ރަސްގެފާނާއި ގަހުގެ އޮށް

ދުރު އިރުމަތީގެ ވަރަށް ދުރުގައި ހުންނެވި ރަސްގެފާނެއް މުސްކުޅިވަމުން ދިޔައިރު، އޭނާގެ ފަހަތުން ވެރިޔަކު ހޮވަންވީ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގަތެވެ. ރަސްގެފާނުގެ އެހީތެރިޔަކު ނުވަތަ ދަރިންގެ ތެރެއިން އެކަކު އިޚްތިޔާރު ކުރެއްވުމުގެ  ބަދަލުގައި ރަސްގެފާނު ނިންމީ ތަފާތު ކަމެކެވެ. އެއްދުވަހަކު ރަސްކަމުގައި ތިބި ޒުވާނުން އެއްތަނަކަށް ގޮވާލެއްވިއެވެ.

"އަހަރެން ވެރިކަމުން ވަކިވެ ދެން ހުންނެވި ރަސްގެފާނު ހޮވަންވީ ވަގުތު ޖެހިއްޖެ. އަހަރެން ނިންމާފައި މިވަނީ ތިޔަބޭފުޅުންގެ ތެރެއިން އެކަކު ހޮވަން." ރަސްގެފާނު ވިދާޅުވިއެވެ.

އެ އެންމެހާ ޒުވާނުން ހައިރާންވިއެވެ. އެކަމަކު ރަސްގެފާނު ކުރިއަށް ގެންދެވިއެވެ.

"އަހަރެން މިއަދު ތިޔައިން ކޮންމެ މީހަކަށްވެސް އޮށެއް ދޭން މިއުޅެނީ. ވަރަށް ޚާއްޞަ އޮށެއް. އަޅުގަނޑު އެދެނީ އެ އޮށް އިންދައި، ފެންޖަހައި، މިއަދުން ފެށިގެން އެއް އަހަރު ފަހުން މިތަނަށް ހާޒިރުވާން. އޭރުން މި އޮށުން ހެދިފައި ހުރި އެއްޗެއް ހިފައިގެން ގޮތެއް ނިންމަން. ތިޔަ ޒުވާނުން ގެންނަ ގަސްގަހާގެހިތަކުގެ މައްޗަށް ޙުކުމް ކޮށް، އަހަރެން އިޚްތިޔާރުކުރާ މީހާ މިޤައުމުގެ ރަސްގެފާނު ކަމުގައި ކަނޑައަޅާނަން." ރަސްގެފާނު ވިދާޅުވިއެވެ.

 

އެދުވަހު ލިންގް ކިޔާ ފިރިހެން ކުއްޖަކު އެތަނުގައި ހުރިއިރު އޭނާއަށްވެސް އެހެން މީހުން ފަދައިން އޮށެއް ލިބުނެވެ. ގެއަށް ގޮސް ފޯރިއާއެކު މަންމައަށް އެވާހަކަ ކިޔައިދިނެވެ. ގަސްމުށިގަނޑަކާއި ވެލި ހޯދުމަށް މަންމަ އެހީތެރިވެދިނުމުން، އެ އޮށް އިންދައި ފަރުވާތެރިކަމާއެކު ފެން ދިނެވެ. ކޮންމެ ދުވަހަކު އެއަށް ފެންދީފައި ގަސްފަޅާތޯ ބަލަމުން ދިޔައެވެ. ތިން ހަފްތާއެއްހާ ދުވަސް ފަހުން އެހެން ބައެއް ޒުވާނުން އެމީހުން އިންދި އޮށުން ގަސްފަޅާ ގަސްހެދެން ފަށާފައިވާ ގޮތުގެ ވާހަކަ ދައްކަން ފެށިއެވެ.

ލިންގް އޭނާގެ ގަސްފަޅާތޯ ބަލަމުންދިޔައިރު ދުވަހަކުވެސް އެއްވެސް އެއްޗެއް ނުފަޅައެވެ. ތިން ހަފްތާ، 4 ހަފްތާ، 5 ހަފްތާ ފާއިތުވެގެން ދިޔައެވެ. އަދިވެސް އޮށުގެ އެއްވެސް ނިޝާނެއް ނުވެއެވެ. މިހާރު އެހެން މީހުން އެމީހުންގެ ގަސްގަހާގެހިތަކުގެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ލިންގްގެ ގަހެއް ނެތުމުން އޭނާއަށް ހީވީ އޭނާއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވީހެންނެވެ. ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް ލިންގްގެ ގަސްމުށީގައި އެއްވެސް އެއްޗެއް ނެތެވެ. އޭނާއަށް ޔަގީންވެގެން ދިޔައީ އޭނާގެ ގަސް ދެން ނުފަޅާނެކަމެވެ. ނުވަތަ އެ އޮށް މަރުވީކަމެވެ.

އެހެން އެންމެންގެ ގަސްމުށީގައި ގަސްފަޅާ ހެދެމުން ދިޔައިރު އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް ލިންގް އޭނާގެ ރައްޓެހިންނާ ދިމާއަށް އެއްޗެއް ނުބުނެއެވެ. އޭނާ ހަމައެކަނި އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ އޮށް ހެދޭނެ ވަގުތަކަށެވެ.

އެންމެ ފަހުން އަހަރެއް ފާއިތުވެގެން ދިޔައިރު ހުރިހާ ޒުވާނުން އެމީހުންގެ ގަސް ރަސްގެފާނުގެ އަރިހަށް ގެނެސް ބަލާ ފާސްކުރިއެވެ. ލިންގް އޭނާގެ މަންމަ ގާތު ބުނީ ހުސްގަސްމުށިގަނޑު ގެންދަން ނޫޅޭނެ ކަމަށެވެ. އެކަމަކު ކަން ހިނގި ގޮތާ މެދު މާޔޫސްނުވެ ތެދުވެރިކަމާއެކު ރަސްގެފާނުގެ ދަރުބާރަށް ހާޒިރުވާން މަންމަ އެދުނެވެ.

 

އޭނާގެ ހުސްގަސްމުށިގަނޑު ހިފައިގެން ގަނޑުވަރަށް ދިޔައެވެ. ލިންގް އައުމުން އެހެން ޒުވާނުން ހެދިފައިވާ ތަފާތު ގަސްގަހާގެހި ފެނުމުން އޭނާ ހައިރާންވިއެވެ. އެއީ އެހާމެ ރީތި އަދި އެކިއެކި ބައްޓަމާއި ސައިޒުގައިވެސް ވެސް ފުރިހަމަ އެއްޗެހިތަކެކެވެ. ލިންގް އޭނާގެ ހުސްގަސްމުށިގަނޑު ތަޅުމުގައި ބެހައްޓިއެވެ. ގިނަމީހުން އޭނާއަށް މަލާމާތްކޮށް ހީހެދިއެވެ. މަދު ބަޔަކު އޭނާއަށް ހަމްދަރުދީވިއެވެ.

 

ރަސްގެފާނު ވަޑައިގަތުމުން ކޮޓަރި ރަނގަޅަށް ބައްލަވާލައްވާ ޒުވާނުންނާ ސަލާމް ކުރެއްވިއެވެ. ލިންގް ހަމަ ފަހަތުގައި ފިލައިގެން ހުރެވޭތޯ ބަލަމުން ދިޔައެވެ.

"ތިޔައީ  ކޮންފަދަ ރީތި ގަސްތަކާއި މާތަކެއް." ރަސްގެފާނު ވިދާޅުވިއެވެ.

"މިއަދު ތިޔަބައިމީހުންގެ ތެރެއިން އެކަކު ދެން ރަސްކަމުގެ މަގާމަށް އައްޔަން ކުރާނީ!" ރަސްގެފާނު އަނެއްކާވެސް ވިދާޅުވިއެވެ.

ކުއްލިއަކަށް ރަސްގެފާނަށް ފެނިވަޑައިގަތީ  ހުސް ގަސްމުށިގަނޑެއް ހިފައިގެން ކޮޓަރީގެ ފަހަތުގައި ހުރި ލިންގް އެވެ. އޭނާ ކުރިމައްޗަށް ގެނައުމަށް ރަސްގެފާނުގެ ގާޑުންނަށް އަމުރުކުރެއްވިއެވެ.

"އަހަންނަކީ ނާކާމިޔާބު މީހެއްކަން ރަސްގެފާނަށް އެނގިވަޑައިގެންފިކަން ޔަގީން! ފަހަރެއްގައި ރަސްގެފާނު އަހަރެން ގަތުލުވެސް ކޮށްފާނެ." ލިންގް ހުރީ ބިރުންނެވެ.

ލިންގް މަޑުމަޑު ހިނގުމެއްގައި ރަސްގެފާނުގެ ކުރިފުޅުމައްޗަށް އާދެވުމުން ރަސްގެފާނު އޭނާގެ ނަން އެއްސެވިއެވެ. އަދި އޭނާގެ ނަމަކީ ލިންގްކަމަށް އޭނާ ޖަވާބު ދިނެވެ. ހުރިހާ ކުދިންވެސް ހެވިފައި އޭނާއާއި ދިމާކުރަމުން ދިޔައެވެ. އެންމެންވެސް އަޑުމަޑުކޮށްލުމަށް ރަސްގެފާނު އެދިވަޑައިގަތެވެ. ރަސްގެފާނު ލިންގްއަށް ބައްލަވާލެއްވުމަށްފަހު، އެއްވެ ތިބި މީހުންނަށް އިޢުލާން ކުރެއްވިއެވެ.

"ހުރިހާ އެންމެންވެސް ބައްލަވާ މި ހުންނެވީ މި ޤައުމުގެ އާ ރަސްގެފާނު! އޭނާގެ ނަމަކީ ލިންގް!"

ލިންގް އަށް ގަބޫލެއް ނުކުރެވުނެވެ. ލިންގްއަށް އޭނާގެ އޮށް ވެސް ހެއްދޭ ގޮތެއް ނުވިއެވެ. އޭނާ އާ ރަސްގެފާނަކަށް ވެވޭނީ ކިހިނެއް ހެއްޔެވެ؟

"ލިންގް ފަދައިން ހުރިހާއެންމެންނަށްވެސް އަހަރެން ދިނީ ފެނުކައްކާފައިވާ އޮށެއް. އެ އޮށުން ގަސްފަޅާނެ އެއްވެސް ގޮތެއް ނޯންނާނެ. ނަމަވެސް ލިންގް ފިޔަވާ ހުރިހާކުދިން އަހަރެން ދިން އޮށުގެ ބަދަލުގައި އެހެން އޮށެއް އިންދާ ގަސްފަޅުވައިފި. އެހެންކަމުން، އާ ރަސްކަލަކަށް ވާނެ ފަރާތަކީ އޭނާ." އެންމެފަހުން ރަސްގެފާނު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *