ވަލުތެރޭގައި އުޅެމުން ދިޔަ ރާމާމަކުނެކެވެ. އެއްގަހުން އަނެއްގަހުން ފުމެމުން ކުޅެމުން ހިނގަމުން ވަރަށް ދުރަށް ދެވިފައި ހުއްޓާ ކޯރެއްގެ އައްސޭރިއަށް ނިކުމެވިއްޖެއެވެ. އޭރު އެސޮރު ވަރަށް ބޮޑަށް ބަނޑުހައި ވެއްޖެއެވެ. ކާނެ އެއްޗެއް ފެނޭތޯ ވަށައިގެން ހޯދާލިއިރު ކޯރުގެ އައްސޭރީގައި ހުރި ޒައިތޫނި ގަހެއް ފެނިއްޖެއެވެ. ގަހުގައި ވަރަށް ގިނައިން ޒައިތޫނި އަޅާފައި ހުއްޓެވެ. މަކުނުއަވަސް އަވަހަށް ގަހަށް އަރާ އިށީނދެ ޒައިތޫނި ކާން ފަށައިފިއެވެ.
މިސޮރު މިގޮތަށް ޒައިތޫނި ކާން އިންދާ މިސޮރުގެ އަތުން ދޫވެގެން ޒައިތޫންޏެއް ކޯރުތެރެއަށް ވެއްޓިއްޖެއެވެ. މަކުނު އަތުން ވެއްޓުނު ޒައިތޫނި ގޮސް ކޯރުގެ ހަމަހިމޭން ފެންގަނޑުގައި ޖެހުމުން އެވަގުތު އިވުނީ ވަރަށްރީތި އަޑެކެވެ. މަޑުމަޑު މިއުޒިކެއް ފަދަ އަޑެއް އެހަމަހިމޭން ކަމުގެ ތެރެއަށް ފެތުރިގެން ދިޔައެވެ. މަކުނަށް މިއަޑު ވަރަށް ރީތި ވެއްޖެއެވެ. އަދި މިއަޑު އިވުމުގައި މިދިމާވި ކަންތައް މަކުނަށްވީ ވަރަށް މަޖާ ކަމަކަށެވެ.
ދެން މަކުނު ހަދަން ފެށިގޮތަކީ އެއް ޒައިތޫނި ބިނދެގެން ކާލާފައި އަނެއް ޒައިތޫނި ބިނދެފައި ކޯރަށް ވައްޓާލަނީއެވެ. މިގޮތުގައި މިސޮރު ކައި ބަނޑުފުރާލިއިރު ހަމަ އެކޭހާ އެއްޗެތި ކޯރުގެ ތެރެއަށްވެސް ވެއްޓުނެވެ. އިއްތިފާގުން ކަންދިމާވިގޮތަކީ އެކޯރުގެ ތެރޭގައި އުޅޭ ކަހަނބެއް އެވަގުތު ޒައިތޫނިގަހާ ދިމާއިން ކޯރު ތެރޭގައި އޮތެވެ. މަކުނު ކޯރުތެރެއަށް އުކި ޒައިތޫނިތައް މިކަހަނބު ގެންދިޔައީ ކަމުންނެވެ. މަކުނުގެ ބަނޑާއެކު އެސޮރުގެ ބަނޑުވެސް ފުރިއްޖެއެވެ.
އެދުވަހަށްފަހު، އެޒައިތޫނި ގަހަކީ އެސޮރުގެ ވަޒަނެއް ކަމުގައި ބަލައިގެން މަކުނު ދިރިއުޅުން ހޭދަކުރަނީ އެގަހުގައެވެ.
އަނެއްދުވަހުވެސް ކުރިދުވަހެކޭ އެއްގޮތަށް މަކުނު ކެއިއިރު އެކަތި އަނގައަށް، އަނެކަތި ކޯރަށް ވައްޓަމުން ދިޔައެވެ. އަދި ކަހަނބު ކަމުން ދިޔައެވެ. މިގޮތުން ދެސޮރުވެސް ކޮއްތުގެ ކަންތައް އޮތީ ފުދި ނިމިފައެވެ. މިގޮތުގެ މަތިން ކަންތައް ހިނގާތާ ދެތިން ދުވަސް ވިއރު މީގެ ދޭތި ދެ ރަޙްމަތްތެރިންނަށް ވެއްޖެއެވެ. ކޮންމެދުވަހަކު ބައްދަލުވެ ދެމީހުން އެކީގައި ކައިބޮއި ހަދާން ފެށުމުން މި ދޭތީގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިއްޖެއެވެ. ދޭތި ބައްދަލުވެ ވާހަކަދައްކައި އުޅޭ ގަޑިތައްވެސް ގިނަވާން ފަށައިފިއެވެ. އަދި ކަހަނބަށް އެސޮރުގެ އަމިއްލަ ގެއަށްވުރެ ގިނައިން އުޅެވެނީ ޒައިތޫނިގަސް ދަށުގައެވެ.
