(ބުދަދުވަހުގެ ނޫހާއިގުޅޭ)
އޭނާއަށް ވަކިން ޚާއްސަކުރެވިފައިވާ ކޮޓަރިއަކާއި ސެކެޓްރީއެއްވެއެވެ. އޮފީސް ފެށިގެން ނިމެންދެން އޭނާ އުޅެނީ ނުހަނު އަވަދިނެތިއެވެ. ބައްދަލުވުންތަކުގައާއި އެކިކަންކަމުގައި މަޝްވަރާދިނުމުގައެވެ. އޭނާއަށް އެންމެ ހައިރާންކަމެއް ލިބުނީ ކުޑައިރުގެ ބައިވެރިޔާ އެއޮފީހުން ދިމާވީމައެވެ.
"ރީމާވެސް މިއޮފީހުގައިތަ؟"
"އާދެ. އޯލެވެލް ނިންމާލިގޮތަށް މި އޮފީހަށްވަނީ. ޔައީނަށް ކިޔެވުނަސް އަހަރެންނަކަށް ކިޔެވުމުގެ ނަސީބެއްނެތް."
"އަޅުގަނޑު ކިތައް ސިޓީފޮނުވިން. އެކަމަކު."
"އެއް ސިޓީ ލިބުނު. އެކަމަކު ކިޔެވުމުގައި އަވަދިނެތި އުޅެވުނީ. މިހިރީ ރީމާގާތުން މާފަށްއެދެންވެސް ނުކެރިފައި."
"މާލެ ދުރުވެވުމުން ކުޑައިރުގެ ގާތްކަމާއި ލޯބި ހަނދާންނެތުނީދެއްތޯ. ކުއްޅަވައްފަލު ރަންޏަކަށްވެސްވީ." ރީމާ ސަމާސާ ކޮށްލިއަސް އެއަޑުގައި ރިހުމެއްވެއެވެ.
"ރަނިންނަށްވާނީ އަންހެނުންނެއްނު. ސޮރީ ރީމާ. އޭރު އެކަމާ މާބޮޑަށް އަޅާނުލެވުނީ."
"އެހެންވެ އަހަރެންނާއި އަޅާލާ ބައިވެރިއަކު ހޯދައިފިން. އެކަމަކު ކައިވެނިކުރާނީ އަހަރެއްވަރު ކޮށްލާފަ." ރީމާ އުފާވެލާފައި ބުނެލިއެވެ.
" އެހެންވެއްޖެއްޔާ މަރުހަބާ؟ ކޮންމެހެން ރީތިބަހުން އަހަންނާ މުޚާތަބު ކުރާނެކަމެއްނެތް."
"އޮފީހުގައި އުޅޭއިރު މިނޫންގޮތެއްނުވާނެ."
"ދެން އެންމެރަނގަޅު. ހޯމަދުވަހަށް ނިންމަންޖެހޭ ފޮނަދޫގެ އޮފީސްމައްސަލަ ނިންމާލެވޭނެތަ؟" ޔައީނު ރީމާގާތު ބުންޏެވެ.
"އަޅުގަނޑު މިއުޅެނީ މުނިސިޕަލްޓީން ފޮނުވި މައްސަލައެއްގާ؟ އާދިއްތަދުވަހުން ޔައީންގެ ސެކެޓްރީ އޮފީހަށް ނިކުންނާނެ. އޭނާއާއި ހަވާލު ކުރުން ކިހިނެއްވާނެތޯ؟" ރީމާބުންޏެވެ.
"ރީމާތީ އަހަރެންގެ ސެކެޓްރީއެއްނޫންދޯ؟"
"އާދެ؟ ޔައީންގެ ސެކެޓްރީ ޗުއްޓީގަވީމަ އަޅުގަނޑު މިމަސައްކަތަށް ބަދަލު ކުރެވުނީ. އަޅުގަނޑުގެ މަސައްކަތާއި ޔައީނުގެ މަސަކަތުގައި އުޅެން ހަދައިގެން ބައެއް އެއްޗިހި މިހާރުވެސް ނުނިމި އެބަހުރި."
