(ބުދަދުވަހުގެ ނޫހާއިގުޅޭ)
" ހޫން. މީ ކޮންއިރަކު މިގެއަށް ވަންމީހެއް. މީ މިގޭ… ވެރިމީހާ ދޯ… މިއުޅޭ ރަހީމަށްވެސް މިމީހުންވަރެއް ނުވާނެ. ކުޑަކޮށް އަރިއަޅަމުން އައި ލީޝަން އަށް ވާހަކަދެއްކެނީ ވަރަށް އުނދަގުލުންނެވެ. ޒީނާމެންނަށްވެސް ލީޝަން ހުރީ ހަމަހޭގައެއް ނޫންކަން އެނގެއެވެ. ޒީނާ ދުވެފައިގޮސް ލީޝަން އަތުލަފިކޮށްލިއެވެ. ޔައީނަށް ހުރެވުނީ މި މަންޒަރު ފެނި ހައިރާންވެފައެވެ.
"ޔާރައްބީ. ޒީނާ އަވަހަށް ލުނބޯފަނިތައްޓެއްގެނެސްދީ." އެތެރެއަށް ވަދެގެންއައި ރަހީމު ހުރީ ހާސްވެފައެވެ. ރަހީމު އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ނިކަމެތި ހާލަށް ހަމްދަރުދީވެވުނެވެ. އޭނާ ލީޝަންގެ ބޮލުގައި ފިރުމާލިއެވެ.
"ބައްޕަ…. ބައްޕަ …. ވަރަށް އުފާވެފަދޯ…. މަންމަ އަދިވެސް މާލެއަކަށް ނާދޭދޯ….. މަންމައަށް ވަރަށް މަޖާވާނެ މިހާރު…. އެ ޓީވީ…. ކީއްވެތަ ނަށަނީ… މި ސޯފާވެސް …ޒީނާ …. ބައްޕަ އަށް ސައިދިނިންތަ……" ލީޝަނަށް ދެއްކޭ ވާހަކައެއްވެސް ނޭނގެއެވެ. ރަހީމު އޭނާގެ ދަރިފުޅު ގަޔާކައިރި ކޮށްލިއެވެ. އަދި އޭނާގެ ލޮލުން ހޯސްލާފައި ކަރުތައް ފޭބިއެވެ. ލީޝަންގެ އުމުރުން ތިންއަހަރުގައި މިގޮތަށް އޭނާ ލީޝަން ގާތްކޮށްލައެވެ. ނަމަވެސް އޭގެ ފަހުން އައި ހުރިހާ ދުވަސްތަކުގައި ލީޝަން ވަނީ އޭނާއާއި ވަރަށް ދުރުގައެވެ. ލީޝަންއަށް ޖެހިފައި މިވާ ހާލުން އޭނާ އަށް ކެތްކުރަންދަތި ހިތްދަތިއަސަރެއް ކުރުވައިފިއެވެ. ކޮންމެ ހާލެއްގައިވިޔަސް އޭނާ ލީޝަން ސަލާމަތް ކުރަންބޭނުމެވެ. ޒީނާ ގެނައި ލުނބޯފަނިތަށި ލީޝަންއަށް ދިނުމުން ވަރަށް ފަސޭހައިން ބޯލިއެވެ. އަދި އިތުރުބަހެއްވެސް ނުބުނެ ސޯފާގައި އޭނާ ނިދާލައިފިއެވެ.
ޔައީން. އަހަރެން މިހާރު ލީޝަންގެ ކަންތަކާ ބޯހަލާކު ވާވަރުވެއްޖެ. ޒީނާއާއި ބައްދަލުކޮށް އޮފީހުގައި ދިމާވި ހާދިސާ ކިޔައިދެން އައިސްފައި ހުރި ޔައީނާވާހަކަދެއްކީ ރަހީމެވެ.
"ރަނގަޅު މީހަކާ ކައިވެނި ކޮށްދެއްވަނިކޮށް ރަނގަޅުވެދާނެހެންހީވޭ." ޔައީނަށް ހީވާގޮތެއް ބުނެލިއެވެ. އެއީ މިއަދު އޮފީހުގައި ލިޝަން ދެއްކި ވާހަކަތައް އެނގެނީ އޭނާއަށެވެ. މިހުރިހާކަމެއް މިވީ އޭގެ ފަހުންނެވެ. ފަހަރުގައި ހަނީފު މީހަކާއި އިނުމުން ނުވަތަ އެބުނާ ޒީންބެއަކާ ރުޅިވެވުމުން އޭނާއަށް ވީގޮތެއްކަމުގައިވެސް ވެދާނެތީ އޭނާ އެހެން ބުނީއެވެ.
