އެއްދުވަހަކު އިބްރާހިމް ބިން އަދުހަމްގެ އަރިހަށް މީހަކު އައެވެ.
"ފަސް ޝަރުތެއް ގަބޫލުކޮށް، އެކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވިއްޖެ ނަމަ، ނުކިޔަމަންތެރިވުމުން އެއްވެސް މައްސަލައެއް ނުޖެހޭނެ،" އިބްރާހިމް އެމީހާއަށް ވިދާޅުވި އެވެ.
"އެއީ ކޮންއެއްޗެއްކަން ބުނެދެއްވަފާނަންތޯ؟ އަބޫ އިސްހާގު!" އެމީހާ ބުންޏެވެ.
"ފުރަތަމަ ކަމަކީ الله އަށް ނުކިޔަމަންތެރިވާން ބޭނުންވާ ވަގުތު އެކަލާނގެ ދެއްވާ އެއްވެސް އެއްޗެއް ނުކެއުން."
"ދެން އަހަންނަށް ކާނެ އެއްޗެއް ލިބޭނީ ކިހިނެއް؟ ދުނިޔޭގައިވާ ހުރިހާ އެއްޗަކީ އެކަލާނގެ ޙަޟްރަތުން ލިބޭ އެއްޗެއް!" އެމީހާ ބުންޏެވެ.
"ފަހެ، އެކަލާނގެ ރިޒުޤު ކެއުމާއި، އެކަލާނގެއަށް އެއްފަހަރާ ނުކިޔަމަންތެރިވުމަކީ ރަނގަޅު ކަމެއްތަ؟" އިބްރާހިމް ޖަވާބު ދެއްވިއެވެ.
"ނޫން އެއީ ނޫން. ދެވަނަ ޝަރުތަކީ ކޮބައިތޯ؟" އެމީހާ ބުންޏެވެ.
"އެކަލޭގެފާނަށް ނުކިޔަމަންތެރިވާން ބޭނުންވާ ވަގުތު އެކަލާނގެ ބިމުން ދުރަށް ޖެހިވަޑައިގަންނަވާ." އިބްރާހިމް ޖަވާބު ދެއްވިއެވެ.
"އެއީ އަދި މާ އުނދަގޫ ކަމެއް! "އެ ހާލަތުގައި އަހަރެން އުޅޭނީ ކޮންތާކު؟" އެމީހާ ހީނގަތެވެ.
"އެކަލާނގެ ރިޒުޤު ކައިގެން އެކަލާނގެ ބިމުގައި އުޅުމަށްފަހު އެކަލާނގެއަށް ނުކިޔަމަންތެރިވުމަކީ ރަނގަޅު ކަމެއްތަ؟" އިބްރާހިމް އެއްސެވިއެވެ.
"ނޫން، އެއީއެއް ނޫން، އަދި ތިންވަނަ ޝަރުތަކީ ކޮބައިތޯ؟"
"އެކަލާނގެ ރިޒުޤު ކައިގެން އެކަލާނގެ ބިމުގައި ދިރިއުޅެމުން ދިޔަ ނަމަވެސް އެކަލާނގެއަށް ނުކިޔަމަންތެރިވާން ބޭނުންވާ ވަގުތު، އެކަލާނގެ ނުފެންނާނެ ތަނެއް ހޯދައި އެތަނުން އެކަލާނގެއަށް ނުކިޔަމަންތެރިވޭ."
"އިބްރާހިމް ކީކޭ ތިޔަކިޔުއްވަނީ؟ އެންމެ ފޮރުވިފައި ހުންނަ ތަންތަނުގައި ވެސް ހިނގާ ހުރިހާ ކަމެއް އެކަލާނގެއަށް ސިއްރެއްނުވޭ!"
"ފަހެ، އެކަލާނގެ ރިޒުޤު ކައިގެން އެކަލާނގެ ބިމުގައި އުޅޭއިރު އަދި ތިޔަބައިމީހުން ކުރާ ހުރިހާ ކަމެއް އެކަލާނގެއަށް ފެނިވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާއިރު އެކަލާނގެއަށް ނުކިޔަމަންތެރިވުމަކީ ރަނގަޅު ކަމެއްތަ؟"
"ހަމަ ޔަގީނުންވެސް އެއީ ނޫން!" އެމީހާ ޖަވާބު ދިނެވެ.
"ހަތަރުވަނަ ޝަރުޠު ކިޔައިދެއްވަބައްލަވަ."
"އެއީ މަރުގެ މަލާއިކަތާ ކަލޭގެފާނުގެ ނަފްސު ގެންދަވަން ވަޑައިގަންނަވާއިރު، ތިބާ އެކަލޭގެފާނަށް ވިދާޅުވާށެވެ.
"އެކަމަކު މަލާއިކަތުން އަޅުގަނޑުގެ ވާހަކައެއް ނާއްސަވާނެ!"
"ދެން ތިމާއަށް ތައުބާވާން ވަގުތު ދޭން ޖެހޭ ވަރަށް ގިނަ ދުވަހު މަރު ދުރުނުވެވޭނަމަ، އަދި އެކަން އަންނައިރު އެއްވެސް ލުޔެއް ނުލިބޭނެކަން އެނގޭނަމަ، ސަލާމަތްވާނެ ކަމަށް އުންމީދު ކުރެވޭނީ ކިހިނެއް؟"
"ފަސްވަނަ ކަމަކީ ކޮބާ؟"
"އެއީ އަލިފާނުގެ މަލާއިކަތުން ތިޔަބައިމީހުން އަލިފާނަށް ގެންދިއުމަށްޓަކައި ތިޔަބައިމީހުންގެ އަރިހަށް ހާޒިރުވެވަޑައިގަންނަވާއިރު ތިޔަބައިމީހުން އެބައިމީހުންނާއެކު ނުދާތި!."
"އަހަރެންނަށް ކަމުދިޔަޔަސް ނުދިޔަޔަސް މަލާއިކަތުން އަޅުގަނޑު ގެންދަވާނެ! އެމީހާ ހަޅޭއްލަވައިގަތެވެ.
"އެހެންވީމަ ސަލާމަތްވާނެ ކަމަށް އުންމީދު ކުރެވޭނީ ކިހިނެއް؟"
"ފުދޭ، ފުދޭ، އިބްރާހިމް! الله ގެ ދީލަތި މާފު ދެއްވުމަށް އެދެން އަދި މި ނިކަމެތި އަޅާ އެކަލާނގެއަށް ރުޖޫޢަވަން!"
އެދުވަހުން ފެށިގެން އެމީހާ ތައުބާވެ އިޚްލާޞްތެރިކަމާއެކު އަޅުކަމުގައި ގަދައަޅައި މަސައްކަތްކޮށް، މަރުދުވަހާ ހަމައަށް ނުކިޔަމަންތެރިކަމުގެ އަމަލުތަކުން ދުރުގައި ވިއެވެ.
