ވާހަކަ: ރުކާން – 6

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

މިއުވާނަށް ލިބުނު ނާކާމިޔާބާ ހެދި ރުޅިއައެވެ. މީވަރުގަދަ އަންހެން ކުއްޖެކެވެ. މިނޫނަސް ކިތަންމެ އަންހެން ކުއްޖެއް އޭނާވަނީ އޭނާގެ ލޯބީގައި ދީވާނާވެފައެވެ. ނަމަވެސް މި އާދައިގެ ކަޓު ކުއްޖާހާ ގޮތްދޫނުކުރާ އަދި ކާމިޔާބުކުރަން އުނދަގޫ ކުއްޖެއް ދިމައެއްނުވެއެވެ. އެންމެފަހުން އެނޫންގޮތެއް ނެތިގެން ފާޅުގައި އޭނާ އެވާހަކަ ބުނީ އޭނާއަށް ލިބިފައިވާ ދުވަސްކޮޅު މަދު ކަމުންނެވެ.

 

އެރޭ ރުކާނަށް ނިދަން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ. ލޯ މެރިލާއިރު ފެންނަނީ މިއުވާނެވެ. ހަނދާނަށް އަންނަނީ މިއުވާން އޭނާގާތު ދެއްކި ވާހަކައެވެ. އަނެއްކާ އޭނާއަށް މިވަނީ ކިހިނެއްކަމެއް ނޭނގި އެތައްއިރަކު އޮންނަން ޖެހުނެވެ. އެންމެފަހުން އޭނާ ނިންމީ ދުވާލުވުމުން ނާސިހާއާއި މިކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.

 

"އެއީ އޭރުވެސް މަ ބުނި ވާހަކަ. އޭނާ އެއުޅެނީ ރުކާނާއި ހިތާވެގެން. އެއީ މާލޭގެ ކާކު ދަރިއެއްކަމެއް ކުރަނީ ކޮންކަމެއް ކަމެއް އެނގޭތަ؟ މަ ނަމަ އަރުވާލި މީހަކާ ގާތްވެސް ނުވާނަން. އަނެއްކާ މަ އެންމެ ފޫހިވަނީ އޭނާގެ އެހުންނަ މުޑުދާރު ސިފަޔަކުން. އޭނާއާ ދެން ވާހަކަ ނުދައްކާތި. އެހެންނޫނީ ލަނޑެއް ލިބިދާނެ." ނާސިހާގެ ވާހަކަ ތަކާމެދު ރުކާނަށްވެސް އެއީ ރަނގަޅު ގޮތްކަމުގައި އެއްބަސްވެވުނެވެ. އެހެންކަމުން އޭނާ މިއުވާނާއި ވީހާވެސް ދުރުގައި އުޅެވޭތޯ ބަލައެވެ. ނަމަވެސް ބައެއް ފަހަރު މިއުވާން ފެނޭތޯ ސިއްރުން ބަލާހެދެއެވެ. ނަމަވެސް ކުރިން ފެންނަހާ ގިނައިން ނުފެންނާތީ ކަންބޮޑުވާ ގޮތްވެއެވެ. ބައެއް ފަހަރު މިއުވާންގެ މަޖާ މިޒާޖު ހަނދާންވުމުން  އޭނާ އުފާވެއެވެ. މިއުވާން އޭނާއާ ހެދި އުޅޭގޮތް ހަނދާން ވުމުން ހިނި އާދެވެއެވެ.

 

މިއުވާން ވަނީ ރުކާން އޭނާއާއި ދުރުވަމުން ދާތީ ކަން ބޮޑުވެފައެވެ. އޭނާ ބޭނުމީ ރުކާން ކޮންމެ ހާލެއްގައިވެސް ކާމިޔާބު ކުރާށެވެ.

"ރުކާން. އަހަރެންނަށް ތިހެން ނުހަދާ. ރުކާނާ ނުލާ އަހަރެންނަކަށް ނޫޅެވޭނެ." ގުދަނަށް އެއްޗެއް ބަލާ ދިޔަ ވަގުތު ދަނޑިވަޅު ބަލާފައި މިއުވާން ގޮސް ރުކާންގެ އަތުގައި ހިފިއެވެ.

"މީހަކަށް ފެނިދާނެ." ރުކާން ލަދުން ހުރެ ބުންޏެވެ.

"އެއްމެންނަށްވެސް ފެންނަންވީ. މިހާރު އެންމެންނަށްވެސް އެނގޭ އަހަރެން ރުކާންދެކެ ލޯބިވާކަން. ތިކަހަލަ ބޯހަރު މީހެއްދެކެ ލޯބި ވެވުނީތީ އަހަރެން މިހުރީ ގޮތް ހުސްވެފައި." މިއުވާން  ދެރަވެލާފައިވާ ވައްތަރު ޖައްސާލިއެވެ.

"ދޫކުރޭ. އަހަރެން ބުނީމެއްނު މިއުވާން އަހަރެން މަތިން ހަނދާން ނައްތާލާށޭ." ރުކާން އަތް ފޮޅުވާލާފައި ދުވަމުން ކަހަލަ ގޮތަކަށް ނުކުމެއްޖެއެވެ. ރުކާން ހިނި އައިސްފައި ނިކުންތަން މިއުވާނަށް ފެނުނެވެ. އަދި މާނަފުން ގޮތަކަށް މިއުވާނަށް ރުކާން ބަލާލިއެވެ. އެ ބަލާލުމުން މިއުވާނަށް އެނގުނީ ރުކާންގެ ފަހަތުން އޭނާ އައުމަށް ދައުވަތު ދޭކަމެވެ. އަދި މިއުވާނަށް އިންތިޒާރު ކުރާކަމެވެ.

"ކީކޭ؟" މިއުވާން އޭނާ އާ އަރާ ހަމަވުމުން ބުނެލިއެވެ.

"އެއްޗެކޭ ނުބުނަން. މިއުވާން ހަމަ ހަގީގަތުގައިވެސް އަހަރެން ދެކެ ލޯބިވޭތަ؟" ރުކާން އުފާވެލާފައި ބުނެލިއެވެ.

"ޝައްކު ވަނީތަ؟"

"އެހެންވީ އިރު މީހަކަށް ނުފެންނަނީސް އަހަރެން ދަންދެން އެހެރަ ގިފިލި ދޮރުން އެތެރެއަށް ވަދޭ. ދެން ވަދެގެން ދާއިރު ހުންނާނެ ކުޑަކުޑަކޮށް ހުރި ދޮރެއް. އެތަނުގައި އަހަރެންނަށް އިންތިޒާރު ކުރޭ." ރުކާން އުންމީދުން ފުރިގެންވާ ގޮތެއްގައި ބުނެލިއެވެ.

 

ފުރުސަތެއް ނުލިބިފައި ހުރި މިއުވާނު ދުވެފައި ގޮސް ރުކާންބުނި ކުޑަދޮރުން އެތެރެއަށް ވަދެއްޖެއެވެ. އެއީ މިދިޔަ ހުކުރު ދުވަހު އެގޭގައި އަޅާފައިވާ ކުކުޅު ކޮށްޓެކެވެ. މިއުވާނަށް އަދި އެކުކުޅު ކޮށީގެ މައުލޫމާތެއް ނޭނގެއެވެ. ހަމަ ވަނުމާއެކު ކުކުޅުތައް ގޮވަންފެށިއެވެ. މީގެ ތިން ދުވަސްކުރިން ބިސްފީކުރަން ބިސްތައް މަތީ އޮތް ކުކުޅު ގާތުގައި އޮތް ދެފިޔޮއް ގޮވާލުމާއެކު މިއުވާނުގެ ގަޔާދިމާއަށް ކުކުޅު އައެވެ. އޭތި ރުޅިއައިސް ފުއްޕާލައިގެން މިއުވާނާއި ދިމާއަށް އައިއިރު މިއުވާނު ކޮށީގައި ފައިވެސް ނުޖެހެއެވެ.

އެއީ ބިރަކުން ނޫނެވެ. އޭނާއަށް އަލަށް މިފެނުނު ކަންތައް މަޖާ ކަމުންނެވެ. އޭނާއަށް ހަމަލަދޭން އައި ކުކުޅާއި ދިމާއަށް އެގޮތް މިގޮތަށް ހަރަކާތްކޮށް ވައްތަރު ޖައްސާ ނަށާހެދިއެވެ. އެންމެފަހުން ކުކުޅު މައިތިރިވިއެވެ. ބޭރަށް ނިކުމެވުނު މިއުވާނު ގައިގެ އެތަން މިތާންގައި ހުރީ ކުކުޅު ފަތެވެ.

"ބިރުނުގަތް ކަމަށް ހެދުނަސް މިއުވާން ބިރުގަތް. އަދިވެސް ބަލި ގަބޫލު ނުކުރެވެނީދޯ. ދެންވެސް ތިކަންތައް ހުއްޓާލަ ބަލަ." ހިނިއައިސްގެން ފަޅައިގެން ދާވަރުވެފައި ހުރި ރައޫފު ހިނިގަނޑު ނުޖަހާ ވޭތޯ ބަލަމުން ދެއެވެ.

"ނޫނޭ. އަދި އޮތީ ކުރިއަށް." ރުޅި އައިސް ރަތް ވެފައިވާ މިއުވާން ދެ ދަތްޕިލަ ޖައްސައިގެން ހުރެ ރުކާންއަށް އަޑު ނީވޭވަރަށް ބުނެލިއެވެ. އޭރު ރުކާން ދުރުގައި ބަލަން ހުރެގެން ހެނީއެވެ. މިއުވާން ލަސްހިނގުމެއްގައި ރުކާންގެ ގާތަށް ދިޔައެވެ. އޭނާ ރުކާންއާއި ނުހަނު ގާތުގައި މަޑުކޮށްލިއެވެ. އަދި ކުއްލި ހަރަކާތަކުން އޭނާގެ ދެއަތުން ރުކާން ހިއްލާލާ އަތް ދަނޑިމައްޗަށް ލިއެވެ.

"މިއުވާން ދޫކުރޭ." ރުކާން ގޮވަމުން ގެންދިޔައެވެ.

"އަދިވެސް ރުކާންއަށް ބުނަން ކެރޭނެތަ އަހަރެން ލޯބި ނުވެޔޭ. މަ މިއައީ ރުޅި އައިސްފައިވާ ކުކުޅަކާއި އެއްކޮށް ނަށާފަވިއްޔަ." ހަމައެކަނި ރުކާނަށް އިވޭވަރަށް އޭނާ ބުނެލިއެވެ. އޭރު އޭނާއަށް ހުރެވުނީ ކުކުޅު ކޮށި އެތެރޭގައެވެ. އޭނާ ރުކާން ބިންމަތީގައި ބެހެއްޓިއެވެ. އަދި ބޭރަށް ނިކުންނަށް ދުއްވައިގަތެވެ. ނަމަވެސް އެވަގުތު ރުކާން އޭނާގެ ޓީޝާޓްގައި ހިފެހެއްޓިއެވެ. އިސާހިތަކު  އެއްކަލަ ކުކުޅު ރުޅިއައިސްފައި ރުކާނާއި ދިމާއަށް އައެވެ.

"ނޫން. އަހަރެން ދިޔަދީ." ރުކާން ރޯން ފެށިއެވެ.

"އެހެރީ ދޮރު. ރުކާންއަށް ދެވިދާނެ." މިއުވާން ބުނެލިއެވެ. އޭރު އެކުކުޅު ހުރީ ދޮރު މަތީގައެވެ. ކުއްލިއަކަށް ފުންމައިގެން ކުކުޅު ފެނިފައި ރުކާން އައިސް މިއުވާނުގެ ގައިގައި އޮޅުލައިގަތެވެ. ކުކުޅުގެ ހަމަލައެއް އައުމުގެ ކުރިން މިއުވާން ރުކާން އަތުގައި ހިފާ ބޭރަށް ދުއްވައިގަތެވެ. އެއާ އެކު ދެމީހުން އެކުއެކީ ބޭރަށް ވެއްޓުނެވެ.

"ކޮބާ އަދިވެސް ލޯތްބެއް ނުވޭތަ؟" މިއުވާންގެ ގައިމައްޗަށްވެއްޓިފައިވާ ރުކާނަށް ބުނެލިއެވެ. ރުކާން އެއްޗެކޭ ނުބުނެ ތެދުވެ ދުއްވައިގަތެވެ. މި ދެމީހުންގެ އިތުރަށް ރައޫފަށްވެސް މި ހާދިސާ ނުހަނު މަޖާވިއެވެ. އަދި އެގޭގައި އެވަގުތުތިބި އެންމެން ތިބީ ހީހީ ވަރުބަލިވެފައެވެ. ރުކާނަށް އެހާދިސާ ހަނދާންވާ ކޮންމެ ފަހަރަކު ހެވެއެވެ.

 

ދުވަސްތައް ފާއިތުވަމުން ދެއެވެ. މިއުވާން އެންމެ ބޭނުންވާ މިންވަރަކަށް ރުކާންގެ ފަރާތަކުން ޖަވާބެއް ނުލިބެއެވެ. ނަމަވެސް މިއުވާންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އަބަދުހެން ރުކާނަށް ފާރަލަމުން ގެންދިޔައެވެ. އެގޮތުން ރުކާން ތެލި ދޮންނަން ދިޔަ ދުވަހެއްގައި  މިއުވާން ދިޔައީ ބަރޯއަށް އަރުވާފައި ހުރި ތެލިތައް ގިނަކަމުން އުފުލާ ދިނުމަށް އެހީވުމުގެ ނަމުގައެވެ. އަތިރިއާއި ހަމައަށް ދެވެންދެން މިއުވާން ރުކާން ގާތު އާދޭސް ކުރަމުން ދިޔައީ މިއުވާނާއި ރައްޓެހި ވުމަށެވެ. އޭނާ ރުކާންދެކެ ލޯބިވާ ކަމަށެވެ. ތަސްބީހައެއްހެން އޭނާ ރުކާންގާތު އެ ލަފުޒުތައް ތަކުރާރު ކުރަމުން ދިޔައެވެ.

"ތިނޫން އެއްޗެއް ކިޔަން ނޭނގެނީތަ؟" ރުކާން ހިނިއައިސްފައި އެހިއެވެ.

"އާނ. އަހަރެން މިހިރަ މޮޔަވަނީ. ރުކާން ބުނާ ކޮންމެ ކަމެއްވެސް އަހަރެން ކޮށްފާނަން." އެންމެފަހުން ގޮތް ހުސްވެގެން މިއުވާން ބުންޏެވެ.

"އެހެންވިއްޔާ އެޔޮށް ކަނޑަށް އެރެންދޭ." ސަމާސާ ރާގެއްގައި ރުކާން ބުންޏެވެ.

"އޭރުން ދެން ރުކާނެއް އަހަންނަކަށް ނުފެންނާނެއެއްނު. އެގޮތް ކަމަކުނުދޭ. އަހަރެން ބޭނުމީ އަބަދުވެސް ރުކާން އަހަރެން ގާތު ހުރުމަށް."

"އެހެންވިއްޔާ ތިފުޅި ތަޅާލާފަ އޭގެ މައްޗަށް އަރާ." އެއްލާލާފައި އޮތް ބިއްލޫރި ފުޅިއެއް ދައްކަމުން ރުކާން ބުންޏެވެ.

"ނޫން. އެފުޅި ތަޅާލަން ޖެހޭނީ ރުކާން. ދެން ފަޔަށް ވަންނަގޮތަށް ބާއްވަން ޖެހޭނީވެސް ރުކާނަށް. އޭރުން އަހަރެން އެއަށް އަރާފާނަން."

ރުކާން ހީކުރީ މިއުވާން އެއުޅެނީ ރުކާނަށް އެކަން ކުރަން ނުކެރޭނެ ކަމަށެވެ. އެހެންކަމުން އޭނާ އެފުޅި ތަޅާލިއެވެ. އަދި ކުޑަކޮށް ވަޅުލާފައި މިއުވާނަށް ދައްކާލިއެވެ. ޖެހިލުމެއްނެތި މިއުވާން ގޮސް ފުޅިތޮށިގަނޑު މައްޗަށް އަރައިފިއެވެ. އެއާއިއެކު ފުޅިތޮށިގަނޑު އެއްކޮށް ފަޔަށް ވަދެގެން ހިނގައްޖެއެވެ. އެވަގުތު މިއުވާނަށްވުރެ ބާރަށް ރުކާނަށް ހަޅޭއް ލަވައިގަނެވުނެވެ. އަދި ދުވެފައިގޮސް މިއުވާން ގައިގައި އަތްއަޅާ ކޮށްޕާލިއެވެ. ނުވިސްނާ ހުރި މިއުވާން ވެއްޓިއްޖެއެވެ.

"ކޮބާ އަދިވެސް ޔަގީން ނުވަނީތަ؟" މިއުވާނަށް ވާތަދުން ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ. ރުކާން ތަފާތު އެއްޗިހި ކިޔަމުން ފަޔަށް ވަދެފައިވާ ފުޅިތޮށިގަނޑު ދަމައިގަތެވެ. އެއާއެކުދުނި ޖަހާފައި ލޭތައް ފައިބައިގަތެވެ. ހަދާނެގޮތް ހުސްވެފައިވާ ރުކާން އޭނާގެ ހެދުމުގެ ފަސްބައި އިރާލާ ފައިގާ އޮޅާލައިފިއެވެ. އަދި ލޭ މަނާވަންދެން ބާރަށް ހިފަހައްޓައިގެން ހުންނަންބުނެ ކޮންމެވެސް މީހެއްގެ އެހީ ހޯދަން ދިޔައެވެ.

"މޮޔަ އަންހެންކުއްޖާ. ހީކުރީ އަހަރެންނަށްވުރެ ހުށިޔާރުވާނެކަމަށްތަ؟" ރުކާންގެ ހާސްވުމާއި ކަންބޮޑުވުން މިއުވާނަށް ވަރަށް ކަމުދިޔައެވެ. އަދި އޭނާގެ މި އުކުޅުގައި ރުކާން ޖެހިފައިވާލެއް ބޮޑުކަމުން ހިނިއައެވެ. ރުކާން ދެން އަންނަން ވާއިރަށް މިއުވާން އެތަނުން ހިނގައްޖެއެވެ. ސިއްހީ މަރުކަޒަށްވެސް ނުގޮސް ފަރުވާ ނުކޮށް ބެހެއްޓީ ރުކާން ވީހާވެސް ބޮޑަށް ތެޅުވުމަށެވެ.

 

މިއުވާނާއި ބައްދަލު ކުރެވޭތޯ ރުކާން ފާރަލަމުން ދިޔައެވެ. ނަމަވެސް ހަސަނުމެންނާއެކު ވާހަކަ ދައްކަން ތިބުމުން ދާކަށް ނުކެރުނެވެ. ނިދަން ވީއިރުވެސް ރުކާންގެ މަގުސަދު ހާސިލެއް ނުވެއެވެ. ރޭގަނޑުގެ ނިދި ވަނީ ރުކާނާއި މާ ދުރުގައެވެ. މިއުވާނުގެ ޚިޔާލުތަކުން އޭނާއަށް ނިދަން އުނދަގޫ ވަނީއެވެ. ރުކާނަށް މިއުވާނުގެ މި އަމަލުން މުޅިން ތަފާތު އަސަރު ތަކެއް ކުރުވައިފިއެވެ. ދުވަހަކުވެސް މީހަކު އޭނާއަށްޓަކައި މިފަދަ ކަމެއް ކޮށްފައެއް ނުވެއެވެ. މިއުވާނުގެ ހާލެއްވެސް އޭނާއަކަށް ނޭނގެއެވެ. އޭނާ އެ ހަލާކުވި ތަނުގައި ބޭސް ނޭޅީ ކީއްވެބާވައެވެ؟ސިއްހީ މަރުކަޒަށް ނުދިޔައީ ކީއްވެބާވައެވެ؟ ބޭސް އަޅައިދޭނީ ކާކުހެއްޔެވެ؟ އެއީވެސް އަޅާލާނެ މީހަކުނެތް ބީރައްޓެއްސެކެވެ. މިފަދަ ޚިޔާލު ތަކެއްގައި އޮވެ ފުރޮޅި ފުރޮޅިވެސް ނުނިދިގެން ތެދުވެ ބޭރަށް ނިކުތެވެ.

 

ރުކާން ގޭދޮށުގައި ހުރި ހީނާފަތް ގަހުން ފަތްބިނދެ ފުނޑާލިއެވެ. ފަނޑު އަނދިރިކަމުގައި މަޑުހިނގުމެއްގައި ގޮސް ލުބޯމާގެއަށް ވަނެވެ. އޭނާ ސިއްރު ސިއްރުން ސިޓިންރޫމުގައި މިއުވާން އޮންނަން ޚާއްސަ ކުރެވިފައިވާ ތަނަށް ބަލާލިއެވެ. ނަމަވެސް މިއުވާން ފެންނަން ނެތުމުން މާޔޫސްވެގެން ގެއަށް ދާން ހިނގައިގަތެވެ. އޭނާއަށް ކުއްލިއަކަށް ބަލާލެވުނީ ބޭރުގައި ހުރި އުނދޯއްޔަށެވެ. މަޑުމަޑުން ހެއްލަމުން އިސްޖަހާލައިގެން އިނީ މިއުވާނެވެ.  އޭނާއަބަދުވެސް ލާ ބޮޑު ހުދު ޓީޝާޓްލައިގެން އިންއިރު އާދަޔާޚިލާފު މަޑުމޮޅިކަމެއް ފާހަގަވެއެވެ.

"ރުކާން މިގަޑީގައި ކީއްކުރަނީ." ހައިރާންވެފައި މިއުވާން އަހާލިއެވެ.

"ކީއްވެ ބޭސް އަޅަން ނުދިޔައީ." ރުކާން އެހިއެވެ.

"އަހަރެމެން ކަހަލަ އެކަނިވެރިން ބޭސް ނޭޅިޔަސް ރަނގަޅުވާނެ. އެހެންނޫނަސް ރުކާނަށް ކިހިނެއް އެނގުނީ ބޭސް ނާޅާކަމެއް؟

"އަހަރެން މިއަދު ހުރިހާވަގުތެއްގައިވެސް ބެލިން. މިއުވާންގެ ފައި މިހާރުކިހިނެއް؟" ރުކާން ވާހަކަ ދެއްކީ މަޑުންނެވެ. އޭނާއަށް މިހާރު މިތަނަށް އާދެވުނީތީ ލަދުގަންނަންވެސް ފަށައިފިއެވެ. މީގެކުރިން ދުވަހަކުވެސް މިއުވާންދެކެ ލަދުގެންފައެއްނުވެއެވެ. ރުކާންއަށް މިރޭ ހުރީ އިސްޖަހައިގެން ބަލާލަންވެސް ނުކެރިފައެވެ. މިއުވާން އޭނާއާ މެދު ހީވާނެ އެއްޗަކަށް ކަންބޮޑުވެސްވެފައެވެ.

"އެއީ ކީއްކުރަން ބަލާކަމެއް؟" އެއްވެސް އަސަރެއް ނެތްރާގެއްގައި ބުންޏެވެ.

"އެއީ އަހަރެންނާހެދި ވީކަމެއް ނޫންތަ؟" ރުކާން އާދައިގެ ރާގެއްގައި އެހޭތޯ ބެލިއެވެ.

"ދެން ކިހިނެއްވީ. ރުކާނަށް ކޮންކަމެއް؟" ގޮތް ދޫނުކުރަން އޭނާ ބުންޏެވެ.

"އެއްވެސް ކަމެއްނޫން. އެކަމަކު މިއައީ ބޭސް ހިފައިގެން." ރުކާނަށް އަދިވެސް ވާހަކަ ދެއްކެނީ މަޑުންނެވެ.

"އެހެންވިއްޔާ އަވަހަށް އަޅައިދީ."

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ރުކާން" ވާހަކައަކީ 2012 ވަނަ އަހަރުގެ ގައުމީ މުބާރާތުން ތިންވަނައަށް ހޮވުނު ވާހަކައެވެ.
ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *