ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އިންޑިއާގެ ގައުމީ ޓީމާ ކުޅެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ. ރާއްޖެ ބަލިވީ 0-9 ގެ ތަފާތަކުންނެވެ.
ނޭޕާލްގައި ކުރިޔަށްދިޔަ މި މެޗުގައި އިންޑިއާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އިންޑިއާ ޓިމުން ފުރަތަމަ ލަނޑުޖެހީ މެޗްގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިންޑިޔާގެ އަންޖޫއެވެ. މިމެޗްގައި އިންޑިޔާ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ރާއްޖޭގެ ގޯލަށް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުނު އިރު އިންޑިޔާވަނީ ރާއްޖެ ކޮޅަށް 3 ލަނޑުޖަހާފައެވެ. 42 ވަނަ މިނެޓްގައި އިންޑިޔާ 2 ވަނަ ލަނޑުޖެހިއެވެ. 3 ވަނަ ލަނޑުޖެހީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ.
ދެވަނަ ހާފްގައި އިންޑިއާ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކުރިއެވެ. މިގޮތުން 4 ވަނަ ލަނޑު 53 ވަނަ މިނެޓްގެ ތެރޭގައިވަނީ ކާމިޔާބުކޮށްފައެވެ. އޭގެ 2 މިނެޓްފަހުން 55 ވަނަ މިނެޓްގެ ތެރޭގައި އިންޑިޔާގެ 5 ވަނަ ލަނޑުވަނީ ޖަހާފައެވެ. ދެން ފެނިގެން ދިޔައީ ވަރަށް ކައިރިކައިރީގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުން ތަނެވެ. މިގޮތުން 84 ވަނަ މިނެޓާއި 85 ވަނަ މިނެޓާއި 86 ވަނަ މިނިޓްގައިވެސް އިންޑިއާއިން ލަނޑު ޖަހައި ލަނޑުގެ އަދަދު 8 ހަމަކުރިއެވެ. 9 ވަނަ ލަނޑު އިންޑިއާއިން ކާމިޔާބުކުރީ، 88 ވަނަ މިނެޓްގައެވެ.
މިމުބާރާތުގައި އިންޑިއާގެ އަންޖޫ ވަނީ ހެޓްރިކް ހަދައި ރާއްޖެ ކޮޅަށް 4 ލަނޑު ޖަހާފައެވެ. އަދި ޑަގްމޭ ގްރޭސް ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރަށް އިންޑިއާ ޓީމުން ލަނޑުތައް ކާމިޔާބުކޮށްދިނީ، ޕްރިޔަންކާ، ސޯމިޔާ، އަދި ކަޝްމީނާ އެވެ.
ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި މީގެ 2 ދުވަސްކުރިން ބަންގްލަދޭޝް އިންވެސް ވަނީ ރާއްޖޭގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭނެއެވެ. އެމެޗުން ރާއްޖެ މޮޅުވިއަސް ރާއްޖެ މުބާރާތުން ކަޓާނެއެވެ.
