އެއްދުވަހަކު ރަސްގެފާނު އޭނާގެ ތިންވަޒީރުން ގަނޑުވަރަށް ހާޒިރު ކުރިއެވެ. ދެން އެމީހުންނަށް ކޮތަޅެއް ދެއްވާ އަމުރުކުރެއްވީ އެ ކޮތަޅަށް މޭވާ އަޅާ ފުރާލުމަށެވެ. އެއަށްފަހު ރަސްގެފާނުގެ ދަރުބާރަށް ހާޒިރު ވުމަށެވެ.
ފުރަތަމަ ވަޒީރު ރަސްގެފާނުގެ އަމުރު ސީރިއަސްކޮށް ނަންގަވައި، އެންމެ ރަނގަޅު މޭވާތައް ހޯއްދަވައި އެއްކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައި ކޮތަޅު ފުރާލެއްވިއެވެ.
ދެވަނަ ވަޒީރު ރަސްގެފާނުގެ އަމުރު ލުއިކޮށ ނަންގަވައި، އޭނާގެ ދަބަސް ފުރާލެއްވީ ރަނގަޅު މޭވާއާއި ރަނގަޅަށް ދޮންނުވާ މޭވާ އެއްކޮށްގެންނެވެ.
ތިންވަނަ ވަޒީރު ކުރެއްވީ ދެ ވަޒީރުންވެސް ކަންކުރެއްވި ގޮތާއި މުޅިން އިދިކޮޅަށެވެ. އޭނާ ކޮތަޅު ފުރާލެއްވީ ހަމައެކަނި ހިކި ފަތްތަކާއި ނަޖިހުންނެވެ. އޭނާގެ ނިޔަތަކީ ހަމައެކަނި ކޮތަޅު ފުރުމުގެ މަސައްކަތް ކޮށްފައިވާ ކަމުގެ އިހުސާސެއް ކޮށްގެން ރަސްގެފާނު މޮޔައަަކަށް ހަދާލުމަށެވެ. އޭނާގެ ދަބަހުގައި އެންމެ މޭވާއެއްވެސް ނެތެވެ.
ތިން ވަޒީރުންވެސް އެނބުރި ރަސްގެފާނުގެ ދަރުބާރަށް ހާޒިރުވީ އެމީހުންގެ ދަބަސްތައް ހިފައިގެންނެވެ. އެމީހުން އެއްކުރި އެއްޗެއް ބެއްލެވުމަކާއި ނުލައި އަދި ސުވާލެއްވެސް ނުކުރައްވާ ރަސްގެފާނުގެ ސިފައިންނަށް އަމުރު ކުރެއްވީ ކޮންމެ ވަޒީރަކުވެސް ތިން މަސް ދުވަހަށް ވަކި ޖަލަކަށް ފޮނުވުމަށެވެ. އެމީހުން ކާނެ ކާނާއަކީ ކޮންމެ ވަޒީރަކުވެސް އެ ވަޒީރެއްގެ ކޮތަޅުގައި އެއްކޮށްފައި ހުރި ކާނާއެވެ.
ދިރިއުޅެން ރަނގަޅު ފެންވަރުގެ ކާނާ ގިނަކަމުން ފުރަތަމަ ވަޒީރު އުފާކުރެއްވި އެވެ. އޭނާ އެއްގޮތަކަށްވެސް ކަންބޮޑުވެފައެއް ނެތެވެ.
ދެވަނަ ވަޒީރު ކަންބޮޑުވީ އޭނާގެ ކާނާގެ ދެބައިކުޅަ އެއްބައި ރޯވެ، ޖަލުގައި ހުރި މުޅި މުއްދަތަށް ވެސް ދެމިގެން ނުދާނެތީ އެވެ.
ތިންވަނަ ވަޒީރު ހުރީ އެއްގޮތަކަށްވެސް ކާއެއްޗެހި ނެތުމުން ބިރުންނެވެ. ރަސްގެފާނުގެ އަމުރު އަދާކުރުމުގައި އިހުމާލުވެ ލަސްވެގެން ދިޔައެވެ.
ވާހަކައިގެ އަޚްލާޤު:
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް މަތީގައިވާ ވަޒީރުންގެ ތެރެއިން އެކަކު ފަދަ މީހެކެވެ. އަޅުގަނޑުމެން އެންމެންނަށްވެސް ދީފައިވަނީ އާޚިރަތުގައި ބޭނުންކުރުމަށްޓަކައި ހެޔޮ ޢަމަލުތައް ފުރިހަމަކުރަންޖެހޭ ފޮތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ އިޚްލާޞްތެރިވެ، ގިނަގުނަ ހެޔޮ ޢަމަލުތައް އެއްކުރާނެ ބައެކެވެ. އަނެއް ބަޔަކު އުޅޭނީ ބާކީ ތިބި ދެ ވަޒީރުން ފަދައިން ހެޔޮ ނުރަނގަޅު އަމަލުތައް އެއްކޮށްގެންނެވެ. އަދި ބައެއް މީހުން އެމީހުންގެ ވާޖިބަށް މުޅިން އިހުމާލުވެ ރެއާއި ދުވާލު ފާފަތައް ކޮށްގެން ފުރާނަ ބޭކާރު ކުރާނެ އެވެ. ޤިޔާމަތް ދުވަހު އަޅުގަނޑުމެން ކޮށްފައިވާ ކަންތައްތަކުގެ ޒިންމާ އަޅުގަނޑުމެން އުފުލަން ޖެހޭނެއެެވެ. ކަންކަން ސީރިއަސްކޮށް ނަގައިގެން ނިމުމުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ފުރަތަމަ ވަޒީރު ފަދައިން ހިނގޭތޯ ބަލާށެވެ.
