ޤިޔާމަތް ދުވަހާއި ހަމައަށް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މުޙައްމަދު صلى الله عليه وسلم އަކީ ނަމޫނާއެކެވެ. އެކަލޭގެފާނުގެ މުޢާމަލާތްތަކާއި، އިޙްސާސްތަކާއި، ޖަޒުބާތުތަކާއި، ސިޔާސީ ތަޞައްވުރާއި، ވިސްނުންތޫނުކަމުގެ ބައެއް މިސާލުތައް ތިރީގައި މިވަނީއެވެ.
އިންސާނާގެ ޙަޔާތުގައި ޙަޤީޤަތުގައި އިންސާނާއަކީ ކޮބައިކަން ދައްކުވައިދޭ ދެ ވަގުތުކޮޅެއް ވެއެވެ. އެއީ އުފާވެރިކަމުގެ ވަގުތާއި ވޭނުގައިވާ ވަގުތުތަކެވެ. ވޭންތައް ތަޙައްމަލުކުރަންޖެހޭ ވަގުތުތަކުގައި ސާބިތުވެ އަދި އެގޮތުގައި ދާއިމީ ގޮތެއްގައި ހުރެވިއްޖެނަމަ، އޭގެ މާނައަކީ އިންސާނިއްޔަތުގެ އެންމެ މަތީ ޖާޒުބިއްޔަތު އެމީހެއްގެ ކިބައިގައި ހުރި ކަމެވެ. ވޭންތައް ތަޙައްމަލުކުރާ ވަގުތުތަކުގައި އެއްވެސް ޝަޚުޞިއްޔަތެއްގައި ވިދާލާ އަދި ފާހަގަކޮށްލެވޭ ސިފައެއް ހުރިނަމަ، އެ ސިފަ އެންމެ ފުރިހަަމައަށް ލިބިވަޑައިގެންފައިވާ އިންސާނަކީ މުޙައްމަދު صلى الله عليه وسلم އެވެ.
އެކަލޭގެފާނުގެ ދަރުސްތައް ދެއްވުމުގެ ނިޔަނެތިކަމާއި އަދި ދަރުސްތައް ދެއްވުމުގައި އެކަލޭގެފާނުގެ ކެތްތެރިކަން ނެތިކޮށްލުމަށްޓަކައި ދުޝްމަނުން ވަނީ އެކަލޭގެފާނު ޖަޒުބާތުގައި ޖެއްސުމަށްޓަކައި ހުރިހާ ވަސީލަތްތަކެއް ގެންގުޅެފައެވެ. އެމީހުން އުޅުނީ މަލާމާތްކޮށް ހަޖޫޖަހާ ނަބިއްޔާގެ މެސެޖު އޮޅުވާލުމަށް މަސައްކަތްކޮށްފައެވެ. އެމީހުން ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަކީ ޅެންވެރިއެއް، ވާހަކަ ކިޔައިދޭ މީހެއް، ދޮގުވެރިއެއް އަދި މޮޔައެއްކަމަށް ތުހުމަތު ކުރިއެވެ. އެކަލޭގެފާނަށް ތަފާތު އިންޒާރުދީ، ދޮގު ތުހުމަތުތަކާއި، ބަދުބަސްތަކާއި، މުޙައްމަދު صلى الله عليه وسلم ކިބައިން ﷲއަށް ނިސްބަތްވެ ވަޑައިގަންނަވާ މުއުޖިޒާތުގެ ސިފަތައް ދެއްކެވުމަށް މަޖުބޫރުކޮށް، ބިރުދެއްކުމާއި، ޖިސްމާނީ އަނިޔާއާއި، ބޮއިކޮޓްކުރުމާއި، އަވަހާރަކޮށްލަން މަސައްކަތް ކުރުން ފަދަ ހުރިހާ އުކުޅުތަކެއް އެކަލޭގެފާނަށް ކުރިމަތިކުރުވާ ދުއްތުރާ ކުރިއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗަކުން ނުވަތަ އެއްވެސް އުކުޅަކުން އެކަލޭގެފާނުގެ ވިދުން ފަނޑުކޮށެއް ނުލެވުނެވެ.
މުޙައްމަދު صلى الله عليه وسلم ގެ ދެ އަންހެން ދަރިކަނބަލުން ކަމުގައިވާ ރުޤައްޔަތާއި އުއްމު ކުލްޘޫމް ބާކީކޮށް އެ ދެކަނބަލުންނާއި ކައިވެނި ނުކުރުމަށް ޤުރައިޝުން ނިންމިއެވެ. މިކަން ކުރެވުނީ ދުޝްމަނުން އެކަލޭގެފާނު ބޮއިކޮޓްކުރި ކުރުމުގައެވެ. ދުޝްމަނުން ނިންމީ އެމީހުންގެ އެއްވެސް ގިންތިއަކުން އެކަލޭގެފާނުގެ އަންހެން ދަރިކަނބަލުންނާއި ކައިވެނި ނުކުރާނެ ކަމަށާއި، ވިޔަފާރީގެ މުޢާމަލާތެއް ނުކުރާނެ ކަމަށާއި، އެމީހުންނާ ބައްދަލު ނުކުރާނެ ކަމަށާއި އަދި އެއްވެސް އެހީތެރިކަމެއް ނެތް ކަމަށެވެ. މިކަން އެ އެންމެން އެއްބަސްވެ މި އެއްބަސްވުން ލިޔެ ގެފުޅުގައި ހަރުކުރެވުނެވެ. މި އިޖުތިމާޢީ ބޮއިކޮޓަކީ އެހާ ފަނާކުރަނިވި އަދި ހަރުކަށި ކަމެއް ކަމުން މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނަށް ތަބާވެގެން ތިބި މުސްލިމުންނަށް ގަސްތަކުގެ ފަތް ފަރިއްކުޅުއްވަން މަޖުބޫރުވެވަޑައިގަތެވެ. ބަނޑުހައިހޫނުކަމުގެ ވޭންތަކެއްގައި ކުޑަކުދިންނާއި އަންހެނުންގެ ރުއިމުގެ އަޑު މުޅި ވާދީގައި އިވެމުން ދިޔައެވެ.
މި ބޮއިކޮޓް ގާތްގަނޑަކަށް 3 އަހަރު ވަންދެން ދެމިގެން ދިޔައެވެ. މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތަކީ ބޮޑާ ޤުރައިޝުންނަށް ނަފްރަތު އުފެދޭ ރިސާލަކަށް ވުމުން އެބައިމީހުންގެ ރުޅިވެރިކަން އިތުރުކޮށް، އެކަލޭގެފާނަށް އުނދަގޫ ކުރުމުގައި އެއްވެސް ފުރުޞަތެއް ދޫނުކުރެއެވެ. އުޤްބާ، ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ފަހަތްޕުޅުން ނޭވާ ހާސްކުރިއެވެ. އަބޫޖަހުލު، ޖަމަލުގެ ގޮހޮރުތައް މުޙައްމަދު صلى الله عليه وسلم ގެ ގެކޮޅުމައްޗަށް އުކިއެވެ. ޠާއިފްގައި ދުޝްމަނުން ޒުވާން ފިރިހެން ކުދިންނާއި އަޅުން ލައްވާ މުޙައްމަދު صلى الله عليه وسلم އަށް އަނިޔާކޮށް އޮށްގަލުން ތެޅުވިއެވެ. ސުމައްޔާ (ރ.އ.) ޝަހީދުވީ ޣައިރު މުސްލިމަކު އޭނާގެ ޖިންސީގުނަވަނަށް ވަޅިއެއް ޖަހައިގެންނެވެ. ޔާސިރު (ރ.އ) ޝަހީދުވީ އިސްލާމްދީނުގެ ދުޝްމަނުން އޭނާ ދެފައިންޕުޅު ދެ އަހުގައި ބަނދެ އޭނާގެ ހަށިގަނޑު ދެފަޅިއަށް އިރާލައިގެންނެވެ. ބިލާލްގެފާނަށް އަނިޔާކޮށް، ދޮންވެފައިވާ ވެލިގަނޑެއްގެ މަތީގައި ގިނައިރުތަކެއްވާންދެން ބޭއްވިއެވެ. ޚަބާބު (ރ.އ) އަށް މަޖުބޫރުވެވަޑައިގަތީ އަނދަމުންދާ ދެލި މަތީގައި އޮށޯވެވަޑައިގެން، އަމިއްލަ ހަށިކޮޅުގެ މަސް ފިހެވޭ ވަސް ބައްލަވާށެވެ. އެމީހުންގެ ހުރިހާ އަނިޔާއަކާއި، ބޮއިކޮޓްއަކާއި، އެކަހެރިކުރުމަކާއި، އިންޒާރުތަކާއި، އަނިޔާކުރުމާއިއެކުވެސް މުޙައްމަދު صلى الله عليه وسلم ދުވަހަކުވެސް އެކަލޭގެފާނުގެ މިޝަންއާ އިންޗިއެއްވެސް ދުރަށް ޖެހިވަޑައިނުގެންނެވިއެވެ. އެހެންކަމުން މި ހިތްވަރުފުޅުގަދަކަމާއި އަދި އޯގާތެރިކަމާއެކު ސާބިތުވެވަޑައިގެން ހުންނެވި ހުންނެވުމަކީ އިންސާނީ ތާރީޚުގައި އެއްވެސް ތަފާތެއް ނެތް މިސާލެކެވެ.
(ނުނިމޭ)
ރަބް ނަވާޒުގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް
