ދޭދޭ މީހުންގެ މެދުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަނެކާގެ ސަބަބުން ލިބޭ ހިތްދަތިކަމުން ސަލާމަތް ނުވެވުމެވެ. މި ކަންކަން ހައްލުކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ރަނގަޅަށް ވާހަކަ ދެއްކުމާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމާއި ބައިވެރިޔާއާއިއެކު ރަނގަޅު ގުޅުމެއް އުފެއްދުމެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ އެކަކަށްވެސް އެންމެންގެ ލޯތްބެއް ނުލިބޭނެކަމެވެ.
މައްސަލައެއް ކުރިމަތި ވާހިނދު އަޅާނުލުމުގެ ބަދަލުގައި މައްސަލަ ހައްލުވޭތޯ ބެލުން:
މައްސަލައެއް ދިމާވުމުން ގިނަމީހުން މަސައްކަތް ކުރަނީ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މައްސަލައާއިމެދު އަޅާނުލުމަށެވެ. ނުވަތަ އެ މައްސަލައިގެ ތެރެއަށް ނުވަނުމަށެވެ. މިހެން ހެދުމުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލައިގައި ދެމީހުންމެދުގައި ދުރުކަމެއްއުފެދި އެމީހުންގެ ގުޅުން ކެނޑިދެއެވެ. އެހެންކަމުން މައްސަލައަށް އަޅާނުލުމުގެ ބަދަލުގައި ވީހާވެސް އަވަހަކަށް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ލަސްނުކުރާށެވެ.
ކަންކަމާއި ދޭތެރޭ ގޯސްކޮށް ވިސްނުން:
ވަރަށް ގިނަމީހުންނަށް ކަންއޮތްގޮތާއި ޚިލާފަށް އެކަމަކާއި ދޭތެރޭ ގޯސް ނަޒަރަކުން ދެކެވޭ ގޮތްވެއެވެ. އެފަދަ މީހުންގެ މިޒާޖުންވެސް އަދި އެހެންމީހުންނާއެކު އުޅޭ އުޅުމުންވެސް ނައްސި ގޮތް ފެންނަން ހުރެއެވެ. އޭގެ ސަބަބުން އެހެން މީހުން ކޮށްދޭ ކަންކަމަށް ޝުކުރު ނުކުރެވި އެކަންކަން ބަލައި ގަތުމުގައި އުނދަގޫ ގޮތް އޭނާގެ ޢަމަލުތަކުން ފެންނަން ހުރެއެވެ. ވީމާ ކަންކަމާއިމެދު ހެޔޮކޮށް ވިސްނާ، ހިތާމަވެރިކަމެއް ނުވަތަ ހިތްނޭދޭ ކަމެއް ދިމާވިނަމަވެސް އެކަން އޮތީ އެގޮތަށް ނިމިފައިކަމަށް ހިތުގެއަޑީން ޤަބޫލުކޮށް އެކަންކަން ބަލައިގަންނަން ދަސްކުރާށެވެ.
އެހެން މީހުންގެ ފަރާތުން އުފާ ލިބޭނެ ކަމަށް އުންމީދު ނުކުރާށެވެ.
އެހެން މީހުންގެ ކިބައިން އުފާހޯދަން ނޫޅޭށެވެ. މިއީ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. އަބަދުވެސް ތިމާގެ އަމިއްލަ ކަންކަމުން އުފާވެރިކަން ހޯދަން ދަސްކުރާށެވެ. ތިމާ ކުރާ ކުދިކުދި ކަންތައްތަކުން އުފާވެރިކަން ހޯދާނެގޮތް ފާހަގަ ކުރާށެވެ. އެލިބޭ އުފާތަކުން އުފާ ލިބިގަންނަން މަސައްކަތް ކުރާށެވެ. ފޮތްކިއުމާއި، ކަސްރަތުކުރުމާއި، ކުރާހިތްވާ ކަމެއްގައި ބައިވެރިވެލުމާއި، ކުޅިވަރެއް ކުޅެލުމާއި ނުވަތަ ހޮބީއެއް ކުރިއަރުވަން މަސައްކަތް ކުރުމުން އެލިބޭ އުފާވެރިކަން މާ ބޮޑުވާނެއެވެ.
