الله ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އުފެއްދެވީ މާލިއްޔަތާއި، މާއްދީ އުނިއިތުރުތަކާއި، ޞިއްޙަތާއި، ސިފައާއި، އުނގެނުމަށް ބުއްދިއާއި، ތަފާތު ހުނަރުތަކަށް މޭސްތިރިވުމުގެ ޤާބިލުކަން ފަދަ މުއްސަނދި އުފެއްދުމެއްގެ ތެރޭގައެވެ. ޤުރުއާނުގެ ބަގަރާ ސޫރަތުގެ 3 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ މުއުމިނުންނަށް އަންގަވަނީ މުއްސަނދިންނަށް ދެއްވި މުދަލުގެ ބައެއް ފަގީރުންނަށް ހިއްސާކުރުމަށެވެ.
الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
(ޤުރުއާން 2:3)
މި ނަޒަރިއްޔާތުގައި ޢަރަބި ބަހުގެ ޒަކާތުގެ ލަފުޒުގެ މާނައަކީ އަމިއްލަ ނަފްސު ޠާހިރު ކުރުމެވެ. މި މާނައިން ބަލާއިރު، ފައިސާގެ މި މަޖުބޫރު ޞަދަޤާތް އަދި ޒަކާތަކީ ކޮންމެ މުއްސަނދި މީހެއް ނިކަމެތިންނަށް އެހީތެރިވެދީގެން އޭނާގެ ނަފްސު ޠާހިރު ކުރުމެވެ. ޞަދަޤާތުގެ އަދަދު ކަނޑައެޅިފައިވަނީ މުސްލިމެއްގެ ޖުމްލަ ރައްކާކުރާ ފައިސާގެ %2.5 އެވެ.
މި ވާޖިބުގެ އިތުރުން ނިކަމެތިންނަށް އަތުގައިވާ މުދަލުން ކޮންމެ އެއްޗެއް ދިނުމުންވެސް އަމިއްލަ ނަފްސު ޠާހިރުކޮށް ހެޔޮ ޢަމަލުތައް އިތުރުކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބޭނެއެވެ. މިސާލަކަށް ޤުރުއާނުގެ މި އާޔަތް ބައްލަވާށެވެ.
وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ
އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرة ގެ ދިންނެވުމާއި، رحمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
(ޤުރުއާން 28:77)
މީސްތަކުން މުޙައްމަދު ﷺ އަރިހުގައި އެބައިމީހުން ޚަރަދުކުރަންވީ ކޮންކަމެއްތޯއޭ އަހައިފިނަމަ ވިދާޅުވާން ﷲ ސުބުހާނަހޫ ވަތައާލާ އެންގެވީ ހެޔޮ ގޮތުގައި ތިބާ ހޭދަކުރާ ކޮންމެ އެއްޗަކީ ޞަދަގާތެއް ކަމުގައެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ޔަތީމު ކުދިންނާއި ނިކަމެތިންނާއި މިސްކީނުންނަށް ﷲ ސުބުހާނަހޫ ވަތަޢާލާދެއްވި ތަކެތިން ހޭދަކުރަން ޖެހޭކަމެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުއްސެވުން ހޯދުމަށްޓަކައި އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ޠާހިރުކުރުމުގެ ނިޔަތަކީ ހަމައެކަނި ހާލުގައި ޖެހިފައިވާ މީހުންނަށް ދިރިހުރުމަށް ފައިސާ ނުވަތަ ކާނާ ދިނުމުން އެހީތެރިވުމެއް ނޫނެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނަށް އެހީތެރިކަމާއި ވަގުތު ދިނުންވެސް ހިމެނޭނީ ޞަދަޤާތުގެ ޢަމަލުތަކުގެ ތެރޭގައެވެ. އަދި ރައްޓެހިންގެ އިތުރުން ތިމާއަށް ގޯސްކޮށް ކަންތައް ކޮށްފައިވާ މީހުން ހިތްހަމަޖައްސައިދީ އެމީހުންނަށް މާފުކުރުމަކީވެސް ފަހަރެއްގައި އެމީހުންގެ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ އުފަލެއް ލިބި ތިމާއަށް ހެޔޮގޮތް ލިބޭނޭ ކަމެކެވެ.
(ނުނިމޭ)
ޒިން އެދީން ދަޑާޗް ގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް
