް ކެއްކުމެވެ. އެހުރިހާ ކަމަކަށްޓަކައި ޒީނާ އަބަދުވެސް ހުންނަން ޖެހެނީ ރާމިޒާ ގޮވާލަފާނެތީ ފެންނަ ހިސާބުގައެވެ. ދޭތެރެ ދޭތެރެއިން ރާމިޒާގެ ރައްޓެހިންނާއެކު ރިސޯޓުތަކަށާއި ރާއްޖެއިން ބޭރަށްދާތީ ގޭގެ ހުރިހާކަމެއް ބަލަހައްޓަން ޖެހެނީ އޭނާއަށެވެ. އޭގެ އިތުރުން ރާމިޒާ ހުއްޓަސް ނެތަސް ރަހީމުގެ ކޭންބެއްލެވުމުގެ ކަންތަކާއި ގަޑިންގަޑިއަށް ބޭނުންވެލައްވާނެ ހެދުންތަކާއި އަދި އެހެން ކަންތަކުގައިވެސް ޒީނާ ހުންނަން ޖެހެނީ އަބަދުވެސް ވިސްނައިގެންނެވެ. އެންމެ ކަމެއްވެސް އަތުން ދޫވެއްޖެނަމަ ހީވެސް ނުކުރާވަރުގެ ގިނަމައްސަލަތަކެއް އުފައްދައި ބޮޑު ހާސްކަމެއްގެ ތެރެއަށް އޭނާ ވަންނަން ޖެހިދެއެވެ. އޭނާ ފޮތްވެސް ކިޔަނީ ލިބޭ މަދުވަގުތުކޮޅެއްގައެވެ.

ގެއަށްބޭނުންވާނޭ ހުރިހާ ބާޒާރެއް ކުރަނީ ޔައީނެވެ. ކުނި އުކާލުމާއި އަބަދުވެސް ރާމިޒާގެ ރައްޓެހިންނަށް ފޮނުވާ ތަށިބަރިތަކާއި ބިލްތައް ދައްކަނީ އޭނާއެވެ. އޭގެ އިތުރުން ގެފޮޅާ ސާފުކުރުމާއި ފުރާޅުދޮވުމާއި އެހެނިހެންވެސް ކަންތައް އޭނާއަށް ކުރަންޖެހެއެވެ. ޒީނާފަދައިން އޭނާވެސް ހުންނަންޖެހެނީ ގޭމީހަކު ބޭނުންވެގެން ގޮވާލާފާނެތީ  އަބަދުވެސް ތައްޔާރަށެވެ. ގޭގައި ކުރަންޖެހޭ މަސައްކަތްތައް ކިތަންމެ ގިނަ ނަމަވެސް އޭނާގެ ކިޔެވުމަކަށް ބުރުލެއް ނާރައެވެ. ޔައީނަށް މަދަރުސަތުލް އަހުމަދިއްޔާގެ އަށްވަނަ ގްރޭޑުން ޖާގަލިބި އޭނާގެ ކިޔެވުން ވަރަށް ކާމިޔާބު ކަމާއެކީ ކުރިއަށްދެއެވެ. ޔައީނަކީ މޮޅު ކުއްޖެއްކަމުން ކިޔެވުމުގައި ޒީނާއަށް އެހީތެރިވެ ދެއެވެ. ވަގުތު ކޮޅެއްލިބެނީ ރޭގަނޑު ދަންވާފަހުން ކަމުގައިވާތީ އެދެމީހުން ކޮޓަރީ ދޮރުމަތީ އޮންނަ ކުޑަ ފެންޑާއެއްގައި ތިބެގެން ފިލާވަޅު ދަސްކުރެއެވެ.

"ޒީނާ ކީއްވެ މިގެއަށް އައީ." ޔައީނު އަހާލިއެވެ.

"އެއްފަހަރަކު މި ރާމިޒާއްތަގެ މަންމަ ގޮވައިގެން ދިވެހި ބޭސްކުރަން އަހަރުމެން ރަށަށް ދިޔައީ. އޭނާއަށް ބޭސްކޮށްދިނީ އަހަރެންގެ މާމަ. އޭނާގެ މަންމަ ވަރަށް ބޮޑުތަން ރަނގަޅުވަމުން އައި. އެކަމަކު އެއްދުވަހަކު މާމަ ނިދައި ނުހޭލައިގެން ލަސްވެގެން ގޮވަންދިޔައިރު އޮތީ މަރުވެފައި. އެދުވަހު އަހަރެން ވަރަށް ބޮޑަށް ރުއިން. މުޅިން އެކަނިވާނެނު ދޯ. އެހެންވެގެން ރާމިޒާއްތަގެ މަންމަ އަހަރެން ގޮވައިގެން އައީ. އެކަމަކު ރާމިޒާއްތަގެ މަންމަ މިހާރު އިންނަނީ ލަންކާގައި." ވަރަށް ހަމަޖެހިލައިގެންއިނދެ ޒީނާ ވާހަކަދެއްކިއެވެ.

"ހާދަ ދެރައޭދޯ."

"ނޫން. ބައެއްފަހަރު ހިތަށްއަރާ މިގޮތްވެސް މާ ރަނގަޅޭ. އެއީ މާމަގާތު ހުރިއިރު މާމަ ވަރަށް އަނިޔާ ކުރާނެ. އަދި އޭރު ހުރިހާ މަސައްކަތެއް ކުރާއިރުވެސް މާމަ ހިތަށް އެރިއްޔާ ކާންދޭނީ. ބައެއްކުދިން ވެސް އަހަރެން ވަރަށް ދެރަކޮށްލާނެ. ކުޅެން ދިޔަޔަސް ނުވެސް ލައްވާނެ. މިހާރު މީހަކު އަނިޔާއެއް ނުކުރޭ. ގަޑިންގަޑިއަށް ކާންލިބޭ. ޔައީން ކަހަލަ ރަނގަޅު ރަޙްމަތެރިއަކު އެބަހުރި." ޒީނާ އުފާވެލާފައި ބުންޏެވެ.

"އަހަރެން ކޮއްކޮމެން މަތީން ވަރަށް ހަނދާންވޭ. މީރު އެއްޗެއް ކާއިރުވެސް ވަރަށް ދެރަވޭ. ހިތަށް އަރަނީ އެކުދިންނަށް މިކަހަލަ މީރުއެއްޗެއްވެސް ނުލިބޭނޭ."

"ޔައީނު ހާދަ ހިތްވަރެއް ނެތޭދޯ. ހިތްވަރުކުރޭ. ދެންއޮތީ އޯލެވެލް ނިމެން އެންމެ އަހަރެއްނު."

"އާނ އަހަރެން އޯލެވެލް ނިމޭގޮތަށް ރަށަށްދާނީ."

"މާދަމާ މިގޭ ލީޝަން އަންނަކަން އެނގޭތަ؟ އޭނާ އަތުވެއްޖެއްޔާ ބޯހަލާކު ވާވަރުވާނެ." ޒީނާ ފޫހިވެލާފައި ބުންޏެވެ.

"އަހަރެން ހުރިއްޔާދެން ޒީނާ ބޯހާސްވާކަށް ނުޖެހޭނެ." ޔައީން ނުހަނު ގާތްގޮތަކަށް ބުނެލިއެވެ. އެދެމީހުންނަށްވެސް ރަހުމަތްތެރިކަމަށްވުރެ މާގާތް ގުޅުމެއްގެ އިހުސާސް ކުރެވެއެވެ. ނަމަވެސް އެއިން އެކަކަށްވެސް އެކަން ފާހަގަ ކުރެވޭލެއް ކުޑައެވެ.

މާލެ އާދެވުމުންވެސް ޔައީނުގެ ހެދުން އެޅުމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އޭނާއަށް ރަށުން ފޮނުވާ ލާރިކޮޅުން ސްކޫލް ފީއާއި ކޮންމެހެން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްފަހު ލާރިއެއް ނުހުރެއެވެ. މާލެ އައިސް މިވީ ދެއަހަރުތެރޭ އޭނާ އަދި މިހާތަނަށްވެސް ގަތީ އެންމެ ތިންގަމީހެވެ. އެއީވެސް އެންމެ އަގުހެޔޮ އާދައިގެ ގޮޅިޖެހި ގަމީހެވެ. ބައެއް ފަހަރަށް ރަހީމު ދޭ މަދު ލާރިކޮޅު އޭނާ ރައްކާ ކޮށްފައި ބަހައްޓައެވެ. އެއީ އޭނާގެ ކޮއްކޮމެންނަށް އެއްޗެއް ފޮނުވޭތޯއެވެ. އަދި އެއިން އޭނާ ޒީނާއަށްވެސް އެހީތެރި ވެދެއެވެ.

ރަހީމާ ރާމިޒާޔާ މިއަދު އޮފީހަކަށް ނުދެއެވެ. އެދެމަފިރިންގެ ހަމައެކަނި ދަރިފުޅު އަންނާތީ އެއާޕޯޓަށް ދިއުމަށްޓަކައި ތައްޔާރުވަނީއެވެ. މިކަމާހެދި ޔައީނަށްވެސް އަދި ޒީނާ އަކަށްވެސް ސްކޫލަކަށް ނުދެވުނެވެ.

"ޔައީން އަހަރުމެންނާއެކު ދާންވީނު." ރަހީމު ބުނުއްވިއެވެ.

"ކީއްކުރަން. އޭނާގޮވައިގެން ދާކަށް މަށަކަށް ނުކެރޭނެ. ބަލާބަލަ ލާ ގަމީސްތައް. މޫނުމަތިވެސް ހުންނަނީ ފުސްބުރާފާހުންނަހެން. ފެންވަރާއިރު ސައިބޯނި ކޮޅެއްވެސް ލާހެނެއް ހިއެއްނުވޭ." އަބަދުވެސް ރާމިޒާ އޭނާ ދަށްކޮށްލައެވެ.

"ދެން އެހެންވީއިރު ރާމިޒާ އޭނާއަށް ރަނގަޅު އެއްޗެއް ހޯދައިދޭންވީނު. ލާރި ގިނަވެގެން އަބަދު ޕާޓީތަކާއި ދަތުރުތަކާއި ސަކަރާތްޖެހުމުގައި އިސްރާފު ކުރާއިރު މިއިން ކުއްޖަކަށް ދިނިއްޔާވާނީ ކީއް." ރަހީމު އެކަމަކާ ހިތްހަމައެއް ނުޖެހުނެވެ.

ރާމިޒާ އޭނާ ދައްކާ ވާހަކަތަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ބާރުހިނގުމެއްގައި ނިކުމެ ދޮރު ލެއްޕިއެވެ.

"އަހަރެންނާއެކު ދަންޏާ މިހާރުއާދޭ." އަނެއްކާވެސް ދޮރު ހުޅުވާލާފައި ރާމިޒާ ގޮވާލިއެވެ. ރަހީމު ހިމޭންކަމާއެކީ ނިކުންނެވިއެވެ.

ރާމިޒާއާއި ރަހީމުގެ މި ހަމަނުޖެހޭ ދިރިއުޅުމަށް ރަހީމު ކެތް ކުރައްވަމުން ގެންދަވާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ރަހީމުގެ ކުރީގެ ދަތި އުނދަގޫ ފަގީރު ދިރިއުޅުމުން ސަލާމަތްވެވުނީ އޭނާގެ ނުހަނު ބުރަ މަސައްކަތުންނެވެ. އޭނާއަށް ވިހި އަހަރުގައި ކުރެވުނު ކައިވެނީގައި ތަފާތު މައްސަލަތައް އުފެދެމުން ދިޔައެވެ. އޭރު ރާމިޒާއާ، އޭނާގެ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑެވެ. ނަމަވެސް އެކަށީގެންވާ ވަގުތު ނުދެވޭތީ ރާމިޒާ އަބަދުވެސް ޝަކުވާ ކުރެއެވެ. މުއްސަނދި ދިރިއުޅުމަކުން ބޮޑާކަމާއި ކިބުރުވެރިކަމުން ބޮޑުވެފައިވާ ރާމިޒާ ޝަކުވާ ކުރަމުން ދިޔައީ ރަހީމު އޭނާ ގޮވައިގެން ރެސްޓޯރަންޓް ތަކަށް ނުދާތީއެވެ. އެކީގައި ވަގުތު ހޭދަ ނުކުރާތީއެވެ. ލިބޭ ލާރިން އޭނާގެ ޚަރަދުތައް ހަމަޖައްސާ ނުލެވޭތީއެވެ. މިޝަކުވާތަކުގެ ނަތީޖާއަކަށްވީ އޭނާގެ ހުރިހާ ވަގުތެއް ލާރި ހޯދުމުގައި ހުސްކުރުމެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *