އަޅުގަނޑުމެން އިންސާނީ ތާރީޚު ރަނގަޅަށް ދިރާސާކޮށްފިނަމަ ފެންނާނެ އެންމެ ބޮޑު ހަގީގަތަކީ އެންމެ ފުރިހަމަ ޝަޚްޞިއްޔަތަކީ ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަމެވެ. އެއީ ހަމައެކަނި ދިރިއުޅުމުގެ އެންމެ މާނައިގައެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ވެސް މެއެވެ. ރޫޙާނީ ދާއިރާ، ދީނީ ދާއިރާ، އަޚްލާޤީ ދާއިރާ ގައެވެ. އިޖުތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ސަޤާފީ ދާއިރާ އަދި ޢަމަލީ ދާއިރާއެވެ. އެއްވެސް ޝަޚުޞިއްޔަތެއް އޭގެ އެންމެ ފުރިހަމައަށް ނުހަނު ރީތިކޮށް އުޅެފައިވާނަމަ އެއީ އެއްވެސް ޝައްކެއްވެސް ނެތްގޮތުގައި މުޙައްމަދު ނަބިއްޔާ صلى الله عليه وسلم ގެ ޝަޚުޞިއްޔަތެވެ.
ރަސޫލާ މުޙައްމަދު صلى الله عليه وسلم އަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ފުރިހަމަ ވަޙީ އާއިއެކު އަޚްލާޤުގެ އެންމެމާތް ސިފަތަކުން ޒީނަތްތެރިވެވަޑައިގެންފައިވާ ބޭކަލެކެވެ. ދޭދޭފަރާތްތަކާއި މެދުގައިވާ ގުޅުންތަކުގައި އެންމެ މަތީ ފެންވަރުގައި އިޙުސާންތެރިވެ ވަޑައިގެންނެވި ސާހިބެކެވެ. އަދި އެކަލޭގެފާނަކީ މާފުކުރެއްވުުގެ މާތްކަމުންނާއި، ކެތްތެރިވެވަޑައިގަތުމުގެ ޝަރަފާއިއެކު، ދުނިޔޭގެ އިންސާނީ މި ބަގީޗާ މުއްސަނދިކުރެއްވި ހަމައެކަނި ފަރާތެވެ. އެކަލޭގެފާނަކީ ޤުރުބާނީގެ މަތިވެރި ޢަމަލުތަކާއެކުގައި ޒީނަތްތެރި ވެވަޑައިގެންނެވި އިންސާނާއެވެ. ދައުލަތުގެ ވެރިއެއްގެ ގޮތުގައި ނުވަތަ ދަރުސްވެރިއެއްގެ ގޮތުގައި ނުވަތަ މުދައްރިސެއްގެ ގޮތުގައި ނުވަތަ ރަޙްމަތްތެރިއެއްގެ ގޮތުގައި ނުވަތަ އަވަށްޓެރިއެއްގެ ގޮތުގައި ދިރިއުޅުއްވުމުގެ ކޮންމެ ދާއިރާއެއްގައިވެސް ލާމަސީލު ބޭކަލެކެވެ.
ފިރިއެއްގެ ގޮތުގައި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ސިފަފުޅުތަކަކީ ނުހަނު ލޯތްބާއެކު އަދި އެންމެ ފުރިހަމަ އޯގާތެރިކަމާއެކު އަނބިންނަށް ހެޔޮކޮށް ހިއްތެވި ނަމޫނާއެވެ. އަދި އެއީ އެހާމެ ފުރިހަމަ ބައްޕައެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ޢިލްމުގެ ކޯރަކުން މުއްސަނދި ވެވަޑައިގެންފައިވާ މުދައްރިސެއްގެ ހައިސިއްޔަތުން އެކަލޭގެފާނާއި ވާދަކުރެވޭނެ މީހެއްނެތެވެ. ހިތްވަރުގަދަ ހަނގުރާމަވެރިއެއްގެ ގޮތުގައި އަދި ކާމިޔާބު ވެރިއެއްގެ ހައިސިއްޔަތުން އެކަލޭގެފާނުގެ ނަމޫނާ ދެއްކިފައިވާ އެހެން އިންސާނެއް ނުވެއެވެ.
ރަސޫލާ މުޙައްމަދު صلى الله عليه وسلم އަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން އެންމެ އިސް ނަމޫނާ ކަމުގައިވާއިރު އަދި އެކަލޭގެފާނުގެ ހުރިހާ ޝަރަފުވެރި ޢަމަލުތަކަކީ އާދަޔާޚިލާފު މުޢުޖިޒާތްތަކެއްގެ ގޮތުގައި ނުހިމެނޭ ޠާހިރު އިންސާނީ ތަބީޢަތެކެވެ. ވީމާ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަކީ ދުނިޔޭގެ ތާރީޚުގައި ނުފެންނަފަދަ ޝަޚުޞިއްޔަތެކެވެ.
މާޒީގެ އެއްވެސް ބޮޑު ޝަޚުޞިއްޔަތެއް އުފެދިފައިވަނީ އުފައްދާފައިިވާ ވާހަކަތަކަކުުން ނުވަތަ އެ ޝަޚުޞިއްޔަތެއް ފުރިހަމަ ކުރުމަށްޓަކައި ޚިޔާލީ ވާހަކަތައް އިތުރުކޮށްގެންނެވެ. ނަމަވެސް މުޙައްމަދު ނަބިއްޔާގެ ކުޑައިރުއްސުރެ މިހާތަނަށް އެކަލޭގެފާނުގެ ޙަޔާތް ވަނީ ލިޔެވި ރައްކާކުރެވިފައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ތާރީޚުގައި އެއްވެސް ހީތަކާއި ޝައްކާއި ވަހުމެއް ނެތެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ.
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا
ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. (33:21) އެވެ.
(ނުނިމޭ)
ރަބް ނަވާޒުގެ ތަރުޖަމާއެއް