މިގޮތަށް ކަންތައްވާން ފެށުމުން މިކަހަނބުގެ ގޭ މީހުން މިކަމާ ވަރަށް ކަންބޮޑުވެ އަދި ކަހަނބުގެ ފަހަތުންގޮސް ހޯދާބަލައިގެން ކަހަނބު އަބަދު ގެއާއި ގޭމީހުންނާއި ދުރުގައި މި ހޭދަކުރަނީ ކޮންތާކުކަމާއި ކާކާއި އެކީކަން ހޯދައިފިއެވެ. އަދި މިކަމާއި ވަރަށް ކަންބޮޑުވެ ވިސްނަން ފަށައިފިއެވެ. އަދި ހިތާހިތާ ބުނެފިއެވެ. " މިހާރު މިދާގޮތަށް ކަންތައް ދަންޏާ ދުވަސް ކޮޅަކުން އަހަރެންނަށް އަހަރެންގެ އަނބިމީހާ އޮންނާނީ ގެއްލިފައެވެ. މިއީ ހާދަހާ ދެރަ ކަމެކެވެ. މިކަމާމެދު އަހަރެން ކުރަންވީ ކޮންކަމެއްބާވައެވެ."
ދެން މިސޮރުގޮސް މިސޮރުގެ އަވަށްޓރި އެހެން ކަހަނބަކާއި މިވާހަކަ ދައްކާލައިފިއެވެ. އަދި ބުންޏެވެ. "މިކަމާ ބެހޭގޮތުން އަހަންނަށް މަޝްވަރާއެއް ދީބަލާށެވެ. އަހަރެންގެ އަންހެނުން އަހަރެން ދޫކޮށްލާފައި ހިނގައިދާނެތީ އަހަރެން ވަރަށް ދެރަވެއެވެ. ވީމާ އަހަރެންގެ އަންހެނުން އަހަރެންނާ އެކިގައި އަހަރެން އުޅޭތަނެއްގައި އުޅޭނީ ކޮންކަހަލަ ކަމެއް ކުރީމާ ހެއްޔެވެ؟
ވަރަށް ވިސްނާފައި ރަޙްމަތްތެރި ކަހަނބު ބުނެފިއެވެ. "މާދަމާ ހެނދުނު ހޭލައިގެން ނުތެދުވެ އޮންނާށެވެ. އޮންނާނީ ވަރަށް ބަލިކަމަށް ހަދައިގެންނެވެ. އޭރުން ތިއުޅެނީ ބަލިވެތޯ އަންހެނުން އަހާނެއެވެ. އަދި ކިހިނެއް ވީތޯއާއި ރަނގަޅުވާނީ ކިހިނެއް ހެދީމާތޯވެސް އަހާނެއެވެ. އެހެން އެހުމުން ބުނާށެވެ. އަހަރެން މިއުޅެނީ ވަރަށް ބޮޑަށް މެއަށް ދަތުވާތީއެވެ. އަހަރެން ބޭސްވެރިއަކާވެސް މަޝްވަރާކޮށްފީމެވެ.
ދެން އަނެއްކާވެސް އަންހެނުން އަހާނެއެވެ. ބޭސްވެރިޔާ ބުނަނީ ކީކޭހެއްޔެވެ؟ އެހެން ބުނުމުން ބުނާށެވެ. ބޭސްވެރިޔާ ބުނި އެއްޗެއް ފަސޭހައަކުން ލިބޭކަށް ނެތެވެ. އަދި އެއްގޮތަކަށްވެސް ލިބޭނެހެނެއް ހިޔެއްނުވެއެވެ. އޭރުން އަނެއްކާވެސް އަންހެނުން އަހާނެއެވެ. ބޭސްވެރިމީހާ ބުނަނީ ކޮންއެއްޗެއްގެ ވާހަކަ ހެއްޔެވެ؟ ބުނުމުން ބުނާށެވެ. ބޭސްވެރިޔާ ބުނީ މަކުނެއްގެ މޭ ހޯދައިގެން ކެއުމުން ރަނގަޅުވާނޭ ކަމަށެވެ. އޭރުން އަންހެނުން ބުނާ އެއްޗެއް އެނގިދާނެތާއެވެ.
ކޮންމެއަކަސް އެރެއަށް އިރުއޮއްސި އަންހެން ކަހަނބު ގެއަށް ރޭގަނޑު ވޭތުވެގޮސް އިރުވެސް އަރައިފިއެވެ. ރަޙްމަތްތެރިޔާ ބުނިފަދައިން އޮތްތާނގައި ގުޑައިވެސް ނުލައި ފިރި ކަހަނބު އެބައޮވެއެވެ. އަނބި ކަހަނބު ސުވާލުކޮށްފިއެވެ. " ބަލިވެ އުޅެނީ ހެއްޔެވެ؟ އަހަރެން ކައިރީގައި ބުނެބަލާށެވެ. ފިރި ކަހަނބު ބުންޏެވެ. "އާނއެކެވެ. އަހަރެން މިއުޅެނީ ބަލިވެއެވެ. މާބޮޑަށް މޭގައި ރިއްސަނީ އެވެ." ދެން މިގޮތަށް ގޮސް ރަޙްމަތްތެރި ކަހަނބު ދެއްކިހައި ވާހަކައެއް ދައްކައިފިއެވެ.
މިއަޑު އަހާން އޮވެފައި އަނބި ކަހަނބު ބުނެފިއެވެ. "ތިޔައީ އެއްވެސް ކަމެއްނޫނެވެ. އަހަރެން މަކުނެއްގެ މޭ ހޯދާފާނަމެވެ. އަހަރެންގެ ރައްޓެހި މަކުނެއް އުޅޭނެއެވެ. ހަދާނެ ގޮތަކީ އަހަރެންގޮސް މަކުނު ގޮވައިގެން
ގެއަށް އަންނާނަމެވެ. ދެމީހުންވެގެން މަކުނު މަރާލާނީއެވެ. ދެން އޭގެ މޭ ނަގައިގެން ކާލާނީއެވެ." މިހެން ބުނެ، ތިމަންނަ މަކުނު ގޮވައިގެން އެބައަންނަމޭ ކިޔާފައި އަންހެން ކަހަނބު ހިނގައްޖެއެވެ.
ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތން މަކުނު ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ގަހުގައި އެބައިނެވެ. ކަހަނބުވެސް އަތުވެއްޖެއެވެ. ކައިނިމުމުން ކަހަނބު މަކުނަށް ބުންޏެވެ. "އަހަރެން މިގޮތަށް ރަޙްމަތްތެރިޔާ ކައިރިން ކައިބޮއި އުޅޭތާ ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟ ވީމާ މިއަދު ތިޔަ ރަހުމަތްތެރިޔާ މެންދުރުގެ ކެއުމަށް އަހަރެންގެ ގެއަށް ދިއުން އަހަރެން އެދެމެވެ."
މަކުނު ވަގުތުން ކަހަނބުގެ ދަޢުވަތު ގަބޫލުކޮށްފިއެވެ. އަދި ބުންޏެވެ. "ކަހަނބުގެ ގެ ހުންނަނީ ކޮންތާކު ހެއްޔެވެ؟ އަހަރެންނަށް ފަތާކަށް ނޭނގެއެވެ. އެހެންވީމާ އަހަރެން ދާނީ ކިހިނެއް ހެއްޔެވެ؟ ކަހަނބު ބުންޏެވެ. ތިޔައީ އެއްވެސް ކަމެއްނޫނެވެ. އަވަހަށް އަހަރެންގެ ބުރަކަށި މަތީގައި އިށީންނާށެވެ.
މަކުނު ގަހުން ފައިބައިގެން އައިސް ކަހަނބުގެ ބުރަކަށި މައްޗަށް އަރާ އިށީނދެއްޖެއެވެ. ކަހަނބު އަވަހަށް ދަތުރު ފަށައިފއެވެ. ކޯރުގެ މެދަކާއި ހިސާބަށް ގޮސްފައި ކަހަނބު އަޑިޔަށް ދާންފަށައިފިއެވެ. މަކުނު ގޮވާލައިފިއެވެ. " ކަލޯ ކަހަނބާއެވެ. ތިޔަ ހަދަނީ ކިހިނެއްހެއްޔެވެ؟ އަހަރެން ފަތާކަށް ނުދަންނަމެވެ އަޑިއަށް ދިޔައިމާ ކަހަނބުގެ ގެއަށް ދެވުމުގެ ކުރިން އަހަރެން މަރުވެދާނެއެވެ. ކަހަނބު ބުންޏެވެ. "އަހަރެން މަކުނު ކައިރިގައި ދޮގު ހަދަންޖެހުނީތީ ވަރަށް ދެރަވެއްޖައީމެވެ. އަހަރެންގެ ގެއަށް މަކުނު މިގެންދަނީ ފަހަރެއްގައިވެސް ޖާފަތަކަށް ނޫނެވެ. އަހަރެންގެ ފިރިމީހާ އުޅެނީ ބަލިވެއެވެ. ބަލި ރަނގަޅުވާން އޮތީ މަކުނެއްގެ މޭ ކައިގެންނެވެ. އެހެންވީމާ ތިޔަ މަކުނުގެ މޭ އަހަރެންގެ ފިރިމީހާއަށް ކާންދޭންވެގެންނެވެ. މިއަޑު އިވިފައި މަކުނު ވަރަށް ދެރަވެ ބިރުވެސް ގަނެއްޖެއެވެ. އެކަމަކު މޮޅު ގޮތެއް ވިސްނައިފިއެވެ. މަކުނު އަވަސް އަވަހަށްބުންޏެވެ. "އެހެންވިއްޔާ އަދި ޖެހޭނީ އައިކޮޅަށް އަނބުރާލާށެވެ. އަހަރެންގެ ވޭ އޮތީ ގަހުގައެވެ. ޖެހޭނީ މޭ ބަލާދާށެވެ. އަހަރެމެން މަކުނުން ގެއިން ނިކުންނަނީ މޭ ގޭގައި ބާއްވާފައިކަން ކަލޮއަށް ނޭނގެނީ ހެއްޔެވެ؟"
މަކުނު މިހެން ބުނުމުން ކަހަނބު ވަރަށް ހައިރާން ވެއްޖެއެވެ. ހިތަށް އެރިއެވެ. "މަކުނަކީވެސް ވަރަށް އަޖައިބު އެއްޗެއްތާއެވެ. އެއަށް އޭތި ބޭނުންއިރަކު ބޭނުން ތަނެއްގައި އޭގެ މޭވެސް އެބަ ބޭއްވޭ ވިއްޔާއެވެ. އެހެންވީމާ މަކުނު ނޫމެރިޔަސް އަހަރެންގެ ފިރިމީހާ އަށް ކާންލިބޭނެއެވެ."
ދެން ކަހަނބު އަނބުރާލާފައި އައިކޮޅަށް ދުއްވައިގެންފިއެވެ. ކުރިޔަށް ވުރެވެސް ބާރަށެވެ. އެދިޔަ ގޮތަށްގޮސް ކޯރުގެ އައްސޭރިއަށް އެއްކަލަ ޒައިތޫނި ގަސް ދަށަށް މަޑުކޮށްލައިފިއެވެ. ކަހަނބަށް ރަނގަޅަށް މަޑުނުވެވިގެން އުޅެނިކޮށް މަކުނު ފުންމައިގެން ގަހަށް އަރައިފިއެވެ.
ދެން ބުންޏެވެ. ކަލޯ ކަހަނބާއެވެ. އެހެންމީހުންނަށް ލަނޑުދޭން އުޅޭއިރު ބޯ ކޮބައިހެއްޔެވެ. ދިރިހުރި އެއްވެސް އެއްޗަކަށް ހަށިގަނޑާއި ވަކިން މޭ ތަނެއްގައި ނުބޭއްވޭނެކަންވެސް ކަލޮއަކަށް ނޭނގެއެވެ. މީގެ ފަހުން ހަނދާން ކުރާށެވެ. އަހަރެންނަކީ ކަލޯގެ ރަޙްމަތްތެރިއަކީމެއް ނޫނެވެ. އަހަރެން ގާތް ރަޙްމަތްތެރިކަމާއި އޯގާވެރިކަމުގެ ބަދަލުގައި އަހަރެންގެ ފުރާނައިން އަތްދޮވެލަން ޖެހިދާނެއެކޭ ފަހަރެއްގައިވސް އަހަރެން ހިއެއްނުކުރަމެވެ. އަދި އެފަދަ ރަޙްމަތްތެރިއަކީ ކަލޯގެ ގާތުގައި އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވިއެވެ. ވީމާ މިއަދުންފެށިގެން ކަހަނބާއި އަހަންނަކީ ދުވަހަކުވެސް އެކަކުއަނެކަކަށް ނުވެސްދަންނަ ދެމީހުންނެވެ."