"މީހަކާ އިނދެގެންވެސް އުޅޭނީ ކިހިނެއް. އެއްވެސް ކަމެއް ކުރާކަށް ނޭނގޭތާނގައި އޮފީހުގައިވެސް އެހާފަރުވާކުޑަކަމަށްވަނީ. ރައްޓެހިވެގެންވެސް އުޅެނީ އެހާ ގޯސްކުދިންނާ. އަހަރެންނަށްވެސް ކިޔަނީ ކިޔާނެ އެއްޗެއް." އޭނާ ހިމޭންވެލިއެވެ.
"އެހެންވެގެން މިހެން މިނަންގަތީ. ރަނގަޅުކޮށްދެވޭވަރުގެ މީހަކާ ގުޅުމުންފަހަރުގައި ރަނގަޅުވެދާނެ ކަމަށް ފެންނާތީ. މައިންބަފައިން މީހަކަށް ނުވާހިސާބަށް ދިޔައީމާ ރައްޓެހިންގެ މުހިންމުކަން ވަރަށް ބޭނުންވާނެ. އެހެންވީމާ ރަނގަޅު ރައްޓެހިން ކޮޅަކާއި ގުޅުވިއްޖެނަމަވެސް ރަނގަޅުވެދާނެ؟" ޔައީނު ލަފާދިނެވެ. ރަހީމު މިހާރަކަށް އައިސް ވަރަށް ގިނަކަންތަކުގައި ޔައީނުގެ މަޝްވަރާ ހޯދައެވެ. އޭނާގެ ޒުވާން ގާބިލު ޚިޔާލުތަކުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނުހަނު ގިނަ ކާމިޔާބީވެސް ލިބިފައިވެއެވެ.
"ޒީނާ އަހަރެންނަށް މިކަމުގައި އެހީތެރިވެދީ. މީގެފަހުން ގޭޓްގެ އަދި ގޭގެ ދޮރުބަހައްޓާނީ އަބަދުވެސް ތަޅުލާފައި. އެއްވެސް މީހަކު އަޔަސް މިގެއަށް ނުވައްދާތި. ކުރިއަށްވުރެބޮޑަށް މިކަމުގައި ފަރުވާބަހައްޓަދޭތި. ހަނދާންކޮށް އޮޅިގެންނަމަވެސް މީހެއްގާތު ލީޝަންގެ މި ހާދިސާގެ ޚަބަރެއްދީގެންނުވާނެ." ލީޝަން އޭނާގެ ކުރިމަތިން ގެއްލުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ.
" ޔައީނުގެ ތިޚިޔާލަށް އަހަރެންވެސް ވަރަށް ތާއީދުކުރަން. އެކަމަކު ރަނގަޅު ކުއްޖަކު ހޯދަން ދުވަސްކޮޅެއްވާނެ. " ރަހީމު ކޮންމެ ގޮތަކުންވެސް ލީޝަން ރަނގަޅު ކުރަން ބޭނުންވެއެވެ.
ކުރިއަށްއޮތް މިނިވަންދުވަހުގެ ބައެއް ކަންތަކުގައި ޔައީނު އުޅެނީ ވަރަށް އަވަދިނެތިއެވެ. އެދުވަހު މިނިވަންކުރެވޭނެ ބައެއް ކުށްވެރިންގެ މައުލޫމާތު ހޯދައި ނިންމައި ރައީސް އޮފީހަށް މާދަމާ ފޮނުވަން ޖެހެއެވެ. ރީމާ ބަދަލުވުމުން އޭނާއަށް މަސައްކަތުގައި އުނދަގޫވެއެވެ. ނިންމަންޖެހޭ ކިތަންމެ އެއްޗެއް ނުނިމި ލަސްވަމުން ދާކަން ވެސް ފާހަގަ ކުރެވެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ލީޝަންއާ ހަވާލުނުކޮށް އަވަހަށް ނިންމާލާށެވެ. ނަމަވެސް ދާންޖެހޭ މީޓިންތައް ގިނަކަމުން އެނޫންގޮތެއް ނެތިގެން ބައެއް ފޯމުތައް ލީޝަން އަތަށް ދިނީ އަވަހަށް ނިންމޭތޯއެވެ.
"ތީ މާދަމާއަށް ހަވާލުކުރަންޖެހޭ އެއްޗެއް. މިއަދު ތިނިންމާލާ. ޔައީނު ފޯމުތައް ދެމުންބުންޏެވެ.
"އަދި މިއުޅެނީ ކުރީގެ ބައެއް އެއްޗިހިވެސް ނުނިމިގެން."
"އެއީ ލީޝަންގެ މައްސަލައެއްނު. ރީމާ ދެމަސައްކަތް ކުރާއިރުވެސް ބަރާބަރަށް މަސައްކަތްނިންމާ." ޔައީނު ފުރަތަމަފަހަރަށް ލީޝަން އާއި ދިމާއަށް ނުރުހުންވެ ހުރެ އެއްޗެއް ބުންޏެވެ. އިސްލާހުކުރަން މިބުނި ކަންތައް ލީޝަންއަކަށް ހަޖަމެއް ނުކުރެވުނެވެ. މިކަމާ ހިތުގެ އަޑިން ނަފުރަތުގެ ހުޅުގަނޑު ރޯވިއެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ޔައީނު ބޭޒާރު ކޮށްލާނެ ކޮންމެވެސް ގޮތެއް އޭނާ ރާވަން މަޖުބޫރު ކުރުމެވެ.
" ކޮންމެވެސް ގޮތެއް. ކޮންގޮތެއްބާ؟ ރީމާގާތު ބުނެގެން ކަންނޭނގެ." އޭނާ ވިސްނަމުން ދިޔައެވެ.
"ނޫން. އެއްގޮތަކަށްވެސް ކަމަކުނުދާނެ. އޮފީސްމީހުންވެސް ހީވަނީ އޭނާޔާހެދި މޮޔަވާހެން." ވަރަށް ވިސްނުމަށްފަހު އޭނާ ތެދުވެލިއެވެ. އަދި ކުރިމަތީގައި ހުރި ޔައީނުގެ ގޮނޑީގައި އިށީނެވެ. އެއަށްފަހު ޔައީނުގެ ކޮންޕިއުޓަރު ވަރަށްބަލާ ހޯދިއެވެ. ޔައީން ކޮށްފައިވާ އެތައް މަސައްކަތެއް އޭނާ ކޮޕީކޮށްލާ އޭނާގެ ހާޑަށް އަޅާލިއެވެ. މިލިބުނު ބޮޑުކާމިޔާބަށްޓަކައި އޭނާ ހިނިތުންވެލިއެވެ. ޔައީނު އޮފީސް މީހުންގެ ކުރިމަތީގައި ބޭޒާރު ނުވާނެ އެއްގޮތެއްވެސް ދެންނޯންނާނެކަން އޭނާއަށް ޔަގީންވާތީއެވެ.
" މި އަންހެނާ މިގެ ދޫކޮށްފަ ދާކަށްވެސް ނޫޅުނު. މި އުނދަގުލާހެދި މަށަށް މިޖެހެނީ އަބަދު މިގޭ ނޯކަރެއްގޮތަށް އުޅެން. މީދެންކޮންފަދަ ބޮޑު އުނދަގުލެއް . މިގެއިން ފެއްސިގެން ދާންއުޅޭ." ލީޝަން ޒީނާއާއި ދިމާއަށްވެސް ހަޅޭއްލަވައިގަތެވެ. މިކަމާ ޒީނާއަށް ރޮވެން ފެށިއެވެ.
"އެ ޔައީނުގަނޑާއެކީ ދިޔަނަމަ ރޯކަށް ނުޖެހުނީހެއްނު. ތަޅުދަނޑިގެނޭ. އަހަރެން ބޭރަށް ދާންވެއްޖެ." ލީޝަން ހުރީ ވަރަށް ރުޅިއައިސްފައެވެ. ޔައީނު އަނގައިންވެސް ނުބުނެ ދިޔައީ ދޮރުގައި މީހަކު ޓަކިޖަހާތީއެވެ. އޭނާ އެތެރޭގައި ހުރެފައި ދޮރުގައި ހުރި ބިއްލޫރިކޮޅުން ބޭރު ބަލާލިއެވެ. އޭރު ރާމިޒާ ދޮރުމަތީގައި ހުއްޓެވެ.
"ސާބަސް. މިހާގިނައިރު ވަންދެން ދޮރުގައި ތަޅާއިރުވެސް ބަލާލާކަށް ނޭނގޭދޯ." ރާމިޒާ ޒީނާއާ މުޚާތަބު ކުރީ ބޮޑާކަމާއެކީގައެވެ.
"ލީޝަން. ދަރިފުޅަށް ގެނައި ވަރަށް މޮޅުފޮތްތަކެއް ހުންނާނެ." ރާމިޒާ ލީޝަންގެ ކޮލަށް ދޮނެއްދިނެވެ.
"އަހަރެން މިހާރު ފޮތެއްނުކިޔަން. މަންމައަށް އަދިވެސް ނޭނގޭދޯ. އަހަރެން މިހާރު ބަލަނީ އިންގްލިޝް ސީރީޒް. އެކަމަކު މިހާރު ޒިންބެމެންނާއެކު ޑީޖޭތަކަށް ކޮންމެރެއަކު ދެވޭތީ އެބަލާކަށްވެސް ވަގުތެއްނުވޭ."
"ދަރިފުޅު މިހާރު ބޮޑުވީދޯ. މީ މަންމަގެ ދޫންޏެއް." ރާމިޒާ އޭނާ ގަޔާ ކައިރިކޮށްލިއެވެ.
"އެކަމަކު މަންމާ. މިހާރު މިގޭގައިއުޅޭ ނޯކަރުން ގެއަށް މާގަދަވެއްޖެ. ބައްޕަ ވަނީ ގޭ ހުރިހާކަމެއް ޒީނާއާއި ހަވާލުކޮށްފައި. އަހަރެންނަށް ބޭރަށްވެސް ދެވެނީ އެއަންހެނާ ދޮރު ހުޅުވީމާ. ކުރިންދުވަހު ފޮށި އެއްލާލީމާވެސް ބައްޕަގެނެސްވެއްދީ. ނޭނގެ ބައްޕައަށް ވެފައިހުންނަގޮތެއް." އޭނާ ޝަކުވާ ކުރިއެވެ.
"ދަރިފުޅު ތިކަމާއި އަޅާނުލާ." ރާމިޒާއަށް ރަނގަޅީ ޒީނާ މިގޭގައި ހުރުމެވެ. އޭނާގެ ހުރިހާ މަސައްކަތްތަކެއް ފުރިހަމަކޮށް ކުރާތީ އޭނާ ޒީނާއާއި ނުހަނު ގަބޫލުވެއެވެ.
"އެކަމަކު މަންމާ! އަހަންނަށް ހީވަނީ އޭނާ އަހަރެންނަށްވުރެ މިގެއަށް ގަދަހެން. އެޔައީނާއެކު ދާންވެސް ނުކެރުނޭ." ލީޝަން އުޅޭގޮތް ޒީނާ ބަލަމުންދާތީ އޭނާ ނުހަނު ރުޅިއާދެއެވެ.
"ޔައީނު ދިޔައީތަ؟ ކޮންތާކަށް." ރާމިޒާ އަހާލިއެވެ.
"ނޭނގެ. މަންމައަށް އެނގޭތަ. އެފިރިހެނާ އޮފީހުގައި އަހަރެންގެ ވެރިއަކަށް އިންނައިރު ހާދަ ފޫއްސެއްވެޔޭ. އޮފީހުގެ އެންމެން އޭނާޔާހެދި ހީވަނީ އެހެންކަމެއްހެން." ލީޝަން ޝަކުވާކުރިއެވެ.
"ދަރިފުޅު ދެންއެކަމާ ހާސްނުވޭ. މަންމަދެން މިއައީނުދޯ." އޭނާ ޒީނާއަތުން ތަޅުދަނޑި އަތުލިއެވެ. އަދި ލީޝަންއާ ތަޅުދަނޑި ހަވާލުކުރިއެވެ.
"ދަރިފުޅުގެ ފްރެންޑުންނަށް ދަރިފުޅު ކަމުދޭތަ؟ މަންމަ މިބުނީ ހެދުންއަޅާގޮތުގެ ވާހަކަ."
"އޯކޭ. އެކަމަކު މަންމަނެތުމުން ލާރިއެއްނުލިބޭ. އެހެންވެ އެމީހުން ވަރަށް ފަނިވެފައިތިބެނީ."
"ދަރިފުޅު ކިހާވަރެއްތަ ބޭނުމީ. މަންމައަތުގައި މިވަގުތު އޮތީ ފަސްސަތޭކަ ޑޮލަރު. އެއިން މިހަފްތާއަށްވާނެދޯ." އޭނާ ޖީބުންނަގާ އެފައިސާ ލީޝަންގެ އަތަށްދިނެވެ. ލީޝަން ލާރިހިފައިގެންވަނީ ކޮޓަރިއަށެވެ. ދިހަމިނިޓްތެރޭގައި އޭނާ މަތިހަދާލައިގެން ބޭރަށް ނިކުތެވެ. ރާމިޒާ ދިޔައީ ދަތުރު ވަރުބަލިފިލަންދެން ނިދާލުމަށެވެ. ރޭގެ ނިދި ރަނގަޅަށްނުލިބޭތީ އޭނާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ.
އެހެންދުވަސްދުވަހާ ޚިލާފަށް މިއަދަކީ މާލެއަށް ބޯކޮށް ވާރޭ ވެހޭދުވަހެކެވެ. ފިނީގެ ސަބަބުން ކަންނެތްވެފައި އޮތް ލީޝަން ނުތެދުވެ އޮތީ އޮފީހަށް ނުގޮސްވޭތޯއެވެ. ނަމަވެސް ހުއްޓާނުލާ ރަހީމު ގޮވުމުގެ ސަބަބުން އޭނާއަށް މަޖުބޫރުވީ ތެދުވެގެން އޮފީހަށްދާން ތައްޔާރުވުމަށެވެ. އެހެންނޫނީ ގަޑިޖެހުނަސް އޭނާގެ ބައްޕަ އޭނާ އޮފީހަށް ގެންދާނެއެވެ. އޭރުން އޮފީސް އެންމެންވެސް އޭނާއަށް މަލާމާތް ކުރާނެއެވެ. އެހެންކަމުން އިތުރުގޮތެއް ނެތުމުން އޭނާ ތައްޔާރުވެގެން އޮފީހަށް ދިޔައެވެ. އޭރު ޔައީން ހޭބޯނާރާ އުޅެނީ ނުވައެއް ޖަހަންވާއިރަށް އޮތް ނޫސް ކޮންފަރެންސެއްގައި ބައިވެރިވުމަށެވެ. އޭގައި ޖަލުގައި ތިބި ބައެއް ކުށްވެރިންނާއި އެމީހުން ދޫކުރަންވީ ސަބަބާއި ދޫނުކުރާންވީ ސަބަބު ބަޔާން ކޮށްދޭން ޖެހެއެވެ. މި ނޫސް ކޮންފަރެންސްގައި ހޯމް މިނިސްޓަރުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ އޭނާގެ ފުރަތަމަ ނޫސް ކޮންފަރެންސެވެ. އެހެންކަމުން އޭނާ ރޭގައި ހޭލައި އިދެގެން ޕްރެޒެންޓޭޝަން ތައްޔާރުކުރިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ހެކިދެއްކޭނެ ވަރަށް ފޮޓޯތަކާއި ވީޑިއޯވެސް އޭނާ ތައްޔާރުކުރިއެވެ. ލީޝަން އޭނާގެ ކުރިމަތީގައި ޔައީނުގެ ދަށުވެގެން އޭނާ ބުނިހާގޮތެއް ހަދައިގެން އިންނަންޖެހުންވީ ފޫހިކަން އިތުރުވީ ކަމަކަށެވެ. ނަމަވެސް އޭނާ ޔައީނުގެ މަސައްކަތްތަކަށް ފާރަލަމުންދިޔައީ އޭނާގެ ހަމައެކަނި މަގުސަދު ކަމަށްވާ ޔައީނު ބޭޒާރު ކޮށްލާނެ ފުރުސަތެއް ހޯދުމަށެވެ. އޭނާއަށް އެފުރުސަތު ނުހަނު ފަސޭހައިން ލިބުނެވެ. ބައިގަޑިއެއްހާއިރަށް ޔައީނު ސަޔަށް ދިޔައީ އޭނާގެ ލެޕްޓޮޕް ބަހައްޓާފައެވެ. ފުރުސަތުގެ ބޭނުން ހިފާލީ ނުހަނު ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކުގައެވެ.
އުޑުމަތިބަނަވެފައި ވާރޭވެހޭނެހެން ހީވާތީ ޔައީނު ދިޔައީ ކުޑަހިފައިގެންނެވެ. ނަމަވެސް ބޯކޮށްވާރޭ ވެހުނީ އޮފީހަށް އެނބުރި އަންނަނިކޮންނެވެ. އޭރު ނުވައެއްޖަހަން ފަނަރައަށް ވެއްޖެއެވެ. އޭނާ ސައިކަލުގައި އަވަސް އަވަހަށް ދެވޭތޯބެލީ ކޮންފަރެންސް ފެށުމުގެ ކުރިން އެތަނަށްގޮސް ހަމަޖެހިލެވޭތޯއެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށްނޫނެވެ. ސައިކަލު ދުއްވާލިތާ ތިންމިނިޓެއްހާއިރު ވީތަނާ ކުޑައިގެ ހައެއްކަ ދިމާއިން ފަޅައިގެން ދިޔައެވެ. އޭނާ ކުޑައަށް ބަލާލިއިރު ހުރީ ކުޑައިގައި ވަޅި އަޅާފައެވެ. އެދިމާއަށް ބާރު ބޮޑުވެގެން ކުއްލިއަކަށް ފަޅައިގޮސް އޭނާ ތެމިއްޖެއެވެ. ޖެހިގެން ހުރިގޭގެ އަސްކަނި ދޮށުގައި އޭނާ މަޑުކޮށްލީ ކާރެއް ލިބޭތޯއެވެ. ނަމަވެސް ވާރޭ ވެހޭއިރަކު ކާރެއް ލިބުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެ ފަހުން ނުވައެއްޖަހަން ފަހަކަށްވުމުން އޭނާ ސައިކަލަށް އަރާ ދުއްވާލިއިރު ތުނިކޮށް ވާރޭވެހެއެވެ. އޭނާއަށް އޮފީހަށް ދެވުނީ ގަޑިޖެހިގެންނެވެ.
"ތެމުނީތޯ؟ މިހާރު ޔައީން ނެތިގެން ނުފެށިގެން އަންގައިފި. ގުޑް ލަކް" ލެޕްޓޮޕް ދިއްކޮށްލަމުން ލީޝަން މަލާމާތުގެ ރާގަކަށް ހީނލިއެވެ. މިހީނލުމުގެ ވިހަކަމުން އޭނާގެ ބޮލުގައި ރިއްސާލިއެވެ. ކުޑަހަލާކުވާގޮތަށް ކަޓަރު އެޅީ ލީޝަންކަމަށް ގަބޫލުކުރެވުނަސް އަޅާނުލާ ދޫކޮށްލީ ލީޝަންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭތީއެވެ. އޭނާ ދިޔައިރު އެންމެން އިންތިޒާރު ކުރަމުން ދިޔައެވެ. ތެމިގެން ހުރެ ވަން ޔައީން ފެނުމުން އެތަނުގައިއޮތް ހަމަހިމޭންކަން ހަލަބޮލިކަމަށް ބަދަލުވިނަމަވެސް އިސާހިތަކު ހަމައަކަށް އެޅިއްޖެއެވެ. އޭނާ އައިސް އިށީނުމުން ނޫސްކޮންފަރެންސް ކުރިއަށް ދިޔައެވެ. ޔައީނާއި މިނިސްޓަރާއެކު ހަތަރު މީހުން ކުރީސަފުގައި ތިބިއިރު ގިނަ އަދަދެއްގެ ނޫސްވެރިންވެސް އެތަނުގައި ތިއްބެވެ. ފުރަތަމަމީހާ ވާހަކަދައްކަން ފެށީއްސުރެ އޭނާ ހާސްވަމުންދިޔައެވެ. މުޅިރާއްޖެއަށް ވަގުތުން ދައްކަމުންދިޔަ މިނޫސް ކޮންފަރެންސްގައި ދެން ވާހަކަ ދައްކަން ޖެހޭނީ ޔައީނެވެ.
(ނުނިމޭ)
