ހެޔޮ ބަހަކީ ހެޔޮ ގަހެއް ފަދަ އެއްޗެކެވެ.

ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާހުރި މޭވާއެކެވެ. އެއީ ހިނތުންވުން ގެނެސްދޭ ކަމެކެވެ. ހެޔޮ ބަސް ބުނެ އުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަޚްޞިއްޔަތު އަންގައިދޭ ކަމެކެވެ. އެއީ އޭނާގެފޭރާމެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. އެއީ މާތް ﷲ ގެ ޙަޟްރަތަށް އޭނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރެވެ. ހެޔޮ ބަހެއް މެނުވީ މާތް ﷲ ގެ ޙަޟްރަތަކަށް ނުފޯރާނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿  إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ ﴾ މާނައީ: ރަނގަޅު ބަސްތައް އުފުލިގެން ދަނީ، އެކަލާނގެ ޙަސްރަތަށެވެ. އަދި ޞާލިޙު ޢަމަލު އެކަލާންގެ ޙަޟްރަތަށް އުފުލައްވަތެވެ."

ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. އޭގައި ހިމެނޭނީ އެ ބަސް ބުނާ މީހާއަށާއި، އަޑު އަހާމީހާއަށް މަންފާ އާއި ލާބައެވެ. އެ ބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް ނުހިމެނޭނެއެވެ. ހެޔޮ ބަހަކީ، މާތް ﷲ ހަނދުމަކުރުމާއި، ތަޙްލީލާއި، ތަޙްމީދާއި ތަސްބީޙަ ކިޔުމެވެ. އެއީ ފައިދާކުރަނިވި އިލްމެއް ފެތުރުމާއި، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމެވެ. އެއީ މީސްތަކުންނަށް ނަސޭހަތް ދިނުމާއި ސީދާ މަގަށް މަގު ދެއްކުމެވެ. ހެޔޮ ބަހަކީ ހެޔޮ ގަހެއް ފަދަ އެއްޗެކެވެ. އެ ގަހުގެ ހިޔާ ބޮޑެވެ. އެ ގަހުގެ މަންޒަރު ރީއްރެވެ. އެގަހުގެ ވަސް މީރެވެ. އެ ގަހުގެ މޭވާ ފޮންޏެވެ. އެ ގަހުގެ ފައިދާ ގިނަގުނައެވެ. އެ ގަހުގެ މޫތައް ވަރުގަދައެވެ. އެއީ އަބަދުވެސް މަތިވަރު ރަނގަޅު ގަހެކެވެ. އެއީ އަބަދު ވެސް މޭވާ އަޅައި ފުރިފައިވާ ގަހެކެވެ. އެ ގަހުގެ މޭވާ ދުވަހަކު ވެސް ހުހެއްނުވެއެވެ. މި ފަދަ ގަސް ހެދުމަށް ރަނގަޅު ބިމަށް ބޭނުން ވެއެވެ.

މި ރަނގަޅު ބިމަކީ، މާތް ﷲ އަށް އަޅުކަން ކުރާ ޞާލިޙް މުއުމިނާގެ ނަފްސެވެ. އެ ފަދަ ނަފްސެއްގެ ވެރިއަކަށް ވެވޭނީ، މާތް ﷲގެ ޚަލްޤުތަކުންނާ އެކު ރިވެތި ގޮތުގައި  މުޢާމަލާތް ކުރާމީހަކަށެވެ. އަޅުގަނޑުމެންގެ ދަރިން މި ފަދަ ނަފްސުތަކެއްގެ ވެރި ބަޔަކަށް ހެދޭނީ، ޢާއިލީ ރަނގަޅު ތަރުބިޔަތާއި، ރިވެތި ނަމޫނާ އާއި، މަދްރަސީ ރަނގަޅު ތަރުބިޔަތާއި، ޞާލިޙު ރަނގަޅު ވެށްޓެއް، އެ ކުދިންނަށް ހޯދައިދީގެންނެވެ. މި ތިން މާޙައުލަކީ، ގަހެއް ރުކެއް ނުހެދޭ، ދިރުމެއް ނެތް، މަރުވެފައިވާ ބިމެއް ފަދަ މާޙައުލަކަށް ވެއްޖެނަމަ، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހެޔޮ ބަސް ބުނުމުގެ އާދަ އަށައެއް ނުގަންނާނެއެވެ. އެ ފަދަ ވެއްޓެއްގައި އުފެދި ބޮޑުވާ ބައެއްގެ ސަބަބުން މުޖްތަމަޢު އެއްބައިވަންތައެއް ނުކުރެވޭނެއެވެ. އެމީހުންގެ ކިބައިން ގައުމަށް ރަނގަޅު ޚިދުމަތެއް ނުލިބޭނެއެވެ. މާތް ﷲ، ހެޔޮ ބަހާއި ،ބަދު ގެ މިސާލު ޖައްސަވައި، ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿ أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ‎, تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ‎, وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِن فَوْقِ الْأَرْضِ مَا لَهَا مِن قَرَارٍ ﴾   މާނައީ: " ﷲ، ރަނގަޅު ބަހެއްގެ މިސާލު ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ އެ ގަހެއްގެ މޫތައް (ބިމުގައި ) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށް ހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިސާލެވެ. އެގަހުގެ ވެރިރަސްކަލާނގެ އިޒުނަފުޅާ އެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ﷲ، މީސްތަކުންނަށް މިސާލު ޖައްވަނީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ. އަދި ނުބައި ބަހެއްގެ މިސާލަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއް ނުވާ، ނުބައި ގަހެއްގެ މިސާލެވެ."

ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާނެއެވެ. އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދޭނެއެވެ. އެފަދަ ބަސްތަކުގެ ސަބަބުން މީހުންނަށް މަގު އޮޅޭނެއެވެ. އެކަކު އަނެކަކާ ޖެހި، މޫނު ކެނޑޭނެއެވެ. މީހުން މަގުފުރެދި ޙައްގުގެ މަގަށް ހުރަސް އެޅޭނެއެވެ. އަޅުނގަޑުމެންގެ މުޖުތަމަޢުން މިފަދަ ނޭދެވޭ ޢަމަލުތައް ފެންނަކަމީ ހިތާމަހުރި ކަމެކެވެ. ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި، ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެކެވެ.

(މަޢުލޫމާތު: ހުކުރު ޚުޠުބާ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *