ދްރޫޕަދީ މުރްމޫ އުފަންވީ 20 ޖޫން 1958 ގައެވެ. ޑްރޫޕާދީ މުރްމޫ އުފަންވެވަޑައިގަތީ ސަންތާލީ އާއިލާއަކަށެވެ. އޮޑިޝާގެ ސަރަހައްދުގައި އޮންނަ އުޕަރބެޑާ އަވަށަށެވެ. އޭނާގެ ބައްޕަ ބިރަންޗީ ނަރަޔަން ޓޫޑޫ އަކީ ދަނޑުވެރިއެކެވެ. އޭނާގެ ބައްޕައާއި ކާފައަކީ ރަށު ކައުންސިލް ވެރިންނެވެ.
އަވަށުގެ ސްކޫލަކުން ޕްރައިމަރީ ތައުލީމް ހާސިލްކުރެއްވިއެވެ. އުމުރުން ފަސް އަހަރުގައި މަތީތަޢުލީމް ހާސިލްކުރުމަށްޓަކައި ބުބަނޭޝްވާރަށް ބަދަލުވިއެވެ. ސާނަވީ ތައުލީމު ހާސިލް ކުރެއްވީ ގާލްސް ހައި ސްކޫލުންނެވެ. އަދި ރާމާ ދޭވީ ވިމެންސް ކޮލެޖުން ބީއޭ ލިބިވަޑައިގެންނެވިއެވެ.
އެކަމަނާ ކައިވެނި ބައްލަވައިގެންނެވީ ބޭންކަރެއް ކަމުގައިވާ ޝިޔާމް ޗަރަން މުރުމޫ 1980 ވަނަ އަހަރުއެވެ. މި ކައިވެންޏަށް ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ލިބިވަޑައިގެންނެވިއެވެ. އޭނާގެ ފިރިމީހާއާއި، ދެ ފިރިހެން ދަރިންނާއި، މަންމައާއި، ބޭބެއަކު ވިދިވިދިގެން މަރުވަމުން ދިޔައެވެ.
1979 އިން 1983 އަށް މުރުމޫ ވަނީ އޮޑިޝާ ސަރުކާރުގެ ފެންހިންދުމުގެ ޑިޕާޓްމަންޓުގައި ޖޫނިއާ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެއަށްފަހު 1994 އިން 1997 އަށް ރައިރަންގްޕޫރުގައި ހުންނަ ސްކޫލް ސްރީ އައުރޮބިންޑޯ އިންޓެގްރޭޓަލް އެޑިއުކޭޝަން އެންޑް ރިސާޗް ސެންޓަރުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ހިންދީ، އޯޑިއާ، ހިސާބު އަދި ޖިއޮގްރަފީ ކިޔަވައިދެއްވިއެވެ.
1997 ވަނަ އަހަރު އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަކުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައިރަންގްޕޫރު ނަގަރ ޕަންޗޭޓް ގެ ކައުންސިލަރަކަށް ދްރޫޕަދީ މުރްމޫ އިންތިޚާބުވެވަޑައިގެންނެވިއެވެ. އެއަށްފަހު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ގުޅިވަޑައިގެންނެވިއެވެ.
2000 ވަނަ އަހަރު އޮޑިޝާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ރައިރަންގްޕޫރު މަޖިލީހުގެ ދާއިރާއިން ކާމިޔާބު ކުރެއްވި އިރު، 2000 އާއި 2009 އާ ދެމެދު އޮޑިޝާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ދައުރު އަދާކުރެއްވި އެވެ. 6 އޮގަސްޓް 2002 އިން 16 މެއި 2004 އަށް ފިޝަރީޒް އެންޑް އެނިމަލް ރިސޯސަސް ޑިވެލޮޕްމަންޓްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމު އަދާކުރެއްވިއެވެ.
2007 ވަނަ އަހަރު އޮޑިޝާގެ ޤާނޫނު ހަދާ މަޖިލީހުގެ އެންމެ މޮޅު މެންބަރު ކަމުގެ ނިލްކަންތު އެވޯޑް ލިބިވަޑައިގެންނެވިއެވެ. 2009 ވަނަ އަހަރު ބީޖޭޑީ އާއި ބީޖޭޕީގެ އިއްތިހާދު ނިމުމަކަށް އައުމުން ދެން ކުރިމަތިލީ އިންތިހާބުން ބަލިވިއެވެ. އޭގެފަހުން 2015 ވަނަ އަހަރާ ހަމައަށް ޑިސްޓްރިކްޓް ޕްރެޒިޑެންޓްގެ މަގާމު އަދާކުރެއްވި އެވެ.
މުރުމޫ ވަނީ 18 މެއި 2015 ގައި ޖަރުޚާންޑްގެ ގަވަރުނަރުގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާއަށް ވެވަޑައިގެންފައެވެ. ގަބީލާގެ ބިންތައް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ފުރުސަތު ސަރުކާރަށް ދިނުމާއި ގަބީލާގެ ބިންތައް ކުއްޔަށްދިނުމާއި ނެގުމުގެ ހައްގު ސަރުކާރަށް ލިބިގެންދިޔައީ މުރުމޫގެ އިސް މަސައްކަތެއްގެ ސަބަބުން ފާސްކުރެވުނު ބިލަކުންނެވެ. މިކަމުގެ ސަބަބުން ގަބީލާ ތަކުގައި މައްސަލަޖެހި މުޒާހަރާތައް އިތުރުވެ ސިފައިންގެ އިހުމާލުން ގަބީލާގެ ބައެއް މީހުން މަރުވިއެވެ. މިކަމާއި ގުޅިގެން މުރުމޫ މަޑުން ހުންނެވި ސިޔާސަތުގެ ސަބަބުން މީހުންގެ ފާޑުކިޔުންވެސް އޭނާއަށް އަމާޒުވިއެވެ. އެހެންކަމުން ފަހުން އެ އިސްލާހު އަނބުރާ ގެންދިޔައެވެ.
މީގެ އިތުރުން 2017 ވަނައަހަރު ފްރީޑަމް އޮފް ރިލިޖަން ބިލް އޭނާ ފާސްކުރެއްވިއެވެ. އެމީހަކު ދީން ބަދަލު ކުރުމަށް މަޖުބޫރު ކުރުވުން ނުވަތަ ލޯބި ކުރުވުން އެއީ ތިން އަހަރުގެ ޖަލުހުކުމެއް އަންނަ ކުށެއް ކަމުގައި ވިއެވެ. ހިލޭސާބަހަށް ދީން ބަދަލުކުރާ މީހުންނާއި، އެމީހުން އިސްލާމްވިކަން ޑެޕިއުޓީ ކޮމިޝަނަރަށް އަންގައި، ހާލަތާ ބެހޭ ފުރިހަމަ ތަފްސީލު ދިނުން ވެސް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.
2022 ވަނަ އަހަރުގެ ޖޫން މަހު ބީޖޭޕީން ވަނީ ޖުލައިމަހު ބާއްވާ 2022 ވަނަ އަހަރުގެ އިންތިޚާބަށް ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ކެންޑިޑޭޓްގެ ގޮތުގައި މުރުމޫ ނޮމިނޭޓްކޮށްފަ އެވެ. މުރުމޫ ވަނީ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެކި ސްޓޭޓްތަކަށް ވަޑައިގެންފަ އެވެ. އިދިކޮޅު ޕާޓީތަކުން ރައީސް ކަމަށް ކުރިމަތިލެއްވި ޔަޝްވަންތު ސިންހާ ބަލިކުރައްވާ މުރުމޫ ވަނީ 28 ސްޓޭޓުގެ ތެރެއިން 21 ސްޓޭޓެއްގެ ތާއީދު ހޯއްދަވާ ޖުމްލަ 676،803 އިލެކްޓޯރަލް ވޯޓުން އިންޑިޔާގެ ރައީސްކަން ކާމިޔާބު ކުރައްވާފައެވެ. އެއީ ޖުމްލަ ވޯޓުގެ %64.03 އިންސައްތައެވެ.
އޭނާއަކީ 25 ޖުލައި 2022 އިން ފެށިގެން އިންޑިއާގެ 15 ވަނަ އަދި މިހާރުގެ ރައީސެވެ. އޭނާއަކީ ޤަބީލާ މުޖުތަމަޢަށް ނިސްބަތްވާ އެންމެ ފުރަތަމަ އިންޑިޔާގައި ރައީސްކަން ކާމިޔާބު ކުރެއްވި ފަރާތެވެ. އަދި އިންޑިއާގެ ރައީސްކަމުގެ މަޤާމަށް ދެވަނައަށް ވަޑައިގެންނެވި އަންހެން ބޭފުޅާއެވެ.