"އެހެންވެއްޖެއްޔާ ރީމާ ތިކަމާނުވިސްނާ. އަހަރެން ތިކަންހަމަޖައްސާނަން." ޔައީނު ވިސްނާލަމުން ބުންޏެވެ. އެކަމަކު އޭނާވަނީ ވަރަށްގިނަމަސައްކަތް ނިންމަންޖެހިފައެވެ. މިހަފްތާ ނިމެންވާއިރަށް އޭނާ ގެ ބަދަލުވުމުގެ މަސައްކަތްވެސް ނިންމަން ޖެހެއެވެ. މަސްދުވަސްވީއިރު ޔައީންހުރީ އޮފީހުގެ އެންމެންނާ ނުހަނު ގާތްވެފައެވެ. ބަސް ވިކޭ އިހުތިރާމް ލިބިގެންވާ ވެރިއަކަށްވެފައެވެ. އޭނާ އޮފީސް ނިންމާލުމަށްފަހު އަވަހަށް ގެއަށްދިޔައެވެ. އާދައިގެ މަތިން ގޭތެރެ ވަނީ ހިމޭންކޮންނެވެ. މަޑު ހިނގުމެއްގައި އޭނާދިޔައީ ކޮޓަރިއާދިމާއަށެވެ.
"ޒީނާ" އެމީހުން ބޭރުގައި އަބަދުވެސް ތިބޭ ގޮނޑިބަރީގައި ޒީނާ އިށީނދެ އިނުމުން އޭނާ ގޮވާލިއެވެ. ޔައީނުވަނީ މިއަދު ވަރަށް އުފާވެފައެވެ. މިއުފާވެރި ޚަބަރު އެންމެފުރަތަމަވެސް އޭނާ ދޭން ބޭނުންވަނީ ޒީނާއަށެވެ.
"ހިނގާ މިރޭ ސަބްމެރިންކާން. އަހަރެން ވަރަށް ބޮޑުވާހަކައެއްބުނަން ބޭނުން." އޭނާ މަސައްކަތް ނިންމާލާފައި ގެއަށް ދިޔައިރު ޒީނާ އިނީ ރޯށެވެ.
"އައްދެ. އަމިއްލައަށް މީ މީހިތްވަރުގަދަމީހެކޭ ބުނާ މަންޖެ މިއަދު މިރޮނީކިއްވެ؟" ޔައީނު ބޭނުންވީ ޒީނާ ހުއްޓުވާލާށެވެ.
" ލީޝަން މިއަދު ވަރަށް އެއްޗިހި ކިޔައިފި. އޭނާގެ ކޮންމެވެސް ސީޑީތަކެއް އަހަރެންނަށް އުކާލެވުނީ. އޭނާ ބުނަނީ އެއެއްޗިހި ގަނެގެން ގެނެސް ހަމައެތާ ބެހެއްޓުމަށް. އެކަމަކު."
"އެއީ އެވަރު ކަމެއްނޫނެއްނު. ތިއަށްވުރެ މާބޮޑެތި ކަންތައް ދިމާވާއިރުވެސް ޒީނާ ނުރޮމެއްނު."
"އޭނާ ކުލާސްކުދިންވެސް ތިއްބާ އަހަރެންގެ ފޮށިވެސް ބޭރަށް އެއްލާލީ. އަދި ވަގެކޯވެސް ކީ."
"ދެންމިހާރު ފޮށިކޮބާ."
ރަހީމު އެތެރެއަށްވެއްދެވީ. އަދި ލީޝަންއާ ދިމާއަށް އެއްޗިހި ކިޔުއްވީ. އެކަމާ އޭނާ ރުޅިއައިސްގެން ރަހީމަށް އެއްޗިހިކީ އޭނާގެ ރައްޓިހިން ކުރިމަތީގައި. އެކަމާ އޭނާ ހުރީ ވަރަށް ލަދުގަނެ ދެރަވެފައި. އަހަރެންނާހެދި އެދެބަފައިން މައްސަލަޖެހުނީ."
"ޒީނާ ދެންތިކަމާ ދެރަނުވޭ. އެ ނުލަފާއަންހެންކުއްޖާއަށް ދެރަލަނޑެއް އަދި ލިބޭނެ." ޔައީނު ޒީނާ ހިތްހަމަޖައްސައިދިނެވެ.
"ދެން ތިކަމާ އަޅާނުލާ. ކޮންއުފާވެރި ވާހަކައެއްތަ؟ ސަބްމެރިންނުކެޔަސް ހަމަބުނެވިދާނެއެއްނު."
"އަހަރެންނަށް މުސާރަލިބިއްޖެ. އެހެންވެ އެންމެ ފުރަތަމަވެސް ޒީނާއަށް ކާންދޭން ބޭނުމީ. އަދި އެއަށްވުރެ ބޮޑުކަމެއް ވެސް."
"ކޮންކަމެއް."
"އަހަރެން ދެކޮޓަރިއާއި ސިޓިންރޫމުގެ އެޕާޓްމަންޓެއްހިފައިފިން. އޮފީހުން ބޮޑުއެއްޗެއް ލިވިން އެލަވަންސަށްވެސްދޭ. އެހެންވީމާ ހިތަށްއެރީ ރަށުގައި ތިބި ދެކޮއްކޮގެނެސްގެން ކިޔަވައިދޭން. އޭރުން އަހަރެންވެސް މިގެއިން މިނިވަންވާނެއެއްނު. ޒީނާއަށް އަހަރެންނާއެކު ދާން ކެރޭނެތަ؟ ޔައީނު އަހާލިއެވެ.
"ކޮން ހައިސިއްޔަތަކުން؟"
"ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން." ޔައީނު ބުނެލިއެވެ.
" ނުވަތަ އެއަށްވުރެ ގާތް ހައިސިއްޔަތަކުން ދާންބޭނުންވިޔަސް އޯކޭ." ޔައީނު ޒީނާގެ ބޮލުގައި ޖަހާލަމުން ސަމާސާކޮށްލިއެވެ.
"އަހަރެން ވަރަށް ނިކަމެތި ހާލުގައި ވަނިކޮށް މިގެއަށް ގެނައީ ރާމިޒާ. މިހާ ހިސާބަށް ކިޔެވުނީ ކިތަންމެ ނިކަމެތި ހާލުގައި ވިޔަސް އޭނާގެ ސަބަބުން. މިހާރު ދެން ބޭނުންވަނީ ކޮލެޖުން ކޮންމެވެސް ކޯހެއްހަދަން." ޒީނާ ހުރީ ސީރިއަސް ވެފައެވެ.
"އެހެންނޫނަސް ޔައީނުގެވެސް ކުރިމަގު ނުހަނު އުޖާލާ. އަދި އަހަރެން ގޮވައިގެން ދަތުރުފެށުމުގެ ކުރިން ރަނުގެ އެތައް ފުރުސަތުތަކެއްލިބިގެންދާނެ." ޒީނާ މަޖާވެލާފައި ބުންޏެވެ.
އެހެންދުވަސްތަކޭވެސް އެއްގޮތަށް ޔައީންގެ މަސައްކަތް ފެށުނީއެވެ. އޭނާ ނުހަނު އަވަދިނެތިކޮށް އުޅެމުންދިޔައީ ނުވައެއްޖަހަންވާއިރަށް އޮތް ބައްދަލުވުމަކަށް ދާށެވެ.
"އެއްމަސްކޮށްލާފައި އާދެވުނީމަވެސް އުފަލެއްނުވޭދޯ. އަހަރެންގުޅާފާނެތީދޯ ފޯނުނިއްވާލައިގެން ތިއުޅެނީ. މިހުރިހާދުވަސްވީއިރުވެސް ހާލުބަލާލަންވެސް ގުޅާނުލީ ރުޅިއައިސްގެންކަމަށްވިޔަސް ދެން ރުޅިމަޑުކޮށްލާ. ޒިޔާނު އަހަރެން ދޫކޮށްލައިފި." ޔައީނަށް އެއީދަންނައަޑެއްހެން ހީވާތީ ފުރަގަހަށް އެނބުރި އަދިވެސް އިނީ އަޑުއަހާށެވެ.
"މިބުނީއެއްނު ސޮރީއޭ. އަހަރެންމިއައީ ހަމައެކަނި ހަނީފަށްޓަކައި." ހަނީފޭ ބުނުމުން އެ އަންހެންކުއްޖާ އެވާހަކަދައްކަނީ ކުރިން އެތާ އެވަޒީފާގައި އުޅުނު ހަނީފާކަން އެނގުނެވެ. އެހެންކަމުން އެކަންތައް ސާފުކޮށްދިނުމަށްޓަކައި އޭނާ އެ ވާހަކަދައްކާ އަންހެންކުއްޖާއަށް ބަލާލިއެވެ. އޭނާ ދެލޯދިޔައީ ބޮޑުވެގެންނެވެ. ހައިރާންވެގެން ބަލަހައްޓައިގެން ހުރެވުނީ އޭނާގެ ކުރިމަތީގައި ހުރި އަންހެންކުއްޖާ ދަންނަލެއް ބޮޑުކަމުންނެވެ. އެއީ އޭނާ މިދުނިޔޭގައި އެންމެ ބޮޑަށް ނަފުރަތުކުރާ ކިބުރުވެރި އަންހެން ކުއްޖާއެވެ. އޭނާއަށް ކިޔަވައި ދިނުމަށް އެހީތެރިވެދިން ރަހީމުގެ ލޯބިވާ ދަރިފުޅެވެ. އޭނާއަށް އެތައް މަލާމަތެއްކޮށް މީހުން ކުރިމަތީގައި ބޭޒާރުކުރި ބޮޑާ ކުއްޖާއެވެ. ރާއްޖެތެރޭ ތަރައްގީނުވާ މީހަކަށްވާތީ މަލާމާތްކުރި ލީޝަންއެވެ.
"ބައްލަވާ. ހަނީފު މީހަކާއި އިނދެގެން އަންހެނުން ގޮވައިގެން ޕީއެޗްޑީ ނެގުމަށްޓަކައި މެލޭޝިޔާއަށް ބަދަލުވެއްޖެ. އިތުރު ސުވާލެއް އޮތިއްޔާ ރީމާއާއި ކޮށްލައްވާ." ޔައީން ފޯނުގެ ނަމްބަރަކަށް ފިތާލަމުން ބުނެލިއެވެ. ލީޝަންއަށް ލިބުނު ހައިރާންކަމުންނާއި އައިރުޅިން ބަހެއްބުނަންވެސް ހަނދާނެއްނެތެވެ. އޭނާއަށް ވީގޮތް ޚުދު އޭނާއަށް ވެސް ނޭނގުނެވެ. އޭނާގެ ނޯކަރެއްފަދަ ޔައީނު މިތާނގައި އިންނާނެކަމަށް އޭނާއަށް ހީކުރެވޭނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ އެ އާދައިގެ ޔައީނުގާތު ބޭޒާރުވުމުން އޭނާހުރީ ރުޅިވެސް އައިސްފައެވެ.
"ރީމާ. މީނާގެ ކަންތައް ބަލާދީބަލަ." ޔައީނު އަނެއްފަރާތަށް އެނބުރިލަމުން ބުނެލިއެވެ.
"މީ ޔައީނުގެ ސެކެޓްރީ. އަޅުގަނޑު ކުރިންވެސް ނަންގަތީމެއްނޫންތޯ ޔައީންގެ ސެކެޓްރީ ޗުއްޓީގަވީވާހަކަ. ލީން އަހަރެންނާއި އެކުއާދޭ. ލީންގެ މަސައްކަތްތައް ހަވާލުކުރާނަން. " ރީމާ ކޮޓަރިންނިކުތެވެ. ލީޝަން ޔައީނާދިމާއަށް މޫނު ހަދާލާފައި ނިކުތެވެ
ޔައީނު މިކަމާވީފޫހިން އޮފީހުން ބޭރަށް ނިކުމެލިއެވެ. އަދި ސައިކަލަށްއަރާ ދުއްވާލިއެވެ. ވަކިމަންޒިލެއްނެތި އޭނާ ދުއްވަމުން ދިޔައިރު އޭނާ ވަނީ ނުތަނަވަސްވެފައެވެ. މާލެ އައިއްސުރެން މި ނުލަފާ ކުއްޖާގެ އަމުރުވެރިކަމުގައި އޭނާ ހޭދަކުރިއެވެ. ނަމަވެސް އޮފީހުގައިވެސް މިކުއްޖާގެ ފަރާތަކުން ސަލާމަތެއް ނުވެވުނެވެ. ލީޝަން އުޅެނީ މިއޮފީހުގައިކަން ކުރިން އެނގުނުނަމަ އޭނާ މިއޮފީހަށް ވަންނަން ސިޓީވެސް ނުލީހެވެ. އޭނާއަށް މިކަމާ ވަރަށް އުނދަގޫވެއްޖެއެވެ.
ޔައީނަށްވުރެބޮޑަށް މިކަމުގައި ރުޅިއައި މީހަކީ ލީޝަންއެވެ. އޭނާއަށް މިކަން ގަބޫލުވެވޭނީ ކިހިނެއްހެއްޔެވެ؟ ހަނީފު ހުރިއިރު ލީޝަންއާއި ނުހަނު ގާތްކޮށް ހިތިއެވެ. އޭނާގެ ފަރުވާކުޑަކަމުން އަތުންދޫވެގެން މައްސަލަޖެހި ބެދޭ އެތައްކަމެއްގައި ހަނީފު އޭނާ ސަލާމަތްކޮށްދެއެވެ. ހަނީފުގެ ލޯތްބާއި އޯގާތެރިކަން އޭނާގެ ފަރުވާކުޑަ މަސައްކަތް ނިންމާލަދީ ހަދައެވެ. އެކަމަކު ހަނީފު ކައިވެނި ކުރީކީއްވެބާވައެވެ؟ އޭނާ ޒީންބެއާއިއެކު އުޅޭއިރުވެސް އިންތިހާއަށް ލޯބިވާވާހަކަ ބުނެއެވެ. ނަމަވެސް މިއަދު ޒީންބެ އޭނާ ދޫކޮށްލުމުން ހަނީފުގާތަށް އައިއިރު އޭނާ ވީ ހަޔާތުގެ ބައިވެރިއެއް ހޯދާފައެވެ. އޭނާ މިއަދު އޮފީހަށްވެސް އައީ ހަނީފުގެ ލޯބި ގަބޫލުކުރާށެވެ. ނަމަވެސް ހަނީފުގެ ލޯތްބަށްވުރެ މިޖެހުނީ މާބޮޑު އުނދަގުލެކެވެ. މި އޮފީހުގައި އޭނާ އުޅޭނީ ކިހިނެއްހެއްޔެވެ؟ ޔައީނަކީ އޭނާގޭގެ ނޯކަރެއްކަހަލަ މީހެކެވެ. އޭނާގެ ދަށުވެފައި ހުރި ރާއްޖެތެރޭގެ ނިކަމެތި ސޮރެކެވެ. މިއަދު އޭނާގެ ސެކެޓްރީއަކަށް އިނދެގެން އޭނާގެ މަސައްކަތް ކުރާނީކިހިނެއްހެއްޔެވެ؟ އޮފީހުގެ މީހުން އޭނާއަށް ބަހައްޓާގާތްކަމާއި އިހުތިރާމުން އޭނާ ގާތަށް އަންނަނީ ރުޅިއެވެ. ޔައީނު އޭނާގެ ކުރިމަތީގައި ގަދަރުވެރިއަކަށް ވަމުންދާތަން އޭނާ ބަލަނީ ހަސަދަވެރިކަމުގެ ލޮލަކުންނެވެ.
ވަޒީފާއަށް ނުގޮސް ވާކަށްވެސްނެތެވެ. މަންމަނެތުމުން ލާރިއެއްވެސް ލިބެނީކީނޫނެވެ. ބައްޕަގެ ނުލަފާ ރުޅިގަނޑާހެދި ގޭގައި އިނދެވޭކަށްވެސް ނެތެވެ. ގަދަކަމުންވެސް އޮފީހަށް ގެންދާނެއެވެ. ސަލާމެއްބުނެގެން ގޭގައި އިންނަ އެންމެދުވަހަކުވެސް ބޯފަޅައިގެން ދާވަރުވެއެވެ. ބޭރަށް ނިކުމެލެވޭނީވެސް އެ އުޅޭ ޒީނާ ތަޅުދަނޑި ދިނިއްޔާއެވެ. މިހުރިހާކަމަކާއި ހެދި އޭނާ އޮފީހަށްދާން މަޖުބޫރެވެ. ނަމަވެސް އޭނާ މަޑަކުން ނުހުންނާނެއެވެ. ޔައީނު އޮފީހުން ބޭރުކޮށްލާނެއެވެ. ޔައީނު ބޭޒާރު ކޮށްލާނެ ފުރުސަތަކަށް ފާރަލަމުން ދާތާ އޭނާ ކިތަންމެ ދުވަހެކެވެ. ޔައީނު އޭނާގެ ގެއިން ދިޔަކަން އެނގުމުން އުފާވި ނަމަވެސް މިހާރު އޭނާ ދެރަވެއްޖެއެވެ. އެހެންނޫންނަމަ ގޭތެރޭގެ ކޮންމެވެސް ކަމަކުން ޔައީނު ބޭޒާރު ކޮށްލެވިއްޖައީހެވެ.
ލީޝަން އެކި ގޮތްގޮތަށް ވިސްނަމުންދެއެވެ. އޭނާގެ ބޯ ހަލާކުވާ ހިސާބަށް ހިނގައްޖެއެވެ. ހަނީފުވެސް އޭނާއާއި ވަކިވީއެވެ. އެހެންއަންހެނަކު ގޮވައިގެން އޭނާމިހާރު މަޖާކުރާނެއެވެ. ލީޝަން އެދިޔަ ބާރުމިނުގައި އޮފީހުން ނިކުތެވެ. އަދި ހަލުވި ބާރުމިނެއްގައި ޒިޔާނުގެއަށް ދިޔައެވެ. ޓަކިޖަހާ ޖަހާ ވަރުބަލިވެގެން ދާން ހިނގައިގަތްތަނާ ދޮރުހުޅުވާލީ ޒިޔާނުއެވެ.
"ޒީންބެ. ޕްލީޒް. އަހަރެން ވައްދަބަލަ." ލީޝަން އާދޭސް ކުރިއެވެ.
" ލީ…. ލީޝަންދޯ…ވަ…ވަދޭ." ޒިޔާނަށް ވާހަކަދެއްކެނީ ކިރިޔާއެވެ.
ލީޝަން އެތެރެއަށްވަންއިރު ލީޝަންވެސް ދަންނަ ދެއަންހެންކުދިންނާއި ތިންފިރިހެންކުދިން ތިއްބެވެ. އެމީހުންވެސް ތިބީ ނިދިފައި ކަހަލަގޮތަކަށެވެ. އެއްބަޔަކު އެނދުގައި ތިބިއިރު އަނެއްބަޔަކު މުށިގަނޑުމަތީގައި ތިބީ ބިތްޖެހިފައެވެ. ހުލިވެފައިހުރި ސިގިރޭޓު ފިލްޓަރުތަކާއި އޭގެ އިތުރަށް އިންޖެކްޝަންތަކެއްވެސް އެއްވެސް ތަރުތީބެއްނެތި އުކާލެވިފައިވެއެވެ. ފަންކާ ނިވާލާފައިވާއިރު ކޮޓަރިން ފާޑެއްގެ ވަހެއް ދުވާކަންވެސް އޭނާއަށް އިހުސާސްވެއެވެ.
"އަން ބޯލަބަލަ" ޒިޔާނު ކޯކުފުޅިއެއްދިއްކޮށްލިއެވެ. ލީޝަން ޖެހިލުމެއްނެތި އޭގައި ހިފިއެވެ. ޒިޔާނު އެހެންކުދިންނާއެކު މަޖާކުރަނީއެވެ. ލީޝަންވެސް ވަނީ އޭގެ ތެރެއިން ކުއްޖަކަށެވެ. ކުރިން އޭނާ ބޭނުންވީ ޒިޔާނުގެ ހަމައެކަނި މީހަކީ އޭނާ ކަމުގައި ވުމަށެވެ. އެގޮތް ޒިޔާނު ގަބޫލު ނުކުރުމުން އޭނާ ދިޔައީ އަބަދުވެސް ލޯބިވާކަމަށްބުނާ ހަނީފު ގާތަށެވެ. ނަމަވެސް އޭނާވެސް އެހެން އަންހެނަކާއެކު ދިޔައީއެވެ. މަންމަވީ ހިސާބެއްނޭނގެއެވެ. ގެއަށް ވަދެއްޖެނަމަ ބައްޕަ އޭނާގެ ދިރިއުޅުމާއިމެދު ފާޑުކިޔާނެއެވެ. ނުވަތަ ޒީނާގެ ކޮންމެވެސް ހިފެހެއްޓުމެއް ކުރިމަތިވާނެއެވެ. ބައްޕަ ގޭގައި ނެތަސް އެ ޒީނާއަކާއި ހަވާލުކޮށްފައިވުމުގެ ސަބަބުން ބައެއްފަހަރު އެއީ ގޭގެވެރިމީހާހެންވެސް ހީވެއެވެ. ދެންއޮތީ އޮފީހެވެ. އެ ފޫހި ޔައީނުގެ ސެކެޓްރީއަކަށް އޭނާ އިންނާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ކުރިމަތީގައި ބޭޒާރުވުންވެސް ވީ ބޮޑު ބޮލުގައި ރިހުމަކަށެވެ. ޒިޔާނުގެ އެހެންރައްޓެހިންފަދައިން އޭނާވެސް ޒިޔާނުގެ ރައްޓެއްސަކަށްވުން ދެން ވަރިހަމަކޮށްލީ މިސަބަބަށްޓަކައެވެ. މިހާރު މިވަރުވެސް އޭނާއަށް ފުދެއެވެ. އޭނާ އިތުރަކަށް ވިސްނާކަށް ނުހަދައެވެ. ޒިޔާނު ދިން ކޯކުފުޅި ބޯލާ ހުސްކޮށްލިއެވެ. ދެންވީގޮތެއް ޚުދް އޭނާއަކަށްވެސް ނޭނގުނެވެ. ބޮލުގައި ގަދައަށް ރިއްސާލުމަށްފަހު ނިދުނީއެވެ. ރޭގަނޑުވުމުންވެސް ލީޝަން ނުހޭލާތީ ޒިއާނު އޭނާގެ ގެއަށް ލާދީފައި އަވަހަށް ފިލިއެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ.
