ވާހަކަ: ލީޝަން – 5

(ބުދަ ދުވަހުގެ ނޫހާއިގުޅޭ)

ޒީނާ ރަހީމަށް ބޭނުންވެދާނެ ހުރިހާ އެއްޗެއް ތައްޔާރުކޮށް ސިޓިންރޫމުގައި ބެހެއްޓިއެވެ. ނަމަވެސް ދުނިޔެ މަތީން ފޫހިވެފައިވާ ރަހީމު އެއިން އެއްވެސް ބޭހަކު އަތެއް ނުލައެވެ. އޭނާ މިހާރު ބޭސް ކުރާކަށް ބޭނުމެއް ނޫނެވެ. ދިރިއުޅުމަކީ އޭނާއަށް ބޮޑުވޭނެކެވެ. ކިތަންމެ މުއްސަނދިވެފައި ފައިސާ ގިނަނަމަވެސް އޭނާއަކަށް އުފަލެއް ނެތެވެ. ލޯތްބާއި އޯގާތެރިކަމާއި އަޅާލުމަކީ އޭނާއަށް މިދުނިޔޭގައި ނެތްކަމެކެވެ. އެންމެ ދަރިއަކު ލިބުނީތީ އޭނާވަނީ މަންމަ ޖެއްސި އަވާމެންދުރުގައި ރަނގަޅަށް ޖެހިފައެވެ. ދެދުނިޔޭގެވެސް ހަޔާތުގެ ބައިވެރިޔާ ކަމުގައި ވައުދުވި އަނބިމީހާ ވަނީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. އެކަމަކު ދުވަހަކުވެސް އޭނާގެ އަނބިމީހާއަކަށް ބޭވަފާތެރިއެއް ނުވެއެވެ. އަދިވެސް އޭނާގެ ހުވާ މަތީގައި އޭނަ ދެމި އެބަހުއްޓެވެ. އޭނާގެ ފަރާތުން ރާމިޒާއަށް ނުދެވެނު އެއްޗަކީ ވަގުތެވެ. ނަމަވެސް އޭނާ އެވަގުތު ހޭދަކުރީ ރާމިޒާއަށް ޓަކައެވެ. ކައިވެނީގެ ފުރަތަމަދުވަހުން ފެށިގެންވެސް ރާމިޒާ ބޭނުންވަނީ ފައިސާއާއި އަރާމެވެ. އެއެއްޗިހި ހޯދައި ދިނުމުގައި އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރިއެވެ. އެތައް ދަލެއް އޮހޮރުވައި އެތައް  ގުރުބާނީއެއް ވިއެވެ. ނަމަވެސް އާޚިރުގައި ހިތާމައާއި ފަޅުކަން ފިޔަވައި އިތުރު ނަތީޖާއެއް ނުލިބުނެވެ.

މިކަމުގައި އޭނާގެ ކުށަކީ ކޮބައިކަމެއް ނޭނގުނެވެ. އެކަމަކު އޭނާއަށް އޭނާގެ ނަފުސުވެސް ކުށްވެރި ކުރެވެއެވެ. ހަދަންވީގޮތް އޮޅި ބޯހަލާކުވާހިސާބަށް ދާންވެސް ފަށައިފިއެވެ. މިހުރިހާދުވަހު އޭނާއަށް މިހާބޮޑު އަސަރެއް ނުކުރެއެވެ. ނަމަވެސް މިހާރު މިހާ ހިތްދަތިކަމެއް މިލިބެނީ ކީއްވެބާވައެވެ. އޭނާއަށް  ކުރީގައި ކުރެވުނު ހިތްވަރު މިހާރު ނުކުރެވެނީ ކީއްވެބާވައެވެ؟ އޭނާއަށް އަޖައިބެއްކަހަލަ ބަދަލުތަކެއް އަންނަކަން މިހާރަކަށް އައިސް ފާހަގަކުރެވެއެވެ. ކުއްލިއަކަށް އޭނާއަށް ޒީނާ ފެންނަހެން ހީވެއެވެ. އެ ނިކަމެތި ކުއްޖާގެ ހީނލުމާއި ދޮންމޫނު އޭނާއަށް ހަމަޖެހުން ގެނެސް ދެއެވެ. އޭނާގެ ހިމޭން ހަރަކާތްތައް ހަނދާނަށް ގެނައުމުން އުފާވެއެވެ.  މިހުރިހާ ހިތާމައެއްގެ އަސްލަކީ މި އެކަނިވެރި ކުއްޖާކަން އޭނާއަށް ގަބޫލު ކުރަން ބޭނުން ނުވިއަސް އެއީ އެކަން އޮތްގޮތް ކަން ގަބޫލުކުރަން މަޖުބޫރުވެއްޖެއެވެ. މި ޒުވާން ކުއްޖާގެ އޯގާތެރިކަން ނުލިބޭއިރު ކެތްތެރިވެލައިގެން ހުންނަށް އޭނާއަށް ފަސޭހައެވެ. މަސައްކަތުގެ ތެރެއަށް ފީނާލުމުން ހިތާމަތަކާއި ދުރުވާން އުނދަގުލެއް ނޫނެވެ. ނަމަވެސް މިހާރު އޭނާއަށް މަސައްކަތެއްގެ ތެރޭގައި ހުސްވެ ހުރެވޭ ވަރެއްނޫނެވެ. ހަމަޖެހިލައިގެން ނިދޭވަރެއް ނޫނެވެ. ނަފްސު ކޮންޓުރޯލު ކުރެވޭގޮތެއް ނުވެއެވެ. ޝައުގުވެރިކަން އަބަދުވެސް އަންނަނީ އެއް މޫނަކަށެވެ. އެ ހިނިތުންވުމާއި އެ އޯގާތެރިކަމާއި އެ ބަހައްޓާ ސަމާލުކަމަށެވެ. އޭނާއަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

"ކޭންބައްލަވަން ނުދުރުވާތީވެ." ތަބަކަކަށް ބަތްޕެންތައްޓެއްލައިގެން ހުރި ޒީނާ ވާހަކަ ދެއްކީ ރަހީމު ދޮރުހުޅުވުމުންނެވެ.

"ތިތާ ބަހައްޓާ. އަހަރެން އިރުކޮޅަކުން އެބަދަން." އޭނާ ޒީނާއަށް ބަލަން ނުކެރިގެން ބުންޏެވެ. އޭނާއަށް ޒީނާފެނުމުން މިވާގޮތެއް ނޭނގެއެވެ. ގޭގައި އުޅޭ ނޯކަރެއް ކަހަލަ ކުއްޖެއްދެކެ އޭނާ ޖެހިލުން ވާންވީ ކީއްވެހެއްޔެވެ؟ މިއީ ކޮންމޮޔަކަމެއް ހެއްޔެވެ؟ ޒީނާއާއި ކުރިމަތި ނުލެވޭވަރުގެ އޭނާ ކުރީ ކޮންކުށެއް ހެއްޔެވެ؟ އޭނާ ފާޚާނާއަށްވަދެ މޫނު ދޮވެލާ ތާޒާވެލިއެވެ.

"ކީއްވެ ނުގޮސް ތިއިނީ." އޭނާގެ އިންތިޒާރުގައި އިން ޒީނާ ފެނުމުން ބުންޏެވެ.

"ނިމިލައްވީމަ ދާންވެގެން. އަޅުގަނޑު ނެތީމާ ހުރީ ބޭސްވެސް ނުބައްލަވާ. އެހެންވީމާ ފަހަރެއްގައި ކޭންބައްލަވަން ނުނިކުންނަވާފާނެތީ މަޑުކޮށްލީ." އޭނާ ސާދާކަމާއެކީ ބުނެލިއެވެ.

މިއީދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ އޭނާ ނުކެޔަސް ކެޔަސް ޒީނާއަށް ކީއްހެއްޔެވެ؟ އޭނާ އަށްޓަކައި މަސައްކަތުގެ ދާއިރާގައި ނިކަން ހެޔޮއެދޭކަމަށް ބުނާމީހުން ގިނައެވެ. ނަމަވެސް އެމީހުންގެ މަޤުޞަދަކީ ކޮންމެވެސް އަމިއްލަ އެދުމެކެވެ. އަމިއްލަ އިޚުތިޔާރުގައި ނުވަތަ އަމިއްލަ އެދުމެއްނެތި މިގޮތަށް އޯގާތެރިވާނެ މީހަކު މިނޫނީ އޭނާ ނުދެކެއެވެ. ޒީނާގެ މި އަޅާލުމާއި ފަރުވާބެހެއްޓުން އޭނާއަށް އުނދަގޫކުރުވައެވެ. ނަފުސު ކޮންޓުރޯލުކުރުމަށް ކުރާމަސައްކަތް އިތުރަށް ބަލިކަށިވުން ނޫންކަމެއް ނުވެއެވެ. ނަމަވެސް ޒީނާ ފޮނުވާލާކަށް އޭނާއަކަށް އެއްބަހެއް ނުވެވެއެވެ.

"ހަލޯ." ބަތްޕެންފޮދެއް ބޮވޭތޯ މަސައްކަތްކުރަމުން ދިޔަ ރަހީމު ފޯނުނެގީ ދެފަހަރަކު ރިންގުވެ ނިމުނީމައެވެ.
"އަދި ކުޑަދުވަސްކޮޅެއްވެދާނެ. ލީޝަން ސިންގަޕޫރަށް ދާންބޭނުންވާތީ މަޑުކޮށްލަނީ." އަނެއްކޮޅުން ވާހަކަދެއްކީ ރާމިޒާއެވެ.

"މިފަހަރު ދެން ކެންސަލް ކޮށްލާފައި މާލެ އަންނަންވީނު. އަހަރެން މިއުޅެނީ ވަރަށް ބަލިވެ." ޒީނާ އޭނާއާއިމެދު ބަހައްޓާ ގާތްކަމުން ދުރުވާން ބޭނުންވާތީއާއި ރާމިޒާއާއި ގުޅުން އިތުރުކުރަން ބޭނުންވާތީ ބުންޏެވެ.

" އެކަމަކު ދެން މިހާ ހިސާބަށް އައިސްފައި ކެންސަލް ކޮށްފިނަމަ ލީޝަން ކިހާ ދެރަވާނެ. ބަލިވީމާ ޑޮކްޓަރުގެންނަންވީނު. އަސްލު މިގުޅީ ލީޝަންގެ އެކައުންޓަށް  ފައިސާކޮޅެއް ޖަމާކޮށްދޭށޭ ބުނަންވެގެން."

"ޑޮކްޓަރު ގެނަޔަސް ރަނގަޅުވަންދެން މީހެއްގެ އެހީތެރިކަން ބޭނުންވާނެއެއްނު." ރާމިޒާ ނާންނާނެކަން އެނގިހުރެމެ ރަހީމު ބުންޏެވެ.

"ގޭގައި މީހުނެއް ނެތްތަ؟ ކޮބައިތަ ޒީނާ؟ އޭނާ ކެއުމުގެ ކަންތަކާއި ބޭހުގެ ކަންތައް ބަލަހައްޓައެއް ނުދޭތަ؟ އަހަރެން މިގުޅަނީ އޭނާއާ." އެހެން ބުނުމަށްފަހު ރާމިޒާ ފޯނު ބޭއްވިއެވެ.

ރަހީމު ރުޅިއަށް ވުރެ ބޮޑަށް މިކަމުން ދެރަވިއެވެ. އޭނާވަނީ ރާމިޒާއަށް އިންތިހާއަށް ބޭނުންވެފައިކަން ރާމިޒާއަށް ނޭނގެނީ ކީއްވެ ހެއްޔެވެ؟

"ނުނަގާތި. އެއީ ރާމިޒާގެ ފޯނެއް." ސިޓިންރޫމުގެ ފޯނާ ރާމިޒާ އެގުޅަނީ  ކޮންބޭނުމަކު ކަން އޭނާއަށް އެނގޭތީ ޒީނާގާތު ބުންޏެވެ. ޒީނާއަށް މިއީ އާކަންތައްތަކެއް ނޫނެވެ. ރަހީމު އެހާ ރަނގަޅު އިރުވެސް ރާމިޒާގެ ރުންކުރު މިޒާޖު އަބަދުވެސް ފެނެއެވެ. މިކަމާއި އޭނާ ހަމްދަރު ދީވެއެވެ.

"އަޅުގަނޑު ތައްޔާރުކުރާ ކެއުން ރަނގަޅު ނޫނީތޯ. ބޭނުންވެލައްވާ އެއްޗެއް ބުނުއްވަނިކޮށް އަޅުގަނޑު މިހާރުވެސް ތައްޔާރު ކޮށްލަފާނަން." ޒީނާ ރަހީމުގެ މިލާފައިވާ މޫނު ފެނުމުން ދެރަވިއެވެ.

"ނޫން ދެން މިއެއްޗެހި ގެންދޭ. އަހަރެން ނިދާލަން ބޭނުން. މީހަކު ފޯނުކުރިއަސް ޖަވާބު ނުދޭތި." ރަހީމު ބޭނުންވީ އެކަނިވެލާށެވެ. ޒީނާ އާއި ދުރުވާން ކުރާ މަސއްކަތުގައި އިތުރަށް ގާތްވުން ނޫންގޮތެއް އޭނާއަކަށް ނުވިއެވެ.

 

ޒީނާއިނީ އޭނާ ކިޔަވަން ޚާއްސަ ވެފައި ހުންނަ ބޭރުގައި ހުރި ކުޑަ ފެންޑާއެއްގައެވެ. ހަވީރުވަމުން އަންނާތީ މުޅި އެސަރަހަށްދަށްވަނީ ހިޔާ އެޅިފައެވެ. އެއީ ގޭތެރޭގެ އެތެރެފަރާތުގައި ހުންނަ ތަނަކަށްވުމުން މާލެކަހަލަ އަޑުގަދަ ރަށެއްގައި ނުލިބޭވަރުގެ ހިމޭންކަމެއް ފެތުރިފައިވެއެވެ. އޯލެވެލް ނިމުމުން ޒީނާ ހަދާނެ ގޮތެއް އަދި ނުނިންމައެވެ. އޭނާ ރަށަށް ދިޔަނަމަވެސް ހުންނާނެ ތަނެއްނެތެވެ. މާމަގެވަނީ ފަޅަށްހުރެގެން ވީރާނާވާން ފަށާފައެވެ. ނަތީޖާ ލިބުމުން އަދި އިތުރަށް ކިޔަވަން އޭނާބޭނުމެވެ. އެހެންކަމުން އޭނާ މަޑުކޮށްލައިގެން ހުރީއެވެ.

"މީއަހަރެން ޒީނާއަށް ގެނައި އެއްޗެއް." ޔައީނުގެ ޖީބުން ކުޑަފަށެއް ނަގާ ޒީނާއަށް ދިނެވެ.

"އެކަމަކު މީ ކީއްކުރަން ގެނައި އެއްޗެއް." ޔައީނުގެ  އަތްމަތި ދަތިމިންވަރު އޭނާއަށް ވިސްނެއެވެ. އޭނާއަށްޓަކައި ޔައީނު އެއްވެސް ޚަރަދެއް ކުރާކަށް ބޭނުމެއް ނޫނެވެ. ހަމައެކަނި އޮންނަ ގާތް ރަހުމަތްތެރިކަން ފުދެއެވެ.

"ނޭނގެ. އެރަށަށް ދިޔައީއްސުރެ ޒީނާ މަތިން ވަރަށް ހަނދާންވި. ދެން ހިތަށްއެރީ މިފަށް ގެނެސްދޭނިއްޔޭ." ޒީނާއަށް ހަދިޔާއެއް ދެވުނީތީ ޔައީން ހުރީ ވަރަށް އުފާވެފައެވެ.

"އަބަދުވެސް މިގާތްކަން ބާއްވާތި." ޔައީން ޒީނާގެ ކަރުގައި ފަށް އަޅައިދެމުން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މިގުޅުމެއް ނުކެނޑޭނެ. އެކަމަކު ފަހުންވާނެ ގޮތެއްނޭގެދޯ." ޒީނާ ބުނެލިއެވެ.

"ކީއްވެ ތިހެން ތިބުނީ."

"ޔައީނު މީހަކާއި އިނީމާ އަންހެނުންދެކެ ބިރުން އަހަރެން ދަންނަކަމަށްވެސް ނަހަދަފާނެ ވިއްޔަ." ޒީނާ ސަމާސާ ކޮށްލިއެވެ.

"ކިހިނެއްއެނގެނީ. ފަހަރެއްގައި އަހަރެންގެ އަނތްބަކަށް ޒީނާވެސް ވެދާނެއެއްނު." ޔައީން ހިމޭންވިއެވެ.

"ފަހަރެއްގައި ނިޔުމާ. ފަހަރެއްގައި ޝީލާ. ނޫނީ ފަހަރެއްގައި ލީޝަންވެސް ވެދާނެއެއްނު." ޒީނާ އަދިވެސް މަޖާކުރަނީއެވެ.

"ދުވަހަކު މަގާތު ލީޝަންގެ ނަންވެސްނުގަންނާތި." މިދުނިޔޭގައި އޭނާ އެހާ ނަފުރަތު ކުރާ ކުއްޖެއް ނުދެކެއެވެ.

" އަހަރެން ހަނދާންވެސް ނެތިފައި މިހުންނަނީ. ހަތަރެއް ޖަހާއިރު ރަހީމަށް ބޭސް ގެންދަންޖެހޭނެ. އޭނާ އުޅުއްވަނީ ވަރަށްބަލިވެ. މިހާރު އެހެރަ ފަހެއްޖަހަނީ." ޒީނާ ބާރަށް ހިނގައިގަތެވެ.

"އަހަރެންވެސް ފެންވަރާލައިގެން ދާނަން." ޔައީނު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ޒީނާ އަވަސް އަވަހަށް ޖޫސްތައްޓަކާއި ފެންތައްޓެއް ތަބަކަށް ލައިގެން ބޭސް ހިފައިގެން ދިޔައެވެ. އޭރު ރަހީމު އޮތީ ކޮޓަރީގައެވެ. އޭނާގެ ވިސްނުން ހުސްކޮށްލެވިފައިވަނީ ޒީނާއަށެވެ. ޒީނާގާތު އޭނާގެ އިހުސާސްތައް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އޭރުން އެ ކުއްޖާ ހީކުރާނީ އޭނާއަކީ އެއްވެސް ގޮތެއްނެތް މީހެއްކަމުގައެވެ. އޭރުން ރާމިޒާ އެކުއްޖާ ފަކީރު ރޮލާ ކާވަރު ކުރާނެއެވެ. އެކުއްޖާ އޭނާއާއި ދޭތެރޭ ދެކެނީ ކޮންނަޒަރަކުން ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޒީނާ އޭނާއަށް އިހުތިރާމް ކުރާކަމެވެ. ފަރުވާ ބަހައްޓާކަމެވެ. ނަމަވެސް މިއީ އެގޭގައި ޒީނާގެ މަސައްކަތް ކަމުގައި އޭނާއަށް ގަބޫލު ކުރެވުނެވެ.

ޒީނާ ދޮރުގައި މަޑުމަޑުން ޓަކިޖަހާލިއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވެއެވެ. ދެތިންފަހަރަކު ޓަކިޖަހާލާ ޚަބަރެއް ނުވުމުން އޭނާ ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުނުލާ ކަމުން ވަރަށް ފަސޭހައިން ހުޅުވިއްޖެއެވެ. އޭނާ ސިއްރު ސިއްރުން ކޮޓަރިއަށް ބޯދިއްކޮށްލާ ބަލާލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ބޯ ބެޑްޝީޓެއް އަޅައިގެން އޮތް ރަހީމަށެވެ. އޭރު އޭނާ ތުރުތުރު އަޅާކަން ޒީނާގެ ތަޖުރިބާއިން އެނގުނެވެ.

" ލަހުން ބޭސް ގެނެވުނީތީ މާފަށް އެދެން." ވަގުތުން އޭނާ ބޭސް ނަގާ ފެންތައްޓާއެކު ދޭން ގުދުވިއެވެ. ރަހީމު އެއްވެސް އެއްޗެއް ނުބުނެ ބަސް އަހާ ކުއްޖެއްފަދައިން ތެދުވެ ބޭސް ބޯލިއެވެ. އެއަށްފަހު އޮށޯވެލާފައި ލޯމަރާލިއެވެ. ޒީނާ އެގޮތަކަށް އޭނާއާއިމެދު ނުވިސްނާނެ ކަން އޭނާއަށް ޔަގީން ކުރެވެއެވެ.

"މިއަދު ބޭސް ގެނައުން ލަސްވެއްޖެ. އޭރުވެސް އަހަރެން ބުނިން އަހަރެންނަށް ފެންނަ ހިސާބުގައި ބޭސް ބަހައްޓާށޭ. ޒީނާއަށްވެސް އަބަދު އަންނަން އުނދަގޫވާނެއެއްނު." އޭނާއާ ހެދި އެހެންމީހުންނަށް އުނދަގޫ ވާކަށް ބޭނުމެއް ނޫނެވެ.

"ނޫން. އެހެން ހީނުކުރައްވާ. ބަލިމީހަކަށް އެހީވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް." ޒީނާ ރަހީމުގެ ނިތްކުރީގައި ފެންފޮތިކޮޅު ބާއްވަމުން ބުނެލިއެވެ. ފޮތިގަނޑު ނުބޭއްވިއަސް އޭނާއަށް މިހާރު އެތައް ގުނައެއް ލުއިވެއްޖެއެވެ. ޒީނާ ފެނިއްޖެނަމަ އޭނާގެ މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރުވައެވެ. އެކަމަކު އޭނާއަށް މިކަމުގައިވެސް ކެތްތެރިވުން ނޫންގޮތެއް ނެތެވެ.

"ޒީނާ ފަށްވެސް އަޅަންތަ؟" އެންމެ ފަހުން އޭނާގެ ޚިޔާލުތައް ގިނަވެގެން ދާތީ ކޮންމެވެސް ވާހަކައެއް ދެއްކިއެވެ. އެއީ އަދި އަލަށް އޭނާ ޒީނާއާއި އަމިއްލަގޮތުން ދެއްކި ވާހަކައެވެ.

"ކުރިއަކުން ނާޅަން. ގާތްމީހަކު ދިނީމާ އެޅީ." އެއްވެސް ޖެހިލުމެއްނެތި އޭނާ ބުނެލިއެވެ. ޒީނާގެ މި ސާދާކަމާއި ހިތްސާފުކަމަށް ހިތުގެ އަޑިން އެތައް ތައުރީފެއް ކުރެވެމުން ދެއެވެ. ހަމައެހިނދު ކޮޅު އޭނާގެ ހިތުގައި ޖެހުނީ ޒީނާ އޭނާގެ މީހަކަށް ނުވާނެތީއެވެ. ޒީނާގެ ވެސް ގާތްމީހުން ތިބޭނެއެވެ. އޭނާދެކެ ލޯބިވާ މީހުންވެސް ތިބޭނެއެވެ. އެއީ އޭނާއަށްވުރެން މާގާބިލް މާ އެކަށޭނަ މީހުންނެވެ. އޭނާއަކީ ޒީނާގެ ބައްޕަ އުމުރުގެ މީހެކެވެ. ވީއިރު އެފަދަ ގޮތަކަށް ވިސްނުމަކީ އޭނާގެ ޖާހިލުކަމެވެ. އޭނާ އަމިއްލަ ނަފުސްދެކެވެސް މިހާރު ލަދުގަނެއްޖެއެވެ. އޭނާ ލޯމަރާލައިގެންއޮތީ މިވިސްނުންތަކުން ދުރުވެވޭނޭ ގޮތެއް ހޯދުމަށެވެ. އޭނާ ނިންމީ ކިތަންމެ ބަލި ނަމަވެސް ދެން ގޭގައި މަޑުނުކުރުމަށެވެ. ވިޔަފާރީގެ ކަންތަކުގައި އަވަދި ނެތި އުޅުމަށެވެ. ގެއަށްވަނަސް އޭނާއަކަށް ހަމަޖެހުމެއް ނުލިބެއެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ.

 

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *