އިނގިރޭސިވިލާތުގައިއެންމެ ގިނަދުވަހު ވެރިކަން ކުރެއްވި ރާނީ އެލިޒަބަތު އަވަހާރަވެއްޖެއެވެ. ރާނީ އެލިޒަބަތު އަވަހާރަވެފައި ވަނީ އެކަމަނާގެ އުމުރުފުޅުން 96 އަހަރުގައި ސްކޮޓްލެންޑުގެ ގަނޑުވަރެއް ކަމަށްވާބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ހާލުކޮޅު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށެވެ.
އެކަމަނާ އުފަންވެފައި ވަނީ 1926 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.
ކުއީން އެލިޒެބަތު 2 އަކީ ދުނިޔޭގައި އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ބޭފުޅާއެވެ. އެކަމަނާ ރަނިކަމާ ހަވާލުވެވަޑައިގަތީ 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަދުވަހުއެވެ. ރާނީ އެލިޒަބަތު ވަނީ 70 އަހަރާއި ހަތް މަހާއި ތިން ދުވަސް ވަންދެން އެ ގައުމުގައި ރަނިކަން ކުރައްވާފައެވެ.
އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެކަމަނާ ހުންނެވީ ޝާހީ ޒިންމާތައް އަދާކުރެއްވުމުގައެވެ. އެގޮތުން އިނގިރޭސިވިލާތުގެ
ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގަތް ބޮޑުވަޒީރާއި ބައްދަލުކުރެއްވުމާއި އެހެނިހެން ރަސްމީ މުހިންމު ބައްދަލުވުންތަކުގައިވެސް އޮންލައިން ކޮށް އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރާނީ އަވަހާރަވުމުން އަމަލުކުރާނެ ގޮތުގެ ރިޔާސީ ޕްލޭނެއް ދުރާލާ ކަނޑައަޅާފައި އޮވެ އެވެ. އޮޕަރޭޝަން "ލަންޑަން ބްރިޖް" ގެ ނަން ދީފައިވާ އެ ޕްލޭންގެ ދަށުން ރާނީގެ މަރުގެ ޚަބަރު ރަސްމީ ފަރާތްތަކާއި ހިއްސާ ކުރުމާއި ރާނީ އަވަހާރަވުމަށްފަހު ފަސްދާނުލުމާ ހަމައަށް އަމަލުކުރާނެ ގޮތްތައް ހިމެނެ އެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން ދެން ރަސްކަން ލިބިވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ފިރިހެން ދަރިކަލުން ޕްރިންސް ޗާލްސްއަށެވެ. ރާނީ އަވަހާރަވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ ވެސް ޗާލްސެވެ. އުމުރުފުޅުން 73 އަހަރު ޗާލްސްއަކީ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޗާލްސްއަށްފަހު ރަސްކަމުގެ ތަޚުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ.
އިނގިރޭސި ރާނީގެ ގޮތުން މަޝްހޫރުވެފައި ވިޔަސް، ކުއީން އެލިޒަބަތަކީ އިނގިރޭސިވިލާތުގެ އިތުރުން އިތުރު 14 ގައުމެއްގެ ވެސް ރާނީ އެވެ. އޭގެ ތެރޭގައި ކެނެޑާ އާއި ނިއުޒިލެންޑާއި އޮސްޓްރޭލިއާ ހިމެނެ އެވެ. އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔަކީ ވެސް އެކަމަނާ އެވެ. މި ހުރިހާ ތަޚުތެއް ވެސް ދެން ލިބިވަޑައިގަންނަވާނީ ޕްރިންސް ޗާލްސްއަށެވެ.
ރާނީ އެލިޒަބަތުގެ އަސްލު ނަންފުޅަކީ އެލިޒަބަތު އެލެކްސް އެންޑްރާ މެރީ އެވެ. އެކަމަނާ މިހާތަނަށް ކުރެއްވީ އެންމެ ކައިވެންޏެކެވެ. އެކަމަނާ ކައިވެނިބައްލަވައިގެންނެވީ އަމީރް ފިލިޕް އާ އެވެ. އަމީރް ފިލިޕް ވަނީ 2021 ވަނަ އަހަރު އަވަހާރަވެފައެވެ. ރާނީ އާއި އަމީރް ފިލިޕްގެ ހަތަރު ބޭފުޅުން ތިއްބަވަ އެވެ
