ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް މިފަހަރު ހޯދީ އަންހެން ކުދިން

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕް މިފަހަރު ލިބުނީ ހުސް އަންހެން ދަރިވަރުންނަށެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީ.އެޗް.އެސް.އީގެ 5 އަންހެންދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ދަރިވަރެކެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާ ގައި ލިޔުން އެދަރިވަރުންނާއި ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީ.އެޗް.އެސް.އީގެ 5 އަންހެންދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަންހެން ދަރިވަރެކެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި ދަރިވަރުންނާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި ހުރިހާ ދަރިވަރުންނަށް، އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

ސްކޮލަޝިޕް ޙާޞިލްކުރި ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ކުދިން މި ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަމަށާއި، ތަފާތު ސަގާފަތްތަކާއި ތަފާތު އާދަކާދަތަކުގެ މަސްހުނި ވެއްޓެއްގެ ތެރެއަށް ކަމަށެވެ. އަދި އެވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ކުދިން ވަށައިލާނެ ކަމަށާއި ހިތް އެދޭ އެތައް ކަމެއް ކުދިންގެ ވިސްނުމާ ކުޅެމުން ދާނެ ކަމަށެވެ. އަދި ހޮޅިލައި ނަގާ ކިތަންމެ ރާޅެއް އެކުދިންގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ކޮންމެ ބިމެއްގައި ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއަށް ވުރެ ބޮޑަށް، ހިތު މިސްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެކަމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުން ކަން ތާއަބަދުމެ ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި 6 ދަރިވަރުންގެ އިތުރުން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 79 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *