(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
ލާނެތް ހިނިތުންވުމަކާއެކު މިއުވާންގެ ފައި ދިއްކޮށްލިއެވެ. ރުކާން ބަނދެފައިވާ ފޮތިގަނޑު މޮހާލިއެވެ. އެއީ އޭރު އޭނާ ބަނދެދިން ފޮތިގަނޑެވެ. ފޮތިގަނޑު ނައްޓަމުން ދިޔައިރުވެސް އޭނާއަށް ވަނީ މިކުރެވޭ ކަމެއްނޭނގި ހާސްވެފައެވެ. ރޭގަނޑު މިހެން މިއުވާން ގާތަށް އަންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާއަށް ނުނިދުނީ މިއުވާންގެ ހާލެއް ނޭނގޭތީއެވެ. މި ހުރިހާކަމަކާ ހެދި އޭނާއަށްވެސް ވަނީ ވާނުވާ ނޭނގޭވަރަށް ތަފާތު ޚިޔާލުތަކުން އޮޅޭގޮތް ވެފައެވެ. އެންމެފަހުން ގެނައި ހީނާފަތްގަނޑު ކުޑައަލިފާން ގަޑެއްޖަހާ އަލިފާނުން ހޫނުކޮށްލިއެވެ. ޒައިތޫނި ތެޔޮކޮޅެއްލާފައި މިއުވާންގެ ފައިގާ އަޅައިދިނެވެ.
"އައްދިޔޯތް… ތަދުވެޔޭ." މިއުވާން ތަންކޮޅެއް ބާރަށް ބުނެ ފައިދަމައިގަތެވެ.
"ހާދަ ފިނޑިޔޭދޯ." ރުކާންގާތަށް ހިނިއައެވެ.
"ފިނޑީ އަހަރެންތަ؟ ރުކާނަށް ކެރޭނެތަ ފުޅިތޮށިގަނޑު މައްޗަށް އަރަން." ފައި ދަމާލަމުން އޭނާ ބުންޏެވެ. ދެން އިރުކޮޅަކަށް ހިމޭންކަމުގެ ހިނދުކޮޅެއް އައެވެ. އެކަކު އަނެކަކުގެ ބަހަކަށް އިންތިޒާރު ކުރެވެމުން ދިޔަ ވަގުތު ކޮޅަކަށެވެ.
"އަހަރެންނަށް އެނގޭ ރުކާން ބޭހެއް ގެނެސްދޭނެކަން." ތަނުގެ ހިމޭންކަން މިއުވާންގެ ޖުމްލައިން ނިމުމަކަށް އައެވެ.
ރުކާނަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހަމައެކަނި މިއުވާނާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
"ކޮބާ އަދިވެސް ބޭސްއަޅާ ނުނިމޭތަ؟" މިއުވާން ހުރީ ރުކާނަށް ބަލާށެވެ. މިބެލުމުގައި ދުވަހަކުވެސް މިއުވާންގެ ލޮލުން ފެނިފައިނުވާ އާދަޔާ ޚިލާފު އަސަރެއް ފާހަގަ ކުރެވުނެވެ. އެއިން މުޅި ހަށިގަނޑަށް އަސަރު ކުރުވައިފިއެވެ. ދުވަހަކުވެސް އެފަދަ އިހުސާސެއް އޭނާއަކަށް މީގެ ކުރިއަކުން ކޮށްފައެއް ނުވެއެވެ.
"އަދިވެސް ބުނޭ އަހަރެންދެކެ ލޯތްބެއް ނުވެޔޭ." ވަރަށް މަޑުމަޑުން ގާތް ވެލަމުން މިއުވާން ބުންޏެވެ.
"އާނ އަހަރެން މިއުވާންދެކެ ލޯތްބެއް ނުވޭ." ރުކާން އަނެއް ފަރާތަށް އެނބުރުނެވެ. މިވާގޮތްތައްވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މިއުވާނަށް ނުބެލުމަށެވެ. އޭގެ ސަބަބުން އޭނާގެ އަމިއްލަ ނަފުސު އިޚްތިޔާރުން ބޭރުގައި ބަހެއް ބުނެވިދާނެތީ ޖެހިލުން ވަނީއެވެ.
"ދެންކީއްވެ ނުނިދިގެން ބޭސްހިފައިގެން ތިޔައީ؟" އަނެއްކާވެސް ފުރަގަހުން މިއުވާންގެ ހޫނު ނޭވާ އެޅޭހާ ހިސާބަށް ގާތްވެލާފައި މިއުވާން ބުންޏެވެ.
"އެއީ އަހަރެންގެ ސަބަބުން ވީކަމެއްވީމަ." ގޮތް ދޫނުކުރާ ރާގެއްގައި ބުނިނަމަވެސް އެއަޑުގައި ހިމޭންކަމެއް ވެއެވެ.
"އެހެނެއްނޫން. ރުކާން އަހަރެން ދެކެ ލޯބިވޭ. ރުކާން އަހަންނާމެދު ވިސްނާ. އަހަރެންވެސް ރުކާންދެކެ ލޯބިވޭ." މިއުވާން އަދިވެސް ބޮޑަށް ރުކާނާއި ފުރަގަހުން ގާތްވެލިއެވެ. ރުކާންގެ ކޯތާފަތްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅުކޮށްލިއެވެ. މަޑުމަޑުން އޭނާގެ ކުރިމައްޗަށް ވާގޮތަށް ރުކާން އަނބުރާލިއެވެ.
"އެކަމަކު އަހަރެން ލޯތްބެތްނުވޭ." ރުކާން ހުރީ ލޯ މަރައިގެންނެވެ. އޭނާއަށް މިއުވާނާއި ދިމާއަށް ބަލާކަށް ކުޅަދާނައެއް ނުވިއެވެ. މިހުރިހާ ވަގުތަކު ކޮންޓްރޯލް ކުރަމުންދިޔަ އޭނާގެ ޝުޢޫރުތައް ލޮލުން ފާޅުވެދާނެތީ ކަންބޮޑުވެގެންނެވެ.
"ރުކާން ލޯހުޅުވައިގެން ތިހެން ބުނެބަލަ."
"ނޫން." ކުއްލިއަކަށް ރުކާން ދުއްވައިގަތެވެ. މިއުވާން ގާތަށް ހިނި އައިސްފައި ބަލަން ހުއްޓެވެ. އެހިނިތުންވުމަކީ އޭނާގެ ރޭވުން ކާމިޔާބު ވީލެއް ބޮޑުކަމަށްވުރެ ރުކާންގެ ހުރި މައުސޫމުގޮތުން ލިބުނު އުފަލެކެވެ. އެއީ މިރޭ އޭނާއަށް ނުހަނު ހިތްހަމަ ޖެހުން ގެނެސްދިން ކަމެކެވެ.
ޖެހިގެން އައިދުވަހު އެދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ދެމީހުންގެ ހިތުގައިވެސް އެއީ މިހާރު މާ ގާތް ގުޅުމަކުން ގުޅިފައިވާ ބައެއްކަމުގައި އިހުސާސް ކުރެވެއެވެ. ރުކާން މަސައްކަތް ނިންމާލާފައި ގެއަށް ދިޔައިރު ލިބޯމާގޭ ބޮޑުމީހާ އަހުމަދާއި އޭނާގެ އަންހެނުން ގޭގައި ތިއްބެވެ. ރުކާންގެ މަންމަ ގާތު ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ.
"ދަރިފުޅާ މިތާ އިށީނދެބަލަ." ރުކާންއަށް ވަދެވުނުތަނާ މަންމަ ބުންޏެވެ. އެމީހުންގެ ވާހަކަ އަކަށްވީ ރުކާންއާއި މިއުވާންގެ ގުޅުމުގެ ވާހަކައެވެ. އެރަށުގައިވެސް އެނޫންވާހަކައެއް ނުދެކެވޭކަމެވެ. މިއުވާނަކީ މިއަންނަމަހަށް މިނިވަންވާންހުރި މީހެއްކަމެވެ. އޭގެސަބަބުން ރުކާނަށް ބޮޑު ދެރައެއް ނޫނީ ނުލިބޭނެ ވާހަކައެވެ. އަދި ރުކާނަށްޓަކައި ވަރަށް ރަނގަޅުމީހެއް ހުރިވާހަކައެވެ. އަބަދުވެސް އެމީހުން ގާތު ރުކާން ބޭނުން ވެގެން އެމީހާ ވާހަކަ ދައްކާ ވާހަކައެވެ.
އެއީ އެއާއިލާ ބަލަހައްޓައިދޭނޭ މީހެއްކަމަށާއި ޒަލްފާއަށްވެސް އެހީވެވޭނަފަދަ ތަނަވަސްކަން ހުރި މީހެއްގެ ވާހަކައެވެ. އެމީހަކީ އެރަށު ކޯޓުގައި މަސައްކަތްކުރާ ލިބޯމާގެއާއި ވަރަށް ގުޅުން އޮންނަ ސައުކަތެވެ. ހުރި ހަމައެކަނި ކޮއްކޮއާއެކު މައިންބަފައިން އުޅެނީ ރާއްޖޭން ބޭރުގައިކަމުން ސައުކަތު އުޅެނީ އެކަންޏެވެ. މީހަކާއި އިނދެފައިނުވާއިރު ދުވަހަކުވެސް މީހަކާއި ރައްޓެހިވެސް ނުވެއެވެ.އޭނާއަކީ އުފެދުމުގައިވެސް އެއްލޮލުގައި އުނިކަމެއްހުރި ސިފަ ހުތުރު ޒުވާނެކެވެ. ރަށުގެ އަންހެން ކުދިން އޭނަޔާ ގަޔާނުވާކަން އެނގެއެވެ. މޫދުގަލަކަށް މަހެއްވެޔޭ ބުނާބަސް އޭނާ ގަބޫލެއް ނުކުރެއެވެ. ސްކޫލް ދައުރުން ފަށައިގެންވެސް އޭނާއަށް އަންހެން ކުއްޖަކު ބަލާވެސް ނުލާތީއެވެ. މިއަދާޖެހެންދެން އޭނާ ވިސްނަމުން ދިޔައީ އޭނާގެ ހަޔާތަށް އަންހެން ކުއްޖަކު ނުގެނައުމަށެވެ. އަންހެނުންނާ ޖަޒުބާތަކީ ވޭންދެނިވި އަނިޔާއެއް ކަމަށްބަލާ ހިތުގައި ވަޅުލީއެވެ. ނަމަވެސް ރުކާންމެންގެ ސަމާސާތަކުގެ ސަބަބުން ސައުކަތުގެ ހިތުގައި ވަޅުލެވިފައިވާ އިހުސާސްތައް ބޭރުވީއެވެ. ރުކާންގެ ޚިޔާލުތަކުން ދިރިއުޅެން ދަތިވާވަރަށް އުނދަގޫކުރަން ފެށީއެވެ. ފައިސާ ދައްކައިގެންވެސް ރުކާން އޭނާގެ މީހަކަށް ހަނދަން ބޭނުންވެއެވެ. ލިބޯމާގޭ މީހުން އެހާވަރަށް ރުކާންގެ މަންމަގާތު ސައުކަތުގެ ވާހަކަ ދައްކަމުން އެދަނީ އެ ފައިސާގެ ބާރުގައެވެ.
"ތިއީވެސް ރަނގަޅު ގޮތެއް. އަހަރެން ތިކަމާ އެބަވިސްނަން." ރުކާންގެ މަންމަ އެމީހުން ދެއްކި ވާހަކައަށް ޖަވާބުދިނެވެ. މިކަމާ ރުކާންގެ މަންމަ މިވަގުތު ވަކި ނިންމުމެއް ނުނިންމައެވެ. އޭނާ ވަނީ ފިކުރު ބޮޑުވެފައެވެ. ހިމޭންވެފައެވެ. މިއުވާނާއި ރުކާންގެ ގުޅުން އެނގިގެންނެވެ. ރުކާން އެފަދަ ކަމެއް ނުކުރާނެކަމަށް އޭނާ ޔަގީން ކުރާހިތްވެއެވެ. ނަމަވެސް އެންމެފަހުން ރުކާންވެސް ފިރިހެނުންގެ ދަންތުރައިގާ ޖެހުނީތާއެވެ. މިއުވާނަކީ ރަށުމީހަކަށް ނުވުމާއި ރުކާންއަކަށް ރަށުން ބޭރަށް ދެވޭން ނެތްކަން ރުކާންވެސް ގަބޫލު ކުރަން ޖެހޭނެއެވެ.
"ވިސްނަން ވާއިރަށް މާލަސްވެދާނެ. ކުރީރޭވެސް މިއުވާނާއި ރުކާން އުނދޯލިގޭގައި ތިއްބާ ފެނުނު. ރުކާން ބުނެބަލަ މީދޮގެކޭ." ހަސީނާ މޫނަށް ވައްތަރެއް ޖައްސާލާފައި ބުނެލިއެވެ. ރުކާން އިސްދަށަށް ޖަހާލީ ބުނާނެ އެއްޗެއް ނޭނގުނީމައެވެ.
"އެކުން ދެން ސައުކަތު ގޯހީކީވެސް ނޫނިއްޔަ. ތިކަމާ އަހަރެން ވަރަށް ގަބޫލު." އިރުކޮޅަކު ހިމޭނުން އިނދެ ވިސްނާލާފައި ބުންޏެވެ. ސައުކަތަކީ އޭނާ ގެ ރުކާނާއި އަޅާނުކިޔޭނެ ސިފަހުތުރުމީހެއް ނަމަވެސް މިއުވާނާއި އޭނާ ދުރުކުރަން އެނޫން ގޮތެއް އޮތްކަމަކަށް އޭނާއަކަށް ނުފެނުނެވެ. ކުޑަކޮށް ނުކުޅެދޭ ގޮތެއް ހުރިނަމަވެސް އޭނާއަށް އެގޭގައި ތަނަވަސްކަމާއެކު ރުކާން ގެންގުޅޭނެކަމުގެ ޔަގީންކަން އެބައޮތެވެ. އެހެންކަމުން މިކަމުގައި ރުކާންގެ ބަހަކަށް ބެލުމަށްވުރެ ވީހާވެސް އަވަހަކަށް މިކަން ނިންމުމަށް ރުކާންގެ މަންމަ އެއްބަސްވެއްޖެއެވެ.
ރުކާނަށް ލިބުނު ހާސްކަމާއި ހިތްދަތިކަން ދުވަހަކުވެސް ނުދާ މިންވަރަށް ހިނގައްޖެއެވެ. އޭނާއާއި މިއުވާނާމެދު އެފަދަ ގުޅުމެއްނެތެވެ. އެކަމަކު މިއުވާން އޭނާއާ މެދު ބަހައްޓާ ގާތްކަމަށްޓަކައި އުފާވެއެވެ. މިއުވާނާއެކު ވަގުތު ހޭދަކުރުމަށް އެދެވެއެވެ. ނަމަވެސް ދުވަހަކުވެސް މިއުވާނާއި ކައިވެނީގެ ގޮތުން ގުޅޭކަށް އެދެވިފައެއް ނުވެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ދުވަހަކުވެސް ފިރިހެނެއްދެކެ އޭނާ ލޯތްބެއް ނުވާނެއެވެ. މިއުވާނާއި އޭނާއާ ދެމެދުގައިވާ ގުޅުން އޭނާއަށް ރަނގަޅަށް ކޮންޓުރޯލް ކުރެވޭނެއެވެ. ބައެއްފަހަރު މިއުވާން ފެނުމުން އާދަޔާ ޚިލާފު ގޮތްތަކެއްވިޔަސް އެއީ އޭނާ އެގުޅުމަށް ސަމާލު ވެވޭނެ ގުޅުމެކެވެ. ވީއިރު މިއުވާނާ އޭނާއޭ ކިޔައިގެން ދައްކާ ވާހަކަތަކަށް މީގެފަހުން ވިސްނާނެއެވެ. އަދި އަމުދުން ދުވަހަކުވެސް އޭނާ ސައުކަތަކާއި ނީންނާނެއެވެ. މިކަމުގައި އޭނާ މަރުވާން ޖެހުނު ނަމަވެސްމެއެވެ.
ލިބުނު ހިތާމައާއި ހިތްދަތިކަމުން އޭނާ ކުއްލިއަކަށް ގެއިން ބޭރަށް ނިކުމެ ދުއްވައިގަތެވެ. މިލަ ހަނދުވަރުގެ ސަބަބުން ރަށަށް ފަނޑު އަލިކަމެއް ފެތުރިފައި ވެއެވެ. ވައިރޯޅީގެ ހިލަމެއް ނުވާ ރަށަށް ވެރިވެފައިވަނީ ދޫނި ސޫފާސޫފީގެ ގޮވެލިތަކުގެ އަޑާއި ގޮނޑުދޮށަށް ބީއްސާލާ މަޑު ރާޅު ތަކުގެ އަޑެވެ. އޭނާ ދުވެފައި ގޮސް ހުއްޓުނީ އަތިރިމަތީގައި ހުރި ހޮޅުއަށީގައެވެ. އޭނާ ބޭނުމީ ހިތް ފުރޭވަރުވަންދެން ރޯލުމަށެވެ.
ކުއްލިއަކަށް އޭނާއަށް ބަލާލެވުނީ ހިޔަންޏެއްވާހެން ހީވެގެންނެވެ. އޭނާ އަޅާވެސް ނުލާއިނީ މިރޭ ކޮންމެކަމެއްވެސް އޭނާއަށް ވަރިހަމަކަމަށް ހިތައެވެ. ފުރޭތައެއް އައިސް އޭނާ ގެންދާނެނަމައެވެ. ނޫންނަމަ ނުލަފާ މީހަކު އޭނާ މަރާލާނެނަމަ ހާދަރަނގަޅޭ އޭނާ ހިތަށް އަރަމުން ދެއެވެ.
"ރުކާން. ރޮނީތަ؟" މިއުވާން އައިސް ރުކާންގެ ގާތުގައި އިށީނދެލިއެވެ.
"ރޮނީ ކޮންކަމަކާ؟ އަހަރެންދެކެ ކިތަންމެ ރުޅި އައިނަމަވެސް ވީގޮތެއް ބުނެދީބަލަ. އަހަރެންނަށްވެސް ކުރެވޭ ކަމެއް އޮވެދާނެއެއްނު." ފުރަތަމަ ފަހަރަށް އޭނާ ރުކާންގެ ހާލާމެދު ރަހުމު އުފެދި ދެރަވިއެވެ. މީހަކު ރޮންޏާ އޭނާ އަބަދުވެސް ދެރަވެއެވެ. އެއީ އޭނާގެ ތަބީއަތުގައި ހުންނަ އުނިކަމެކެވެ. މީހުންނަށް ހިތްހެޔޮވެގެން އޭނާއަށް މިހާތަނަށް ލިބިފައިވަނީ ކެހިކަމަށް ވީތީއެވެ.
"ހުރިހާކަމެއްވެސް މިވީ ކަލޭގެ ސަބަބުން. އަހަރެންގެ ދިރިއުޅުމަށް ތިއައީ ކީއްވެ؟"
"އަހަރެންނޭ… އަހަރެން ރުކާނަށް ކުރީ ކޮންކަމެއް؟"
"ހުރިހާ ކަމެއްވެސް ކުރީ ކަލޭ."
"ރުކާން ހެޔޮނުވާނެ. އަހަރެން ރުކާން ދެރަވާ ކަހަލަ އެއްވެސް ކަމެއް ނުކުރަން."
"އެގޭމީހުން މަންމަ ގާތު އަހަރެމެން ދެމީހުންގެ ގުޅުން އޮންނަ ވާހަކަ ބުނެފި."
"ދެން ކިހިނެއްވީ؟ އަހަރެމެން ދެމެދަކު އެކަހަލަ ގުޅުމެއް ނުހިނގައެއްނު. އެހެންނޫނަސް ރުކާން އަހަރެންދެކެ ނަފުރަތު ކުރަމެއްނު. މަންމަ ގާތު ތިހުރިހާ ވާހަކައެއް ބުނަންވީނު."
"އެމީހުން އުޅެނީ އަހަރެން ސައުކަތާއި ދެވަން ވެގެން" ރުކާނަށް ބާރަށް ރޮއިގަނެވުނެވެ. އެއީ މިއުވާނަށް އެއަޑުއަހަން ކެތް ނުކުރެވޭފަދަ ހިތްދަތިކަން އެކުލެވޭ އަޑެކެވެ.
"ކޮން ސައުކަތެއް؟ އަހަރެމެންގެ ގެއަށް މިއަންނަ ކޯޓު ސައުކަތު. އެއްކަލަ ކަނު ގޮލާ." މިއުވާނަށް ރުޅިއައިސްގެން ދަތްކުޑި ވިކައި ގަނެވުނެވެ.
ރުކާން އެއްވެސް އެއްޗެކޭނުބުނެ ބޯޖަހާލިއެވެ. އަދި ގައިން ވާގި ދޫވެފައިވާ ހާލު ކަކުލުގައި ބޯ ޖައްސާލައިގެން އޮވެ ރޯންފެށިއެވެ.
މިއުވާން ހިތުގައި ކުރިން އެއްވެސް ވަރަކަށް ރުކާން އާމެދު ލޯބީގެ ނަމަވެސް ނުވަތަ ހަމްދަރުދީގެ ނަމުގައިވެސް އެއްވެސް ޖާގައެއް ދެވިފައެއް ނުވެއެވެ. ބައެއް ފަހަރަށް އެހެންކުދިންނާއި ރުކާންގެ ހުންނަ ތަފާތު މިޒާޖުގެ ސަބަބުން އޭނާއަށް ޝަގުވެރި ވެވުނުނަމަވެސް އިސާހިތަކު އެކަންތައް ހަނދާން ނެތެއެވެ. އޭނާ ހަމައެކަނި ރައޫފުގެ ބާޖްމެރުމުގައި ރުކާން ބޭނުން ކޮށްލީއެވެ. ނަމަވެސް މިރޭ އޭނާގެ ހިތަށް ބަޔާން ނުކުރެވޭފަދަ ހަމްދަރުދީއަކުން ރުކާނަށް ހަމްދަރުދީ ވެވިއްޖެއެވެ.
"އެ ފުރޭތައާއި ނީންނާތި. އެހެންނޫނަސް … " މިއުވާން ބުނަން އުޅުނު ޖުމްލަ ހުއްޓާލީ ގޮތްހުސްވެފައި ހުރި ރުކާންގެ ހާލު ފެނުމުންނެވެ.
"ރުކާން….ބުނަން. މަ ބުނާގޮތް ހަދަން ކެރޭނެތަ؟ މަށާއި ކައިވެނިކުރަން ހިނގާ. މަންމަ ނުގަބޫލިއްޔާ އަހަރެމެން އިނދެގެން ދާނީ މާލެ. މިއަންނަމަހު އަހަރެން މިނިވަން ވާނެ ކަންނޭނގެ." މިއުވާނަށް ފުރަތަމަ ފަހަރަށް ރުކާނާމެދު ވިސްނާލެވުނެވެ.
އަހަރެން ސައުކަތާއި ކައިވެނި ކުރިޔަސް މިއުވާނަކާއި ނީނދެވޭނެ."
"އެއީ ކީއްވެ؟"
"ސައުކަތަކީ ކާކުކަން އަހަންނަށް އެނގޭ. ނަމަވެސް ތިއީ ކާކު ދަރިއެއްކަމެއް ކީއްކުރާ މީހެއްކަމެއް އަހަންނަކަށް ނޭނގޭ. އިނދެގެން ދާތަނުން އަނެއްކާ އަހަރެން ޖަލަށްވެސް ދާންޖެހިދާނެ."
"ނޫން ރުކާން. އަހަންނަކީ އެހާ ނުބައި މީހެއްނޫން. އަހަންނަކީ ނުކިޔަވާހުރި މީހެއްވެސްނޫން. ނުބައި އާއިލާއަކުން އުފަންވި ޚުލްގު ނުބައި މީހެއްނޫން. އަހަރެން ކުރިކުށާއި އަހަރެންގެ ދިރިއުޅުން މިރަށު އެއްވެސް މީހަކަށް ނޭނގޭނެ. އަހަރެންނަށް އިތުބާރުކުރޭ. އަހަރެން ރުކާނަކަށް ދެރަގޮތެއް ނަހަދާނަން." މިއުވާން ރުކާންގެ މޫނަށް ބަލާލިއެވެ. މިފަހަރު މިއުވާންގެ ހިތުގައި ވަނީ އިޚްލާސްތެރިކަމެވެ. ހާލަތުގެ ބޭނުންހިފާ އޭނާގެ އަމިއްލަ އެދުމަށް ރުކާން ބޭނުން ކުރާކަށް ނޫނެވެ. ރައޫފުމެން ގާތު ބަލިނުވާން ބުންޏަސް މިއަދު އޭނާ ބޭނުމީ ރުކާންއަށް ރަނގަޅު ގޮތްވުމަށެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ރުކާން" ވާހަކައަކީ 2012 ވަނަ އަހަރުގެ ގައުމީ މުބާރާތުން ތިންވަނައަށް ހޮވުނު ވާހަކައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
ވާހް. ހާދަ ރީތި ވާހަކައެއް. ޖުމްލަތައްވެސް ހާދަ ރީއްޗޭ. « އަންހެނުންނާއި ޖަޒުބާތަކީ ވޭންދެނިވި އަނިޔާއެއްކަމަށްބަލާ ހިތުގައި ވަޅުލީއެވެ.» މި ޖުމްލަ ވަރަށް ސަޅި