ވާހަކަ: ރުކާން – 4

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ދުނިޔެއިން މޮޔަވެފައިވާ އާދަނަށް  ކުއްލިއަކަށް ގަސްކައިރީގައި ހުރި ހަންޑި ފެނިއްޖެއެވެ. އަނދިރީގެ ތެރެއިން ފެންނަންހުރި ބޮޑު ރަތްދެލޮލާއި ކަޅުހިޔަނި އޭނާ ކާލަފާނެޔޭ ހީވާން ފަށައިފިއެވެ. މިފަހަރު ފުރޭތައަކަށްވެސް އޭނާއަށް ވުރެ ގަދަވެގެން ނުވާނެއެވެ. އާދަނު ބޮޑު ލަކުޑިބުރިއެއް ނަގައިފިއެވެ. ހަޅޭއްލަވަމުން އެ ފުރޭތަ މަރާލަން އެ ދިމާއަށް އާދެއެވެ. އާދަނު ހުރީ ދުނިޔެއިން މޮޔަވާ މީހުންގެ ތެރެއިންވެސް އެންމެ ބޮޑުވަރު ވެފައެވެ. މީހަކަށް ކޮންމެފަދަ ގޮތެއް ހަދަންވެސް ޖެހިލުން ނުވާވަރަށް ބުއްދި ފިލާ ގޮސްފައެވެ. އޮފީހުންވެސް އޭނާ ބަންދު ކޮށްފައި ނުބެލެހެއްޓިގެން މިހާރު ވަނީ ދޫކޮށްލާފައެވެ.

"މަރާލާނަން. މަށަށްވުރެ ބާރުގަދައެއް ނުވާނެ." އާދަނަށް ހިނގޭ އެންމެ ބާރަކަށް އާދެއެވެ. އާދަނު އަންނަ ގޮތުން އެއަންނަނީ މިއުވާނާއި ދިމާއަށްކަން އެނގިއްޖެއެވެ. މިއުވާން ބިރު ގަނެއްޖެއެވެ. ދިރިއުޅުމުގައި ތަފާތު އެތައް ހާދިސާއަކާއި އޭނާވަނީ ކުރިމަތިލާފައެވެ. ނަމަވެސް މިއުވާން ދުވަހަކުވެސް ބިރު ނުގަންނަވަރަށް އާދަނުދެކެ ބިރުގެންފިއެވެ. އޭނާއަށް އާދަނާ އެއްވަރަކަށް ނުދުވެވޭނެކަން އެނގެއެވެ. އޭނާ ބިރުން ތުރުތުރު އަޅަންފަށައިފިއެވެ.  ހަދާނެ ގޮތް ބޮޑުވެއްޖެއެވެ.

މި އަނދިރިރޭއެކަނިދާން ބިރުން ހުރި ރުކާންއަށް އޭނާގެ ދައްތަގެ ފިރިމީހާމޮޔަ އާދަނުގެ އަޑު އިވުނެވެ. އޭރު އާދަނު ވަނީ ރުޅިއައިސް ރަތް ވެފައެވެ.

" އޭނާހުރީ މިހާރު އެންމެ ބޮޑުވަރުވެފާ. މިއަދުވެސް ތެލިތަކުގާ ދަނގަޑުބުރިއަކުން ތަޅާ ހަލާކު ކޮށްލައިފި." ރުކާނަށް ދައްތަގެ ވާހަކަ ހަނދާން ވުމުން ދުއްވައި ގަނެވުނެވެ. އާދަނު އެރުޅީގައި އަންނަންޏާ އޭނާއަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީއެވެ.

މިއުވާނު ބިރުންގެންފައި ހުރިވަރުން ގައިގާ އޮތް ފޮތިގަނޑާއެކު ދިއްލޭ އައިނުވެސް ބާލާފައި އެއްލާލައިފިއެވެ. އަދި އެގަހެއްގެ ތިރީގައި އޭނާހުރި  ގަހަށް އަރައިފިއެވެ. މިބޮޑުގަހަށް އަރަން އޭނާއަކަށް މިނިޓެއް ހާއިރުވެސް ނުނެގިއެވެ. އޭރު އޭނާގެ އަތް ގޮފިގަނޑެއްގައި ޖެހި ލޭވެސް އަންނަން ފަށައިފިއެވެ.

"ކޮންތާކަށް ދާކަށް. މަށަށްވުރެ އަވަހަށް އެއްތާކަށްވެސް ނުދެވޭނެ. މަށަށްވެސް އުދުހެން އެނގޭނެ."  އާދަނަށް ކުއްލިއަކަށް ހަންޑި ގެއްލިއްޖެއެވެ. އެހެންކަމުން ރުޅި އައިސްފައިވާ އާދަނު ދަނޑިބުރި ހިފައިގެން ދުއްވައިގަތެވެ.

ބާރަށް ދުވަމުން އަންނަ އާދަނު ފެނުމުން ރުކާންގެ ދެފައި ތުރުތުރު އަޅަންފަށައިފިއެވެ. އާދަނު ރުކާން ގައިގައި އެލަކުޑި ބުރިން ޖަހަންވެސް ނުބަލާނެކަން އޭނާއަށް އެނގޭތީ ގެންފައި ހުރި ބިރުން  ދުއްވައި ގަތެވެ. އާދަނަށް ހީވީ ހަންޑި އަދިވެސް ދުވަނީ ކަމަށެވެ. ހަންޑިވެސް އޭނާދެކެ ބިރުގަންނަނީކަން ޔަގީންވުމުން އޭނާ އުޅުނީ ހަންޑި ބިރު ގަންނުވާލާށެވެ. ކުއްލިއަކަށް ހަންޑި ދުވާތަން ފެނިގެން އާދަނުވެސް  ހަންޑިކަމަށް ރުކާންގެ ފަހަތުން ދުއްވައި ގަތެވެ.

"ގެނޭ. މިފަހަރު ސަލާމަތެއް ނުވެވޭނެ." ރުކާނާ ދިމާއަށް އާދަނު ގޮވަމުން ދެއެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުން ރުކާނަށް ދުވެވޭ ދިމާއެއްވެސް ނޭނގެއެވެ. އެގޮތަށް ވިހި މިނެޓެއް ހާއިރު ވީއިރު އޭނާ ވަރުބަލި ވެއްޖެއެވެ. ނަމަވެސް ފަހަތުން އަންނަ އާދަނުގެ ކައިރިން ފުރާނަ ސަލާމަތް ވުމަށްޓަކައި އެނޫންގޮތެއް ނެތުމުން އޭނާ އަދިވެސް ހިތްވަރު ކޮށްފައި ހަކަތަ ހުސްވަންދެން ދުވިއެވެ. މި ދުވެވެނީ ހަމަ އެއް ސަރަހައްދެއްގައެވެ. ކުއްލިއަކަށް އޭނާގެ ފައި ގަސްބުޑެއްގައި އަޅައިގެންފައި ވަރަށް ބާރަށް ވެއްޓެން ދިޔައެވެ. އެވަގުތު ބިންމައްޗަށް އެއްޗެއް ވެއްޓުންހެން އޭނާއަށް ހީވިއެވެ. ނަމަވެސް ގެންފައި ހުރި ބިރެއްގެ ސަބަބުން ބަލާލާކަށްވެސް ނުކެރުނެވެ. އޭނާވެސް  މަޑުމަޑުން ބިންމައްޗަށް ވެއްޓިއްޖެއެވެ.

ގަހުގެ އޮފިގަނޑާއެކު އިރައިގެން ގޮސް ބިންމައްޗަށް ވެއްޓުނު މިއުވާނު ރުކާނަށް ފެނުމުގެ ކުރިން ތެދު ވެއްޖެއެވެ. އާދަނު އަންނަމުން ދާތީ ބިރުންގޮސް ރުކާންގެ ފުރަގަހަށް މިއުވާން ވަދެއްޖެއެވެ. ވެފައިވާ ވަރުބައްޔާ ގެންފައިވާ ބިރެއްގެ ސަބަބުން އެއީ ކާކުތޯވެސް ބަލާނުލާ އެމީހެއްގެ ގައިގާ ރުކާންއަށް އޮޅުލައި ގަނެވިއްޖެއެވެ. އަދި ބާރަށް ރޮވެން ފެށުނެވެ. ކުއްލިއަކަށް އެމީހަކު ވާހަކަ ދެއްކިއެވެ.

"ނުރޮއި. ތިމީހާގެ ކަންތައް ނިންމާލާނަން." މިއުވާނު ބުންޏެވެ. ނަމަވެސް ބިރު ގެންފައިވާ މިއުވާން ހާސްވެފައި ވަނީ ރުކާނަށް ވުރެ ބޮޑަށެވެ. ކުއްލިއަކަށް އޭނާގެ ފޯނު ނަގާ  ފޯނުން އަލިވާގޮތަށް އާދަނުގެ މޫނަށް ދިމާކޮށްލިއެވެ. އެހެންކަމުން އާދަނު އެއަންނަނީ އެމީހުން ގައިގާ ޖަހަންކަން އެމީހަކަށް އެނގުނެވެ.

"ތި ލަކުޑިބުރި އެއްލާލާ. ކީއްވެ އޭނާގައިގާ ޖަހަން ތިއުޅެނީ." މިއުވާނަށް އެއީ މޮޔައާދަނުކަން އެނގެއެވެ. އޭނާ އެމީހެއްދެކެ ނުހަނު ބިރުވެސް ގަނެއެވެ. ދުނިޔެ މަތީގައި އޭނާ އެންމެ ބިރުގަންނަ ހަމައެކަނި ކަމަކީ މޮޔަވެފައި ތިބޭ މީހުންނާއި ކުރިމަތިލުމެވެ. ނަމަވެސް ރުކާންގެ ކުރިމަތީގައި އޭނާ ބިރުގަންނަން ވެއްޖެނަމަ އޭނާގެ ހުރިހާ ރޭވުމެއް ފެނަށް ދާނެއެވެ.

"އެއްލައެއް ނުލާނަން. އެއީ ހަންޑިއެއް. ކަލޭގެ ގައިގާވެސް ބާރަކަށް ޖަހާނަން." އާދަނު ހުރީ ރުޅި އައިސްފައެވެ.

"ނުޖަހާތި. އަން މިފޯނު ކަލޭ ގެންދޭ. އޭރުން ކަލޭ ހަންޑިއަށްވުރެ ބާރު ގަދަވާނެ." މިއުވާން ފޯނު އާދަނާ ދިމާއަށް އެއްލިއެވެ.

"ތީ ފޯނެއްނޫން. ތީ ބައްތިއެއް. ތީ ކަރަންޓަށް ޖަހާ ބައްތިއެއް. އަހަރެންގޭގައި ބައިވަރު ބައްތި އެބަހުރި." އާދަނު ލަކުޑިބުރިން ފޯނުގައި ޖެހިޖެހީނުން ފޯނު ހަލާކު ވެއްޖެއެވެ. އަދި އެމީހުންނާއި ދިމާއަށް އާދަނު އަންނަން ފެށިއެވެ.

"ހަނދާން ކުރާތި. ދެން އެންމެ ފިޔަވަޅެއް މިކޮޅަށް އެޅިއަސް ކަލޭ އަތް ބިންދާ ލާނަން." މިއުވާނު ވަރަށް ބާރަށް ބުންޏެވެ. ނަމަވެސް އޭނާއަށް ހަދާނެ އެއްވެސް ގޮތެއް ނޭނގިގެން ބިރުން ނުރޮވެނީ ކިރިޔާއެވެ. އޭރުވެސް އާދަނު އެމީހުންނާ ދިމާއަށް އަންނަމުން ދެއެވެ. މިއުވާނު އެނޫން ގޮތެއް ނެތުމުން އޭނާ ހުޝިޔާރު ވެލިއެވެ. އާދަނު މަޅާލި ލަކުޑިބުރީގައި ހިފާ ދުރަށް އެއްލާލިއެވެ. އަދި އަތުގައި ހިފާ ދެއަތް ފުރަގަހަށް ގެންގޮސް ހަރަކާތް ނުކުރެވޭ ގޮތަށް ހިފަހައްޓާލިއެވެ.

"ކަލޭ ހީކުރީ މަށަށްވުރެ މޮޅުވާނެ ކަމަށްތަ. އަހަރެން ވާނީ ތިކަހަލަ ކިތަންމެ މީހަކު ތަޅާއަޅާފައި. އަހަރެމެން ގުރޫޕު މާލޭގައި ވެރިކަން ކުރަމުންދާނީ. އަހަރެން މިރަށަށް ފޮނުވާލާފައި މިހުރީވެސް މީހަކުގައިގާ ތަޅައިގަނެގެން. އެމީހާ މަރުނުވީ ހަމަކިރިޔާ." މިއުވާން ވާހަކަދެއްކިއެވެ.

"އަހަރެން ދޫކޮށްލާ. ދެން މީހަކާ ނުތޮޅޭނަން. ގެއަށްގޮސްފަ ނިދާލާނީ." އާދަނު ވަރަށް މަޑުން ބުންޏެވެ.

"ދުލެއް ނުކުރާނަން. އެހެންނޫނީ ހަމަ ދޫކޮށްލާއިރަށް އަނެއްކާ މީހުންނާ ތޮޅޭނީ." އާދަނު ބިރުގެންކަން އެނގުމުން މިއުވާން ފޮނިވެލިއެވެ.

"ނޫން. މި ގަޑިގެނޭ. އޭރުން އަހަރެން ދުވެފައި ގެއަށްދާނީ." އާދަނު މިއުވާންގެ އަތުގައި އަޅާފައިވާ ކެވެލި ކޮޅެއްގައި އަތް ޖެހުމުން ބުންޏެވެ.

"އެންމެރަނގަޅު. ކަލޭ މީތި ގެންދޭ. ދެން އެއްވެސް ކުއްޖަކާ ނުތޮޅޭތި." އެގަޑި ދިނުމުން އޭނާ ދޫކޮށްލާފައި އާދަނު ދުވެފައި ހިނގައްޖެއެވެ. އޭރުވެސް ކަނުއަނދިރީގައި ރުކާން މިއުވާންގެ ފުރަގަހުގައި އޭނާގެ ގައިގާ ހިފަހައްޓާލައިގެން ހުއްޓެވެ. ބިރުވެރިކަމާއި ހާސްކަމުގެ ސަބަބުން އޭނާ ބޮލަށް އެނބުރުން އަރާކަހަލަ ގޮތެއްވާތީ އެމީހުން ދައްކާ ވާހަކައިން އެނގުނީ ވަރަށް މަދު އެއްޗެކެވެ. މަޑުމަޑުން އޭނާ މިއުވާންގެ ގައިން ދޫވެގެން ތިރިއަށް ވެއްޓެން ދިޔައެވެ. މިއުވާން ރުކާން ހިފަހައްޓާލާ އެތާހުރި ހޮޅުއަށްޓެއްގައި ބާއްވައިފިއެވެ.

 

"ރުކާން. ލޯހުޅުވާލަބަލަ." މޫދުން ލޮނުކޮޅެއްގެނެސް ރުކާންގެ މޫނުގައި ހާކާލުމާ އެކުހެން ލޯހުޅުވާލިއެވެ. އެއާއެކު އަނދިރީގެ ތެރެއިންވެސް މީހަކު ހުރިކަން ޔަގީންވުމުން އޭނާއަށް ރައްކާތެރިކަން އިހުސާސްވިއެވެ. އަދިވެސް ރުކާނަކަށް އެއީ މިއުވާންކަމެއް ޔަގީނެއް ނުވެއެވެ.

"އޭނާ ކޮބާ؟" ބިރުގެންފައިވާ އަޑަކުން ރުކާން ބުންޏެވެ. މީގެ އިރުކޮޅެއް ކުރިން ހިނގި ހާދިސާ ހަނދާން ވެގެންނެވެ.

"ދެން ބިރުނުގަނޭ. އޭނާ ފޮނުވާލައިފިން." މިއުވާން ބުންޏެވެ. ކުއްލިއަކަށް ރުކާންއަށް ފަހަތަށް ޖެހިލެވުނެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. އެއީ އޭނާ އިންތިހާއަށް ނަފުރަތު ކުރާ މިއުވާންގެ އަޑެވެ. އަދި އާދަނާ ވާހަކަ ދެއްކިއިރު ދެއްކި ބިރުވެރި ވާހަކަތައް އޭނާ ހަނދާން ވެއްޖެއެވެ. މިރަށުގައި ދެކެވޭ ވާހަކަތަކަކީ ހަމަ ތެދުކަން އޭނާއަށް ޔަގީން ވެއްޖެއެވެ. ހަމަ ހަގީގަތުގައިވެސް އެއީ ޑުރަގު ބޯމީހެކެވެ. މާރާމާރީ ހިންގާމީހެކެވެ. އޭނާއަތުން ޒަޚަމުވީ މީހެއް މަރުނުވީވެސް ކިރިޔާކަމަށް ބުނި ހަނދާން ވެއްޖެއެވެ. ރުކާން ދާން ހިނގައިގަތެވެ. އޭނާ މޮޔައެއް ގާތުން ސަލާމަތް ކޮށްދިންނަމަވެސް އޭނާ ހުރީ މިއުވާން އަމިއްލަ ދުލުން އިއުތިރާފުވި މިއަމަލުދެކެ ފޫހިވެފައެވެ.

"ރުކާން. ތިހުރިތަން އެނގޭތަ؟ ތިހުރެވުނީ ވަލުތެރޭގައި. އެކަނިމާއެކަނި އަންހެން ކުއްޖަކު މިރޭގަނޑު ދާން އުޅެފިނަމަ މީހަކު ގޯނާވެސް ކޮށްފާނެ." މިއުވާނު ފުރުސަތުގެ ބޭނުން ހިފިއެވެ.

"މީހަކު ކިތަންމެ ގޯނާކުރިއަސް ތިކަހަލަ ނުބައި މީހެއްގާތު އަހަރެން ހުންނާކަށް ބޭނުމެއްނޫން. ކިހިނެއްއެނގެނީ މިރޭގަނޑު މިތުޑީގައި އަހަރެންގެއިއްފަތް ފޭރިނުގަންނާނެ ކަމެއް. އަދި އަހަރެން މަރާ ނުލާނޭކަމެއްވެސް." ރުކާން ހަރުކަށިކަމާއެކީ ބުންޏެވެ.

"އަހަރެން އެހެން ނުހަދާނެކަން ރުކާނަށް އެނގޭނެ."

"ކަލޭ އެހެން ހަދާފާނެ."

"އެހެން ހަދާނެކަން ގަބޫލު ކުރާނަމަ ރުކާން މިތާކު އަހަންނާ ވާހަކަ ދައްކާކަށް ނުހުންނާނެ. އާދަނު ފެނުނީމާ ދުވުނުގޮތަށް މިހާރު ދުވެފިލައިފީސް."

"އަހަރެން ކަލޭދެކެ ބިރެއްނުގަނޭ. ކަލޭދެކެ އަހަރެން ފޫހިވޭ."

"ރުކާން އަހަރެން ދެކެ ފޫއްސެއްނުވޭ."

"ކަލެއަށް ކޯންޗެއްއެނގެނީ. އަހަރެން ކަލޭދެކެ ވަރަށް ފޫހިވޭ."

"ކަމަކާ ނުލާ އަހަރެންދެކެ ފޫހިވާންވީ ކީއްވެ؟ ހަގީގަތުގައި ރުކާން އަހަރެންދެކެ ފޫއްސެއްނުވޭ. ރުކާން އަހަރެންދެކެ ލޯބިވަނީ." މިއުވާން ހުރީ ހިނިއައިސްފައެވެ.

"ދުވަހަކުވެސް އަހަރެން ކަލޭދެކެ ލޯތްބެއް ނުވާނެ. އަހަރެން ކަލެއަށް ނަފުރަތު ކުރަން."

"އަހަރެންނަކީ މިރަށުމީހުން އެބުނާފަދަ ނުބައި މީހެއްނޫން. އަހަރެންނަކީ އެކަހަލަ މީހެއްނަމަ މިރޭ ކަލޭ ސަލާމަތް ކޮށްދެންވީ ކީއްކުރަން؟ އެއާދަނު ދިޔަދިނީ ކީއްވެ؟އަހަރެންނަށް އަދިވެސް ކަލެއަށް ބޭނުން ގޮތެއް ހެދިދާނެ. އިއްފަތްވެސް ފޭރިގަނެވިދާނެ. މަރާލާފަ ބަރެއްއައްސާފަ މޫދަށް އެއްލާވެސްލެވިދާނެ. މިރަށު އެއްވެސް މީހަކަށް ޚަބަރެއްވެސް ނުވާނެ."

"ކަލޭ އެހެނެއް އަދި ނަހަދާނެ."

"އެއީ ކީއްވެ. މަ ކުރަންބޭނުންނަމަ އެއީ މަށަކަށް އެއްވެސް ކަމެއްނޫން."

"ކަލޭ އެހެން ނަހަދާނެ އަދިއެއް. އެއީ ކަލެއަކީ މާ ރަނގަޅު މީހެއްކަން ދެއްކެންވެގެން."

"އެހެންނެއްނޫން ވަނީ. ރުކާން މާބޮޑަށް ފޮނިވެފަ ބޮޑަލީ. ތިއަށްވުރެ މާރީތި މާފުރިހަމަ އަންހެންކުދިން އަހަރެން ދަންނަން. ތިމާގެ ހުރި ކޮންމޮޅުކަމެއް އޮވެގެންތަ ކަމަކާނުލާ ތިހާވަރަށް މަދެކެ ރުޅިއަންނަނީ؟" މިއުވާން ހަގީގަތުގައިވެސް ހިތުގައި ހުރި ޝުއޫރުތައް ހާމަކޮށްލިއެވެ.

 

މިއުވާން އެބުނި އެއްޗަކާމެދު އޭނާ  ވިސްނާލިއެވެ. ތެދެކެވެ. އޭނާއަށް ކަމަކާނުލާ މިއުވާނާމެދު ރުޅި އާދެވެނީއެވެ. އާދަނު އޭނާގެ ފޯނު ހަލާކު ކޮށްލައިފިއެވެ. އަދި އޭނާ އެންމެ ލޯބިވާ ކެވެލިކޮޅު އާދަނަށް ދީފައި ފޮނުވާލައިފިއެވެ. އެއީ އޭނާއަށް ކިހާ މުހިންމު ކެވެލި ކޮޅެއްކަން ރުކާނަށް ވަނީ ކުރީދުވަހު އޭނާ ރައޫފުމެންނާ ދެއްކި ވާހަކައިން ސާބިތުވެފައެވެ. ރުކާންގެ ފަރާތުން އިތުރު އެހީތެރިކަމެއް ނޭދޭތާ އޭނާއަކަށް މިއުވާން އެއްވެސް ގޯނާއެއް ނުކުރެއެވެ.

"ރުކާން އަހަރެންދެކެ ތިހާ ރުޅިއަންނަންވީ ސަބަބެއް އަހަންނަކަށް ނޭނގޭ. އަހަރެން ގައިމު ރުކާނަކަށް ގޯނާއެއް ނުކުރަން." މިއުވާން އޭނާއަށް އެނގޭ އެންމެ މޮޅު ހަތިޔާރުގެ ބޭނުން ކުރިއެވެ. އޭނާ ލޯފޮހެލާ ކަމަށް ހަދާލިއެވެ. އަންހެންކުދިން އާއްމުކޮށް ދެރަވާނެ ގޮތް އޭނާއަށް އެނގެއެވެ. މި ހަތިޔާރު ސީދާ ރުކާންގެ ހިތަށް ހެރިއްޖެއެވެ. ރުކާން ހިމޭންވިއެވެ. އެހެންކަމުން އޭނާގެ ވާހަކަ ގަބޫލު ކޮށްފިކަން މިއުވާނަށް ޔަގީންވިއެވެ. ދެންވެސް އިތުރަށް އޭނާގެ މަގުޞަދު ހާސިލްވޭތޯ ބެލިއެވެ.

"ރުކާން މަދެކެ އެހާ ރުޅިއަންނަންޏާ ދެން ރުކާން ފެންނަ ހިސާބަކަށްވެސް ނުދާނަން. އެކަމަކު މި ބީރައްޓެހި ރަށުގައި އަހަރެންގެ އެކަކުވެސް ނެތް." މިއުވާން އަޑަށް  ހިތާމައިގެ އަސަރެއް ގެނުވިއެވެ.

"އަހަރެންގެ ސަބަބުން މިއުވާނުގެ ފޯނާއި ކެވެލިކޮޅު ގެއްލުނީތީ ވަރަށް ދެރަވެއްޖެ." އެންމެފަހުން ރުކާނަށް މިއުވާނުގެ ވާހަކަ ގަބޫލު ކުރެވިއްޖެއެވެ. އެއީ ނުރައްކާތެރި ވަގުތުގައި އޭނާއަށް ރައްކާތެރިކަން ހޯދާދިނުމުން ކަމުގައިވެސް ވެދާނެއެވެ.

"އަހަރެމެން ދެމީހުންނަކީ އެއްގެއެއްގައި މަސައްކަތް ކުރާ ދެމީހުން. އެހެންވީމާ ރަހުމަތްތެރިކަން ނުބޭއްވެންވީ ކީއްވެ؟" މިއުވާން ލިބުނު ކާމިޔާބަށްޓަކައި ހިތްހަމަޖެހުނެވެ. އެކަމަކު އޭނާ ދުވަހަކުވެސް ބިރު ނުގަންނަ ވަރަށް މިރޭ ބިރުގަތެވެ. ރުކާން ބިރުގަންނަވަން އުޅުނުމީހާ ރުކާނަށްވުރެ ބިރުގަތްކަން ނޭނގުނުކަން އެއީ އޭނާގެ ނަސީބެވެ. މޮޔައާދަނުގެ މޮޔަ ހެއްދުމުންވިޔަސް އޭނާއަށް މިއަދު ރުކާންގެ އިތުބާރު ހޯދިއްޖެއެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ރުކާން" ވާހަކައަކީ 2012 ވަނަ އަހަރުގެ ގައުމީ މުބާރާތުން ތިންވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *