1990 ގެ އަހަރު ތަކުގައި ދިވެހިން ދިރިއުޅެމުން އައީ ވަރަށް ތަފާތު ދިރިއުޅުމެކެވެ. އެމީހުންގެ އުޅުމާއި ގުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި މިއަދު މިދެކޭ ދިވެހި އަންހެނުންނާއި އެތައް ގޮތަކުން ތަފާތެވެ. ފަތިހުގެ ބަންގިޔާއެކު މުސައްލަ ހިފައިގެން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ މިސްކިތަށް ދެއެވެ. އިރުގެ ރަންދޯދިން އުދަރެސް އަލިކުރާއިރު އަވަށްޓެރިޔާގެ ބަދިގޭގައި އަލިފާން ނުލައިފިނަމަ އޭނާ ބަލިވީތޯ ބަލަން އެގެއަށް ވަދެއެވެ. ހެނދުނުގެ ނާސްތާ ނިމިގެން މެންދުރުނަމާދަށް ގޮވަންދެން އަތިރިމަތީގައި އެހިސާބުގަނޑުގެ ހުރިހާ އަންހެނުން ހަނޑޫހޮވުމާއި ނުވަތަ ކޮންމެވެސް އެއްޗެއް ކޮށުމުގައި އެކުގައި ތިބެއެވެ. ހަވީރުގެހިތްގައިމު ވަގުތުގައި ޅަފުރަފުރަހަންޏަށް ވާގޮތަށް އަތިރިމަތީ ގައި ރަށުއެންމެން ތިބެއެވެ. ދެނަމާދު ދޭތެރޭގައި ކޮންމެ ގެއަކުންވެސް ގުރުއާން ކިޔަވާ އަޑު އިވޭނެއެވެ. ގިނަ މީހުން ލައިއުޅުނީ ދިގުހެދުމެވެ. ޒުވާން އަންހެނުން ލައިގެން އުޅުނީ ޕާކިސްތާނު މީހުންލާކަހަލަ ކަކުލާ ހިސާބަށް އަރާހެދުމާއި އެއާއި ގުޅޭ ހަރުވާޅެކެވެ. އިސްތަށިގަނޑު ނިވާ ކުރުމެއް ނެތެވެ.
ނަމަވެސް މިއަދު މަންޒަރު ފެންނަނީ ވަރަށް ތަފާތުކޮށެވެ. ދިވެހި ގިނަ އަންހެނުން ބުރުގާ އަޅައިފިއެވެ. އަންހެނުން ގޭގައި ނަމާދު ކުރަން ފެށުމުން އަންހެނުންގެ މިސްކިތްތަށް ފަޅުވެ ވީރާނާ ވެއްޖެއެވެ. ހެނދުނު ބައިގަނޑުގަނޑަށް ތިބި އަންހެނުން ގޭތެރޭގައި ތިބުމުގެ ސަބަބުން އަތިރިމަތި ފަޅުވެއްޖެއެވެ. ހަވީރުވުމުން ރަށުރައްޔިތުން ފެނުނު އަތިރިމަތީން ފެންނަނީ މަދު ބަޔެކެވެ. އަވައްޓެރިޔާ ބަލިވިޔަސް އެނގެނީ ވަރަށް ފަހުންނެވެ. މިހާބޮޑު ތަފާތެއް ދިވެހިންގެ ދިރިއުޅުމަށް އައީ ކީއްވެހެއްޔެވެ؟
ގޭގޭގެ ވަށާފާރު އެޅުން
2000 އަހަރުތަކުގައި އުމްރާނީ ތަރައްޤީ އަންނަން ފެށިއެވެ. ކޮންމެ ގެއެއްގެ ވަށާފާރު އަޅާ ބޮޑެތި ގެތައް އަޅާ، ފަންކާއާއި އޭސީތައް ހަރުކުރެވުނެވެ. ޖެހިގެން ހުރިގޭގެ މީހެއްގެ ހާލެއް އެނގޭނީ މިހާރު އެގެއަކަށް ވަދެވުމުންނެވެ. ނުވަތަ އެގޭ މީހުންގެ ޚަބަރެއް ދޭން ޖެހިގެން ވަކިގެއަކަށް ފޮނުވުމުންނެވެ.
ހިންދީ ޑްރާމާތަކުގެ ފޯރި
2000 ގެ އަހަރުތަކުގައި ގިނަރަށްރަށަށް ކޭބަލް ޓީވީގެ ޚިދުމަތް ލިބެން ފެށިއެވެ. އެ ދުވަސްވަރަކީ އިންޑިޔާގެ ޑްރާމާތައް ވައިގައި ހިފި ދުވަސްވަރެވެ. އެކްތާ ކަޕޫރުގެ މަޝްހޫރު އުފެއްދުންތައް ކަމުގައިވާ ގޭތެރޭގެ ދިރިއުޅުންތައް ދައްކައިދިން ކަހާނީ ގަރްގަރްކީ، ކިއުކީސާސްބީ ކަބީ ބަހޫތީ، ކަހީތޯ ހޯގާ ފަދަ ފޯރިގަދަ ޑުރާމާތައް ދިވެހި އަންހެނުންނަށް ފިސާރި ކަމުދިޔައެވެ. ރޭގަނޑު 7 ޖަހާއިރުން ފަށައިގެން ފުލުފުލުގައި ފަހަރަކު ޑުރާމާއެއް ދައްކާއިރު ރޭގަނޑު 12 ޖަހަންދެން އޭގެ ފޯރީގައި ޖެހިފައި ތިއްބެވެ. މެންދުރުފަހު އޭގެ ރިޕީޓް ބަލަންބޭނުންވާ ބަޔަކުވެސް އުޅުނެވެ. ޑްރާމާތަކުގެ ގަޑީގައި ހުސްވެ ތިބުމަށްޓަކައި އެހެންވަގުތުތަކުގައި ގޭތެރޭގެ މަސައްކަތް ނިންމަން ޖެހުމުގެ ސަބަބުން އަވައްޓެރިންނާއެކު އަތިރިމަތީގައި އެކުވެރިކަމާއެކު ތިބޭތިބުން މަޑުމަޑުން ހުއްޓުނެވެ.

ދީނީ ހޭލުންތެރިކަން އިތުރުވުން
2000 ގެ އަހަރުތަކުގައި ސިޔާސީ ހަރަކާތްތައް ރާއްޖޭގައި ހިނގަން ފެށުމާއި ގުޅިގެން ދީނީ ތަޢުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންގެ މަސައްކަތްތައް ގިނަވިއެވެ. ވެރިކަމުގެ ތެރޭގައި ދީނީ މިނިވަންކަމަށް އޮތްއޮތުމަށް ކުޑަލުޔެއްލިބި ދީނީ ނަސޭހަތްތަކާއި ދަރުސްތައް އިތުރުވެގެން ދިޔައެވެ. އެކިއެކި ފޯރަމް ތަކުގައި އަދި ޕޯޑިއަމް ތަކުގައި ދީނީ ހޭލުންތެރިކަން އިތުވެގެން ދިޔައެވެ. މީގެތެރެއިންވެސް އެންމެ އިސްކަމެއްގެ ގޮތުގައި އަންހެނުންގެ ހައްޤުތަކާއި އަންހެނުންގެ އައުރަ ނިވާކުރުމާއި ގުޅޭގޮތުން ބޮޑު މަސައްކަތެއް ކުރެވުނެވެ. 2010 ވަނައަހަރު ނިމެންވީއިރު ރާއްޖޭގެ ގިނަ އަންހެނުން ބުރުގާ އެޅިއެވެ. މިއަދު މިދެކޭ ބޮޑު ހެދުންތަކާއި ބުރުގާއަކީ މީގެ ކުރީން ދިވެހީން އެޅި ހެދުމެއް ނޫނެވެ.
ސިޔާސީ ވާދަވެރިކަން
30 އަހަރުގެ ދިގުވެރިކަމެއް ގައި ދިވެހީންގެ ދިރިއުޅުންއޮތީ ވަކިގޮތަކަށް ބައްޓަންވެފައެވެ. ޚިޔާލުފާޅުކުރުމާއި ވެރިންނަށް ކަމޭހިތުމާއި އިޖްތިމާޢީ ކަންކަމުގައެވެ. ނަމަވެސް ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރެވުމުން 30 އަހަރުވީ ވެރިކަން ބަދަލުކުރުމަށް ރާއްޖޭގެ ގިނަޢަދަދެއްގެ ރައްޔިތުން ބޭނުންވިއެވެ. ޤައުމީ ފެންވަރުގައި ޖެއްސި ކެމްޕޭންތަކުގެ ސަބަބުން ޚިޔާލު ފާޅުކުރުން އިތުރުވެ ފަރުދީ މީހުންގެ ޒާތީ މަސްލަހަތާއި ގުޅޭމިންވަރަށް ބޮޑެތި ޖަލްސާތަކުން ފެށިގެން ގޭގެ ކާމޭޒުތަކާއިހިސާބަށްވެސް ފޯރިއެވެ. ސިޔާސީ ފިކުރުގައި އާއިލާތަކާއި އަވައްޓެރިންގެ މެދުގައި އޮތް އެއްބައިވަންތަ ގުޅުމަށް ނުރަނގަޅު އަސަރު ފޯރިއެވެ.
