އާޚިރަތް ދުވަހަށް އީމާންވުމަކީ އިމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އާޚިރަތް ދުވަހަށް އީމާންވުމަކީ، ހަމަކަށަވަރުން އެދުވަސް އަންނާނެކަމާއި، ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗެއް ފަނާވާނޭކަމާއި، ފުރާނަހުރި ކޮންމެ އެއްޗެއްގެ މަރު ހިއްޕަވާނޭކަމާއި، އެއައަށްފަހު ފުރާނަ އަޅުއްވައި، މަޙްޝަރަށް ފޮނުއްވައި، ޢަދުލަށް ހިސާބު ބައްލަވައި، ޙައްޤަށް ނިޔާކުރައްވާނޭކަމާއި، އަނިޔާވެރިންގެ ކިބައިން އަނިޔާ ލިބުނު މީހުންނަށް (ޙައްގުތައް) ހިއްޕަވައިދެއްވައި، ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވައި ކިޔަމަން ނުގަތް އަޅުންނަށް ނަރަކައިގެ ޢަޛާބު ދެއްވާނޭކަމާއި ހެޔޮކަންތަކާއި ނުބައިކަންތައް މީޒާނުން ބައްލަވާނޭ ކަމާއި، ތާޅަފިލި ފުމެލެއްވުމާއި، ޞިރާޠު މަގުން ދިއުމާއި، ނަރަކައާއި، ސުވަރުގެއީ ފަނާވެ ދިޔުމެއް ނުވާނޭ ދެތަން ކަމާއި، އެދެތާނގައި ލެއްވުމަށްފަހު މަރުވުމެއް ނެތްކަމާއި، މިކަންކަން ހިތުގައި ތެދު ކަށަވަރުކޮށް ގަތުމެވެ.
ޤިޔާމަތްދުވަހު ހިސާބު ބެއްލެވުމާއި ނިޔާކަނޑައެޅުއްވުމުގައި، އެއްވެސް ބޭއިންސާފު ކުރެއްވުމެއް ނުވާނެއެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴾ "އެދުވަހެއްގައި، ﷲގެ ޙަސްރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ."
ދުނިޔާގައި އިންސާނާ ކޮށްފައިވާ ކަންތައްތައް ލިޔެވިފައިވާ ފަތް، އެދުވަހުން އެއިންސާނާ ދެކޭނެއެވެ. ކިތަންމެ ކުޑަ ޢަމަލެއްވެސް އަދި ކިތަންމެ ބޮޑު ޢަމަލެއްވެސް އެމީހެއްގެ ފަތުގައި ލިޔެފައިވާތީ އޭނާ ދެކޭނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް ވެފައި މިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދިބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިއެއް ނުގަންނަވަތެވެ."
އާޚިރަތްދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ޙަޤީޤަތްތަކުގެ ތެރެއިން އެއްކަމަކީ، ދުނިޔޭގައި އިންސާނާ ކުރާ ޢަމަލުތައް ފަތެއްގެ ގޮތުގައި އޭނާ ދެކޭނޭކަމަށް އީމާންވުމެވެ. ކޮންމެ އިންސާނަކުމެ ކޮށްފައިވާ ޢަމަލުތައް، މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. މީސްތަކުންނަށް ކިތަންމެ ވަންހަނާގޮތެއްގައި ކުރާ ޢަމަލަކަސް ކީރިތިވަންތަ މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. މާތް ﷲ ގެ މަލާއިކަތުން އިންސާނާގެ ޢަމަލުތައް ގެންދަވަނީ ލިޔުއްވަމުންކަން ق سورة ގެ އަށާރަ ވަނަ އާޔަތުން މިކަން ސާބިތުވެއެވެ.
ދުނިޔޭގައި އިންސާނާ ކުރާ ޢަމަލުތައް އޭނާ ޤިޔާމަތްދުވަހުން ދެކޭނެކަމަށް އީމާންވާހިނދު، އޭނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން އެ ޢަމަލުތަކުގެ މައްޗަށް ބިނާވެފައިވާހިނދު، މާތް ﷲ ގެ ރަޙްމަތްވަންތަކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭ ވަސީލަތަކީ، އޭނާ ކޮށްފައިވާ ހެޔޮ ޢަމަލު ކަމުގައިވާހިނދު، ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭމީހާ، ހެޔޮ ޢަމަލު ކުރުމުގައި ފަސްޖެހިގެން ނުވާނޭ ކަމާމެދަކު ޝައްކެއް ނެތެވެ. އެހެންކަމުން ބުއްދިވެރިއަކީ، ހެޔޮ ޢަމަލުކުރުމުގައި ކުރިއަރައިދާ މީހާއެވެ. ހެޔޮޢަމަލަކީ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންތަކުން ދުރުވެ ރައްކާތެރިވުމެވެ.
މަޢުލޫމާތު: ހުކުރު ޚުޠުބާ
