ހެރީކޭން ގެ ލަނޑުން ޓޮޓެންހަމް މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި 0-1 ގެ ނަތީޖާއަކުން ވޮލްވްސްގެ މައްޗަށް ޓޮޓެންހަމް ހޮޓްސްޕާ ކުރިހޯދައިފިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ހެރީކޭން އެވެ. ކޭން ލަނޑުޖެހީ މިރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 64 ވަނަ މިނިޓުގައި ސޮން ހެއުން މިން ނެގި ކޯނަރަކުން ލަނޑު ޖަހައިގެންނެވެ. ސޮން ނެގި ކޯނަރުން އިވާން ޕެރިސިޗް ބޮލުން ޖައްސާލި ބޯޅަ، ގޯލުގެ ފާ ޕޯސްޓުގައި ހުސްކޮށް ހުރެ ކޭން ވަނީ ބޮލުން ފޮނުވާލައިގެން، ލީގުގައި ޓޮޓެންހަމަށް 185 ވަނަ ލަނޑު ޖަހައިދީފަ އެވެ.

މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ވޮލްވްސް އިން ދިޔައީ ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، އެޓީމުގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު އެންމެ ހަމަލާއެކެވެ. އޭގެ ބަދަލުގައި ވޮލްވްސްގެ ފަރާތުން ލީޑު ނެގޭނެ ވަރުގެ ގިނަ ހަމަލާ ފެނުނެވެ.

ޓޮޓެންހަމް ވަނީ އެޓީމުން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ވުލްވްސް އަށް ކުޅުނު ތިން މެޗުން ޕޮއިންޓެއް ލިބިފައި ވާއިރު، އެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ.

ވުލްވްސް ކޮޅަށް ކޭން ޖެހި ލަނޑަކީ އޭނާ ޓޮޓެންހަމަށް ޖަހައިދިން 250 ވަނަ ލަނޑެވެ. އަދި މިއާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން ވެސް އަގުއެރޯ ފަހަތަށް ޖައްސާލައި، ހަތަރު ވަނައަށް ޖެހިލައިފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *