ﷲ سبحانه وتعالى ހެއްދެވި ގިނަ މަޚްލޫގުންގެ މައްޗަށް އެކަލާނގެ ވަނީ އިންސާނާ މާތްކުރައްވައި، މަތިވެރި ކުރައްވައިފައެވެ. އުޑުތަކާއި، ބިމުގައި ވާހާއި ތަކެއްޗެއް، ﷲ سبحانه وتعالى ވަނީ، އިންސާނާގެ ޚިދުމަތުގައި ލައްވައިފައެވެ. އެހެންކަމުން އިސްލާމް ދީނުގެ ނަޒަރުގައި، އިންސާނުންގެ ނަފްސަކީ، ވަރަށް ބޮޑަށް ޙުރުމަތްތެރި ވެގެންވާ އެއްޗެކެވެ ޙައްޤަކާ ނުލައި އިންސާނަކު ޤަތުލު ކުރުމަކީ، އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. ނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމަޢުން މިބޮޑު ފާފައަށް އަރައިގަތުން ދެކެނީ، ވަރަށް އާދައިގެ ކުޑަކުޑަ ކަމެއްގެ ގޮތުގައެވެ. އެއްވެސް ރަޙްމެއް ބިރުވެރިކަމެއް ނެތި، ޙުރުމަތްތެރި ކުރެވިފައިވާ އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީއެއް ނޫނެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ކުރުން ޙަރާމް ކުރައްވާފައިވާ ޢަމަލެއް ކަމުގައިވާ މުޘްލާ ކުރުމުގެ އަމަލު ކަމުގައިވާ، ގުނަވަންތައް ބުރިބުރިކޮށް ވަކިކުރަނީއެވެ. މިއީ ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެވެ؟ ނުޙައްޤުން އެންމެ ނަފްސެއް ވެސް މަރާލުމަކީ، ހުރިހާ އިންސާނުން މަރާލުންފަދަ ނުބައިކަން ބޮޑު ޢަމަލެއް ކަމުގައިވަނީ ކީރިތި ޤުރްއާންގައި ބަޔާންކުރައްވާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ﴾ މާނައީ: "ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަށް، ނަފްސެއް މަރައިފި މީހަކު އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެނަފްސް ދިރުވައިފި މީހާ (އެބަހީ: ނުމަރާ ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ."
މުއުމިނެއްގެ މައްޗަށް، އަނިޔާވެރި ވުމަކީ، މާތް ﷲގެ ޙަޟްރަތުގައި ވަރަށްބޮޑު ކަމެކެވެ. އަލްބަރާއު ބުނި ޢާޒިބިން ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީސެއްގެ މާނައިގައި ވެއެވެ. " ޙައްގު ނޫން ގޮތެއްގައި، މުއުމިނަކު ގަތުލު ކުރުމަށްވުރެ، މުޅިދުނިޔެ ހަލާކުވެ ނެތިދިއުން ވަނީ، ﷲ ގެ ޙަޟްރަތުގައި މާ ކުޑަކަމެއްގެ ގޮތުގައެވެ. އަދި އުޑުތަކުގެ އަހުލުވެރިންނާއި، ބިމުގެ އަހުލުވެރިން، އެންމެ މުއުމިނަކު ޤަތުލު ކުރުމުގައި ބައިވެރިވި ކަމުގައިވިޔަސް، ﷲ ﷲتعالى އެ އެންމެން ނަރަކަޔަށް ވައްދަވާ ހުއްޓެވެ."
ޙައްގު ގޮތުގައި މެނުވީ، އެއްވެސް މީހަކު ޤަތުލު ނުކުރުމަށް އަމުރު ކުރައްވައި، ﷲ سبحانه وتعالى ކީރިތި ޤުރްއާންގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ﴾ މާނައީ: "އަދި ތިޔަބައި މީހުން ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ!"
ޙައްޤަކާއި ނުލައި، މީހުން މެރުމަކީ، ﷲ ޙަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް ކަމާއި، އެކަމުގެ ސަބަބުން މީހާ ހަލާކުވެގެން ހިނގައިދާނެކަން ބަޔާން ކުރައްވައި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. "ތިޔަބައިމީހުން ހަލާކު ކުރަނިވި ހަތް ފާފައިން ދުރުވެ ރައްކާތެރިވާށެވެ. ދެނަ އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ މާތް ﷲއާ ޝަރީކު ކުރުމާއި ސިޙުރު ހެދުމާއި، ޙައްނޫންގޮތުގައި، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް މެރުމާއި ރިބާ ކެއުމާއި، ނުޙައްގުން ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާން ފަސްދީ، ފިލަން ދުވުމާއި، ޢިއްފަތްތެރި މުއުމިނު އަންހެންނުންގެ ބޮލުގައި، ޒިނޭގެ ތުހުތުމަތު އެޅުވުމެވެ."
ޙައްޤަކާ ނުލައި، މީހަކު މަރައިފިނަމަ އެމީހެއްގެ ކިބައިން ޤިޞާސް ހިފަން ޖެހޭނެއެވެ. އެކަން އަންގަވައި، މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴾
މާނައީ: "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ގަތުލުކުރެވޭ މީހުންނާއި މެދު ޤިޞާޞް ހިފުން ތިޔަބައި މީހުންގެ މައްޗަށް ފަރުޟު ކުރެވިއްޖެއެވެ. މިނިވަނަކަށް މިނިވނެކެވެ. އަޅަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ މަރުވި އަޚާގެ ފަރާތުން ޤިޞާޞުގެ ބައެއް މާފުކުރެވުނު މީހާ ދަންނާށެވެ. ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުންހުއްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެ ދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން، ތިޔަބައި މީހުންނަށް ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު ދެކޮޅުވެރިވެ، ޢަދާވާތްތެރިވެއްޖެ މީހާ ދަންނާށެވެ. ފަހެ އެމީހާއަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.
މަޢުލޫމާތު: ހުކުރު ޚުޠުބާ
