ވާހަކަ: ލީޝަން – 10

(ބުދަދުވަހުގެ ނޫހާއިގުޅޭ)

ޔައީނުގެ ހުށައެޅުން ފެށިއްޖެއެވެ. ނުހަނު ކުޅަދާނަކަމާއެކު އޭނާ ވާހަކަދައްކަމުން ދިޔައެވެ. އޭނާ ތައްޔާރު ކޮށްފައިވާ ހުށައެޅުން ބޮޑު ސްކްރީނަކުން ފޮޓޯތަކާއެކު ދައްކަމުންދެއެވެ.

"މިދިޔަމަހު ތިންމީހުން ޖަލުން ފިލާފައިވާކަން އަޅުގަނޑުމެންވެސް ގަބޫލުކުރަން. އެކަމަކު ވީހާވެސް ބޮޑަށް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އެކަންތައް ބޮޑަށް ބެލެހެއްޓޭނެ ގޮތްތަކެއްރާވަން. އެގޮތުން މިހާތަނަށްވެސް ކުރެވިފައި މިހުރިކަންތަކަކީ….." އޭނާގެ ސްލައިޑް ބަދަލުކޮށްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަމަވެސް އޭނާގެ ވާހަކަ ހުއްޓާލަން ޖެހުނީ  އަޑުއަހަންތިބި މީހުން ބާރަށް ހޭންފެށުމުނެވެ. އޭނާ ޖެހިލުންވެހުރެ ސްކްރީނަށް ބަލާލިއެވެ. އޭނާ ހައިރާންވީ ސްކްރީންގައި ބޮޑުކޮށް ފެންނަން ހުރި ފޮޓޯއެއްފެނިފައެވެ. އޭރު އޭގައިވާ ފޮޓޯއަކީ މީގެ ފަސްއަހަރުކުރީން ނަގާފައިވާ  އޭނާގެ ފޮޓޯއެކެވެ. ކުރުކުރު ސޯޓްބުރިއެއްލައިގެން ގަމީސްނުލާހުރެ މޫދުންއަރާތަނެވެ. އޭނާގެ އެއްއަތުގައި  މާސްކެއް އޮތް އިރު އަނެއް އަތުގައިއޮތް ހަރުމަސްގަނޑެއް އަގަޔަށް ލައިގެންކަނީއެވެ. ރާއްޖެތެރޭގެ ތަރައްގީނުވާ ރަށެއްގެ ދިރިއުޅުމުގެ ފެންވަރު ކިތަންމެހާވެސް ރީތިކޮށް މިމަންޒަރުން ފެންނަންހުއްޓެވެ.

"މާފު ކުރައްވާ." ޔައީނު ދެވަނަ ސްލައިޑަށް ބަދަލުކޮށްލަމުން ބުންޏެވެ. ނަމަވެސް ދެވަނަ ސްލައިޑުންވެސް ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. ގަދަޔަށް ދުފާފައިވާ މުސްކުޅިފިރިހެނަކު ދެމިޔަކަނުން ރަތްކުޅު ފައިބާފައިވާތަން ފޮހެވެސް ނުލާ އަވަދިނެތި އުޅެނީ މަހެއްކަނޑާށެވެ. ކަކުލަށްވުރެ މާމައްޗަށް އަރުވާޖަހާފައިވާ މިމީހާގެ ތަލަވެފައިވާ ބޮލަށް އިރުގެ އަލިން ދަޅައެޅިފައިވެއެވެ.  އެފޮޓޯގައި ޔައީނު އުޑުފައިން އިނީ އެހެންމަހެއްގެ ކަރުއަޅަން ނުހަނު މަޖާގޮތަކަށް އަގައަށް ވައްތަރެއް ޖައްސައިގެންނެވެ. ކަނުލާ އަޑުއަހަން ތިބި ނޫސްވެރިންގެ ޝައުގުވެރިކަން ގެއްލުނީ ހުށައަޅަމުންދާ ހުށައެޅުމުގެ މައުޟޫއާއި މަންޒަރު ނުގުޅޭތީއެވެ. ޔައީނުގެ ހާސްވުން އިތުރުވެފައިވާތީ މިއީ އޭނާއަށް ނޭނގި  ލެވިފައިވާ  ފޮޓޯތަކެއްކަން އެނގިއްޖެއެވެ. އަދި މިމަޖާ ފޮޓޯތަކުގެ ސަބަބުން އެމީހުން ބާރަށް ހެމުންގެންދިޔައެވެ.

މިގޮތުން ހުރިހާ ސްލައިޑެއްގައިވެސްހުރީ ޔައީނުގެ ފޮޓޯތަކެވެ. އޭނާ ހުށައަޅަމުންދާ މައްސަލަތަކާއި ގުޅުމެއްނުވާ ޖޯކް ފޮޓޯތަކެވެ. ނޫސްވެރިން މިކަން މަޖަލަކަށް ހެދިނަމަވެސް ފަހުން އެތައް ސުވާލުތަކަކަށް އޭނާ ޖަވާބުދާރީވާންޖެހުނެވެ. އިދިކޮޅު ޚިޔާލުތަކުގެ ނޫސްވެރިން އޭނާގެ ޒިންމާދާރުކަމާމެދު ސުވާލުކުރިއެވެ. ސަރުކާރުގެ މިފަދަ ދާއިރާއަކުން މިހާ ޒިންމާދާރުކަން ކުޑަ އަމަލެއް ކުރީތީ ޝަކުވާކުރިއެވެ. އެންމެފަހުން ނޫސްކޮންފަރެންސް ކެންސަލުކޮށް މިނިސްޓަރު މާފަށްއެދި ވަޑައިގަތެވެ.

ޔައީން އެދިޔަގޮތަށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ލެޕްޓޮޕް ބެހެއްޓުމަށްފަހު އޭނާ ގޮޑީގައި އިށީނދެލިއެވެ. އޮޅިގެންވިޔަސް މިފަދަބޮޑު ކުށެއް އޭނާއަށް ނުހެދޭކަން އޭނާ ޔަގީންކުރިއެވެ. މީގައި ކޮންމެވެސް ގޯހެއް އުޅޭކަން އޭނާއަށް ޔަގީނެވެ. އެއީ ދުރާލާ އޭނާގެ ފުރަތަމަ ހުށައެޅުމަށް އެތައް ތައްޔާރެއްވީތީއެވެ. ރޭގެ އެތައްވަގުތެއް ނުނިދާހުރެ ތައްޔާރު ކުރި ހުށަހެޅުން ބޭކާރުވުމުން އޭނާ ދެރަވިއެވެ. ކުރިއަށްދިޔުމަށާއި ކާމިޔާބަށްއެދި އިޚްލާޞްތެރިކަމާއެކު އޭނާ މަސައްކަތް ކުރި ނަމަވެސް މުޅި އޮފީހުގައި ދެކެވެމުން ދިޔައީ އޭގެ އިދިކޮޅަށެވެ. އޭނާ ހައިރާންވީ އޭނާގެ އަތުގައި ހުރި ހަމައެކަނި ކުރީގެ ފޮޓޯތައް އޭނާގެ ޕްރެޒެންޓޭޝަނަށް އައިގޮތެކެވެ.

"މިނިސްޓަރު އެބަ ވިދާޅުވޭ ބައްދަލުކޮށްލަން." ލާނެތްފާޑަކަށް ހެމުން އައި ލީޝަން ބުނެލިއެވެ.

ޔައީން ލީޝަންގެ މަލާމާތަށް އަބަދުވެސް ފަރިތަވެފައިވާތީ މިފަހަރުވެސް މާބޮޑުކަމަކަށްނުހަދާ ދިޔައީއެވެ.

"އިދިކޮޅުމީހުންގެ ފާޑުކިޔުންތައް ގިނަ މިފަދަ ވަގުތެއްގައި ޔައީނު ތިކުރިކަމަކުން އަހަރެމެންނަށް މިލިބުނު ގެއްލުން އިހުސާސްކުރެވޭތަ؟ ބަލާބަލަ މިހިރަ ނޫސްތައް." މިނިސްޓަރުގެ އެލްސީޑީ ކޮމްޕިއުޓަރު އަނބުރާލެއްވީ އޮންލައިންކޮށް ބަލާލެވޭ ރާއްޖޭގެ އެންމެ މަޝްހޫރުކަމަށް މީހުންގަބޫލުކުރާ ހަވީރު ނޫސް ދައްކާލުމަށެވެ.

"ނޫސްވެރިންގެ ފާޑުކިޔުމާމެދު އަޅުގަނޑު ދޭނެ ޖަވާބެއްނެތް." ދެރަވެލާފައި ޔައީން ބުނެލިއެވެ.

"ޖަވާބެއްނެތޭ ބުނެ ނިންމާލެވޭނެކަމަށް ޔައީން ގަބޫލުކުރަންތަ؟ މީހުން ފޮނުވާފައި ހުރި ޚިޔާލުތަކަށް ބަލާބަލަ. ފަސޭހައިން ހަނދާންނައްތާލެވޭގޮތަށްތަ ފާޅުކޮށްފައި ތިހުރީ." މުޅިންވެސް އިދިކޮޅަށް ފޮނުވާފައި ހުރި ކޮމެންޓްސް ތައް ދައްކާލެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ކީކޭތޯ. އެއީ ހަމަގައިމުވެސް އަޅުގަނޑު ކުރިކަމެއްނޫން. އަޅުގަނޑު ރޭގެ އެތައް ވަގުތެއް ހޭދަކޮށްގެން ތައްޔާރުކޮށް ފަރިތަވެސް ކުރިން. މިއީ މިއަދު އޮފީހަށް އައިފަހުން ކޮންމެވެސް މީހަކު ކޮށްފައިވާކަމެއްކަން އަޅުގަނޑަށް ޔަގީން."

"އެންމެ ރަނގަޅު. އަހަރެން ޔައީނަށް އިތުބާރުކުރަން. ތިޔައީ މިއޮފީހުގެ މީހަކު ކޮށްފައި ހުރިކަމެއްކަން އަހަރެންނަށް ސާބިތުވެއްޖެނަމަ އެމީހަކާމެދު ފިޔަވަޅު އަޅާނަން. އެކަމަކު ދެވަނަފަހަރަށް މިކަހަލަ ކަމެއް ތަކުރާރު ވެއްޖެނަމަ އަހަރެންނަށްވެސް މަޖުބޫރުވާނީ ޔައީނާމެދު ފިޔަވަޅުއަޅަން."

ޔައީން އިތުރުއެއްޗެއް ނުބުނެ ބޭރަށް ނިކުތީއެވެ. މިނިސްޓަރުގެ ވާހަކަފުޅުން އޭނާދެރަވިއެވެ. އޭނާގެ ކުށެއްނެތި އޮފީހަށާއި އޭނާއަށް ލިބުނު ހުތުރުނަމަށްޓަކައެވެ. އޭނާގެ މިމަސައްކަތުގައި ނާކާމިޔާބު ކޮށްލަން ކޮންމެވެސް މީހަކު މަސައްކަތްކޮށް އެކަން ކާމިޔާބު ކުރީތީއެވެ. އޭނާ ދެރަވެފައި ގޮނޑީގައި އިށީނެވެ. "ކޮބާ. ޕްރޮމޯޝަން ލިބެނީދޯ." ލީޝަން މަލާމާތް ކޮށްލިއެވެ.

" މިނިސްޓަރު ކުރައްވާ އިތުބާރެއްގެ ސަބަބުން މިފަހަރު ޕްރޮމޯޝަން ފަސްކޮށްލައްވައިފި.  ފަހަރެއްގައި ހަގީގަތާއި ހަމައަށް ވާސިލްވުމުން ޕްރޮމޯޝަން ލިބޭ އަންހެންކުއްޖެއް އިނދެދާނެ." އެއްވެސް އެއްޗެއް ހިތުގައި ނުލާ މަލާމާތަށް ރައްދު ދިނުމަށް މިބޭނުންކުރެވުނު ޖުމްލައިން ލީޝަން ޖެހިލުންވިއެވެ.

"ކިހިނެއްފަޅާއަރާނީ. އަހަރެން ހުރިހާ ފޮޓޯއެއްވެސް ބަދަލުކުރީ މީހަކަށް ޝައްކެއްވެސް ނުވާގޮތަށް." ލީޝަން ފަޚުރުވެރިކަމާއެކު ބުނެލިއެވެ.

"އެހެންވީއިރު ހުރިހާކަމެއް ކުރީ ލީޝަންދޯ." އޭނާ ރުޅިއައެވެ.

"އުހުނ. މަށެއްނޫން" އަމިއްލައަށް ބޭޒާރު ވެވުމުން އޭނާ ޖެހިލުން ވިއެވެ.

"ދެންމެ ބުނީމެއްނު އެކަކަށްވެސް ޝައްކެއް ނުވާނޭ ތިމަން ފޮޓޯތައް ބަދަލުކުރިގޮތެއް."

"އާނ ނޭނގޭނެ. އެކަމަކު ކަލެއަށް ތިއޮތީއެނގިފާ. އެކަމަކު ސާބިތު ކުރާނީކިހިނެއް؟"

"ލީޝަން އެފޮޓޯތައް ހޯދީކިހިނެއް؟"

"އަހަރެން އަތުގައި ހުރީ ހަމައެކަނި އެފޮޓޯތަކެއްނޫން. ކަލޭގެ  އެތައް އެއްޗެއް އަހަރެންގެ ހާޑްގައި ރައްކާކޮށްފައި ހުންނާނެ."

"ލީޝަންއަށް ކޮންފައިދާއެއްކުރާނީ އަހަރެންގެ އެއްޗެއް ހުރެގެން. ތިއެއްޗިހި އެހާޑުން ފޮހެލާ."

"ކީއްކުރަން. އެހެންނޫނަސް އަހަރެން މީ މޮޔައެއްނޫން. އަހަރެން ކަލޭގެ ދަށުވެގެން މިއޮފީހުގައި އުޅޭކަށް ބޭނުމެއްނޫން. ކަލޭގެ އެއްވެސް ނުފޫޒެއް ފޯރައިފިނަމަ އަހަރެން މިހުރިހާ އެއްޗެއް މިއަށްވުރެ ހުތުރުގޮތަކަށް ހާމަކޮށް ކަލޭ ލަދުގަންނަވާލާނަން." އޭނާ އިންޒާރުދިނެވެ.

"ދެން އޮފީހަށް އަންނަނީކީއްވެ؟ ގެއަށްގޮސް ނިދީމަވީނު."

"ކަލެއަށްވެސް އެނގޭނެ. ކަލޭ ދިއުމުން އެޒީނާގަނޑު މިހާރު ގެއަށް މާގަދަވެއްޖެ. ޒީނާދަށުވެފައިވާ ބައްޕަ މަ އޮފީހަށް ފޮނުވާނުލާ ނޭވާއެއްވެސް ނުލެވޭނެ. އެވަރުންނުވެގެން މީހުންނާ ގުޅާ އަހަރެން އޮފީހުގައި އުޅޭތޯވެސް ބަލާ. ނިކުންނަގަޑiއާއި ދާ ގަޑިތައްވެސް ބަލާ. އެހެންވީމަ މިގޮތަށް ނަމަވެސް މިތާވެސް އުޅެންޖެހެއެއްނު."

ޔައީނު  ކުރިއެކޭވެސް އެއްގޮތަށް އެއްޗެކޭނުބުނެ ނިކުމެގެން ދިޔައީއެވެ. ލީޝަންއާއި ޖަދަލު ކުރަންވެއްޖެނަމަ ކުރި ނުލިބޭނެކަން އެނގޭތީއެވެ. ނަމަވެސް މިފަހަރު އޭނާ ކޮންމެވެސް ކަމެއް ކުރާނެއެވެ. އޭނާ އެކިގޮތްގޮތަށް ވިސްނަމުން ގޮސް ބުއްދިވެރި ގޮތެއް ކަނޑައަޅައިފިއެވެ.

އޮފީހުގެ އަހަރީ ދުވަހަށް ތައްޔާރުވުމަށްޓަކައި ރޭގަނޑުވެސް މީހުން އޮފީހުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އޭރު ހުރިހާ ޒުވާން ކުދިންކޮޅު ތިބީ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ރޭވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަދައްކާށެވެ. ލީޝަންގެ ޚިޔާލުވެސް ހުށައަޅަމުންދެއެވެ. ކުއްލިއަކަށް އެންމެންނަށް ހަޅޭއްލަވައި ގަނެވުނީ އެތަނުން ކަރަންޓްދިޔައީމައެވެ. ނަމަވެސް އިސާހިތަކު ސްކްރީނުން ފެނިގެންދިޔަ ވީޑިއޯއިން އެންމެން ހޭންފެށިއެވެ. އޭގައި ދައްކަމުންދިޔައީ ލީޝަން ނިދާފައި އޮއްވައެވެ. އަދި ނިދާ ހޭލައިގެން ނިދިމޫނާއި ފާޚާނާކަމަށް ހީކޮށް ބަދިގެއަށް ދާތަނެވެ. ބުރުސްކަމަށް ހީކޮށް ސިންކުގައި އޮތް ސަމުސަލެއްނަގާ އަތްދޮންނަފުޅި އަޅާތަނެވެ. ކުއްލިއަކަށް އަނގައިގައި ޖެހުމުން އޭނާ ސިއްސައިގެންގޮސް ހޭލެވެއެވެ. އަދި ރުޅިއައިސްގެން ސަމުސާ އެއްލާލާފައި ދުވެފައި ދެއެވެ.

މި ވީޑިއޯބަލާފައި އެންމެން އެއްއަޑަކުން ހޭންފެށިއެވެ. ލީޝަން އައިރުޅިން ބޭރަށް ނިކުތެވެ. އޭރު ޔައީން އަތުގައި ސީޑީ އޮތެވެ.

"ހުން. މީ ހުސް ކަލޭގެ ނުބައިކަންދޯ؟"

"މިކަހަލަ ކިތަންމެ ވީޑިއޯއެއް އެބަހުރި."

"ނުބައިމީހާގަނޑާ. އަހަރެންކަލޭގެ ދުވަސްދުއްވާލާނަން. ދުވަހަކުވެސް މިއޮފީހާ ދިމާއަށް ބަލާލަންވެސް ނުކެރޭގޮތަށް އޮފީހުން ކަނޑާލާނަން."

"އަހަރެން އޮފީހުން ކަނޑާލަން ތީކާކު؟"

"އަހަރެންމީ ކާކުކަން އަންގާލާނަން. ކޮންމެވެސް ގޮތަކުން ކަލޭ މިއޮފީހުން ކަނޑާނުލާނެ އެއްގޮތެއްވެސް ނޯންނާނެ. އެއްގޮތް ނެތިއްޔާ އަނެއްގޮތަކުން ނަމަވެސް …… ފައިސާއަށް ޚިޔާނާތްތެރިވީ ކަމުގެ ކުށުގައި އަހަރެންނަށް ކަލޭ ބަންދުވެސް ކުރުވިދާނެ." ލީޝަންހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. އޭނާއަށް ކިޔޭއެއްޗެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އޭރު ރީމާއައިސް ލީޝަން ހިފަހައްޓައިފިއެވެ.

"ހަމަތެދެއް ރީމާ. އޭނާ ސަލާމަތްވާނެ އެއްގޮތެއްވެސް ވިޔަކަނުދޭނަން. ކޮންމެވެސް ދުވަހަކުން އޭނާ މިއޮފީހުން ބޭރުކޮށްލާނަން" ލީޝަން އަދިވެސް އެއްޗިހި ކިޔަނީއެވެ.

ރާމިޒާ އުޅުނު ނަމަވެސް  ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަނީ ޒީނާއެވެ. ރަހީމުގެ އެދުމުގެ މަތީން ލީޝަން ބޭރަށް ނިކުމޭތޯ އޭނާ ބަލައެވެ. ފޯނަށް އަންނަ ކޯލްތަކަށް ގިނަފަހަރަށް ޖަވާބުދެނީ ޒީނާއެވެ. މިކަމާ ލީޝަން ރުޅި އަންނަނީ އިންތިހާއަށެވެ. ނަމަވެސް ބައެއްފަހަރު ރާމިޒާ ލީޝަންއަށް މިނިވަންކަން ދޭތީ ދަނޑިވަޅުބަލާފައި ބައެއް ރޭރޭ އޭނާ ބޭރަށް ދެއެވެ. އޭނާގެ ރަހުމަތްތެރިންނާ ބައްދަލު ނުކުރެވޭތީ ހުންނަނީ ޒާތަކަށް މޮޔަވެފައެވެ.

ހަވީރު ނިންމަންޖެހިފައި އޮތްކަމެއް އޮތުމާއެކު އިތުރުވަގުތު ފުރާލުމުގެ ބޭނުމުގައިހުރި ރީމާ އޮފީހުގައި މަޑުކޮށްލިއެވެ. މަސައްކަތް ނިންމާލުމަށްފަހު ރީމާ ދިޔައީ ޔައީނުވެސް އޮފީހުގައި އުޅޭތީއެވެ. އަވަދިނެތި އުޅުމުގެ ސަބަބުން އޭނާއަށް ޔައީންގާތަށް ނުދެވޭތާ ދުވަސް ކޮޅެއްވެއްޖެއެވެ.

"ކުރީދުވަހުގެ ނޫސްކޮންފަރެންސް ހާދަބޮޑުކަމަކަށް ހަދާލިޔޭދޯ."

"އަބަދުވެސް ކުށްހޯދަން އުޅޭމީހުންނަށް ބޮޑުކަމަކަށް ވާނެދޯ."

"ޔައީނު އެހެން ނުހަދާނެކަން އެނގޭ. އެކަމަކުވެސް އެކަން އެހެންވީތީ އަހަރެން މިހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައި."

"ދެން އެކަންވެސް އެނިމުނީނު. އެކަން ކުރިމީހުންނަށް ކާމިޔާބުވެސް ލިބުނީނު."

"ތީގައި އަނެއްކާ ލީންގެ އަތެއްނުވޭތަ؟"

"ދެން އެވާހަކަ ނުދައްކަމާ." މީހުންގެ ވާހަކަ ދައްކާހިތް ނުވާ ޔައީން ވާހަކަ ހުއްޓާލިއެވެ. ރީމާ ވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. އަދި ކުއްލިއަކަށް  ކަމެއް ހަނދާންވާކަހަލަ ގޮތަކަށް އަތުގައި އޮތް ފޯނުނަގާ ލީޝަނާ ގުޅާލިއެވެ.

"މިރޭ އޮތް މާހެފުމަށް އަންނާނަންދޯ؟"

"ތީ އަހާކަހަލަ ވާހަކައެއްތަ؟ އަހަރެން ދާނެއެއްނު."

"އޮފީހުގައި އޮންނަ ޕާޓީތަކަށް ކުރިއަކުން ނާންނަންޏާ! އެހެންވެގެން މިހެންމިއެހީ."

"ހަމަ އެހެން އަހަންވެގެންތަ ތިގުޅީ."

"ނޫން އަހަރެންނާއެކު ދޯދާނީ." ރީމާ އެކަނި  ސެންޓްރަލް ހޮޓެލްއަށް ދާން ޖެހިލުންވާތީ އެހިއެވެ.

"އޯކޭ. ތައްޔާރުވެލައިގެން ހުންނާތި." ލީޝަން ފޯން ބޭއްވިއެވެ.

ރީމާ ފޯނުބޭއްވުމަށް ފަހު ދަބަހަށް ލިއެވެ. ނަމަވެސް އޭނާ ޕްރިންޓް ކުރަން ޖައްސާފައި އައި ދިގު ރިޕޯޓް ޕްރިންޓްވެގެން އަންނާތީ އޭނާގެ ދަބަސް ޔައީންގެ މޭޒުމަތީ ބަހައްޓާލާފައި ދިޔައީ ގަނޑުތައް ނަގާ ހީރަސް ޖެހުމަށެވެ. ދަނޑިވަޅަކަށް ބަލަމުންދިޔަ ޔައީނަށް އެއީ އަގުހުރި ފުރުސަތަކަށް ވެގެންދިޔައެވެ. އޭނާ އަވަހަށް ރީމާގެ ފޯނު ނަގާ ލީޝަންގެ ނަމްބަރަށް މެސެޖެއްކޮށްލިއެވެ. އަދި އަވަސް އަވަހަށް މެސެޖް ފޮހެލާ ކުރިންވެސް އޮތްތާނގައި ފޯނު ބާއްވައިފިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *