އަމިއްލަ ނަފުސުގެ ޖަޒުބާތުތައް ކޮންޓުރޯލު ކުރޭ!

ސްޓްރެސް އަކީ އަހަރެމެންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް އުނދަގޫ ކަމަކެވެ.  އަމިއްލަ ނަފުސުގެ ޖަޒުބާތުތައް ކޮންޓުރޯލުކުރުމުން އަޅުގަނޑުމެންނަށް މި އަސަރުތަކުން ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ. އޭރުން ނަފްސާނީ ބައްޔާއި އެހެނިހެން ނޭދެވޭ ނަތީޖާތަކާ ރަނގަޅަށް ހަނގުރާމަ ކުރެވޭނެ ގޮތް ހެދިދާނެއެވެ. މިސާލަކަށް ބައެއްމީހުން އަމިއްލަ ނަފުސުގެ ޖަޒުބާތުތައް ކޮންޓުރޯލުކުރަނީ ރައްޓެހިންނާއެކު އިތުރު ވަގުތު ހޭދަކޮށްގެންނެވެ. ބައެއްމީހުން އަމިއްލަ ނަފުސުގެ ޖަޒުބާތުތައް ކޮންޓުރޯލުކުރަނީ އެކަނިމާއެކަނި އިތުރު ވަގުތު ހޭދަކުރުން ކަމަށް ވެދާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތަފާތު ގޮތްތައް ބޭނުންކޮށްގެން ނަމަވެސް ކުރިމަތިވާ ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ. އޭގެ ތަޅުދަނޑިއަކީ އަޅުގަނޑުމެންނަށް ފައިދާހުރި ކަންކަމާއި، އެއީ ކޮން ހާލަތެއްކަން އެނގުމެވެ.

އެންމެ ފުރަތަމަ ވިސްނަން ޖެހޭ ހަގީގަތަކީ އެހާ ގިނަ ވޭން ސިކުނޑީގައި އުފެދެނީ އަޅުގަނޑުމެން ކަންކަމާއި ދޭތެރޭ ގެންގުޅޭ ނަޒަރިއްޔާތުގެ ސަބަބުންނެވެ. ނުވަތަ އަޅުގަނޑުމެންނަށް ބަދަލު ނުކުރެވޭނެ ކަންކަމާ ހަނގުރާމަ ކުރުމުގެ ވިސްނުމެވެ. ދިރިއުޅުމުގައި ކޮންޓްރޯލް ނުކުރެވޭ ހާލަތްތަކާ މެދު ކަންބޮޑުވާން ހޭދަކުރާ ވަގުތު ގިނަވިވަރަކަށް މުސްތަގުބަލު ރަނގަޅު ކުރެވޭނެ ގޮތްތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި ސްޓްރެސް ނުވަތަ ރުޅިއައިސްގެން ހޭދަކުރާ ވަގުތު ގިނަވެގެންދެއެވެ.

އަމިއްލަ ނަފްސު އެނގުމަކީ ކެތްތެރިވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ތިމާއަށް ފައިދާހުރި ގޮތްގޮތަށް ސްޓްރެސްތަކާ ކުރިމަތިލާން ޖެހޭ ވަރަށް އަމިއްލަ ނަފްސު ރަނގަޅަށް ނޭނގޭނަމަ، ދެން ތިމާއަށް އުނދަގޫވުން އެކަށީގެންވެއެވެ. މިސާލަކަށް ފަހަރެއްގައި ބައެއްމީހުން ދެރަވެގެން އުޅޭއިރު މަސްތުވާތަކެތި ބޭނުންކޮށްގެން އެކަމާ ކުރިމަތިލައެވެ.  އެކަމަކު ޖެހިގެން އަންނަ ދުވަހު އެމީހުން ހަމަ ނިމެނީ ކަންކަން އިތުރަށް ގޯސްވެގެންނެވެ. މީގެ ބަދަލުގައި އަމިއްލަ ނަފްސަށް ޢިލްމީ ގޮތުން ތަރައްގީ ގެނެސް ތިމާއަށް ދިމާވާ ދަތިތަކުން ފަސޭހަކަމާއެކު އަރައިގަތުމަށް އެހީތެރިވެދޭ ފިޔަވަޅުތައް އެޅިދާނެއެވެ.

އަހަރެމެން ބަލިވެ، ވަރުބަލިވެ، މާލީދަތިތައް ދިމާވާ ދަތި ވަގުތުތަކުގައި، ބޮޑު ނުވަތަ ކުޑަނަމަވެސް ސްޓްރެސްއަކަށް ރައްދު ދިނުމަށް އަހަރެމެންނަށް އުނދަގޫވެއެވެ. އެފަދަ ވަގުތު ތަކުގައި ތަފާތު ކަންކަން ކުރެވެއެވެ. މިސާލަކަށް ދިރާސާތަކުން ދައްކާ ގޮތުގައި ފޮނިއެއްޗިހި ކެއުމަކީ ޑިޕްރެޝަން އާއި ގުޅުން ހުރި ކަމެއް ކަމަށް ވެއެވެ. އެއްބަޔަކު މާގިނައިން ނިދައެވެ. ޑިޕްރެޝަންއާއި ތިމާ ގާތްވާކަންކަން ރަނގަޅަށް އެނގެން ޖެހެއެވެ. ތިމާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވިސްނާނަމަ، ކެތްތެރިކަން އިތުރުވާން ޖެހެއެވެ.  މިކަން ރަނގަޅަށް ކުރެވޭނީ ރަނގަޅު ކާނާ ކެއުމާއި، މެދުމިނުގެ ކަސްރަތު ކުރުމާއި، ވަރުބަލި ވަގުތުތަކުގައި ނިދުމުންނެވެ.

އަމިއްލަ ނަފްސަށް ލޯބިކުރުމުގެ ގޮތުން އަމިއްލަ ނަފްސަށް އަގު ވަޒަންކުރުން، އަމިއްލަ ނަފްސަށް އިތުބާރުކުރުން، އަމިއްލަ ނަފްސަށް އިޙްތިރާމްކުރުން ފަދަ ކަންކަމަކީ މުހިއްމު ކަމެކެވެ. މިކަންކަމަކީ ކެތްތެރިކަމާއެކު ކުރިމަތިލާ މުހިއްމު މުހިންމު ބަޔެކެވެ. ކަންކަމާއިމެދު ހެޔޮކޮށްވިސްނުމަކީ އުފާވެރިކަމާއި ދުޅަހެޔޮކަން ފަދަ ހެޔޮ ނަތީޖާތަކާ ވަރަށް ގާތުން ގުޅިފައިވާ ކަންތައްތަކެކެވެ. އަހަރެމެންގެ އަމިއްލަ ނަފްސާއިމެދު ނުބައި އިޙްސާސެއް ކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގެ އެހެން ކޮންމެ ކަމަކަށް އަސަރުކުރެއެވެ. އަޅުގަނޑުމެން މާޔޫސްވާ ހާލަތްތަކަށް ދެވޭނަމަ އަމިއްލައަށް ނަފުސު ހަމައަކަށް އެޅުވުމަށްފަހު އަމިއްލަ ނަފްސަށް އޯގާތެރިވެ  ސްޓްރެސްއަށް ދުޅަހެޔޮ ގޮތަކަށް ރައްދުދޭށެވެ.

އަބަދުވެސް އިޖުތިމާޢީ ގުޅުންތައް ބިނާކުރުމަށް ފަރުވާތެރިވާށެވެ. އަޅުގަނޑުމެން ކޮންމެ ކަމެއް ކުރިޔަސް، އެހެން މީހުންނާގުޅިގެން އެކަން ކުރާއިރު އަޅުގަނޑުމެންނަށް ރަނގަޅު އިހުސާސެއް ކުރެވެއެވެ. އެހެނީ އިޖުތިމާޢީ ގުޅުންތަކަކީ ކެތްތެރިކަމުގެ މުހިންމު ބައެއް ކަމުގައި ހެދޭތީއެވެ. ހަގީގަތުގައި ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ އިތުބާރުހުރި އެއް ގޮތަކީ މަތީ ފެންވަރުގެ އިޖުތިމާޢީ ގުޅުންތައް އުފެއްދުމާއި، ދިރިއުޅުމުގައި އެކުގައިއުޅޭ މީހުންނާ އިޖުތިމާޢީ ގޮތުން ގުޅިފައިވާކަން އިޙްސާސް ކުރުމެވެ.

ހިތާމަވެރި ވަގުތު ނުވަތަ ކަމަކުން ނާކާމިޔާބު ކުރިމަތިވާފަހަރު ފަހަތަށް ފިޔަވަޅެއް އަޅާށެވެ. ބައެއް ފަހަރު އަޅުގަނޑުމެންނަށް އުނދަގޫ ކަމެއް ކުރިމަތިވާއިރު، އެކަމުގެ ތެރެއަށް ޣަރަޤުވެ، މީހާ ގޮތްހުސްވާވަރު ވެއެވެ. މީހާގެ އެންމެހާ ޖަޒުބާތުތައް ގަދަވެ، އަހަރެމެން ވިސްނާގޮތް ނުވަތަ ނަޒަރިއްޔާތުތައް ހަނިވެގެންދެއެވެ. ވީމާ އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދޭށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *